ދުނިޔެ

ސޫދާނާއި އިދިކޮޅު ހަނގުރާމަވެރިން ސުލްހަވެއްޖެ

ސޫދާނުގެ ވަގުތީ ސަރުކާރާއި އިދިކޮޅު ހަނގުރާމަ ވެރިންނާނާއި ދެމެދު ސުލްހައިގެ ތާރީހީ އެއްބަސްވުމެއް ގާއިމްކޮށް މިއަދު އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ. މި އެއްބަސްވުމުގެ ސަބަބުން އެތައް އަހަރަކަށް ދިގު ދެމިގެން ގޮސްފައިވާ ދާހިލީ ހަނގުރާމަ ނިމުމަކަށް އަންނާނެ އެވެ. ސޫދާންގެ ދާހިލީ ހަނގުރާމައިގައި އެތައް ލައްކަ މީހުނެއް މަރުވެފައި ވެއެވެ.

"މިއަދު އަޅުގަނަޑުމެންނަށް ސުލްހައިގެ އެގްރީމެންޓަކާއި ހަމައަށް އާދެވިއްޖެ. އަޅުގަނޑުމެން މިކަމާ އުފާވޭ. އަޅުގަނޑުމެންގެ މަގްސަދު ހާސިލް ވެއްޖެ،" ދެކުނު ސޫދާންގެ މަޝްވަރާ ޓީމްގެ ވެރިޔާ ޓުޓް ގަޓްލުއަކް އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ކުރިން ވިދާޅުވި އެވެ.

މި ދެފަރާތުގެ ދެމެދުގައި އެއްބަަަަސްވުމަކަށް އާދެވުނީ ސުލްހައިގެ ވާހަކަތައް ފެށިތާ އެއް އަހަރު ފަހުންނެވެ.

ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރީ ދެކުނު ސޫދާންގަ އެވެ. ދެކުނުގެ ވެރިރަށް ޖޫބާ ގައި ބޭއްވި ރަސްމިއްޔާތަށް އަވައްޓެރި ގައުމު ތަކުގެ ލީޑަރުންނާއި މިނިސްޓަރުން ހާޒިރުވެ ވަޑައިގަތެވެ. އަދި ސައުދީ އަރަބިއްޔާ އާއި މިސްރާއި ގަތަރުގެ ވަފްދުތައް ވެސް ހިމެނެ އެވެ.

"މިއަދު އެގްރީމެންޓު ގައި ސޮއި ކުރެވުން މިއީ ސޫދާން އާއި ސައުތު ސޫދާން [ރައްޔިތުން] އަށް ވަރަަށް މުހިންމު ދުވަހެއް... މީގެ މާނަ އަކީ ސޫދާންގެ އެކި ކަންކޮޅުތަކާއި ސޫދާނުން ބޭރުގައި ދިރި އުޅޭ މީހުންގެ ދުވަސްވީ ކެކުޅުން ތަކަށް ނިމުމެއް އައުން،" ސޫދާން ލިބެރޭޝަން މޫވްމެންޓްގެ ލީޑަރު މިނީ އާކޯ މިނަވީ ވިދާޅުވި އެވެ.

ސޫދާންގައި ހިނގަމުންދާ ހަމަނުޖެހުން ތަކަށް ނިމުމެއް ގެނައުމަކީ މިދިއަ އަހަރު އުމަރު އަލް ބަޝީރުގެ ޒަމާންވީ ސަރުކާރު ވައްޓާލުމަށް ފަހު އުފެދުނު ވަގުތީ ސަރުކާރު އެންމެ އިސްކަން ދޭ އެއް ކަންތަކެވެ. މިފަހަރު ސޫދާނާއި ސުލްހައިގެ ވާހަކަ ތަކުގެ މެދުވެރިއަކަށްވީ ދެކުނު ސޫދާނެވެ. ދެކުނު ސޫދާން ވަނީ ސޫދާން އާއި ހަނގުރާމަ ކޮށް އެ ގައުމުގެ އަތްދަށުން 2011 ވަނަ އަހަރު މިނިވަން ވެފަ އެވެ