ހަބަރު

އާސަންދައިގެ މޯބައިލް އެޕް ލޯންޗުކޮށްފި

އާސަންދައިން އެ ކުންފުނީގެ ހިދުމަތްތަކަށް މޮބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮށްފި އެވެ.

"އާސަންދަ" އިގެ ގެނަމުގައި މިއަދު ތައާރަފުކުރި އެޕަކީ އާސަންދަ ސްކީމްގެ ޚިދުމަތް ހޯދާ މީހުނަށް އަމާޒުކޮށް ލޯންޗުކުރި އެޕް އެކެވެ. އެ ކުންފުނިން ބުނީ، މިއަދުން ފަށައިގެން ޕްލޭ ސްޓޯރުން ޑައުންލޯޑް ކޮށް، ރެޖިސްޓާވުމުން އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ހިދުމަތްތަކުގެ ތަފްސީލު އެޕުން ފެންނަން ހުންނާނެ ކަމަށެވެ.

ޑޮކްޓަރުންގެ އިލެކްޓްރޯނިކް ބޭސް ސިޓީތައް އެޕް މެދުވެރިކޮށް ބަލާލެވެ އެވެ. އަދި ނުހޯދާ ހިދުމަތެއް ލިސްޓްކޮށްފަ ވާނަމަ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އާސަންދައިން އެކަން ބަލާނެ އެވެ. އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނުގައި "ވިނަވި" ޕޯޓަލް އަދި ބޭނުންކުރަން ނުފަށާތީ، އެތަންތަނުން ހޯދާ ހިދުމަތްތަކުގެ ތަފްސީލު އާސަންދަ އެޕުން އަދި ނުފެންނާނެ އެވެ.

އާސަންދައިން ބުނީ އެޕެއް ތައާރަފުކުރީ އާސަންދަ ސްކީމްގެ ވީހާވެސް ދެ ފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދާށެވެ.

"އަވަސް މުސްތަގުބަލެއްގައި އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި 'ވިނަވި' ޕޯޓަލް ބޭނުންކުރަން ފަށައި، އާސަންދަ ސްކީމްގެ ދަށުން ހޯދާ ހުރިހާ ހިދުމަތެއްގެ ތަފްސީލު އޮންނަ މޯބައިލް ފޯނުން ބަލައިލެވޭނެ" އާސަންދަައިގެ ބަޔާނެއްގައި ބުނެފައި ވެއެވެ.