އުރީދޫ

ބިދޭސީ މަސައްކަތްތެރިންނަށް ކްރިކެޓް ކާނިވަލެއް ބާއްވައިފި

އޫރީދޫއާ ގުޅިގެން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އިން ބޭއްވި ދެވަނަ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް ނިންމާލައިފި އެވެ.

މި އަހަރުގެ ކްރިކެޓް ކާނިވަލްގައި ހެލްތު ކޭމްޕަކާއި ގާނޫނުތަކަށް އަހުލުވެރިކުރުވުމުގެ ހަރަކާތްތަކެއްވެސް ހިމަނާފައިވެ އެވެ.

އެއް ދުވަހުގެ މި ކާނިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ހައި ކޮމިޝަނާ މުނޫ މަހާވަރު، ސްރީލަންކާ ހައިކޮމިޝަނާ އޭއެމްޖޭ ސޯދިގު، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އަދި އުރީދޫ މޯލްޑިވްސްގެ ޑިރެކް އޮޓާފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން ސަޗިން ސަރްނާ ބައިވެރިވެވަޑައިގަތެވެ.

ވިހި ޓީމު ބައިވެރިވި ކްރިކެޓް ކާނިވަލް ކާމިޔާބުކުރީ ފްރެންޑްސް ކްލަބް ބަންގްލަދޭޝް އެވެ. ފައިނަލްގައި އެ ޓީމު ބައްދަލުކުރީ ޔުނިޓީ ކްރިކެޓް ކްލަބާ ދެކޮޅަށެވެ.

އެކުވެނި ކްރިކެޓް ދަނޑުގައި ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ލަންކާ، ޕާކިސްތާން، ބަންލަދޭޝް އަދި އޫރީދޫގެ އިސްވެރިންނާއި ޕާޓްނާ އޯގަނައިޒޭޝަންތަކުގެ މަންދޫބުންނެވެ.

މި އަހަރުގެ ކްރިކެޓް ކާނިވަލް ވެސް ކުރިއަށް ގެންދިއުމުގައި މި އިވެންޓުގެ މައި ޕާޓްނަރު އުރީދޫ މޯލްޑިވްސް އިން ދިން ބޮޑު އެއްބާރުލުމަށް އެމްއެމްޑަބްލިއުއެމް އިން ޝުކުރު އަދާކޮށްފައިވެ އެވެ. މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނަށް ކްރިކެޓް ކާނިވަލެއް ކުރިއަށް ގެންދިއުމުގައި، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ލިބުނު އެހީތެރިކަންވެސް ފާހަގަކޮށްފައިވެ އެވެ.

ކުރީ އަހަރުގެ ކްރިކެޓް ކާނިވަލާ އެއްގޮތަށް އެމްއެމްޑަބްލިއުއެމް އިން ޑަބްލިއުއެޗްއޯ މޯލްޑިވްސް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން، މެޑިކޯސް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ލައިފް ސަޕޯޓާ ގުޅިގެން ހެލްތު ކޭމްޕެއް މެދުވެރިކޮށް ހިލޭ މެޑިކަލް ސްކްރީނިން ކުރިއަށް ގެންދިޔަ އެވެ. އަދި މިކާނިވަލް ކުރިއަށް ދިޔަ ވަގުތު ބިދޭސީން ގާނޫނުތަކަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ހަރަކާތް ކުރިއަށް ގެންދިޔައީ ޓްރާންސްޕޭރެންސީ މޯލްޑިވްސް، ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު، އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ގުޅިގެންނެވެ.

މީގެ އިތުރުން އެމްއެމްޑަބްލިއުއެމް އިން ވަނީ އަހަރަކު އެއްފަހަރު ބާއްވާ މި އިވެންޓް ބައިވެރިންނަށް ހާއްސަކޮށްދިނުމުގައި އޭސް ޓްރެވަލްސް މޯލްޑިވްސް އިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށްފަ އެވެ. އަދި ބުއިންތަކާއި ފަސްޓް އެއިޑް އެސިސްޓެންސް އަދި މީޑިއާ އެންޑް ފޮޓޯގްރަފީގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހެޕީ މާކެޓް، މޯލްޑިވިއަން ރެޑް ކްރެސެންޓް އިން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އެމްއެމްޑަބްލިއުއެމް އިން ވަނީ އެ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބާއްވާ ކާނިވަލެކެވެ.

މުޖުތަމައުގައި ބިދޭސި މަސައްކަތްތެރިންގެ ބައިވެރިވުން އިތުރުކުރުމަށް މިފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތައް ވީހާވެސް ގިނައިން އިންތިޒާމު ކުރަމުން ގެންދިއުމަށް އުއްމީދުކުރާ ކަމުގައިވެސް އެމްއެމްޑަބްލިއުއެމް އިން ބުންޏެވެ.