ހަބަރު

އެންއައިސީއަށް އައްޔަން ކުރަން ފޮނުވި ހަތަރު ނަމަށް ރުހުންދީފި

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރަން ފޮނުވި ހަތަރު ނަމަށް މަޖިލީހުން މިއަދު ރުުހުންދީފި އެވެ.

ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތަކަކީ ގ. އަތަ ޔޫސުފް މާނިއު މުހައްމަދާއި ސ. މީދޫ ހަސަންކާރީގޭ، މުހައްމަދު ފަރުހާދާއި ބ. އޭދަފުށީ ގުލިސްތާނުގޭ ހައްސާނު ހަމީދާއި ހދ. ނެއްލައިދޫ ދިލްސާދު، ޚަދީޖާ ޢަބްދުﷲ އެވެ.

އެންމެ ފުރަތަމަ ރައީސް މަޖިލީހަށް ފޮނުވީ ފަސް ނަމަކެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނުނު މ. ހަވާއީ މަރްޔަމް ޒީނިޔާގެ ނަން ވަނީ އަނބުރާ ގެންދަވާފައެވެ. އޭނާގެ ނަން ގެންދިޔައީ މިއަދު ފާސްކުރި ހަތަރު ނަމުގެ ތެރޭގައި ހިމެނޭ ހައްސާނާއި ދެމީހުންގެ ގާތްގޯޅި ފޮޓޯތަކެއް ލީކްވި މައްސަލާގައި ކަމަށް ވެއެވެ.

މިއަދު މަޖިލީހުން އެ ހަތަރު ނަމަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މިއަދު ހަތަރު ނަމެއް ފާސް ކުރި ނަމަވެސް އެންއައިސީ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަނަށް ފަސް މެންބަރަކު އައްޔަން ކުރަންޖެހެ އެވެ.

އެންއައިސީއަކީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޑިޕާޓްމަންޓު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކަންކަމަށް ފާރަވެރިވާ މުއައްސަސާއެވެ.