ކުޅިވަރު

ޓްރައިތްލޯން ހުކުރު ދުވަހު، ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ

Oct 13, 2015

ފެތުމާއި ދުވުން އަދި ބައިސްކަލް ދުއްވުން ހިމެނޭ "ތިންވަރު-ޓްރައިތްލޯން" ހުކުރު ދުވަހު ބާއްވަން ނިންމައި، ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

ރާއްޖެ ފަހުގެ ތާރީހުގައި ބާއްވާ ކުޅިވަރުގެ ބޮޑު މި އިވެންޓް އިންތިޒާމު ކުރަނީ މީޑިޔާ ހައުސްގެ ފަރާތުންނެވެ. ޓްރައިތްލޯން ބޭއްވުމުގެ އެއްބަސްވުމުގައި އުރިދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީ ހެޑް އޮފް ސޭލްސް މުހައްމަދު ނިޔާޒު އެވެ. އަދި މީޑިޔާ ހައުސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް ޕްރޮޖެކްޓް އާތިފު ހުސެއިންނެވެ.

އުރީދޫގެ ހެޑް އޮފް ސޭލްސް ނިޔާޒު ވިދާޅުވީ އެ ކުންފުނިން މި އިވެންޓުގެ ޕާޓްނަރަކަށްވީ ސިއްހީ ގޮތުން ފައިދާ ކުރުވަނިމި ކަމެއްގައި ބައިވެރިވުމަށް ކަމަށެވެ.

"ރާއްޖޭގައި ކުޅިވަރު ކުރިއަރުވައި. ދިވެހި ޒުވާނުންނަށް ދުނިޔޭގެ ފެންވަރުގެ ކާމިޔާބުތައް ހޯދޭނެކަމުގެ ޔަގީންކަން ދިނުމަކީ ބޭނުންވާ ކަމެއް. އެ ކަމަށް އުރީދޫން ވަރަށް ބޮޑު އެއްބާރުލުމެއް ދޭނަން،" ނިޔާޒު ވިދާޅުވި އެވެ.

ޓްރައިތްލޯންގެ މައުލޫމާތު ދެއްވަމުން މީޑިޔާ ހައުސްގެ ކޯޕަރޭޓް ޑިރެކްޓަރު ޑރ. ހުސެއިން ހަލީމް (ކުޑަހުސެއިން) ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ބާއްވާ ކުޅިވަރުގެ މި އިވެންޓް ރާއްޖޭގައި ބާއްވަނީ ގިނަ ބަޔަކު ބައިވެރިވެވޭ ގޮތަށް ކަމަށެވެ.

"މިއީ އާއްމު މީހަކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބައިވެރިވާ އެންމެ މަޝްހޫރު އިވެންޓް. މީގެ އެކިއެކި ޑިސްޓެންސް ހުރޭ. އެންމެ ފުރަތަމަ ފަހަރަށް 20 އަހަރު ތެރޭގައި ރާއްޖޭގައި ބާއްވާ ޓްރައިތްލޯން ކަމަށްވާތީ ފޯކަސްކުރީ ގިނަ މީހުން ބައިވެރިކުރުމަށް،" ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާޅުގަނޑު ސަރަހައްދު ނުވަތަ ވެސްޓްޕާކް ސަރަހައްދުގައި ބާއްވަން ނިންމާފައިވާ މި ހަރަކާތުގައި 400 މީޓަރު ދުވުމާއި މާލެ ވަށައި ބަސްކައިލް ދުއްވުން (10 ކިލޯ މީޓަރު) އަދި މާލެ ވަށާ އެއްބުރު ދުވުން އޮންނާނެ ކަމަށެވެ.

"މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިންމު ކަމެއް. މީގައި ދުވާނަމަ ވަކި ބޮޑީ ޕާޓްތަކެއް މި ހަރަކާތް ވަނީ. މީގައި ތިން ހަރަކާތް އޮންނާނީ އެކުއެކީގައި. މީގައި ކާމިޔާބު ލިބޭނީ ތިން ކުޅިވަރަށް ވެސް މޮޅު ބަޔަކަށް. މީގައި ވަކި ބާރަށް ދުވާ މީހަކު މޮޅު ނުވެދާނެ. އެހެންވެ މީގައި ގިނަ ބަޔަކަށް ބައިވެރި ވެވޭނެ،" ޑރ. ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހަރަކާތް ބާއްވާނީ ވަރުގަދަ ސެކިއުރިޓ ފިޔަވަޅުތަކާއެކުގައި ކަމަށެވެ.

"މި ހަރަކާތުގެ ސެކިއުރިޓީ ކަންތައް ފުލުހުންނާ ސިފައިން ބަލަހައްޓާނީ" ޑރ. ހުސެއިން ވިދާޅުވި އެވެ.