އެމްއެސްއެސް

ގައުމީ ޝިޕިން ކުންފުނިން ތިންވަނަ ބޯޓެއް ގަންނަނީ

Jul 1, 2022

ގައުމީ ޝިޕިން ކުންފުނި -- މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިތުރު ބޯޓެއް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެމްއެސްއެސް އަކީ އެސްޓީއޯގެ 99 ޕަސަންޓް އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އެއް ޕަސަންޓް ހިއްސާވާ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އާއި ޖަރުމަނުވިލާތުގެ ކެންޑްލަރ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި ޖޯނަސް ކެލަރ އެވެ.

އެމްއެސްއެސްގެ ފްލީޓަށް އިތުރުކުރާ ތިންވަނަ ބޯޓަކީ ކޮންޓެއިނަރު އުފުލުމަށް ހާއްސަކޮށްގެން ގަންނަ "އެމްއެސްއެސް ގްރެފިން"ގެ ނަން ދީފައިވާ ބޯޓެކެވެ.

މިއެއްބަސްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވިދާޅުވީ ތިންވަނަ ބޯޓަކީ ކޮންޓެއިނަރު އުފުލުމަށް ހާއްސަ ބޯޓަކަށް ވާތީ އެމްއެސްއެސްގެ ލޯގޯ ޖެހި ކޮންޓެއިނަރު ވެސް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަލަށް ގެންނަ ބޯޓު ރާއްޖެ ގެނައުމާ އެކު މެލޭޝިއާ އާއި ސިންގަޕޫރު އަދި އަރަބި ގައުމުތަކުން ސީދާ ރާއްޖެއަށް މުދާ ގެނެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެމްއެމްއެސްއަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދައިފި. އަޅުގަނޑު އަދި މިއަދު ފާހަގަކުރަން ބޭނުން ރާއްޖޭގައި މިއ ބޯޓެއް ގަތުމުގެ މުއާމަލާތް މިގޮތަށް ކުރެވިގެންދާ ފުރަތަމަ ފަހަރު،" އަމުރު ވިދާޅުވި އެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އެ ކުންފުނީގެ ތިންވަނަ ބޯޓުގެ ދަތުރުތައް މިއަހަރުގެ އޮގަސްޓް ހިސާބުގައި ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ތިންވަނަ ބޯޓުގައި މުދާ އަރުވާ ބަރާކޮށްފައި ހުންނަ 420 ކޮންޓެއިނަރު އުފުލޭނެ ކަމަށާއި ހުސް ކޮންޓެއިނަރު ނަމަ 680 ކޮންޓެއިނަރު ވަރު އުފުލޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަލަށް މިގެންނަ ބޯޓަކީ އަޅުގަނޑުމެން މިހާރުވެސް މި ގެންގުޅޭ 'ގެލޭނާ' ގާތްގަނޑަކަށް އެއް ސައިޒެއްގެ ބޯޓެއް... އަޅުގަނޑުމެން އެހެން ބޯޓުތައް ގޮތަށް މި ބޯޓުގައި ވެސް ގިނައިން މަސައްކަތް ކުރާނީ ދިވެހިން،" ސައީދު ވިދާޅުވި އެވެ.

ގައުމީ ޝިޕިން ކުންފުންޏެއް އުފެއްދުމަކީ 2020ގެ ތަސައްވުރުގައި ވެސް ހިމަނާފައި އޮތް ކަމެކެވެ. ރާއްޖެއަކީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު ވަރުގަދަ ޝިޕިން ކުންފުންޏެއް އޮތް ގައުމެވެ. މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ ނަމުގައި އެންމެ ފަހުން ހިންގި ޝިޕިން ކުންފުނި އުވާލިތާ ގާތްގަނޑަކަށް 10 އަހަރު ފަހުން އޭޕްރީލް 5، 2020 ގައި އިފްތިތާހު ކުރި ގައުމީ ޝިޕިން ކުންފުނި -- އެމްއެސްއެސްގެ އޮޕަރޭޝަން ފުޅާކޮށް ފްލީޓްތަކުގެ އަދަދު ދަނީ އިތުރުކުރަމުންނެވެ. އަދި ޝިޕިން ދާއިރާއަށް ބޭނުންވާ ދިވެހިން ތަމްރީން ކުރުމަށް އެމްއެސްއެސް އިން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެމްއެސްއެސް ރަނގަޅަށް ހިނގައިގަތުމުން ރާއްޖެއަށް އެތެރެކުރާ ވީހާވެސް ގިނަ މުދާ އެ ކުންފުނީގެ ބޯޓުތަކުގައި ރާއްޖެއަށް އެތެރެކޮށް ވީހާވެސް ހެޔޮ އަގެއްގައި މުދާ ވިއްކޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.