އުރީދޫ

އުރީދޫގެ ދައުވަތަކަށް އޮކޯޗާ ރާއްޖެ އަންނަނީ

އުރީދޫ މޯލްޑިވްސްގެ ދައުވަތަކަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން، ފުޓްބޯޅަ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ ރާއްޖެ އައުމަށް ހަމަޖެހިއްޖެ އެވެ.

މި ދަތުރަކީ އުރީދޫގެ ޕްރީމިއަމް ޕާޓްނަރު ޕީއެސްޖީ އާއި އޮތް ޕާޓްނާޝިޕްގެ ސަބަބުން މަގުފަހިވެގެންދިޔަ ދަތުރެއް ކަމަށް އުރީދޫން ބުނެ އެވެ.

ހިތްގައިމު ހުނަރާއި އާދަޔާ ހިލާފު ޕްލޭމޭކިން ގާބިލުކަމަށް މަޝްހޫރު އޮކޯޗާ ރާއްޖެ އަންނާނީ މި އަހަރުގެ ޖުލައި އެއްވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށެވެ.

އޮކޯޗާގެ މި ދަތުރުގައި ކޮމިއުނިޓީ ހަރަކާތްތަކުގައި ބައިވެރިވެ ރާއްޖޭގެ ރީތިކަން އޭނާގެ ފޭންބޭސްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕީއެސްޖީގެ ފޮލޯވަރުންނަށް ދައްކާލާނެ އެވެ.

މި ދަތުރުގައި އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ގޮތުން އޮކޯޗާއާއެކު ފުޓްސަލް ކުޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އޮކޯޗާއާއެކު ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދުމަށް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސޯޝަލް މީޑިއާ ކޮންޓެސްޓުގައި ހޭޝްޓެގް PSGLegendinMV# ބޭނުންކޮށްގެން ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

މި ކޮންޓެސްޓުގައި ޖޫން 10އާ ހަމައަށް ބައިވެރިވެވޭއިރު މި ކޮންޓެސްޓުގައި ބައިވެރިވާ މީހުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަސް މީހަކަށް އޮކޯޗާ އާއެކު ފުޓްސަލް މެޗެއް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

އުރީދޫން ބުނި ގޮތުގައި ޕީއެސްޖީ އެކަޑަމީ ސެޝަންސްގެ ނަމުގައި ހާއްސަ ސެޝަންތަކެއް ރާއްޖޭގައި ކުރިއަށްދާނެ އެވެ.

އެ ގޮތުން ޒުވާން ފުޓުބޯޅަ ކުޅުންތެރިންނަށް އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ޕީއެސްޖީ އެކަޑަމީގެ ޓްރެއިނިން ދެ ސެޝަނެއް މާޅެ ސަރަހައްދުގައި ކުރިއަށްދާނެ ކަމަށާއި މި ސެޝަންތައް ކުރިއަށްދާނީ ޕީއެސްޖީ އެކަޑަމީގެ ދެ ކޯޗުންނާއެކު ކަމަށްވެސް އުރީދޫން ބުނެ އެވެ.

އުރީދޫން ވަނީ "ވިން އަ ޓްރިޕް ޓު ލާމު" ގެ ނަމުގައި ލަކީޑްރޯއެއް ކުރިއަށްގެންދަން ނިންމާފަ އެވެ.

މި ލަކީޑްރޯގައި ސުޕަނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއާފައިބަ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން ލަކީޑްރޯގެ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް މި ލަކީޑްރޯގެ އޮޓޮމެޓިކުން ބައިވެރި ވެވޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅޭ ކޮންމެ ކަސްޓަމަރަކަށްވެސް ލަކީޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެ އެވެ. އަދި ގުރުވަތުން ހޮވޭ ދެ ނަސީބުވެރިންނަށް އުރީދޫ ފަން ރަންގައި ބައިވެރިވެ، ޖޭ-ޖޭ އޮކޯޗާއާ ބައްދަލުކުރުމަށް ލާމު އަތޮޅަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އުރީދޫން ބުނެ އެވެ.

މީގެ އިތުރުން އުރީދޫ ފަން ރަން – ލާމު އެޑިޝަންގައި އޮކޯޗާ ބައިވެރިވާނެ ކަމަށްވެސް އުރީދޫން ބުނެ އެވެ. ފަން ރަންގައި ބައިވެރިވާން ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ.

މި ޕާޓްނަރޝިޕް ގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

އޮގަސްޓީން އަޒުކާ "ޖޭ-ޖޭ" އޮކޯޗާ އަކީ އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުނު ނައިޖީރިއާގެ ކުރީގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1993 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ނައިޖީރިއާގެ ގައުމީ ޓީމަށް 73 ކެޕް ކާމިޔާބުކޮށް، 14 ލަނޑު ކާމިޔާބުކޮށް، ފީފާ ވޯލްޑް ކަޕްގެ ތިން ސްކޮޑުގައި ހިމެނިފަ އެވެ. އޭނާ ފާހަގަކުރެވެނީ އެފްރިކާގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގަ އެވެ.