ހަބަރު

އިތުރު ތިން ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވައިިފި

Oct 13, 2015
1

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތިން ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އަލަށް ފޮނުވީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށްށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ރައީސް އޮފީހުން ބުނީ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ، އެ ގާނޫނަށް ގެނައި ދެވަނަ އިސްލާހާއކު ހައިކޯޓަށް ހުށަހެޅުނު ދުސްތޫރީ މައްސަލައާ ގުޅިގެން، ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ "ގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު" ގެ 13 ވަނަ މާއްދާގެ (ށ) އަކީ ބިމާބެހޭ ގާނޫނުގެ 18 ވަނަ މާއްދާއާ ޚިލާފު އަދި ބާޠިލް މާއްދާއެއް ކަމަށް ކަނޑައަޅުއްވާފައިވާތީ، އޭގެ ނަތީޖާއެއްގެ ގޮތުން ގޯތި ނުވަތަ ބިން ވިއްކާ މުޢާމަލާތްތަކުގެ އަގު ކަނޑައެޅުމަކީ ވިއްކާ ފަރާތާއި ގަންނަ ފަރާތުން ކަނޑައަޅާ، އެއްވެސް ފަރާތަކަށް އެއަށް ބާރު ނުފޯރުވޭ އަދަދެއް ކަމުގައި މިހާރު އޮތުމުގެ ސަބަބުން، ނުއަގުގައި ގޯތި އަދި ބިން ވިއްކުމުގެ މުއާމަލާތްތައް ކުރެވި، އަދި އޭގެ ސަބަބުން މިފަދަ މުޢާމަލާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު ދަށްވެގެން ދިއުމުން ދައުލަތުގެ އާމްދަނީއަށް ނޭދެވޭ އަސަރު ކުރަމުން ދާތީވެ، އެކަން ޙައްލުކުރުމަށްޓަކައި ހުށަހަޅާފައިވާ އިޞްލާހެއް ކަމަށެވެ.

މީގެ އިތުރުން، މިހާރު ގާނޫނު އޮތް ގޮތުން ބިމާވަކިން އެއްމެދު އިމާރާތްތައް ވިއްކުމުގެ މުޢާމަލާތްތަކުން ޓެކްސް ނުނެގޭތީ، އެކަން ޙައްލުކުރުމަށާއި، ބަންޑާރަގޯތި ސަރުކާރުން ކަނޑައަޅާ ގޮތެއްގެމަތިން ސަރުކާރުގެ ފަރާތުން ވިއްކުމަށް މަގުފަހިކުރުމުގެ ގޮތުންވެސް އިސްލާހު ހުށަހަޅާފައިވެއެވެ.

ފަޅުރަށްރަށާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ، އެ ގާނޫނަށް އަމަލުކުރުމުގައި ފާހަގަކުރެވިފައިވާ ދަތިތައް ޙައްލުކުރުމަށާއި، ގާނޫނުގެ މަގުސަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރުމަށް ގާނޫނުގެ ތަރަހައިގެ ތެރެއިން ރ ރާއްޖޭގައި އުފެދިފައިވާ ފަޅުތައް ވަކިވަކިން ކުއްޔަށް ދިނުމުގެ ގާނޫނީ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި ބަޔާންކުރުމުގެ ބޭނުމަށްޓަކައި ހުށަހަޅާފައިވާ ބިލެކެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުން ހުށަހެޅީ، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ގާއިމްކުރަންޖެހޭ އެކި އެކި މަރުކަޒުތައް ވަކި ވަކިން ގާއިމްކުރުމުގެ ބަދަލުގައި އެކި ބާވަތުގެ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ފަދަޔަކުން ޚިދުމަތްތައް ބައްޓަންކުރުމަށް މަގުފަހިކުރުމަށާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހިންގޭ ފަރުވާދޭ މަރުކަޒުތައް ސަރުކާރުން ކަނޑައަޅާ އުޞޫލުތަކަކާއި ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމިއްލަ ފަރާތްތަކާ ޙަވާލުކޮށްގެން ހިންގޭނެ މަގުފަހިކުރުމަށާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން ސަރުކާރުގެ ޚަރަދުގައި ދިވެހިރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވޭނެ އުސޫލުތައް ތައާރަފުކުރުމަށާއި، އެ ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ބައެއް މައްސަލަތަކަށް ޙައްލެއް ހޯދުމަށެވެ.