ކުޅިވަރު

ރާއްޖެއަށް ލިބުނު ޝަރަފާއި ޝާޒްގެ އުންމީދު

ރާއްޖޭގެ ފުރަތަމަ ޕްރޯ ލައިސެންސް ކޯޗެވެ. ބީ ލައިސެންސަށް ކިޔަވައި ދިނުމުގެ ހުއްދަ ލިބުނު ރާއްޖޭގެ ފުރަތަމަ އިންސްޓްރަކުޓަރެވެ. ހާސިލު ކުރި ދެ ޓާގެޓާއެކު ޝާޒްލީ މުހައްމަދު (ޝާޒް) ގެ ބޮޑު އުންމީދެއް އެބައޮތެވެ. އެއީ އަންނަ އަހަރު އޭ ލައިސެންސަށް ކިޔަވައި ދިނުމުގެ ހުއްދަ ހޯދުމެވެ.

އެފްއޭއެމްގެ ކޯޗިން އެޑިއުކޭޝަން ޑިޕާޓްމެންޓުން ކުރި މަސައްކަތުން ބީ ލައިސެންސް ރާއްޖޭގެ އެފްއޭއިން ކުރިއަށް ގެންދިއުމުގެ ހުއްދަ އޭއެފްސީން ރާއްޖެއަށް ދިނީ އެވެ. މާނައަކީ ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ތައްގަނޑު ޖެހި ބީ ލައިސެންސް ކޯޗިން ސެޓްފިކެޓް ދުނިޔޭގެ ފުޓްބޯޅައިގެ ކޮންމެ އިދާރާއަކުންވެސް މިހާރު ގަބޫލު ކުރާނެ އެވެ. ގައުމެއްގެ ހައިސިއްޔަތުން ލިބުނު ވަކި ކުޑަ ޝަރަފެއް ނޫނެވެ.

ޝާޒްގެ އިތުރުން، ބީ ލައިސެންސް އިންސްޓްރަކުޓަރު ހުއްދަ ލިބުނީ، ޓެކްނިކަލް ޑައިރެކްޓާ އަހްމަދު ޝަރީފް (ޑުންގާ) އަށެވެ. އެ އުންމީދުތައް ގޮސް ދެން ގުޅެނީ އަންނަ އަހަރަށް އޮތް ޕްލޭނަކަށެވެ. އޭއެފްސީ އޭ ލައިސެންސަށް ކިޔަވައި ދިނުމުގެ ހުއްދަ އަންނަ އަހަރު ޝާޒްއަށް ލިބޭނެކަމަށް އޭނާ އުންމީދު ކުރެ އެވެ.

އޭއެފްސީ ބީ ލައިސެންސް ކޯސް ހިންގުމުގެ ހުއްދަ ރާއްޖެއަށް ލިބުމުން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއީ ކޯޗިން އެޑިއުކޭޝަންގައި ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އަންނަ އަހަރު އޭ ލައިސެންސަށް ކިޔަވައި ދިނުމުގެ ހުއްދަ ލިބޭނެ." މިދިޔަ އަހަރު އޭއެފްސީ ޕްރޯ ލައިސެންސް ކޯޗިން ސެޓްފިކެޓް ހާސިލު ކުރި ޝާޒް ބުންޏެވެ. ބީ ލައިސެންސް ހަދައިގެން، އޭ ލައިސެންސުން ފުރުސަތު ނުލިބި ތިބި ގިނަ އަދަދެއްގެ ޒުވާން ކޯޗުން އެބަތިއްބެވެ. އޭ ލައިސެންސް ކޯޗިން ކޯސް މިހާތަނަށް ރާއްޖޭގައި ހިންގީ ދެފަހަރު އެވެ. އެންމެ ފަހުގެ ކޯސް 2018 ވަނަ އަހަރު ބޭއްވީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

"އެ ލައިސެންސް ކޯޗިން އިންސްޓްރަކުޓާގެ ހުއްދަ ލިބުނީމަ އަމާޒެއް މިހާރު އޮތް ބީ ލެވަލްއިން ރާއްޖެވެސް އޭ އާ ހަމައަށް ގެންދިއުން،" މިދިޔަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބްރޯންޒް މެޑަލް ޒުވާން ގައުމީ ޓީމަށް ހޯދައިދިން ކޯޗް ޝާޒް ކިޔައި ދިނެވެ. "މާނަ އަކީ އެފްއޭއަށް އޭ ލައިސެންސްވެސް ބޭއްވުމުގެ ހުއްދަ ލިބިގެން ދާނެޔޭ."

އޭ ލައިސެންސަށް ކިޔަވައި ދިނުމުގެ ހުއްދަ ރާއްޖޭގެ އެފްއޭއަށް ލިބުމުގެ އުންމީދާއެކު، ކޯޗިން އެޑިއުކޭޝަންގައި ބޮޑު ޓާގެޓެއް ހާސިލު ކުރަން ބައްސާމްގެ އާ ދައުރުގައި ވަނީ އިއުލާން ކުރައްވާފަ އެވެ. ޖުލައި މަހު ބޭއްވި އެފްއޭއެމްގެ އިންތިހާބަށް ފަހު ބައްސާމް ވިދާޅުވީ މިފެށުނު ހަތަރު އަހަރުގެ ދައުރުގައި ޕްރޯ ލައިސެންސް އޮތް ދިވެހި ކޯޗުންގެ އަދަދު ފަހަކަށް އިތުރު ކުރުމަކީ ޓާގެޓެއް ކަމަށެވެ.

ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ވަނީ މިއަހަރު އޭއެފްސީ ޕްރޯ ލައިސެންސް ހާސިލު ކޮށްފަ އެވެ. ޝާޒް އާއި މޯހަން އާއެކު ޕްރޯ ލައިސެންސް ކޯޗުންގެ އަދަދު ދޭކަށް އިތުރު ވެފައިވާއިރު އެފްއޭއެމްގެ ޓާގެޓަށް ވާސިލުވުމަށް އިތުރު ތިން ކޯޗުންނަށް އޭއެފްސީ ޕްރޯ ލައިސެންސް ހާސިލު ކުރުމުގެ ފުރުސަތު ދޭން ޖެހެއެވެ. އެއީ ކޮންމެ އަހަރަކު ފުރުސަތެކެވެ.