(27 ސެޕްޓެމްބަރ 2020 އާ ގުޅޭ)
ޔާދިންއަށް ބަލަން އިނދެވުނީއެވެ. މިނޫނީ ދުވަހަކުވެސް ލައިތުގެ ދުލުން ޔާދިންއަށް "ބްރަދާރ"އޭ މުޚާޠަބުނުކުރެއެވެ. އެ އަޑުގައި ޖެއްސުމުގެ ރާގެއްނެތެވެ. އެއަށްވުރެ މަޑުމައިތިރިއެވެ. ޔާދިންއަށް ތުންފިއްތާލެވުނެވެ.
ލައިތުއާ މެދު ޔާދިންގެ ހިތުގައި ގިނި އަނދަން ފެށީ މިއަދަކުނޫނެވެ. ވީއިރު ހަމަކުއްލިއަކަށް ޔާދިންގެ ހިތުން އެ ނަފުރަތު ފުހެލުމަކީ އޭނާއަށް ކުރަން ފަސޭހަކަމަކަށްނުވާނެއެވެ. ނަމަވެސް އޭނާއާ ޖަދަލުކުރުމުގެ ރޫހު ލައިތުއާ ވަކިވެގެން ދިޔަ ގޮތް ޔާދިންގެ ލޮލަށް ފެނުނެވެ. ބުނެވުނީ ހަޤީޤަތުގައި ވެސް ލައިތު ގަޔާނުވާ ވާހަކައެއް ކަމާމެދު ޔާދިންއަށް ވިސްނާލެވުނީ ދެނެވެ. އެހެންވީރު ލައިތު ހާމަކުރީ ތެދުބާއޭ ޔާދިންގެ ޟަމީރާ ސުވާލުކޮށްލެވުނެވެ. އޭނާ އެ ޢާއިލާއިން ހަމަ އެކައްޗެއް ވެސް ބޭނުންނުވަނީ ހެއްޔެވެ؟. މޫނުގައި ދެއަތުން ފިރުމާލުމާއެކު ބޮލުގައި އަތްފުނާ އަޅާލެވުނީ ޔާދިންގެ ނިތުގައި އުފެދެމުން އައި މަޑު ރިހުމުންނެވެ. ހުރިހާކަމެއްގެ ފެށުމާމެދު އޭނާ ވިސްނާ ފިކުރު ހިންގާލެވުނެވެ. ހުރިހާ ނަފުރަތެއްގެ ފެށުން އައީ ފިޒާނާއާ ހިސާބުންބާއެވެ.
* * * * *
ރޭގަނޑުގެ ކެއުމުގައި ކެންޒާ ބައިވެރިކުރަން ލައިރާ ބޭނުންވީ ނަމަވެސް އޭނާ ހުރީ އަވަހަށް ހޮސްޕިޓަލަށް ދާން ބޭނުންވެފައެވެ. ކެންޒާ އެކަނި ދާން ދޫކޮށްލުމަކީ ލައިތު ބޭނުންވާ ގޮތެއް ނޫނެވެ. މާމަ ކަސްތޫރީގެ އެއްބާރުލުން ލައިތުއަށް ލިބުނެވެ. ރޭގަނޑުގެ ކެއުމުގައި ބައިވެރިނުވެ ކެންޒާއާއެކު ހޮސްޕިޓަލަށް ލައިތު އައީ އެހެންވެއެވެ.
ލައިތު ފެނުމުން މިންނާ ހިނިތުންވެލިއެވެ. ނަމަވެސް އެއްވެސް ރޫހެއް ނެތި މޫނުގެ ދިރުން ގެއްލިފައި ވާ ކަހަލައެވެ. އޭނާގެ ގާތުގައި ކެންޒާ އިށީނުމުން ދަރިފުޅުގެ އަތުގައި ހިފާލީ އަމިއްލަ ނަފްސަށް ހިތްވަރު ބޭނުންވެފައި އިނުމުހެން ހީވިއެވެ. އެ ދެމައިން ތިބި ގޮނޑިބަރީގައި އެމީހުންނާ އެއްގޮނޑި ދޫކޮށް ލައިތު އިށީނެވެ. އެއްވެސް ވާހަކައެއް ދެއްކުމެއްނެތިއެވެ. ކައިފްގެ ހާލު އަހާލަން ބޭނުންނުވީ މިންނާގެ މޫނުން އެ ސުވާލުގެ ޖަވާބު ލައިތުއަށް ފެންނަން ހުރުމުންނެވެ. ހިތަށް މޮޅިވެރިކަން ވަނީ ކައިފްއަށް ޓަކައި ކަމެއްކޮށްދޭން ބޭނުންވިޔަސް މިއަދު ލައިތުއަށް ކޮށްދެވޭނެ ކަމެއް ނެތީމައެވެ. މިންނާ ގެއަށް ދާން ބޭނުންނުވި ނަމަވެސް ކެންޒާ ވިސްނައިދިނީ މަންމަގެ ސިއްޙަތާމެދު ބަލަންޖެހޭނެކަމެވެ. ހަށިގަނޑަށް އަރާމަކީ މުހިންމު އެއްޗެއްކަމެވެ. ރޭގަނޑު ބާރަ ޖަހަންދެން ކެންޒާ ހޮސްޕިޓަލުގައި މަޑުކުރާނޭ ކަމުގައި ބުނެ މިންނާ ގެއަށް ފޮނުވިއެވެ. އޭނާ ލައިތުމެން ގެއިން ތައްޔާރުކުރި ތަށިބަރި ވެސް މިންނާއާ ހަވާލުކުރިއެވެ. އެވަގުތު ލައިތު އިސްނަގައި އޭނާގެ ކާރުގައި މިންނާ ގެއަށް ލައިދޭން ބޭނުންވާކަން ހާމަކުރިއެވެ. މަންމަ ގާތު އެއްބަސްވާން ކެންޒާ އެދުމުން މިންނާ ދެކޮޅެއް ނުހެދިއެވެ.
މިންނާ ގެއަށް ލާފައި ލައިތު އެނބުރި އައީ ހޮސްޕިޓަލަށެވެ. ލައިރާއާ ދެމެދު ދެކެވުނު ވާހަކައާ ގުޅިގެން ލައިތު ސުވާލު ކުރީ ދެނެވެ. ކަންތައްވީގޮތް ކެންޒާ ކިޔާދިނެވެ. ޔާދިން ފޮނުވި ފޮޓޯ ވެސް އޭނާ ލައިތުއަށް ދެއްކިއެވެ. ލައިރާ އުޅޭ ހިތްދަތި ދިރިއުޅުމުގެ ވާހަކަ ކެންޒާ ކިޔާދިނީ އެ ހާލަތު ބަދަލުވާން އެދިގެންނެވެ. ފިރިހެނުންގެ މޮޔަކަމޭ ކެންޒާ ބުނެލާއިރަށް ލައިތު ހީނގަތެވެ. އޭނާ މޮޔައެއްނޫނޭ ބުނެލީ ނިކަން އަވަހަށެވެ. ލައިތުގެ ހަރަކާތްތަކުން ކެންޒާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ކެންޒާގެ ހިތް ނުތަނަވަސްކުރީ ގެއަށް ދިއުމުން ކުރިމަތިވެދާނެ ނުރައްކަލަކާ މެދުއެވެ. ހަނދާނަށް އައީ އޭނާ ދިން އިންޒާރެވެ. ކެންޒާގެ ކުރިމަތީ އޮތީ އެންމެ ދެ ގޮތްކަން ބުނި ބުނުމެވެ. ހިތަށްބިރުވެރިކަން ވަނީ އޭނާ ލައިތުއަށް ގެއްލުމެއް ދޭން ރާވަނީއޭ ހީވާތީއެވެ. އަނެއްކޮޅުން ލައިތުއަކީ ވެސް ގޮތްދޫކުރާނޭ މީހެއްނޫންކަން ކެންޒާއަށް އެނގެއެވެ. އެ ދެމީހުންގެ މެދުގައި ކުރިމަތިލުމެއް ހިނގައިފިއްޔާ ލައިތުކަން ބަލިވާނީ ކެންޒާގެ ހިތް ބުނެއެވެ. އެ ދެ މީހުން ދުވަހަކުވެސް ބައްދަލުނުވާން ކެންޒާ އެދެނީ އެހެންވެއެވެ.
މިންނާ އަންނައިރު ލައިތު އިނުމުން ސުވާލުކުރާނޭކަން އެނގި ކެންޒާ އޭނާ ފޮނުވާލީ ބަލާ އަންނަވީމަ ގުޅާނަމޭ ބުނެފައެވެ. އެހާތަނަށް އޭނާއަށް ރަނގަޅު ގޮތެއް ވެސް ވިސްނިދާނޭ ކެންޒާއަށް ހީވިއެވެ. ނުދާން ބޮޑާހާކާފައި ލައިތު ބޭރަށް ނުކުތީ މިންނާ އަންނަހާ އިރުކޮށްފައެވެ. ލައިތުމެން ގޭގައި ޚާދިމުން އުޅޭ ފަންގިފިލާގައި ކެންޒާއަށް ވެސް ކޮޓަރިއަށް ދީފައި އެބަހުއްޓެވެ. ގެއަށް ދިއުމުގެ ބަދަލުގައި އެ ކޮޓަރީގައި ރޭގަނޑު ނިދަން ދިއުން ރަނގަޅު ޚިޔާލެއްކަމަށް ކެންޒާއަށް ފެނުނެވެ. އޭރުން ގޭގައި އެކަންޏެއް ނުވާނެއެވެ. މިފްރާހުގެ އުނދަގުލުން ސަލާމަތްވީއެވެ. ހިތްހަމަޖެހިލައިގެން ހުރެ މަސައްކަތްތައް ނިންމާލާފައި މަންމަގެ ގާތަށް ހޮސްޕިޓަލަށް ވެސް އޭރުން އާދެވޭނެއެވެ. ލުއި ހިނިތުންވުމެއް ކެންޒާގެ ތުންފަތުގައި ދުވެލިއެވެ. ނަމަވެސް އެ ހިނިތުންވުން ފަނޑުވީ ލައިތުގެ ސަބަބުންނެވެ. ޚާދިމުންގެ ބައިގަ ކެންޒާ ހުރުމަކީ އެއްގޮތަކަށް ވެސް ލައިތު ހިތްހަމަޖެހޭ ކަމަކަށްނުވެއެވެ.
* * * * *
"ކަމަކާ ވިސްނަނީތަ؟." ކާރަށް އެރީއްސުރެ ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ކެންޒާ ބަލަން އިންނާތީ ލައިތު އަހާލިއެވެ.
"ގެއަށް ދާކަށް ބޭނުމެއްނޫން." ކެންޒާ މަޑުމަޑުން ބުނެލިއެވެ.
"ކޮންތާކަށް ދާންވީ؟." ލައިތު އިނީ ކެންޒާ ބުނި ތަނަކަށް ގެންގޮސްދޭން ތައްޔާރަށެވެ.
"ނޭނގެ..."
"ވަރުބަލިވެ، ނިދިއައިސްފަ ތިއިނީ." ލައިތު ބުންޏެވެ.
"އެހެންވިޔަސް ގެއަށް ދާކަށް ބޭނުމެއްނޫން." ކެންޒާ އަލުން ތަކުރާރުކޮށްލިއެވެ.
"ކީއްވެ ގެއަށްދާން ބޭނުންނުވަނީ؟." ކެންޒާގެ ވާހަކަ ހުރި ގޮތުން ލައިތު އަހާލިއެވެ.
"އެކަނިވީމަ..."
"ކެން..." ލައިތު ގޮވާލީ ސުވާލު އުފެދިގެންނެވެ. އެކަނި އުޅެން ކެންޒާ އާދެވެފައި ހުރިކަން ލައިތުއަށް ރަނގަޅަށް އެނގެއެވެ. އޭނާ އެކަނިވެގެން ނޫޅޭނެއެވެ. ލައިތުމެން ގެއަށް އޭނާ އައިއިރު ވެސް އެ ގޭގައި ކެންޒާ ދިރިއުޅެމުން އައީ އެކަންޏެވެ. މަންމައާއި ބޭބެ ހުރީ ރާއްޖޭން ބޭރުގައެވެ. ކެންޒާގެ ބައްޕައަކީ ގިނަފަހަރު ގޭގައި އުޅޭ މީހެއްނޫންކަން ވެސް ލައިތަށް އޮތީ އެނގިފައެވެ.
"ކަމެއްވީތަ؟." ލައިތު އަހާލީ ޝައްކުވެގެންނެވެ.
"ބައްޕަ... ބޮއެގެން ގެއަށް އަންނަނީ... ދަންވަރަށް..." ހަޤީޤަތުން އެއްބައި ކެންޒާ ހާމަކުރިއެވެ. ލައިތު ހިމޭންވީއެވެ. ނަމަވެސް އެ މޫނުން ނުތަނަވަސްކަމުގެ އަސަރުތައް ފާޅުވެލިއެވެ. ކެންޒާއަށް ވެސް އިތުރަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.
އެއްވެސް ވާހަކައެއް ނުދެކެވި ލައިތު ކާރު މަޑުކޮށްލީ ކެންޒާމެން ގޭ ދޮށުގައެވެ. ސުވާލެއް ކުރުމެއްނެތި ކެންޒާ ކާރުން ފައިބަން އުޅުނީ އެއީ ލައިތުގެ ނިންމުންކަން ޤަބޫލުކޮށްގެންނެވެ. އެހެންނަމަވެސް ދޮރުހުޅުވާލުމުގެ ކުރީން ކެންޒާގެ އަތުގައި ލައިތު ހިފިއެވެ.
"ހަފްތާއަކަށް ބޭނުންވާނޭ އެއްޗެހި ހިފައިގެން އާދޭ، އަހަރެން މަޑުކުރާނަން." ލައިތު ބުންޏެވެ.
"ކޮންތާކަށް ދާން؟." ކެންޒާއަށް އަހާލެވުނެވެ.
"ޕެންޑާ... އަހަރެން ބުނީމަ، ބުނާގޮތް ހާދަބަލަ." ކެންޒާގެ ކޮލުގައި ހިފާ ދަމާލަމުން ލައިތު ބުނެލިއެވެ. ލުއި ހިނިތުންވުމެއް ދެމުން ކެންޒާ ކާރުން ފައިބައިގެން ގޮސް ގޭތެރެއަށް ވަނެވެ.
ގިނައިރެއްނުވެ ކެންޒާގެ ބުރަކަށީގައި އަޅުވާފައި އޮތް ދަބަހާއި އިތުރު ދަބަހެއް ހިފައިގެން ގެއިން ނުކުތެވެ. ދޮރޯށި ތަޅުލާފައި އޭނާ އައިސް ކާރުގެ ދޮރުފަތް ހުޅުވާލައި، ފަހަތު ސީޓުގައި ދެ ދަބަސް ބެހެއްޓިއެވެ. ދެން އައިސް ކާރުގެ ކުރިއަށް އަރައިފިއެވެ. ކެންޒާ ހަމަޖެހިލަންވާއިރަށް އޭނާގެ އަތުގައި ހިފައި ލައިތުއާ ގާތަށް ދަމާލިއެވެ. ނުވިސްނާ ހުއްޓާ އަވަސް ހަރަކާތެއްގެ ގޮތުން ކެންޒާގެ ތުންފަތުގައި ލައިތު ބީހިލައިފަ ދުރަށް ޖެހިލީއެވެ. ހައިރާންކަމާއެކު ކެންޒާއަށް ބަލާލެވުނެވެ.
"ވަޓްސް ދެޓް އޯލް އަބައުޓް..." ކެންޒާއަށް ކަނާތު ޝަހާދަތްއިނގިލީގެ ކޮޅުން ތުންފަތުގައި ފިރުމާލެވުނެވެ.
"ނަތިންގް..." ލައިތު އެނގޭކަމަށް ނުހެދިއެވެ. ކެންޒާއަށް ހީނލެވުނެވެ. ކަތި ނަޒަރެއް ކެންޒާއަށް ދިންއިރު ލައިތުގެ ތުންފަތުގައި ވެސް ލުއި ހިނިތުންވުމެއް ވިއެވެ. އެ ސިކުނޑީގައި ހިނގަނީ ކޮންކޮން ޚިޔާލެއްކަމެއް ދެނެގަންނާކަށް ކެންޒާއަކަށް ނޭނގެއެވެ. އެހެންވިޔަސް އެއްވެސް އިންސާނަކަށް ނުކުރާހާ އިތުބާރު އޭނާ ލައިތަށް ކުރެއެވެ.
* * * * *
ހެނދުނުގެ ވަގުތެވެ. ކެންޒާ ތައްޔާރުވެގެން ކޮޓަރިން ނުކުތްއިރު ކޮފީ މެޝިނު ޖައްސާފައި ހުރި އަޑު އިވެއެވެ. ލައިތު ފެނުން އިރު އޭނާ ހުރި ގޮތުން ކެންޒާއަށް ހުއްޓުން އެރިއެވެ. އެވަގުތު ހެނދުނުގެ ސަލާމް ލައިތު ކޮށްލިއެވެ. ރަނގަޅަށް ނިދުނުތޯ އަހާލިއެވެ.
"ވައި އާ ޔޫ ނެއިކިޑް..." ލައިތުއަށް ބަލަން ހުރެ ކެންޒާ ބުނެލިއެވެ. ހީނގަތުމާއެކު ލައިތު ނޫނެކޭ ބުނެލިއެވެ. ކައުންޓަރާ ނިވާވެފައި ހުރި އޭނާގެ އުނަގަނޑުން ތިރި ދައްކާލީ ދެ ކޮފީ ޖޯޑު ހިފައިގެން އަންނަމުންނެވެ. ބޮކްސާކޮޅުގައި އޭނާ ހުރިއިރު އެ ހަށިގަނޑުގެ ފުރިހަމަކަން ހުރީ ފެންނާށެވެ. ކެންޒާއަށް ތިރީތުންފަތުގައި ދަތްއަޅާލެވުނީ އިޚްތިޔާރެއްނެތެވެ. އެހިނދު ލައިތުގެ ހުނުން ވަކިން ބާރުވެލައިފިއެވެ. އޭނާ އައިސް ކޮފީ ޖޯޑު ކެންޒާއަށް ދިއްކޮށްލަމުން ކޯތާފަތުގައި ބޮސްދިނެވެ.
"އަންނާނަން ރެޑީވެގެން..." ލައިތު ކޮފީ ޖޯޑުން އެތި ފޮދެއް ބޯލުމާއެކު ބުނެލިއެވެ.
"މީ އަހަރެން ދުށް އެންމެ ރީތި ހުވަފެން... އަހަރެން ކަހަލަ މީހަކަށް ލައިތު ލިބުނީ ކިހިނެއްތަ؟... އެއްވެސް ސެންސެއް މޭކްއެއް ނުކުރޭ... ލުކް އެޓް ހިމް... ސުޕަރ މޮޑެލްއެއް ކަހަލަ ބޮޑީއެއް، އޯމައިގޯޑް... ދޯސް ވީ ލައިންސް... ހޮޓް، ހޮޓް، ހޮޓް...." ކުއްލިއަކަށް ކެންޒާ ދޫނެރިގެން ހުރެ އަނގައިން ފުމެން ފެށިއެވެ. ހޫނުކޮފީތަށީގައި އަނގަޖެހީ ޚިޔާލުތަކުގައި ހުރެއެވެ. އޭނާގެ ދޫ ފިހުނީއެވެ. އެހެންވިޔަސް ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާގެ ނަސީބުގަދަކަން ކެންޒާ ހިތަށް އެރިއެވެ.
* * * * * *
މިންނާ ގުޅުމުން މަސައްކަތުގައި އުޅުނު ކެންޒާ ނިކަން އަވަހަށް ދެއަތް ފުހެލާފައި ފޯނުކޯލު ނެގިއެވެ. ކައިފްގެ ޚަބަރަކައިގެން ކަމަށް ކެންޒާ ހީކުރި ނަމަވެސް، މަންމަގެ ފުރަތަމަ ސުވާލަކަށްވީ ކެންޒާ ހުރީ ކޮންތާކުތޯއެވެ. އެގަޑިއަކީ މަސައްކަތުގައި އުޅޭ ވަގުތުކަން މަންމައަށް އެނގޭނެއެވެ. ހައިރާންވިއެއްކަމަކު ކެންޒާ އެ ސުވާލަށް ޖަވާބުދިނެވެ. މިންނާ ދެން އެހީ ހޮސްޕިޓަލަށް އަންނާނީ ކޮންއިރަކުންތޯއެވެ. މަސައްކަތްތައް ނިންމާލާފައި ދާނީކަމުގައި ކެންޒާ ބުންޏެވެ. އެއާއެކު މިންނާ ގަޑި އެއްސެވެ. މަސައްކަތްތައް ނިމޭނެ އިރެކެވެ. ކެންޒާ އަޖައިބުވިއެވެ. މިންނާއަށް ބަދަލުތަކެއް އައިސްފައި ހުރިހެން ހީވާތީއެވެ.
ވަރަށް ހެނދުނާ އޮފީހުގައި ބައްދަލުވުމެއް އޮތުމުން ލައިތުއަށް ކެންޒާ ގޮވައިގެން ހޮސްޕިޓަލަށް ދެވޭ ގޮތެއް ނުވިއެވެ. އެހެންވެ ގޭގެ ޑްރައިވަރެއް ކަމަށްވާ އަދިތުއާ އެކަން ހަވާލުކުރީއެވެ. ކެންޒާ ނުކުންނަންވީއިރު އަދިތު ހުރީ ދޮރޯށި ކައިރީގައވެ. ކެންޒާ ފެނުމާއެކު "މެޑަމް" އޭ ގޮވާލައިފިއެވެ.
"ދޮންބެ އޯކޭތަ؟..." މިންނާ ފެނުމާއެކު ކެންޒާ އަހާލިއެވެ. އެއްވެސް ބަދަލެއް ނާންނަކަމުގައި މިންނާ ބުނެލިއެވެ. ދެން ކެންޒާގެ އަތުގައި ހިފާލަމުން މީހުން މަދުން ތިބި ގޮނޑިބަރިއެއްގައި އިށީނދެއްޖެއެވެ.
"ރޭގަ ކޮންތާކަށް ދިޔައީ؟." މިންނާ އަހާލިއެވެ. އެ އަޑުގައި މަޑުމައިތިރިކަން ވިޔަސް އެ މޫނުން ހާސްކަންފާޅުވޭވޭ ހުއްޓެވެ.
"ކިހިނެއްވީ؟." ކެންޒާ ވެސް އިނީ ޖެހިލުންވެފައެވެ.
"ހަމީމު ބުނި ކެން ގެއަކަށް ނާދެއޭ... މިއަދު ހެނދުނު ގުޅި."
"އަދިކިރިޔާތަ ގުޅަން އެނގުނީ، އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރި އައިސީޔޫގައި އޮތްއިރު ވެސް އަންނާކަށް ނޭނގުނުތަ؟." ކެންޒާއަށް ހިތްހަމަނުޖެހުވީ ގަސްދަކާނުލައެވެ. މިންނާ ވަގުތުން ކެންޒާގެ ކޮނޑިގައި އަތްބާއްވާލިއެވެ.
"ކެން... ހަމީމު ކޮންމެ ގޮތަކަށް އުޅުނަސް، އެއީ ބައްޕަނޫން ކަމަކަށްނުވާނެ، ތީ މިހާރު ކުޑަކުއްޖެއްނޫން، ހަމީމު ބޭނުންނަމަ އެހެން މީހަކާ ވެސް އިނދެވޭނެ، ކުދީން ވެސް ހޯދިދާނެ، އެކަމަކު އޭނާ އެކަހަލަ ކަމެއް ކުރަން ބޭނުމެއްނުވޭ... އަޅާނުލިޔަސް، އޭނާ ވެސް ޤަބޫލުކުރޭ، ތި ދެބެންނަކީ އޭނާގެ ދަރީންކަން، ކެން... މަންމައަށް ސިއްރުން ކަމެއްކުރަނީތަ؟."
ކެންޒާއަށް އިސްޖަހާލެވުނީއެވެ. ފޫހިކަން އެ މޫނުގައި ވިއެވެ. ހަމީމުދެކެ އޭނާ އިންތިހާއަށް ފޫހިވިޔަސް މަންމަގެ ހިތުގައި ޖެހިދާނޭތީ އިތުރު އެއްޗެހިތަކެއް ކިޔާކަށް ކެންޒާ ބޭނުމެއްނޫނެވެ. އެހެންވިޔަސް ސުވާލު އުފެދުނެވެ. އޭނާ ގޭގައި އުޅޭތޯ ނޫޅޭތޯ ވެސް މީގެ ކުރިން ހަމީމު ބަލާނުލައެވެ. ދެން ކުއްލިއަކަށް ދަރި ކުލުނު ޖެހިގެން އުޅޭންވީ ކޮންސަބަބަކާ ހުރެބާއެވެ.
"ބައްޕަތަ ގުޅީ... އަހަރެންނެތޭ ބުނީ ކީއްވެ؟." ރުންކުރުގޮތް ކަނޑާލައިފަ ކެންޒާ އަހާލިއެވެ.
"ކޮޓަރީގައި ނެތީމައޯ... ތަޅައިތަޅައި ނުހުޅުވީމައި، ދޮރުގައި ޖެހުނީމަ، ހަލާކުވެގެންނޯ ހުޅުވުނީ... އެބައުޅޭ މިފްރާހުއަށް ގުޅައިގެން، އެކުއްޖާ ލައްވާ ތަޅު ބަދަލުކުރަން." މިންނާގެ ވާހަކަ އިވުމާއެކު ވަގުތުން ކެންޒާއަށް ހުރިހާކަމެއް އެނގިއްޖެއެވެ.
(ނުނިމޭ)