އުރީދޫ މޯލްޑިވްސް އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ބްރޭންޑް އެމްބެސެޑަރުކަން ފަސް ވަނަ އަހަރަށް އާކޮށްފި އެވެ.
މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސް އާއި މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބް ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ހުނަރު ބިނާކުރުމަށް އަދި ފުޓުބޯޅައިގެ ފޯރި ދިރުވާ އާލާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފަ އެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އުފެދުނީ 1996 ވަނަ އަހަރު އެވެ.
ކްލަބު އުފެދުނު ފަހުން ފާއިތުވި އަހަރުތަކުގައި ފާހަގަކުރެވޭ ގިނަގުނަ ކާމިޔާބީތަކެއް ވަނީ ހޯދާފަ އެވެ.
އޭގެ ތެރޭގައި ދިވެހި ޕްރިމިއާ ލީގު 2016، 2019، 2020 ގެ އިތުރުން 2020 އަދި 2021 ގެ ސީޒަން ކާމިޔާބުކުރުން ހިމެނެ އެވެ.
މީގެ އިތުރުން 2015 ވަނަ އަހަރު ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އިވެންޓް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް އެ ކްލަބުން ވަނީ ހޯދާފަ އެވެ. 2015 ވަނަ އަހަރު އެ ކްލަބުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކޮށް ބިނާކުރުމަށް ތަޖުރިބާކާރު ޓްރެއިނަރުން ހިމެނޭ ގޮތަށް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކަމަށްވާ މާޒިޔާ ސްޕޯޓްސް ފުޓްބޯލް އެކަޑަމީ އިފްތިތާހުކޮށްފަ އެވެ.
އުރީދޫ އާއި އެކު ކުރިއަށްގެންދާ މި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ޕްރޮފެޝަނަލް ކުޅުންތެރިންނަށްވުމަށް އެދޭ ޒުވާނުންނަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ފުޓްބޯލް އެކަޑަމީ ގުޅިގެން މަސައްކަތް ކުރާނެ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ޒުވާނުންގެ އެންގޭޖްމަންޓް ޕްރޮގްރާމްތަކުގެ ހުނަރު ބިނާކުރުމަށް މަގުފަހިކޮށް ދިނުމުގައި އުރީދޫ ވަނީ ގިނަ ކަންތައްތަކެއް ކޮށްފަ އެވެ.
އެ ގޮތުން ރާއްޖޭގައި ބޭއްވުނު ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ފަހުރުވެރި ޓައިޓަލް ސްޕޮންސަރަކީވެސް އުރީދޫ މޯލްޑިވްސް އެވެ.
ޓައިޓަލް ސްޕޮންސާގެ ހައިސިއްޔަތުން އުރީދޫއިން ވަނީ 2021 ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ މި އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ އިތުރަށް ފޯރިގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ.