ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަމީރަކީ ސުލްހައަށް ލޯބިކުރެއްވި ލީޑަރެއް: ރައީސް

Sep 30, 2020

މިއަދު އަވަހާރަވި ކުވޭތުގެ އަމީރު ޝެއިހް ސަބާހު އަލް އަހުމަދު އަލް ސަބާހު އަކީ ބައިނަލްއަގްވާމީ އަދި ސަރަހައްދީ މައްސަލަތައް ހައްލުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ލީޑަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވ ކުވެއިތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން އެ ގައުމުގެ ވަލީއަހްދު ނަވާފް އަލް ސަބާހުލްއަހްމަދު އަލްޖާބިރު އައްސަބާހްއަށް ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައެވެ.

ރައީސްގެ މެސެޖްގައި އަމީރު އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ އާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. އަމީރު ޝެއިހް ސަބާހްއަކީ ބައިނަލްއަގްވާމީ އަދި ސަރަހައްދީ މައްސަލަތައް ހައްލުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ލީޑަރެއް ކަމަށް ރައީސްގެ މެސެޖްގައި ވިދާޅުވިއެވެ. އަދި އެ މަނިކުފާނަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ލީޑަރެއް ކަމަށާއި ރާއްޖޭގެ ތަރައްގީއަށް ފޯރުކޮށްދެއްވި އެހީތެރިކަމާއި ރާއްޖެއަށް ދެއްވަމުން ގެންދެވި އެއްބާރުލެއްވުމަށްޓަކައި ދިވެހިން އެ ބޭފުޅަކަށް ދަރަނިވެރިވެފައިވާ ލީޑަރެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ އަމީރު އަވަހާރަވުމާއި ގުޅިގެން މާދަމާއިން ފެށިގެން ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރެއްވުމަށް ނިންމަވާފައެވެ.

ކުވޭތުގެ އަމީރު ޝެއިހް ސަބާހު އަލް އަހުމަދު އަލް ސަބާހު އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ. މިދިޔަ ޖުލައި މަހު ޝެއިހް ސަބާހު ވަނީ އޮޕްރޭޝަނެއް ކުރެއްވުމަށް އެމެރިކާއަށް ވެސް ވަޑައިގެންފަ އެވެ. ނަމަވެސް އެއީ ކޮންކަހަލަ އާލާސްކަންފުޅެއްގައި ކުރެއްވި އޮޕަރޭޝަނެއް ކަމެއް ކުވޭތުގެ ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.

ޝެއިހު ސަބާހުއަށް ކުވެއިތުގެ އަމީރުކަން ލިބިވަޑައިގަތީ 2006 ވަނަ އަހަރު ގައެވެ. އެއީ އޭރު ހުންނެވި އަމީރު ސާދު އަލް އަބުދުﷲ އެންމެ ނުވަ ދުވަސް ތެރޭގައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ވެރިކަމުން ދުރުކުރުމަށް ޕާލަމެންޓުން ނިންމުމާ ގުޅިގެނެވެ. ޝެއިހް ސަބާހު ވަނީ ކުރީގެ އަމީރު ޖާބިރު އަލް އަހުމަދު އަލްޖާބިރު އައްސަބާހުގެ ވެރިަކަމުގައި ދެފަހަރެއްގެ މަތިން ހާރިޖީ ވަޒީރުކަން ކުރައްވާފަ އެވެ. މިގޮތުން ފުރަތަމަ ފަހަރު 1963 އިން 1991 އަށް އަދި ދެވަނަ ފަހަރު 1992 އިން 2003 އަށް ހާރިޖީ ވަޒީރުކަން ކުރައްވާފަ އެވެ.

އެމަނިކުފާނަށް ފަހު ދެން ކުވޭތުގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަ ވާނީ އުމުރުފުޅުން 83 އަހަރުވީ ވަލީއަހުދު ޝެއިހް ނަވާފް އަލް އަހުމަދެވެ.