ވާހަކަ

ލޯބިން ބުނެލަން

(1 އޮކްޓޯބަރު 2020 އާ ގުޅޭ)

ކެންޒާ ގަދަ ހަދަހަދާ އޮއްވާ އެމީހުން އޭނާ ދޮރޯށިން ނެރެން ދޮރު ހުޅުވާލިއެވެ. އޭރު ދޮރުފަތް ކަހާލާފައި އޮތް ވޭން އޮތީ ދޮރޯށި ބުޑުގައެވެ. ގޭގެ އޮޅި ހުރަސްކޮށްލުމާއެކު ފިޔަވަޅު އެޅޭނީ ވޭންގެ ތެރެއަކަށް ޔަގީނެވެ. އެއްބަޔަކު ވޭނަށް އަރައި ފިރިހެނުންތައް ވެގެން ކެންޒާ އުފުލާލައިގެން ވޭންއަށް އެރުވީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ.

ބަނޑުވަތަށް ސީޓުމަތީ އޮތް ކެންޒާގެ އަނގަ ފުރިފައިވާއިރު އަވަސް ނޭވާތަކެއް ލަމުންދިޔައެވެ. ނަމަވެސް އަނގައި ތެރެއަށް ބޮނޑިކޮށްލެވިފައި އޮތް ފޮތިގަނޑުގެ ސަބަބުން ނޭވާލުމުގައި އުނދަގޫތަކެއް ކެންޒާއަށް ކުރިމަތިވިއެވެ. ހިތަށް ވެރިވަމުންދިޔަ ބިރުވެރިކަމާއި، މުޅި ނަފްސު ގުޑުވާލި ސިހުމުގެ ސަބަބުން ކަންތައްކުރަންވީ ގޮތެއް ޚުދު ކެންޒާއަކަށް ނޭނގުނެވެ.

އޭނާ ނުރޮނީސް ދެ ލޮލުން ފެން އަންނަން ފަށައިފިއެވެ. ހިންދިރުވާން މަސައްކަތް ކުރިޔަށް އަނގައިތެރޭ ކުޅި ގިނަވަމުންދިޔައެވެ. ވާހަކައެއް ދެއްކޭތޯ އޭނާ މަސައްކަތް ކުރާކަން ކެންޒާ ލައްވަމުންދިޔަ އަޑުތަކުން އެނގޭހާވެއެވެ. ކާކުކަމެއް، ކޮންދިމާލަކުން ކަމެއް ކެންޒާއަށް ނޭނގުނަސް، މީހަކު އޭނާގެ ދެ ލޯ ނިވާވާނޭހެން ފޮތިގަނޑެއް އެއްސެވެ. ދެން ދެމީހަކު ވެގެން ކެންޒާގެ ހިކަނދި މަސްގަނޑުގައި ހިފައި ނަގައި ސީޓުގައި ބައިންދައިފިއެވެ. އޭނާގެ ދެއަތް ކުރިމައްޗަށް ލައި ކުޑަހުޅާ ދިމާލުން އެއްސީ ދެނެވެ. ދުއްވަމުންދިޔަ ވޭނުގެ ތެރޭ ކެންޒާއާއެކު ތިބީ ކިތައް ފިރިހެނުންކަމެއް ބުނަން އޭނާއަކަށް ނޭނގެއެވެ.

"ފޯނު... ލައިތު... ލައިތު... ޕްލީޒް..."

ކެންޒާއަށް ރަނގަޅަށް ވިސްނައިނުގަނެވުނު ނަމަވެސް އޭނާއަށް ހިތުގެ އަޑިން ތަކުރާރުކޮށް ލައިތަށް ގޮވުނެވެ. ހަޔާތުގައި މިހާ ބިރުވެރިކަމެއް އޭނާއަށް ދިމައެއްނުވެއެވެ. މާލެ ކަހަލަ ކުޑަކުޑަ ޤައުމެއްގައި މިފަދަ ގޮތަކަށް ނަގައިގަނެގެން ގެންދެވިދާނެއެކޭ ވެސް ކެންޒާ ހިތަށް ނާރައެވެ. މާލޭގައި ގެތައް ހުންނަނީ ޖެހިޖެހިގެން އިމާރާތްކުރެވިފައެވެ. އެއްގޭގައި ބާރަށް ކެއްސާލިޔަސް ގިނަފަހަރަށް އަނެއް ގެއަށް އަޑުއިވޭނެ ހެންނެވެ. ބަޔަކަށް ނޭނގި އެގޮތަށް ނަގައިގަނެގެން ގެންދެވޭނީ ބަޔަކު ވަރަށް ތައްޔާރުވެގެން، ދުރާލައި ރާވައިގެންކަން ޔަގީނެވެ.

"ބޮސް ބުނީ ކީކޭ..." ވޭންގައި ތިބި މީހުންގެ ތެރެއިން އެކަކު ކެންޒާއާ މާގާތްވެލިތަން ފެނުމާއެކު މީހަކު ބުނި އަޑު ކެންޒާއަށް އިވުނެވެ. އެއީ ކީއްވެ ބުނި އެއްޗެއް ކަމެއް ދެނެގަންނާކަށް ކެންޒާއަކަށް ނޭނގެއެވެ. ދެއަތް އައްސާފައި އޮތަސް އޭނާ އަތް މައްޗަށް ހިއްލާލީ ލޮލުގައިވި ފޮތުގަނޑު ނައްޓުވާލުމަށެވެ. އެ ހާލަތުގައި ކެންޒާގެ ލޮލަށް ނުފެނުމަކީ މޭޖެހުން އިތުރުވި ކަމެވެ. ނަމަވެސް އޭނާ ހުއްޓުވީ ކުރިން ވެސް އިވުނު އަޑުންނެވެ.

"މަޑުން އިނިއްޔާ އަނިޔާއެއްނުވާނެ." ސާދާ އެހެންނަމަވެސް ބަރު ހަރުކަށި އަޑެކެވެ. އުފުލާލި ވަރަށްވުރި އަވަހަށް ކެންޒާ ދެއަތް ދެއަތް ތިރިކޮށްލިއެވެ. ދެއަތް ޖޯޑުކޮށް ބާރުކޮށްލިއިރު، އެ ހަރަކާތަކީ އޭނާގެ އަމިއްލަ ނަފްސަށް ހޯދި ހިތްވަރު ފަދައެވެ.

ދުއްވަމުން އައި ވޭން ހުއްޓުމަކަށް އައިވަގުތު ކުރިއަށް އެއްލިގެން ދާގޮތް ކެންޒާވިއެވެ. އެހިނދު ކުރަކި ހަރު އަތަކުން އޭނާގެ އުޅަންބޮށްޓާ ހިސާބުގައި މީހަކު ހިފެހެއްޓިއެވެ. އެއްފަހަރާ އެތައްބަޔަކު ވާހަކަދައްކަން ފެށިއެވެ. ކޮންމެ މީހެއްގެ އަޑަށް ސަމާލުކަން ދިނުމަށްވުރެ ކެންޒާއަށް ވިސްނެމުންދިޔައީ އެމީހުން އޭނާ ގެނައި ތަނަކާ މެދުއެވެ. ވޭން ހުއްޓި ދޮރުފަތް ދަމާލި އަޑު ވެސް އޭނާއަށް އިވުނެވެ. މީހުން ގިނަވެ އުދާސްކަން އިޙްސާސްވަމުންދިޔަ ކެންޒާގެ މޫނުގައި ލުއި ވައިރޯޅިއެއް ބީހިލީ ދެނެވެ. އޭނާގެ އުޅަންބޮޑި ކޮޅުގައި ހިފާ ތަޅުވާލުމާއެކު އިވިގެން ދިޔައީ ކުރިން އިވުނު ހަރުކަށި އަޑެވެ. ވޭނުން ފައިބަން އޭނާ އިރުޝާދު ދިނެވެ. ބިންމަތީގައި ފުރަމަތަ ޖެހުނީ ކަނާތު ފައެވެ. ހަމަ އެހިނދު ކޮންމެވެސް މީހަކު އޭނާގެ ބޮލުގައި ދިގު ފޮތިގަނޑެއް އަޅުވައިފިއެވެ. އެ ފޮތިގަނޑު އޭނާގެ ފައިގެ ކުޑަކަޅުވާޔާ ހިސާބުގައި ހޭކޭ ކަމުގެ އިޙްސާސް ކެންޒާއަށް ވޭވޭ ހުއްޓެވެ. ބިމުގައި ދެފައި ޖެހުމާއެކު ހީވީ ކިހިލިފަތް ދޮށަށް ދެ މީހަކު އަތް ލައްވާލުމާއެކު ކެންޒާ އުފުލާލީ ހެންނެވެ. ނުހަނު އަވަހަށް ދިމާއަކަށް ކެންޒާ ގޮވައިގެން ދެމިގަނެއްޖެއެވެ.

އެލެވޭޓާއަކަށް އެރި، އެއިން ނުކުމެވުނުކަން ކެންޒާ ދެނެހުއްޓެވެ. އެހެންވެ ހުރެވުނީ އިމާރާތެއްގެ ތެރޭގައިކަން ކެންޒާ ލަފާކުރިއެވެ. ކައިރީގައި އުޅެނީ އެންމެ މީހެއްނޫންކަން ވެސް އެނގެއެވެ. ދޮރެއް ހުޅުވުމަށް ތަޅެއްގައި ހިފާލި ކަހަލަ އަޑެއް ކެންޒާއަށް އިވުނީ ދަސްވަރަކަށް ފިޔަވަޅު އެޅުނު ފަހުންނެވެ.

ދެ މީހަކު އިސްކޮށް ހުރެ ކެންޒާ ގެނެސް ގޮނޑިއެއްގައި ބޭންދިއެވެ. ކުރިމައްޗަށް އައްސާފައި އޮތް ދެއަތުން ވާގަނޑު ނައްޓާލައި ފަހަތަށް ގެންގޮސް އަލުން އެއްސީއެވެ. މިފަހަރު ކެންޒާގެ ދެފައި ވެސް އެއްސިއެވެ. ގިނައިރެއްނުވެ މީހުންތަކުގެ އަޑު މަޑުވަމުން ގޮސް ހިމޭންކަން ވެރިވެއްޖެއެވެ. އެހެންނަމަވެސް ކެންޒާއަށް ބުނެދޭން ނޭނގޭ އިޙްސާސެއް ކުރެވެންފެށިއެވެ. ދުރުގައި މީހަކު ބަލަން ހުރިފަދަ އިޙްސާސެކެވެ. ވަރަށް ވިސްނައިގެން އިންނަމަވެސް، ދޮރެއް ލެއްޕުނު އަޑާއެކު ކެންޒާ ސިހުނީ ބޭއިޚްތިޔާރުގައެވެ. ކައިރިއަށް މީހަކު އަންނަހެން ހީވާން ފެށީ ދަންނަ ވަހެއް ނޭފަތާ ކައިރިވަމުން އަންނާތީއެވެ. ބޮޑުއަތްތިލައެއް ކެންޒާގެ ކޯތާފަތުގައި ޖައްސާލިކަމުގެ އިޙްސާސް ކުރެވުނެވެ. ދިގު އިނގިލިތަކެއްކަން ޔަގީނެވެ. އަތްތިލައިގެ މަޑުކަން ދެނެގަންނަ އެނގުނެވެ. ލޮލަށް ސީދާ ނުފެނުނަސް އެހެން ޙިއްޞުތައް އޭނާއަށް އެ އަތްތިލަ އެންމެ ފުރިހަމައަށް ސިފަކޮށްދީފިއެވެ. ކޯތާފަތުން ބީހެމުން އައި އަތްތިލައިގެ އިނގިލިތަކުން ކެންޒާގެ ތުންފަތުގައި ފިރުމާލިއެވެ. ދެން އަނގައިގެ ތެރެއަށް ގަންނަވާފައި އޮތް ފޮތިގަނޑު އެ އަތުން ނެގީ ނުހަނު އޯގާތެރިކަމާއެކު އެވެ. ހިކި ކެއްސުމަކާއެކު ހަށިފުރާ ދެތިން ނޭވާ ކެންޒާލިއެވެ.

"މިފްރާހު..." ނޭފަތުގައި ޖެހުނު ވަހަށް ބަރޯސާވަމުން ކެންޒާއަށް ބުނެވުނެވެ.

"ލޮލަށް ނުފެންނަ އިރު ވެސް، އެ މީހެއްގެ ނަން ކިޔާނީ، ޔަގީނުން ވެސް ހިތުގައި އެމީހަކަށް ޚާއްޞަކަމެއް ދެވިފައިވީމަ." ކެންޒާގެ މޫނާއި މޫނު ޖެހޭހާ ގާތްކޮށްލުމާއެކު މިފްރާހު ބުނެލީ ވައި އަޑުންނެވެ. އެ އަޑު އިވުމާއެކު އިތުރަށް އެއީ މިފްރާހުކަން ކެންޒާއަށް ޔަގީންވެއްޖެއެވެ.

"ކީއްކުރަން ތިއުޅެނީ؟" ކެންޒާގެ ކަރުދޮށުން މިފްރާހު ވަސްގަނެ ބޮސްދިނުމުން، ދެކޮނޑު ތަޅުވައިގަނެ ދުރަށް ދާން ބޭނުންވިހެން ހަރަކާތްކުރަންފެށިއެވެ. ނަމަވެސް އޭނާގެ ދެ ކޮނޑުގައި މިފްރާހު ހިފަހައްޓާލުމާއެކު ގޮނޑިން ވެއްޓިދާނެއޭ ބުނެލީ މަޑުމައިތިރިކަމާއެކުއެވެ. ތެޅިފޮޅުން ކެންޒާ ހުއްޓާލީ މިފްރާހު ދުރަށް ޖެހިއްޖެކަން ޔަގީންވީމައެވެ.

ދުރަށް ދިޔަތަމާ ގިނައިރެއްނުވެ ކެންޒާގެ ތުންފަތުގައި ތަށްޓެއް ޖައްސައި ބޯލުމަށް މިފްރާހު އެދުނެވެ. ދުރަށް މޫނު އަނބުރާލަމުން ނުބޯނަމޭ ކެންޒާ ބުނީ ނިކަން އަވަހަށެވެ. ކަނުބަނދެފައިވާ ފޮތިގަނޑުގެ އެއްކޮޅުން މިފްރާހު ހިއްލާލުމާއެކު ކެންޒާއަށް ވައަތު ލޯ ހުޅުވާލެވުނެވެ. ހިންދިރުވާލެވުނު އިރު ކެންޒާގެ މޫނުން އިންތިހާ ދަރަޖައިގެ ޖެހިލުންވުން ފާޅުވާން ފެށީ ދެނެވެ. މިފްރާހުގެ ދެ ލޮލުގައިވި ރަތްކަން ފާހަގަވިއެވެ. ލައިގެން ހުރި ޖިންސު ފިޔަވައި އެ ހަށިގަނޑު ވަނީ ހާމަކޮށްލެވިފައެވެ. އިސްތަށުގަނޑުގައި ތަކުރާރުކޮށް އަތްތިލަ ހިންގުމުގެ ސަބަބުން، ޢާއްމުކޮށް ހުންނަ ތަރުތީބު ގެއްލި ހޭވިފައި ވެއެވެ. ކެންޒާއަށް ދެން ބަލާލެވުނީ މިފްރާހުގެ އަތުގައި އޮތް ބިއްލޫރި ތަށްޓެވެ. މަދުން ހުރި ނަމަވެސް، ހީވަނީ ފެންފޮދެއް ހެންނެވެ. ކުލައެއްނެތީމައެވެ. ގަދަވަހެއް ވެސް ނުދުވައެވެ. ނޫނީ ކެންޒާގެ ނޭފަތް ވެދޭގޮތްވެފައި ހުރުމުން ވަހެއް ނުދުވީކަމެއް ޚުދު އޭނާއަށް ވެސް ބުނަން ދަތިވިއެވެ. ދެވަނަ ފަހަރަށް މިފްރާހު ތަށި ގެނެސް ކެންޒާގެ ތުނބުގައި ޖައްސައިފިއެވެ. އެއްފަހަރުން ބޯލުމަށް ބުންޏެވެ. އަރުތެރެ ހިކިފައި ހުރުމުން ފެންފޮދަކަށް ކެންޒާ އިނީ ބޭނުންވެފައެވެ. ތަށީގައި ގިނައެއްކޮށް ނެތުމުން އެއްކޯވަރުން ބޯލެވޭނެކަމުގެ ޔަގީންކަން އޮތެވެ. ދެކޮޅު ނުހަދާ ކެންޒާ ތަށީގައި ތުންޖެހީ އެހެންވެއެވެ.

"އާ!... ކޯއްޗެއް އެއީ..." ބޮވުނީ ފެން ނޫންކަން އެނގުމާއެކު ކެންޒާއަށް ބުނެވުނެވެ. އެއްބައި އަރުތެރެއިން އެތެރެވީއިރު އަނެއްބައި އޭނާ އުކާލީއެވެ. އަރުތެރެއަށް ހޫނުކަމެއް ވެރިވި ކަހަލައެވެ. ޒާތެއްގެ ހުތްކަމެއް ހުރިއިރު އެއީ އެއްގޮތަކަށް ވެސް ކެންޒާ ގަޔާވީ ރަހައެއްނޫނެވެ. މިފްރާހު އަނގައިން ނުބުނެ ކެންޒާއަށް ބަލަން އިނީއެވެ. ދެން އޭނާ ތެދުވެގެން ގޮސް އެނދުއަރިމަތީ ހުރި ފުޅިއަކުން ތަށްޓަށް ކުރިން އެޅި ވަރަށް އެ ފުޅީގައި ހުރި އެއްޗެއް އަޅައިފިއެވެ. އަދި މޭޒުމަތީގައި އޮތް ހިމަ ސިރިންޖެއް ހިފައިގެން އައެވެ.

"މި އިންޖެކްޝަންތަ ނޫނީ މިތަށިން ބޯނީތަ؟." މިފްރާހު ބުނެލިއެވެ. ކެންޒާގެ ފެންނަން ހުރި ވާތު ލޯ ބޮޑުވެގެންދިޔައެވެ. އެ އިންޖެކްޝަނުގައި ހުރީ ކޮންއެއްޗެއް ކަމާމެދު އޭނާއަށް ވިސްނާލެވުނެވެ.

"ކީއްވެ؟... މަންމަ އަހަރެން ހޯދާނެ... ޕްލީޒް، އަހަރެން ދޫކޮށްލާ..."

"އަހަރެން ބުނިން ކުރިން ވެސް ކެންޒާއަށް އޮތީ ދެ ގޮތޭ، މަންމަ ކައިރީ އަހަރެންގެ ވާހަކަދެއްކީ މޮޅުތަކެއް ވާނޭ ކަމައްތަ؟، ކެންޒާ އަހަންނާ އިންނަން ތައްޔާރުވޭ، އެހެންނޫނީ ދެން އެއްވެސް ކަމެއް ރަނގަޅަށް ނުވާނެ." މިފްރާހުގެ އަޑުގައި އެއްވެސް އަސަރެއްނެތް ފަދައެވެ.

"އަހަރެން ދޫކޮށްލާ... ތިކަމާ އަހަރެން ވިސްނާނަން، ޕްރޮމިސް..." ކެންޒާ ބޭނުންވީ މިފްރާހު ރުއްސާށެވެ. ސަލާމަތްވެވިދާނޭ ކަމުގެ އުންމީދުގައެވެ. ކެންޒާގެ އަޑު މިފްރާހަށް އިވުނުހެން ހިޔެއްނުވެއެވެ. އޭނާ ދިއްކޮށްލީ އަތުގައި އޮތް ތަށްޓެވެ. އެއީ ކޮންއެއްޗެއްތޯ ކެންޒާ ސުވާލު ކުރިއެވެ. އެ ސުވާލުގެ ޖަވާބު އެނގުން މުހިންމު ނޫންކަމުގައި މިފްރާހު ބުންޏެވެ. ތިންވަނަ ފަހަރަށް ބުނަން ވެއްޖެނަމަ އިންޖެކްޝަން ޖަހާނޭކަމުގެ އިންޒާރު މިފްރާހު ދިނެވެ. އޭރުން ކެންޒާއަށް ދެކޮޅެއް ނުހެދޭނެއޭ މިފްރާހު ބުންޏެވެ. އެއިން އެއްވެސް އެއްޗެއް ކެންޒާ ބޭނުމެއްނޫނެވެ. އެކަމަކު އެއީ އޭނާއަށް އޮތް އިޚްތިޔާރެއްނޫނެވެ. އެހެންވެ އިންޖެކްޝަނަކަށްވުރެ މިފްރާހުގެ އަތުގައި ތަށްޓާ ދިމާއަށް ބޯ ގެންދެވުނެވެ. ދެ ލޯ މަރާ ތަގުޅިކޮށްލުމާއެކު ކެންޒާ އޭގައި ހުރި އެއްޗެއް ބޮއެފިއެވެ. ދެން ދަތްތައް ޖައްސާ ބާރުކޮށްލެވުމާއެކު އަޑެއް ލައްވާލެވުނީ އެ ބުއިމުގެ ސަބަބުންނެވެ. އަނގައިން އެ ރަހަ ކެނޑިގެންދާން ކެންޒާއަށް އެދެވުނެވެ.

ގިނަ ވާހަކަތަކެއް މިފްރާހު ނުދެއްކިއެވެ. އޭނާ ގަޑި ބަލައިގެން ކެންޒާއަށް ތަށީގައި ގެންނަ ބުއިން ބޯންދެމުންދިޔައެވެ. ތިންވަން ތަށި ބޯލުމާއެކު ކެންޒާއަށް ބޮލުގެ ނާށިގަނޑުތެރޭ ސިކުނޑި ބޮޑުވެ، އޭގެ ބަރުކަން އިޙްސާސްވާން ފެށިއެވެ. ބިރުގަނެ ހާސްވެ ޖެހިލުންވުމުގެ ޖަޒުބާތުތައް އޮބެން ފެށީ ކިހިނެއްކަމެއް ބުނެދޭކަށް ކެންޒާއަކަށް ނޭނގެއެވެ. އެ ހުރިހައި ކަމެއްގެ ބުރަ ސިކުނޑި އުފުލީބާއޭ ކެންޒާ ހިތަށް އަރަމުންދިޔައެވެ. ސިކުނޑި ބަރުވެ، ކަނދުރާ އެލުވާލައި ދެ ލޯ މަރާލަން ކެންޒާ ބޭނުންވަނީ އެހެންވެއޭ އޭނާއަށް ހީވަނީއެވެ. ކޮޓަރީގެ ފާރުތައް އުސްވެ ބިޔަވާހެން ވެސް އޭނާއަށް ހީވެއެވެ.

"ކެން..." ދުރުން މީހަކު ގޮވާލިހެން ކެންޒާއަށް ހީވީ ނަމަވެސް، އޭނާއަށް ގޮވާލީ މިފްރާހެވެ.

"ލަ..އި..ތު..." ލޮލުން ފޭދިގަތް ކަރުނައިގެ ތެތްކަން ރޮނގެއްހެން ކެންޒާގެ ވައަތު ކޯތާފަތުން ފައިބައިގެން އައެވެ.

"ނޫން، އަހަރެން... މިފްރާހު..." މިފްރާހު ކުރިއަށް ޖެހި ގުދުވެލަމުން ކެންޒާގެ މޫނަށް ބަލަންފެށިއެވެ. ދެން މަޑުމަޑުން ލޯ މަތީވި ފޮތިގަނޑު އޭނާ ނެގިއެވެ. ކެންޒާގެ ދެފައި މުހައިލާ، ދެއަތް ވެސް މުހާލައިފިއެވެ. މިފްރާހުގެ މޭގައި އަޅައި ކޮށްޕާލަން ބޭނުންވިޔަސް ކެންޒާގެ އެދުމާ އެއްގޮތަކަށް އޭނާގެ އަތެއް ހަރަކާތެއްނުކުރިއެވެ.

"އަތެއްނެތް...މަރުވީތަ..." ކެންޒާގެ އަތް ނެގޭތޯ ބަލަން އިނދެފައި ބުނެލިއެވެ. މިފްރާހުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ކެންޒާ އަތުލަފިކޮށްލައިގެން ކޮޅަށް ނެގިއެވެ. ހަމަނުޖެހޭ ވާހަކަ ކެންޒާ ދައްކަން ފެށިއެވެ. ފައިގެ އިނގިލިތައް ބޮޑުވެއްޖެއޭ އޭނާ ކިޔެވެ. ފިޔަވަޅު އަޅާނީ ކިހިނެއްކަމެއް ހަނދާނެއްނެތޭ އޭނާ ބުންޏެވެ. ފަހަރަކު ފައެއް ކުރިއަށް އަޅާނީއޭ މިފްރާހު ބުނަމުންދިޔައެވެ. ކުރިއަށް ފިޔަވަޅު އަޅަންވީމަ، ކޮންމެ ފަހަރަކު ކެންޒާގެ ފައިގަ މިފްރާހު ކޮށްޓާލައެވެ.

މިފްރާހުގެ އެނދުގައި ކެންޒާ ބޭއްވުމާއެކު އޭނާ ތަންމަތީގެ ތެރެއަށް ގެނބިގެން ދާން އުޅޭހެން ހަރަކާތްކޮށްލިއެވެ. މޭކަށިތަކަށް ހޫނުވެ މެއިން އާވި އަރާހެން އޭނާއަށް އިޙްސާސްވަނީއެވެ. ގަމީހުގެ ކަރުވަޅުގައި ހިފައި ދަމަނީ އެހެންވެއެވެ. ކެންޒާ ދެން ގޮވާލީ ލައިތަށެވެ. އޭނާގެ ގާތަށް އައުމަށް އެދިގެންނެވެ. މިފްރާހު އެނދަށް އަރަމުން، މިފަހަރު ވެސް ރަނގަޅުކޮށްދިނެވެ. މިފްރާހުގެ ނަން ކިޔުމަށް އޭނާ ކެންޒާގެ ގާތުން އެދުނެވެ. ނަމަވެސް ލޯބިވާކަން ކެންޒާ ހާމަކުރީ ލައިތަށެވެ. އަރުތެރެއިން ނުރުހުމުގެ އަޑެއް މިފްރާހު ލައްވާލިއެވެ.

"އެމީހާގެ ނަން ކިޔައިފިއްޔާ ތި ދޫ ބުރިކޮށްލާނަން." މިފްރާހު ބުނެލީ ހަރުކަށިކަމާއެކުއެވެ. ދެން ކެންޒާގެ އަނގަ ހުޅުވައި ދުލުގެ ކޮޅުގައި ހިފައި ބޭރަށް ދަމާލީ ތަދުނުވާނޭ ވަރު ބަލާފައެވެ. އެހެންވިޔަސް ކެންޒާ އަޑުލައްވަމުން ތެޅިގަތީ ތަދުވެގެން އުޅޭ މީހަކު ހެންނެވެ.

"ޑްރާމާ ކުއީން... ކިޓީ، ލިސެން... އައި އޭމް ސޮރީ، ސޮރީ ފޯ ޑުއިން ދިސް... ބަޓް ޔޫ ލެފްޓް މީ ނޯ ޗޮއިސް، އައި އޭމް ނޮޓް ރެޑީ ޓު ގިވް އަޕް އޮން ޔޫ، އައި ނޯ ޔޫ ވިލް ހޭޓް މީ ފޯ އެވްރިތިންގް، ނައު އިޓްސް ޓޫ ލޭޓް، ދުވަހަކު މަޢާފުނުކުރިޔަސް ހެޔޮ، އަހަރެންގެ މީހެއްތީ... ކައިވެނި ކުރުމަށްފަހު ތިހިތް ލޯބިން ފުރާލަދޭނަން، ހުރިހާކަމެއްގެ މަތިން ހަނދާންނެތޭހާ ލޯބިވާނަން، ޕްރޮމިސް ކިޓީ، އެންމެ ފަހަރަކުވިޔަސް އަހަންނަށް ޓްރަސްޓްކުރިނަމަ... މިހިސާބުން ދެން ހުއްޓައެއްނުލެވޭނެ." ކުރުއަތް މައްޗަށް ތެދުވެލައި އޮވެ ކެންޒާގެ ކޯތާފަތުގައި ފިރުމަމުން މިފްރާހު ވާހަކަދެއްކިއެވެ.

ބޮލުގައި ހުރި ރިހުމާއެކު ކެންޒާއަށް ލޯ ހުޅުވާލެވުނެވެ. އެނދުގައިކަން އޮވެވުނީ އެނގެއެވެ. ފަނޑުއަލިކަމުގެ ތެރެއިން ކޮޓަރިއަށް ނަޒަރު ހިންގާލުމާއެކު، ބަޔަކު މީހުން އޭނާ ނަގައިގަނެގެން މިފްރާހުގެ ގާތަށް ގެނައި ހަނދާންވިއެވެ. އެއާއެކު ދެ ލޯ ބޮޑުކޮށްލެވިއްޖެއެވެ. ކޮޓަރީގައި އޭނާ ނޫން މީހަކު ނެތެވެ. ތެދުވެވުނީ ބޮލުގައި ހިފަހައްޓާލައިގެންނެވެ. އޭސީގެ ފިނިކަން ހުރަހެއްނެތި ހަށިގަނޑުގައި ޖެހުމާއެކު ކެންޒާއަށް ސިހުމެއް ލިބުނެވެ. އެނދުގެ ރަޖާ ސޮހިގެން ދިޔަ ނުދީ އޭނާއަށް ބާރަށް ހިފަހައްޓާލެވުނެވެ. ހަށިގަނޑުގައި އޮތް ހަމައެކަނި ނިވާކަމަކީ އެއީކަން ކެންޒާއަށް އެނގުމުން ހާސްވެ ކަންބޮޑުވެގެން ގޮސް ނޭވާ ހުއްޓުނު ކަހަލައެވެ. ވަށައިގެން އަދިވެސް ކެންޒާއަށް ބެލެނީއެވެ. އޭނާއަށް އެހެން ހެދީ މިފްރާހު ހެއްޔެވެ. އެކަމަކު ދެމެދުގައި ކަމެއް ހިނގިކަމުގެ ހަނދާނެއް އޭނާ ނެތެވެ. އެނދުން ފޭބުމާއެކު އެ ކޮޓަރީގައި ހުރި ގޮނޑިއެއްގެ މަތީ ކެންޒާގެ ގަމީހާއި އެހެން އަންނައުނުތައް އަޅުވާފައި ހުއްޓެވެ. ބޮލަށް ކުރާ ބާރުން ކަންފަތުގެ ހިނދުރު ވެސް ފަޅައިގެންދާން އުޅޭ ކަހަލައެވެ. އެހެންނަމަވެސް ކެންޒާ ހިތްވަރުކުރީ އެތަނުން ވީހާ ވެސް އަވަހަކަށް ނުކުމެވޭނޭ ގޮތެއް ހޯދުމަށެވެ. އޭނާ ރޭގައި ލައިގެން ހުރި ހެދުން ގަޔަށް ހެޔޮވަރުކޮށްލުމާއެކު މުޅި ކޮޓަރިތެރެ ކެންޒާ ހޯދިއެވެ. ފޯނު ނުފެނިގެންނެވެ. ދެން ކުއްލިއަކަށް ހިތަށް އެރީ ފޯނު ހޯދަން އުޅެނިކޮށް އޭނާ އަލުން ބަންދުވެދަނޭކަމެވެ. އެހެންވެ ފޯނު ދޫކޮށްލުމުގެ ޚިޔާލާއެކު ސިއްރުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު އެ އެޕާޓްމެންޓްގެ އެހެން ކޮޓަރިއެއްގައި ދެ މީހަކު ވާހަކަދައްކާއަޑު އިވެއެވެ. ދެފަޔަށް ބާރުލައި ހަލުވިކޮށް ދުވަމުން ކަހަލަ ގޮތަކަށް ކެންޒާ އައިސް އެޕާޓްމެންޓުން ނުކުމެވެން ހުރި މައި ދޮރުގެ ތަޅުގައި ހިފިއެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެ ތަޅު އަނބުރާލީ އަޑެއް ކިޔާފާނެތީ ނުހަނު ބަލައިގެން މަޑުންނެވެ. އެ ދޮރުން ނުކުމެ ދޮރު ލެއްޕީ ވެސް އެފަދައިންނެވެ. ދެން އޭނާ އެގެއިން ނުކުމެއްޖެއެވެ.

ދުވާލުގެ އަލިކަން ކެންޒާގެ މޫނަށް އެޅުމާއެކު ވަގުތުން މޫނުގައި ދެއަތް އެޅިއެވެ. ލޯ ހުޅުވާލަން ނުކެރި، ދެ ލޮލުގައި ވެސް ރިހުން އެކުލެވިފައި ހުރި ކަހަލައެވެ. އެހެންވިޔަސް ނިކަން އަވަހަކަށް މޫނުން އަތް ނަގައިފިއެވެ. ހުރެވުނު ހިސާބެއް ވެސް އޭނާއަށް ޔަގީނެއްނުވެއެވެ. ކުރިއަށް ހިނގައިގަތީއެވެ. އެންމެ އަވަހަށް ޖެހޭ މަގަކަށް ލަނބާލައި، އެފަދައިން އޭނާ ކުރިއަށް ދިޔައެވެ. ދެން މަގުމަތިން ފެންނަ ޓެކްސީތަކަށް އަތް ނަގަން ފެށިއެވެ. ކޮންމެވެސް މީހަކު ހުއްޓާތޯއެވެ. ނަމަވެސް ޓެކްސީއެއް ނުލިބުނެވެ. ވަކި ހިސާބަކަށް އާދެވުމާއެކު މާލޭގެ ކިހާ ހިސާބަކުކަން ހުރެވުނީ ކެންޒާއަށް އެނގެންފެށިއެވެ. ދެން ގެއަށް ދާންވެއްޖެނަމަ ދާންވީ ކިހިނެއްކަން އޭނާއަށް ސާފުވިއެވެ.

ދޮރޯށިން އެތެރެއަށް ވަދެވުނު އިރު ކެންޒާ ދާހިތްލާ ފޯވެއްޖެއެވެ. ގޭތެރެއަށް ވަންއިރު ސޯފާމަތީ ފޯނު އޮތެވެ. ވަރުބަލިކަން ވެސް ހަނދާން ނެތި ކެންޒާ ވަގުތުން ފޯނު ނަގައި ބަލާލިއެވެ. އެތައްފަހަރަކު ލައިތު ގުޅާފައި ހުއްޓެވެ. ނިދަމުން އަންގާނުލީ ކީއްވެތޯ ސުވާލުކޮށް މެސެޖު ފޮނުވާފައި ހުއްޓެވެ. އޭނާ ކެންޒާ ހޯދަން ގެއަށް އައިކަމާއި ދޮރޯށި ހުޅުވާފައި ހުރުމުން އެތެރެއަށް ވަދެ ސަލާމް ގޮވިކަން ބުނެފައި އޮތެވެ. އޭގެ ފަހުން ފޮނުވި މެސެޖުގައި ހަމީމުއާ ބައްދަލުވިކަން ލައިތު ބުނެފައި އޮތެވެ. ފޯނު އަތަށް ލައިގެން ހުރެ ކެންޒާ ކޮޓަރިއަށް ވަނެވެ. ދޮރު ތަޅުލުމާއެކު ހުރި ދިމާއަށް އޭނާއަށް ތިރިވެވުނެވެ.

"މިފްރާހު..." ކެންޒާއަށް ހިތުން ކިޔާލެވުނެވެ. މިފްރާހުއާއެކު ވަގުތު ހޭދަވެގެންދިޔަ ގޮތް ހަނދާންނެތީ ކީއްވެތޯ އޭނާއަށް އަމިއްލަ ޟަމީރާ ސުވާލުކުރެވުނެވެ. ހަރަކާތެއް ކުރަން ނޭނގިފައި އިންދާ ފޯނު ރިންގުވާން ފެށިއެވެ. ލައިތުގެ ނަންފެނުމުން ކެންޒާ ކަންބޮޑުވެއްޖެއެވެ. ކަންތައް ހިނގައިދިޔަ ގޮތް ކެންޒާއަށް ނުވިސްނިގެން އުޅޭއިރު ލައިތުއަށް ކިޔާދޭނޭ ގޮތެއް އެއްގޮތަކަށް ވެސް ކެންޒާއަކަށް ނޭނގެއެވެ. ތަޅުންމަތީ ދުރުގައި ފޯނު ބޭއްވުމާއެކު އެ ފޯނަށް ބަލަން ކެންޒާ އިނެވެ. ލައިތުގެ ކޯލު ކެނޑުމާއެކު މިންނާގެ ކޯލެއް އަންނަން ފެށިއެވެ.

"މަންމާ..." ކެންޒާއަށް ބުނެވުނީ މަޑުންނެވެ.

"ނުވައެއް ޖެހީމަ ވެސް ކެންގެ ޚަބަރެއް ނުވީމަ މަންމަ މިގުޅީ، ކިހިނެއްވީ؟، ބަލީތަ؟... އެއްކަލަ ފިރިހެންކުއްޖާ އައި، ކެންޒާ މަސައްކަތައް ނުނިކުންނާތީ، ކަސްތޫރީ ފޮނުވައިގެންނޭ ބުނި..." މިންނާ ދެއްކި ވާހަކަތައް އަޑުއަހަން ކެންޒާ އިނީ އެ ސުވާލުތަކަށް ޖަވާބުދޭނޭ ގޮތެއް ނޭނގިފައެވެ. ކެންޒާގެ ހިމޭންކަން ދިގުލައިގެން ދާތީ މިންނާ ގޮވަން ފެށިއެވެ.

"ބޮލުގައި ރިއްސާވަރުން އޮވެވުނީ... މިދަނީ މަންމާ..." ކެންޒާ ކޯލު ކުރުކޮށްލީއެވެ.

ފާޚާނާގައި ފެންވަރަން ހުރިއިރު ކެންޒާއަށް އޭނާގެ ހަށިގަނޑަށް ބަދަލުތަކެއް އައިސްފިކަން ޔަގީންވިއެވެ. ހިނގި ކަމެއް ހިނގީ ހަމައެކަނި މިފްރާހުއާ އޭނާއާ ދެމެދުގައި ކަމެއް، ނޫނީ އޭނާ ނަގައިގަނެ ގެންދިޔަ އެންމެންގެ ތެރޭގައި ކަމެއް ކެންޒާއަށް ބުނާކަށް ނޭނގެއެވެ. ކުޑަ މިންވަރެއް ވެސް ހަނދާނުގައި ނެތީމައެވެ. ފެނުނު ނުބައި ހުވަފެނެކޭ ސިކުނޑިއަށް ގަދަކަމުން ވިސްނައިދޭން އުޅުނީ އެހެންވެއެވެ. އެހެންނަމަވެސް ހިތުގެ ހާލު އޭނާގެ ދެ ލޯ ދެނެގަތެވެ. ހިތަށް ހަމަޖެހުން ގެނެސްދިނުމަށް އެ ދެ ލޯ ރުޔެވެ.

ފެންވަރައިގެން ކެންޒާ ނުކުމެ ރީތިވާން އުޅުނު އިރު އޭނާގެ ރޫހެއް ނެތެވެ. ގެއިން ނުކުންނާކަށް ހަޤީޤަތުގައި އޭނާ ބޭނުމެއްނޫނެވެ. އަލަމާރިން ގަމީސް ނަގަން ކައިރިވެލި ހިނދު ލޯގަނޑުން ކެންޒާގެ ހަށިގަނޑު ފެނި ހުއްޓެވުނެވެ. އެ ހަށިގަނޑުގައި ފެންނަން ހުރި ނިޝާންތަކުން ވަގުތުން ކެންޒާއަށް ދުރަށް ޖެހެވިއްޖެއެވެ. ލާން ވެގެން ތައްޔާރުކުރި ގަމީހުގެ ބަދަލުގައި ކަރުދޮށާއެކު ނިވާވަރުގެ އަތްދިގު ޓީޝާޓެއް ކެންޒާ ލިއެވެ. އޭގެ މަތިން އޭނާ ޢާއްމުކޮށް ބޭނުންކުރާ ތަނުން ކާޑިގަންއެއް ނަގައި ޖެކެޓެއް ފަދައިން ބޭނުންކުރިއެވެ. ގެއިން ނުކުތުމުގެ ކުރީން ބޭސް ފޮށީތެރެއިން ފެނެޑިން ގުޅައެއް އޭނާ ކެއެވެ.

ޓެކްސީގައި ހޮސްޕިޓަލަށް އައި ކެންޒާ އިނީ ފިކުރު ބޮޑުވެފައެވެ. މިންނާއަށް ދަރިފުޅުގެ މޫނުން ފެނުނު ނުތަނަވަސްކަން ސިފަވީ ތަފާތުކޮށެވެ. ކެންޒާއަށް ބުރަވަނީކަމުގައި މިންނާއަށް ހީވަނީއެވެ. އޭނާއަށް ކެންޒާގެ މޫނުން ފެންނަނީ ވަރުބަލިކަމެވެ. ދެ ލޮލުގައި ހުރި ދުޅަކަން މިންނާއަށް ބުނެދިނީ ކެންޒާ އެއައީ ދެންމެ ހޭލައިގެން ކަމެވެ. ފަހަރެއްގައި އެ ދަރިފުޅު ރޮއެރޮއެފައި އައިކަމެއް ނުދެނަހުއްޓެވެ. އެފަދަ އެއްޗެއް ހިތަށް އަރާނީ ވެސް ކުރިން ޝައްކެއްވެފައި އޮތް ނަމަތާއެވެ. ކެންޒާ ސައިބޮއެފިންކަން ބުނުމުން މިންނާ ސުވާލުކުރީ ހަމީމު ގޭގައި އުޅޭތޯއެވެ. ބައްޕައަށް ސައި ދިނިންތޯއެވެ. ގޭގައި މީހަކު އުޅުނުތޯ ބަލާކަށް ކެންޒާއަކަށް ނޫޅެވުނެވެ. އެހެންނަމަވެސް އެ ހުރިހާ ވާހަކައެއް މަންމަ ގާތު ބުނުމުގެ ބަދަލުގައި، ކެންޒާ ބުނީ ސައިތައްޔާރުކުރާނޭ ވަގުތު ނުވީކަމަށެވެ.

ގަބުވެފައި އިން މީހަކު ހެން ގޮނޑިބަރީގައި ކެންޒާ އިނެވެ. ޓެކްސީގައި ސައިލެންޓް ކުރެވުނު ފޯނު އޭރު ވެސް އޮތީ އެގޮތުގައެވެ. ދަބަސް ތެރޭ އޮތުމުން ކޯލު އަންނަކަމެއް ކެންޒާ ނުދެނަހުއްޓެވެ. ކޮނޑުގައި މީހަކު އަތްލުމުން އޭނާ ސިހުނީ އާދައިގެ މީހަކު ސިހޭވަރަށްވުރެ ބޮޑަށެވެ. ކައިރީގައި ގޮނޑިތަކުގައި ތިބި މީހުންގެ ސަމާލުކަން ހުއްޓުނެވެ. އިސްއުފުލާލިއިރު ގާތުގައި ލައިތު އިށީންނަނީއެވެ.

"ކައިފްގެ ހާލު ގޯސްވީތަ؟." ކެންޒާއަށް ވެފައި އިން ގޮތް ފެނި ލައިތު ވާހަކަދެއްކީ މަޑުންނެވެ. ހަޤީޤަތުގައި އޭނާ އެ ހުރީ ހާސްވެ ރުޅި އައިސްފައެވެ. ކެންޒާއަށް ގުޅުނު އަދަދެއް އޭނާއަކަށް ނޭނގެއެވެ. ރޭ އިރާކޮޅު ގެއަށް ދިޔަ ގޮތަށް ކެންޒާގެ ޚަބަރެއް އޭނާއަކަށް ނުވެއެވެ. ނަމަވެސް އެ ހަރުކަށިކަން ލައިތުގެ ކިބައިން ފިލާ ދިޔައީ ކެންޒާ އިސްޖެހިފައި އިންގޮތް ފެނިފައެވެ.

"އަހަރެންނަށް މިއަދު އެއްވެސް މަސައްކަތެއް ނުކުރެވޭނެ... ލައިތުގެ މާމަ ކައިރީ ބުނެދީފާނަންތަ؟ ޕްލީޒް." ކެންޒާ ބުންޏެވެ.

"ރަނގަޅުތަ ހުރިހާކަމެއް." ލައިތު އަހާލިއެވެ. ލަފުޒުތަކަކާނުލައި ކެންޒާ ޖަވާބު ދިނީ ބޯޖަހާލުމަކުންނެވެ.

"ޕެންޑާ... ދެން ނުވާނެ އަހަރެންނަށް މިހެން ހަދައިގެން، އެނގޭތަ އަހަރެން ހާސްވީވަރު، ހަނދާނޭ ގޮތެއް ނެތިގެން ތެޅުނުވަރު... މޮޔަވާން ކައިރިވެފަ މިހުރީ، ވަރަށް ރުޅިގަދަވެފަ މިހުރީ، އަހަރެން އެކަހަލަ..." ލައިތުގެ ވާހަކަ މަޑުކޮށްލީ އޭނާގެ އަތްތިލައިގަ ކެންޒާ ހިފާލުމުންނެވެ. އިނގިލިތަކުގެ ދޭތެރެއަށް ކެންޒާގެ އިނގިލިތައް ހެޔޮވަރުކޮށްލިއެވެ.

"ސޮރީ..." ކެންޒާ މަޑުމަޑުން ބުނެލިއެވެ.

"ސޮރީއަކުން ނުފުދޭނެ... ފަހުން ބުނާނަން ކޮށްދޭންވީ ކީއްކަން." ގޮނޑިއަށް ހަށިގަނޑު ދޫކޮށްލަމުން ލައިތުގެ ކޮނޑު ކެންޒާގެ ކޮނޑުގައި ޖައްސާލިއެވެ.

"ލައިތު..." ކެންޒާ ގޮވާލިއެވެ. ލައިތު ލައްވާލީ ހޫންއެކެވެ. ނަމަވެސް ކެންޒާ އިތުރަކަށް ވާހަކައެއް ނުދެއްކިއެވެ. ވަރުބަލިކަމާއެކު ލައިތުގެ ކޮނޑުގައި އޭނާ ބޯއަޅާލީއެވެ. ދެ ލޯ މަރާލަމުންނެވެ. އެހެންނަމަވެސް ސިކުނޑީގެ އަޑު މަޑެއްނުވިއެވެ.

(ނުނިމޭ)