ހަބަރު

އާ ދައުރަށް މަޖިލީހުގައި ގޮނޑީގެ ތަރުތީބު ބަދަލުކުރަނީ

Sep 29, 2020
1

އަންނަ ހޯމަ ދުވަހު ފަށާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ފެށުމުގެ ކުރިން ތަޅުމުގެ ގޮނޑިތައް ޖަހާފައިވާ ތަރުތީބު ބަދަލުކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެންބަރުން އިށީދެވަޑައިގަންނަވާ ތަރުތީބު ބަދަލުކުރުމާ ގުޅޭގޮތުން، މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ބައްދަލުކޮށްފައިވާ ކަމަށެވެ.

ކޮމިޓީގެ މުގައްރަރު އަދި ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، ތިންވަނަ ދައުރު ފެށުމުގެ ކުރިން މާލަމުގައި ގޮނޑި ޖަހާފައިވާ ތަރުތީބު ބަދަލު ކުރުމަށް ކޮމިޓީއަށް ފެންނަ ގޮތެއްގެ މައްޗަށް ރިޕޯޓެއް އެކުލަވާލުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެކި ފަހަރު މަތިން މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، ނަޝީދު މިދިއަ އަހަރު ވިދާޅުވެފައި ވަނީ މަޖިލީހުގައި ގޮނޑި ޖަހާފައި ހުންނަނީ، އެގޮތަށް މަޖިލީހުގެ ގަވައިދުގައި އޮވެގެނެއް ނޫން ކަމަށާއި، އެއީ ޒަމާނުއްސުރެ ފަށައިގެން ގޮނޑި ޖަހާފައި ހުރި ގޮތް ކަމަށެވެ.

އެންމެ ފުރަތަމަ 1932 ވަނަ އަހަރު ފުރަތަމަ މަޖިލީސް އިށީންއިރު، ރަދުންގެ އަށް މެމްބަރުންނާއި، މާލޭގެ މެމްބަރުން ތިއްބެވީ ކުރީގައި ކަމަށެވެ. އަދި ފަހުން އައިސް ރަސްކަމެއް ދޫކޮށް، ޖުމްހޫރިއްޔަތަކަށް ބަދަލުވުމުން، 1968 ވަނަ އަހަރުން ފެށިގެން، ރަދުންގެ އަށް މެމްބަރުން ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުންގެ ގޮތުގައި ކަނޑައެޅި ކުރީ ގޮނޑި ބަރީގައި ތިއްބަވަމުން ގެންދެވި ކަމަށެވެ.

"2008 ވަނަ އަހަރު މިހާރު މި އަމަލު ކުރާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށިފަހުން އޭގެ ދަށުން މަޖިލީހުގެ މެމްބަރުންނަކީ އިންތިހާބީ ދާއިރާތަކުން އިންތިހާބު ކުރާ މެމްބަރުންނަށްވެ، މިހާރު ތި ތިއްބެވި ގޮތަށް އިށީންދެވަޑައިގެން ތި ތިއްބަވަނީ، ކުރިއްސުރެ ފަށައިގެން އެކަން އެގޮތަށް ކުރަމުން އަންނާތީ. އަޅުގަނޑު އަމިއްލަ ގޮތަށް ދެކޭ އިރުގައި އަޅުގަނޑަކަށްވެސް ނުފެނީ މީކީއެއް މި މަޖިލިހުގައި މެމްބަރުން އިށީންދެތިބެންޖެހޭ ގޮތެއް ކަމަށް" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

މިއަދުގެ ބައްދަލުވުމުގައި ހަސަން ލަތީފު ވިދާޅުވީ ރިޔާސީ ނިޒާމެއްގައި މެންބަރުން އިށީނދެވަޑައިގަންނަވާ ތަރުތީބާ ގުޅޭގޮތުން ދިރާސާއެއް ހެދުމަށް މަޖިލީހުގެ އިދާރާއަށް އަންގަވާފައިވާ ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ރިޔާސީ ނިޒާމެއް އޮންނަ އެމެރިކާގައި މެންބަރުން އިށީނދެވަޑައިގަންނަވަނީ ތަމްސީލު ކުރައްވާ ޕާޓީތައް އެކުގައި ކަމަށެވެ.

މަޖިލީހުގައި މިހާރު ގޮނޑި ތަރުތީބުކޮށްފައި ހުންނަނީ، މާލޭ މެމްބަރުން ކުރީ ބަރިތަކުގައި ތިއްބަވާފައި، ހއ. އިން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ހުރި ދާއިރާތަކުގެ މެމްބަރުން އަތޮޅުތަކުގެ ތަރުތީބުން އޭގެ ފަހަތަށް ވާ ގޮތަށެވެ.

މިއަދުގެ ބައްދަލުވުމުގައި ގިނަ މެންބަރުން އެދިވަޑައިގެންނެވީ ރާއްޖޭގެ އިދާރީ ދާއިރާތައް އޮންނަ ތަރުތީބުން ކަމަށެވެ. ނަމަވެސް، ހަސަން ލަތީފު ވިދާޅުވީ ކޮމިޓީން ގޮތެއް ނިންމުން ރަނގަޅުވާނީ މަޖިލީހުގެ އިދާރާއިން ތައްޔާރުކުރާ ދިރާސާއަށް ރިއާއަތްކޮށްފައިކަމަށްވާތީ، މިކަން ވޯޓަށް ދިއުމުގެ ކުރިން އެ ދިރާސާގެ މައުލޫމާތު މެންބަރުންނަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.

އެ ކަރުދާހުގައި ޕާޓީތައް ވަކިން ތިބޭއިރު، މެންބަރުން ތިއްބަވާނެ ތަރުތީބަކާއި ކުރިމަތިލައްވައިގެން ތިއްބަވާނީ ރިޔާސަތާތޯ ނުވަތަ އެހެން ޕާޓީތަކުގެ މެންބަރުންނާތޯ ފަދަ މައުލޫމާތު ހިމެނޭނެ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

އެ ދިރާސާ މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު މެންބަރުންނާ ހިއްސާކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވެ މިއަދުގެ ބައްދަލުވުން ނިންމަވާލެއްވި އެވެ.