ރައްޔިތުންގެ މަޖިލިސް

އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭން ބިލެއް

އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ގޮތް ހިމަނާ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 28 ބިލެއް ހުށައެޅުމަށް ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ވަނީ ބުނެފައެވެ. މި ދައުރަށް ހުށައަޅަން ސަރުކާރުން ނިންމާފައިވާ ބިލްތަކާއި ގުޅޭ ލިސްޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ފޮނުވާފައެވެ. އޭޖީ އޮފީހުން މިރޭ ބުނީ މިއަދު ފެށުނު މަޖިލީހުގެ ތިންވަނަ ދައުރަށް 28 ބިލެއް ހުށައެޅުމަށް ނިންމާފައިވާ ކަަމަށެވެ.

އޭގެ ތެރޭގައި "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް" ވެސް ހިމެނެއެވެ.

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކުރީ ސަރުކާރުގެ ދުވަސްވަރު މަޖިލީހުން ބިލެއް ފާސްކުރިއެވެ. އެ ގާނޫނާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުުފުލީ މި ސަރުކާރުގައި ތިއްބެވި ވެރިންނެވެ. އަބުރު ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. އަބުރުގެ ގާނޫނު އުވާލުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ވައުދެކެވެ. އިބޫ ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަބުރުގެ ގާނޫނު އުވާލާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. ނޫސްވެރިންގެވެސް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވި އަބުރުގެ ގާނޫނު އުވާލަން މަޖިލީހުން ނިންމާފައިވަނީ ނޮވެންބަރު 14، 2018ގައެވެ.

އަބުރު ގާނޫނުގެ ދަށުން ރާއްޖެޓީވީ ވަނީ އެކި ފަހަރު މަތިން ބޮޑެތި އަދަދުން ޖޫރިމަނާކޮށްފަ އެވެ. އޭގެ އިތުރުން ވީޓީވީ އާއި ސަންގްޓީވީ ވެސް އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކޮށްފައިވެ އެވެ.