ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކޮށް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި ހިތްވަރު ދިނުން މަނާކުރާ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ބަލައިގަންނަން ފެންނަ ކަމަށް 53 މެންބަރުން ވޯޓް ދެއްވި އެވެ. ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓް ދެއްވީ 13 މެންބަރުންނެވެ.
ރިޔާޒް ހުށަހެޅުއްވި މި ބިލަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާނީ ޓޫރިޒަމް ކަމަށްވާއިރު ޓޫރިޒަމް ބޮއިކޮޓް ކުރުމުގެ ސަބަބުން އެ ސިނާއަތަށް ލޮޅުން އަރައި އޭގެ ނޭދެވޭ އަސަރު ފޯރާނެތީ އެކަންކަން ހުއްޓުވަން ހުށަހެޅުއްވި ބިލެކެވެ.
ބިލުގައިވާ ގޮތުން ރާއްޖެ އާއި ބޭރުގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށާއި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވައިލުން ނުވަތަ ހިތްވަރު ދިނުން ނުވަތަ އެފަދަ ކަމެއް ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި އެފަދަ ކަމަކަށް ތާއީދުކޮށް އެންޑޯޒް ކުރުމަކީ ވެސް އެކަމުގައި ބައިވެރިވުން ކަމަށް ބަލާފައިވާއިރު ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތް ކުރުމާ މެދު، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި، ފަތުރުވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ފަދަ ވާހަކަ ދެއްކުމާއި އެފަދަ ކަމެއް ކުރުމަކީ ވެސް ފަތުރުވެރިކަން ބޮއިކޮޓް ކުރުމުގައި ބައިވެރިވުން ކަމަށް ބިލްގައި ބަޔާންކޮށްފައިވެއެވެ.