ހަބަރު

ސަރުކާރުގެ ބިނާވެށި ޕްލޭންގެ ބިލަށް ބޮންޑޭގެ ފާޑުކިއުން

Oct 6, 2020
2

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލު މަޖިލީހުގެ އިންތިހާބުގައި އެޖެންޑާ 19 ގެ ނަމުގައި ވެރިކަންކުރާ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާ ފުށުއަރާކަމަށް ބުނެ، މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށްދިއަ އިރު، ބޮންޑޭ ވިދާޅުވީ އެމްޑީޕީގެ އެޖެންޑާ 19 ގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ހިމަނާފައިވާއިރު، ބިނާވެށި ޕްލޭނެއްގެ ނަމުގައި އަނެއްކާވެސް ހެދިގެން އަންނާނީ އޮނިގަނޑެއް ކަމަށެވެ.

"މީގަ [މި ބިލުގައި] ނެތް އެއްކަމެއްވެސް، ހާސިލު ކުރެވޭނެ އެއްކަމެއްވެސް. ބިން ހޯދަން އުޅޭ މީހާ ވަޒީރަށް ސަލާންޖެހުން ފިޔަވާ އިތުރު އެއްވެސް ކަމެއް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

ބޮންޑޭ އިތުރަށް ވިދާޅުވި ގޮތުގައި ބިނާވެށި ޕްލޭނާ ގުޅޭގޮތުން 2002 ވަނަ އަހަރު އެކުލަވާލެވުނު ގަވައިދުގައި މި ބިލަށް ވުރެ ފުރިހަމަ ކަމަށާއި، މާ ސާފުކޮށް ކަންކަން ބަޔާންކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު މި ބިލު އޮތްގޮތަށް ފާސްކޮށްފި ނަމަ ރައްޔިތުން އުޅެންޖެހޭނީ ޕްލޭނިން މިނިސްޓްރީ ދޮށުގައި ސަލާންޖަހަން ކަމަށާއި، މި ބިލު ރައްޔިތުންގެ ހިޔާލަށް ހުޅުވާލުމަށް އޭނާ ވަނީ ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ.

ބިނާވެއްޓާ ގުޅޭ ކަންކަން ހަރުދަނާގޮތެއްގައި ހިންގައި ބިން ބޭނުން ކުރާނެގޮތުގެ ޕްލޭންތައް އެކުލަވައިލުމާއި، ބިން ތަރައްގީ ކުރުމުގެ ހުއްދަ ދޫކުރުމާއި އެފަދަ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބަލައި، ބިން ތަރައްގީ ކުރާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ގާއިމް ކުރުންވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

އަދި މިގާނޫނަށް އަމަލު ކުރަން ފެށުމާއެކު ރާއްޖޭގެ ހުރިހާ ބިމެއް ތަރައްގީކުރާނެ ގޮތް ހިމެނޭ ބިނާވެށި ޕްލޭންކުރުމާއި ހިންގުމާއި ގައުމީ ސިޔާސަތުތައް ތަންފީޒު ކުރުމާއި މި ގާނޫނު ތަންފީޒުކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް ނެޝަނަލް ޕްލޭނިން އޮތޯރިޓީ އުފައްދަންޖެހެ އެވެ.

އެ އޮތޯރިޓީގެ މަގުސަދަކީ ރާއްޖޭގައި އިގުތިސޯދީ އިޖުތިމާއީ، އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ބިން ޕްލޭންކޮށް ތަރައްގީކޮށް، ބެލެހެއްޓޭނެ ފަދައަކުން ބިނާވެށި ޕްލޭން ކުރުމަށް މަގުފަހި ކުރުމެވެ.

ބިނާވެށި ޕްލޭން ކޮށް ހިންގުމާބެހޭ ކަންކަމާގުޅޭގޮތުން އެ އޮތޯރިޓީއަށް ލަފާދިނުމަށް ޕްލޭނިން އެސެސްމެންޓް ކޮމިޓީއެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެތެރޭގައި އެކުލަވައިލަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.