އުރީދޫ

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް އަނެއްކާވެސް މާޒިޔާ

Feb 2, 2022

އުރީދޫ މޯލްޑިވްސް އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ބްރޭންޑް އެމްބެސެޑަރުކަން ތިންވަނަ އަހަރަށް މިއަދު އާކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޓުބޯޅަ ކުރިއެރުވުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ހުނަރު ބިނާކުރުމާއި އަދި ފުޓުބޯޅައިގެ ފޯރި ދިރުވައި އާލާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މާޒިޔާ ސްޕޯޓްސް ފުޓްބޯލް އެކަޑަމީ 2015 ވަނަ އަހަރުން ފެށިގެން އުފައްދައިގެން އެ ކުލަބުން ގެންދަނީ ރާއްޖޭގެ އެކި ހިސާބުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކޮށް ބިނާކުރުމަށް ތަޖުރިބާކާރު ޓްރެއިނަރުން ބޭނުންކޮށްގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުތައް ވެސް ހިންގަމުންނެވެ. އުރީދޫގެ ބޮޑު ބައިވެރިވުމަކާ އެކު ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ދަށުން، ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވުމަށް އެދޭ ޒުވާނުންނަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް، މާޒިޔާ އާއި އުރީދޫ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މާޒިޔާއާ އެކު ގާއިމުކޮށްފައިވާ ޕާޓްނާޝިޕްގެ ތެރެއިން، ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ކާމިޔާބީއަށް މަގުފަހިވާނެ ގޮތަށް ކުރަމުންދާ މަސައްކަތްތައް އުރީދޫ އިން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ކުޅިވަރުގައި ބައިވެރިވުމަކީ އިތުބާރު ބޮޑުވެ، ދިރިއުޅުމުގައި ފޯކަސް އެއް ގާއިމް ކުރެވި، ކުރާ ކޮންމެ ކަމެއްގައި ވެސް ރަނގަޅު އަހުލާގީ މިންގަނޑުތަކެއް ހިފެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރެއް. ފެށުނީއްސުރެވެސް ފުޓްބޯޅައަކީ ދިވެހިންގެ އިތުރުން އުރީދޫއާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކުޅިވަރެއް،" ނިޔާޒު ވިދާޅުވި އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ޗެއާމަން އަހްމަދު ސާޖިދު ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން އަނެއްކާވެސް އެ ކްލަބުގެ މެއިން ސްޕޮންސަރެއް ގޮތުގައި ކުރިއަށް ދިއުމަށް ނިންމުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"މި ޕާޓްނާޝިޕާއި އެކު މުޖުތަމައުތަކަށް މަންފާކުރަނިވި މަސައްކަތްތަކެއް އުރީދޫ މޯލްޑިވްސްއާއި އެކު ކުރިއަަށް ގެންދިއުމަށް ވަނީ ރޭވިފަައި،" ސާޖިދު ވިދާޅުވި އެވެ.

މީގެ 26 އަހަރު ކުރިން 1996 ވަނަ އަހަރު އުފެއްދި މާޒިޔާ ކްލަބުން ވަނީ ފާއިތުވި އަހަރުތަކުގައި ފާހަގަކުރެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. މީގެތެރޭގައި ދިވެހި ޕްރިމިއާ ލީގު (2016), (2019-2020) އަދި (2020-2021)ގެ ސީޒަން ކާމިޔާބުކުރުން ހިމެނެ އެވެ. މީގެ އިތުރުން 2015 ވަނަ އަހަރު ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އިވެންޓް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދީ މާޒިޔާ އިންނެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް ޕްރޮފެޝަނަ ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމުގައި އުރީދޫ އިން ގެންދަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި 13 ވަނަ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކީ ވެސް އުރީދޫ މޯލްޑިވްސް އެވެ.