ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އައު އަމީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ކުވެއިތުގެ އައު އަމީރު ޝެއިހް ނަވާފް އަލް އަހުމަދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ކުވޭތުގެ އައު އަމީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސެޖުގައި، އެ ގައުމުގެ ކުރީގެ އަމީރު އައްޝައިހް ސަބާހުލްއަހްމަދު އަލްޖާބިރު އައްސަބާހް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ އާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. އަދި، އަމީރުގެ ހިކުމަތްތެރިކަމާއި ދުރުވިސްނުންފުޅުގެ ސަބަބުން، ‌‏އެ މަނިކުފާނަށް ކުވޭތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިވަޑައިގެންފައިވާ ގަދަރާއި އިހްތިރާމަށް ބަދަލެއް ނައިސް ދެމިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކުވޭތުގެ އައު އަމީރުގެ ޒައާމަތުގައި ރާއްޖެއާއި ކުވޭތުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިދާނެކަމާއިމެދު ޝައްކު ނުކުރައްވާކަމުގައި ވެސް ވިދާޅުވެފައިވެއެވެ. ރައީސް ސޯލިހު ވަނީ އަމީރު އަވަހާރަވުމާއި ގުޅިގެން މިއަދުން ފެށިގެން ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރެއްވުމަށް ނިންމަވާފައެވެ.

އުމުރުފުޅުން 83 އަހަރުގެ ޝެއިހް ނަވާފް އަލް އަހުމަދު، އަމީރު ކަމުގެ މަގާމާއި ހަވާލުވެވަޑައިގެންފައިވަނީ މިއަދުއެވެ. އެމަނިކުފާނަކީ ކުވެއިތުގެ ވަރަށް މުހިންމު ގިނަ މަގާމުތަކެއް ފުރުއްވަވާފައިވާ ބޭފުޅެކެވެ.