އެމްއެސްއެސް

ގައުމީ ޝިޕިން ކުންފުނިން ފުރަތަމަ ފަހަރަށް ބޯޓެއް ގަނެފި

Oct 30, 2021

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގަނެފައިވާ ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފި އެވެ.

އެމްއެސްއެސްއިން މިއަދު ރާއްޖެ ގެނެސްފައިވަނީ 680 ކޮންޓެއިނަރުގެ ބޯޓެކެވެ.

ބޯޓު މިއަދު މާލެ ގެނައި ނަމަވެސް ވަރަށް އަވަހަށް މި ބޯޓު ލަންކާ އަށް ގެންގޮސް ބްރޭންޑިންގެ މަސައްކަތްތައް ނިންމުމަށްފަހު މާލެއާއި ލަންކާއާ ދެމެދު ދަތުރުތައް ފެށުމަށް ވަނީ ނިންމާފަ އެވެ.

އެމްއެސްއެސްގެ ކުރޫންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 99 އިންސައްތަ މީހުންނަކީ ދިވެހިން ކަމުގައިވާނެ ކަމަށް އެމްއެސްއެސް އިން މައުލޫމާތުދެ އެވެ.

އެމްއެސްއެސްގެ ބޯޓުގެ ވަޒީފާތަކަށް ބޮޑެތި މުސާރަތަކެއް ލިބޭ ގޮތަށް މިމަހު ވަނީ ވަޒީފާތަކަށް ކުރިމަތިލުމަށްވެސް ހުޅުވާލާފަ އެވެ.

އެމްއެސްއެސް އިން ފުރަތަމަ ރާއްޖެއަށް ފަށާފައިވަނީ ޗާޓަރު ލައިންގެ ހިދުމަތެވެ. އޭގެ ފުރަތަމަ ބޯޓް މުދާ ހިފައިގެން ރާއްޖެ އައީ މިދިޔަ އަހަރުގެ އޭޕްރީލް ފަސްވަނަ ދުވަހު އެވެ. ފުރަތަމަ އެ ކުންފުނީގެ ބޯޓުން ރާއްޖެ ގެނެސްފައި ވަނީ ފިޔާ، އަލުވި އަދި ބިހާއި ބޭހުގެ ސާމާނެވެ. ނަމަވެސް މިހާރު އެ ކުންފުނިން ދަނީ ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނާ ކުންފުނި ކަމަށްވާ މާސްކްގެ ކޮންޓެއިނާތައް ރާއްޖެ ގެނެސްދެމުންނެވެ.

މޯލްޑިވްސް ސްޓޭޓް ޝިިޕިން އުފައްދާފައިވަނީ އެސްޓީއޯގެ 99 ޕަސެންޓް ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްސެސްއެެމް)ގެ އެއް ޕަސެންޓް ހިއްސާއާ އެކު އެވެ.