އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަކަށް މާޒިޔާ ސްޕޯޓްސް ހަމަޖައްސައިފި އެވެ.
ހޮޓެލް ޖެންގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އުރީދޫގެ ބްރޭންޑް އެމްބެސެޑަރަށް މާޒިޔާ ސްޕޯޓްސް ހަމަޖެއްސުމަށްފަހު، އެ ކުންފުންޏަށް ޖާޒީ ހަވާލުކޮށް ދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން އެވެ. މާޒިޔާގެ އިތުރުން އުރީދޫއާއެކު މިހާރު ވެސް މަސައްކަތް ކުރަމުން ގެންދާ ހަބޭސް ބޮޑުބެރު ގްރޫޕާއި މަޝްހޫރު ދުވުންތެރިޔާ އަހުމަދު އާތިފު ވެސް ވަނީ ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި ހަމަޖައްސާފަ އެވެ.
އުރީދޫން ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި އަލަށް މާޒިޔާ ސްޕޯޓްސް ހަމަޖެއްސުމާއެކު، އެ ކްލަބުގެ މައި ސްޕޮންސަރަކަށް އުރީދޫ ހަމަޖެހިގެން ވަނީ ގޮސްފަ އެވެ.
މާޒިޔާ ސްޕޯޓްސް އިން ވަނީ މި އަހަރު ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި މާޒިޔާ އިން ލީގް ކަށަވަރު ކުރުމުން އެ ޓީމު ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ރާއްޖޭގެ ޓީމަށް ލިބޭ ޖާގަ ކަށަވަރު ކޮށްފަ އެވެ. މިއީ މާޒިޔާ އިން ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ.