އުރީދޫ

އުރީދޫ އާއި ޕީއެސްޖީ އެކެޑަމީ ގުޅިގެން ފުޓުބޯޅަ ކޯޗިން ކްލިނިކެއް ބާއްވައިފި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ އާއި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޑިޑިއޭ ޑޯމީ ރާއްޖެއަށް ކުރި ޒިޔާރަތުގައި ޕީއެސްޖީ އެކަޑަމީން ރާއްޖޭގައި ހާއްސަ ކޯޗިން ކްލިނިކެއް ބާއްވައިފި އެވެ.

މި ހަރަކާތަކީ މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔައީ މާލޭގެ ސިންތެޓިކް ޓްރެކްގައެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މި ކޯޗިން ކްލިނިކްގެ މަގްސަދަކީ ފުޓްބޯޅައަށް ޝައުގުވެރިވާ ޒުވާން ކުޅުންތެރިންނަށާއި ކޯޗުންނަށް ޕީއެސްޖީ އެކަޑަމީގެ ތަޖުރިބާކާރު ކޯޗުންގެ ކިބައިން އުނގެނުމުގެ ހާއްސަ ފުރުސަތެއް ފަހިކޮށްދިނުން ކަމަށެވެ.

ޕީއެސްޖީ އެކަޑަމީގެ ކޯޗުން ކަމަށްވާ ސިރިލް ކްލޮސެކް އާއި އެޑުއާޑޯ ސަންޓޯސްގެ ތަޖުރިބާކާރު އިރުޝާދުގެ ދަށުން ފުޓްބޯޅައަށް ޝައުގުވެރިވާ 120 ޒުވާން ކުޅުންތެރިން ބައިވެރިވި މި އެކްސްކްލޫސިވް ކޯޗިން ކްލިނިކްގައި އެ ކްލަބުގެ އުކުޅުތައް ދަސްކުރުމުގެ ފުރުސަތު ދިނެވެ. ކުރީގެ ކުޅުންތެރިޔާ އަދި ގަތަރުގެ ޕީއެސްޖީ އެކަޑަމީގެ މިހާރުގެ ޓެކްނިކަލް އެޑްވައިޒަރު ޑިޑިއޭ ޑޯމީވެސް މި ކޯޗިން ކްލިނިކުގައި ބައިވެރިވި އެވެ.

މީގެ އިތުރުން ޒުވާން ކުޅުންތެރިންނަށް އުނގަންނައި ދެވޭނެ ފަދަ ތަމްރީނުތަކާއި ތަރައްގީގެ ހުނަރުތައް ދިވެހި ކޯޗުންނަށް ދަސްކޮށްދީ، ދިވެހި ހާއްސަ ޓްރެއިނިން ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކޯޗިން ކްލިނިކް ސެޝަންތަކުގައި ދިވެހި ކޯޗުންނަށް ވަނީ ޕީއެސްޖީގެ މެތަޑޮލޮޖީގެ ސަބަބުން ޒުވާން ކުޅުންތެރިންގެ ފުޓްބޯޅަ ޓްރެއިނިންތައް ސްޓްރަކްޗާ ކުރާނެ ގޮތްތައްވެސް ދަސްކޮށްދީފަަ އެވެ.

ޕީއެސްޖީ އެކަޑަމީ އަކީ އެ ކްލަބުގެ އަމިއްލަ އުސޫލުތަކެއް ބޭނުންކޮށްގެން ޒުވާން ހުނަރުވެރިން ތަރައްގީކުރާ ދުނިޔޭގެ ފެންވަރުގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ އެކަޑަމީ އެކެވެ. ހޯލިސްޓިކް ޑިވެލޮޕްމަންޓަށް ހާއްސަ ސަމާލުކަމެއް ދީގެން ޕީއެސްޖީ އެކަޑަމީން ވަނީ ފަންނީ ހުނަރާއި ޓެކްޓިކަލް އަންޑަސްޓޭންޑިން އަދި ޕާސަނަލް ކުރިއެރުމަށް ބާރު އަޅަ އެވެ.

ޕީއެސްޖީ އެކަޑަމީ ސެޝަންތަކަކީ ފުޓްބޯޅައިގެ ހުނަރު ތަރައްގީކޮށް، ޓީމްވޯކް ކުރިއަރުވައި، އަންނަން އޮތް ޖީލުގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި ޖޭ-ޖޭ އޮކޯޗާ އަމަލީ ގޮތުން ބައިވެރިވެ، އޭނާގެ އަގުހުރި ވިސްނުމާއި ތަޖުރިބާތައް ޒުވާން ކުޅުންތެރިންނާ ހިއްސާކުރި ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން ބުނެފައިވެ އެވެ.