ވާހަކަ

ލޯބިން ބުނެލަން

(4 އޮކްޓޯބަރ 2020 އާ ގުޅޭ)

"ލައިތު..." ކެންޒާ ގޮވާލިއެވެ. ލައިތު ލައްވާލީ ހޫންއެކެވެ. ނަމަވެސް ކެންޒާ އިތުރަކަށް ވާހަކައެއް ނުދެއްކިއެވެ. ވަރުބަލިކަމާއެކު ލައިތުގެ ކޮނޑުގައި އޭނާ ބޯއަޅާލީއެވެ. ދެ ލޯ މަރާލަމުންނެވެ. އެހެންނަމަވެސް ސިކުނޑީގެ އަޑު މަޑެއްނުވިއެވެ.

އައިސީޔޫއަށް ދެ ނަރުހުން އައިސްވަނީ އެވަގުތެވެ. ގިނައިރެއްނުވެ ޑަކްޓަރަކު އައިސް ވަދެއްޖެއެވެ. ކެންޒާއަށް ގޮނޑިން ތެދުވެވުނީ ކައިފްއަށް ކަމެއްވެއްޖެހެން ހީވާތީއެވެ. ކެންޒާގެ ގާތުގައި ލައިތުއަށް ވެސް މަޑުކޮށްލައިގެން ހުރެވުނީއެވެ. ވާހަކައެއް އަހާލާނޭ ފުރުޞަތެއް ނަރުހެއްގެ ފަރާތުން ލިބެންދެނެވެ. ކެންޒާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ނުބައި ޚަބަރަކައިގެން އެމީހުން ކެންޒާގެ ގާތަށް އަތުވެދާނޭތީއެވެ. އެފަދަ ޚަބަރެއް އަހާނޭ ކެތްތެރިކަމެއް މިއަދު ކެންޒާގެ ނެތެވެ. ޖަޒުބާތުތައް ހިފެހެއްޓޭވަރަށްވުރެ ކެންޒާގެ އަމިއްލަ ދިރިއުޅުން އޮޅުންބޮޅުންވެއްޖެއެވެ. ވިސްނާވިސްނާ އޭނާ ވަރުބަލިވެއްޖެއެވެ. ސިކުނޑިއަށް ލީހާ ބާރެއް ނާކާމިޔާބުވެއްޖެއެވެ. ހަނދާނުން ބައެއް އުނިވެފައި ވާތީއެވެ. އެ ހަނދާންތަކަކީ ކެންޒާއަށް އެނގުން މުހިންމު ވަގުތަކަކަށްވާތީއެވެ.

ނަރުހެއް ނުކުމެ ކައިފްގެ ބެލެނިވެރިއަކަށް ގޮވާލި ހިނދު ކެންޒާއަށްވުރެ ކުރެން އެ ދިމާއަށް ލައިތު އަތުވެއްޖެއެވެ. އޭނާ ދޭން އެ އުޅޭ ޚަބަރު އަޑު އެހުމަށް ކެންޒާ ބޭނުންވާ ހެނެއް ވެސް ހިޔެއްނުވެއެވެ. ހުރިތަނުން ކެންޒާ ގުޑައިނުލިއެވެ. ލައިތު ހުއްޓިލީ ސީދާ ނަރުސްކުއްޖާގެ ކުރިމަތީގައެވެ. އޭނާގެ ދިގު އިސްކޮޅުގެ ހިޔަނިން ކުރިމަތީގައި ހުރި މީހާ ފޮރުވާލި ކަހަލައެވެ. ދެފަހަރަކު މޫނު އަނބުރާލައި ކެންޒާއަށް ލައިތު ބަލާލިއެވެ. ދެން އެނބުރި އައިސް ކެންޒާގެ އަތުގައި ލައިތު ހިފާލިއެވެ. އަތުން ދޫކޮށްލައި ކެންޒާގެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލިއެވެ. ކެންޒާގެ ބޮލުގައި ބޮސްދެމުން ކައިފްގެ ހާލު ރަނގަޅުކަމުގައި ބުނެލިއެވެ. އިސްއުފުލާލައި ލައިތުގެ މޫނަށް ކެންޒާ ބަލާލީ ޤަބޫލުނުކުރެވިގެންނެވެ. ލައިތުގެ ތުންފަތުގައިވި ލުއި ހިނިތުންވުން ކެންޒާއަށް ފެނުނީ ދެނެވެ. އެ ހިނިތުންވުން ކެންޒާއަށް އޮޅުވައެއްނުލާނޭކަން އެނގެއެވެ. ދެ ލޯ ފުރިގެން އައުމާއެކު ކެންޒާއަށް އިސްޖަހާލެވުނެވެ. ކެންޒާ ގޮވައިގެން އެއްފަރާތަށް ލައިތު ޖެހިލިއެވެ. އޭނާގެ މޭގައި ކެންޒާ ފޮރުވާލައިގެން މަޑުކޮށްލިއެވެ. ކައިފްގެ ހާލާ މެދު ކަމެއް ރޮވެނީ ބުނާކަށް ކެންޒާއަކަށް ނޭނގެއެވެ.

"ހީ އިޒް އަ ފައިޓާ..." ލައިތު ބުނެލިއެވެ. ކެންޒާގެ ބޮލާއި ކޮނޑުގައި ފިރުމާލިއެވެ.

"މަންމައަށް ގުޅަންވީނު." ލައިތު ޚިޔާލު ދިނެވެ.

އިންސާނުން އެމީހުންގެ ހިތްތަކުގައި ފޮރުވާ ކަންކަން އެނގޭނޭ ގޮތެއް ނެތެވެ. އަމިއްލައަށް އެކަންކަން ހާމަކުރިއްޔާ ނޫނީއެވެ. ބަދަލުތަކެއް އަތުވެއްޖެކަން ފާހަގަވިޔަސް އެ ބަދަލުތަކުގެ ހަޤީޤަތަކީ ކޮބައިކަން ދެނެގަންނަން އުނދަގޫވެއެވެ. ލައިތުއަށް ވެސް ވީ އެވަރެވެ. ކެންޒާގެ ތަބީޢަތް ގޯސްވެއްޖެކަން އެނގެއެވެ. އެކަމަކު ކީއްވެކަމެއް ނޭނގެއެވެ. އޭނާ ލަފާކުރީ އެހެންވެއެވެ. ގުޅުވީ ކައިފްގެ ހާލަތާއެވެ. މިވަގުތު ކެންޒާއަށް އެފަދަ ބަދަލެއް ގެނުވާނޭ ކަމަށް އެންމެ ބުއްދި ޤަބޫލުކުރެވޭ ކަމަކީ އެއީއެވެ. ލޯބިވާ ބޭބެ މަރާ ހަނގުރާމަކުރުމުގައި ބަލި އެނދުގައި އޮންނަތަން ބެލުމަކީ އެކަކަށް ވެސް ފަސޭހަވާނޭ މަންޒަރެއްނޫނެވެ. ކެންޒާވިއްޔާ ހިތްވަރު ގަދައެވެ.

"ކައިފް ރަނގަޅުވަމުން އަންނަކަމަށްވަންޏާ މިއަދު ނެރޭނެ ވާހަކަ އެމީހުން ބުނި، އަހަރެން ރޫމެއް ހަމަޖައްސާފައި އެބައަންނަން. ނެރެފިއްޔާ ވަގުތުން ރޫމަކަށް އޭރުން ގެންދެވޭނެއެއްނު، ކެން އޯކޭތަ؟." ދަބަހުން ނެގި ޓިޝޫއަކުން ކެންޒާ މޫނު ފުހެން ފެށުމުން ލައިތު ބުނެލިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ކެންޒާ ބޯޖަހާލީއެވެ.

ލައިތު ދިއުމުން، ގޮނޑިބަރީގައި ކެންޒާ އަނެއްކާ ވެސް އިށީނީއެވެ. ފޯނު ނަގައި ބަލަން އިނީ މަންމައަށް ގުޅަން ހިތަށް އަރާފައެވެ. އެކަމަކު ގުޅައިފިނަމަ މިންނާ ވަގުތުން އަންނާނޭކަން ކެންޒާއަށް އެނގެއެވެ. މިންނާއަށް އޭރުން އަރާމެއް ނުލިބި އަނެއްކާ ވެސް ހޮސްޕިޓަލުގައި އިންނާނީއެވެ. އެގޮތް ކެންޒާއަށް ކަމަކުނުދިޔައެވެ. މަންމަގެ ހަށިގަނޑު ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ނިކަމެތިވަމުންނެވެ. ކެންޒާއާ ޚިއްޞާ ނުކުރި ނަމަވެސް މިންނާ ފިކުރުކުރާ ކަން އެނގެއެވެ. މަންމައަކީ އެއްވެސް އިރަކު ކުދީންނާ ކަންކަން ޚިއްޞާކުރި މީހެއްނޫނެވެ. ކައިފް އައިސީޔޫއިން ނެރެފިނަމަ ކިތައްމެހާ ވެސް ރަނގަޅެވެ. މަންމައަށް ގުޅާނީ އެހާތަނުންކަން ކެންޒާ ނިންމިއެވެ.

ލައިތު އެނބުރި އައިސް އޭނާގެ ނަންމަތީގައި ކޮޓަރިއެއް ހަމަޖައްސައިފީމޭ ބުންޏެވެ. އޭނާ ނެތިސް ކޮޓަރީގެ މައްސަލައެއް ދިމާވެއްޖެނަމަ ގުޅާނޭ މީހެއްގެ ނަމާއި ނަންބަރު ވެސް ކެންޒާއަށް ދިނެވެ.

"ލައިތު..." ބޮޑު ވާހަކައެއް ބުނަން އުޅޭހެން ލައިތުގެ އަތުގައި ހިފާލައި ޖެހިގެން ހުރި ގޮނޑީގައި ކެންޒާ އޭނާ ބޭންދިއެވެ.

"ކައިފް ނެރެފިނަމަ... ވަގުތުން ފުރަންވީ، ދަތުރުގެ ހުރިހާކަމެއް ހުރީ ހަމަޖެހިފައެއްނު، މަންމައާއެކު މިފަހަރު އަހަރެން ވެސް ދާން ބޭނުން، އަހަރެންގެ ޕާސްޕޯޓެއް އަދި ނެތް، މާމައާ އަހަރެން ވާހަކަދައްކާނަން، ޗުއްޓީއެއް ދޭން ބުނާނަން... އަހަރެން މިފަހަރު ކޮންމެހެން ވެސް މަންމަމެންނާއެކު ދާން ބޭނުން، ގޭގައި ހުންނާކަށް ބޭނުމެއްނޫން..." ކެންޒާއަށް ލައިތު ލައިގެން އިން އޮފީސް ގަމީހުގެ ދިގު އަތްކުރީގައި ހިފައި ބާރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

"އަހަރެން ކީއްކޮށްދޭންވީ؟." ލައިތު އަހާލިއެވެ.

"އަހަރެންނާއެކު ޕާސްޕޯޓް ހައްދަން ދެވޭނެތަ." ކެންޒާ ބުންޏެވެ.

"މާދަމާ ތިކަމާ އުޅޭނީ، ފޮޓޯއެއް އެބައޮތްތަ؟"

"ފަހުގެ ފޮޓޯއެއް ނޯންނާނެ، މީގެ ދެއަހަރު ކުރީން ކޮލެޖު ފޯމުގައި ޖަހަން ނެގި ފޮޓޯ ހުރީ." ކެންޒާ ބުންޏެވެ.

"މާދަން ފޮޓޯ ނަގައި އެޕްލައި ކުރާނީ، އޯކޭތަ؟." ލައިތު އަހާލުމުން ކެންޒާ ބޯޖަހާލިއެވެ.

"ކައިފިންތަ؟" ކެންޒާ ހިމޭންވެލުމުން ލައިތު އަހާލިއެވެ. އެއާއެކު ކެންޒާ ދެފަރާތަށް ބޯހޫރާލިއެވެ. ކެންޒާގެ އަތުގައި ހިފައިގެން ލައިތު ތެދުވީ ހޮސްޕިޓަލުގެ ކެފެޓީރިއާއަށް ދާށެވެ. އޮފީހުން އާރިކު ގުޅީ އެވަގުތުއެވެ. ހެނދުނު ޢާއްމުކޮށް އޮންނަ ބައްދަލުވުމަށް ލައިތު ނުދެއެވެ. މެންދުރު އޮތް ބައްދަލުވުމަށް ވެސް ލައިތު ނުދާން ހުރިހެން އާރިކަށް ހީވެ ގުޅިއެވެ.

"އެންމެ ދުވަހަކު އަހަރެން ނުދިޔަސް ކަންކަން ބެލޭވަރު މީހުން ނެތީތަ؟، ޔާދިން ވެސް އެހުރީނު..." އާރިކު ފޯނުން ދެއްކި ވާހަކައަށް ލައިތު ރައްދުދިނެވެ. ކެންޒާއާ ދުރަށް ދިއުމުގެ ވިސްނުމެއް ލައިތުގެ ނެތެވެ. ހަޤީޤަތުގައި އޭނާއަށް ރޭގައި ކެންޒާގެ ޚަބަރެއް ނުވުމުން ހިތަށް ލިބުނު ނުތަނަވަސްކަމާއި ބިރުވެރިކަން މަތިން ހަނދާންނުނެތެނީއެވެ. ކެންޒާއަށް ކަމެއްވެއްޖެއްޔާ އޭނާއަށް ވާނޭ ގޮތަކާމެދު ވިސްނެނީއެވެ. މުޅި ދުވަހު ކެންޒާއާއެކު ވަގުތު ހޭދަކުރަން އޭނާ ބޭނުންވީ އެހެންވެއެވެ.

އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ކައިފް ކޮޓަރިއަށް ބަދަލުކުރެވުނެވެ. ލޯ ހުޅުވާލައިގެން އޭނާ ގިނައިރަކު ނޯވެއެވެ. ނޫނީ އެހާ ވަރު ވެސް އެ ހަށިގަނޑުގައި ނެތީ ކަހަލައެވެ. ނަމަވެސް ކެންޒާއާއެކު ލައިތު ފެނުމުން އެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މިންނާއަށް ކެންޒާ ގުޅީ ކައިފް ބަދަލުކުރުމުގެ ކަންކަން ނިމުމުންނެވެ. ހޮސްޕިޓަލުގެ ޕްރައިވެޓް ކޮޓަރިތަކުގެ ނަންބަރުތަކަށް ބަލަމުން އައިސް މިންނާ ހުއްޓުނެވެ. އަވަސްވެފައިވި ނަފްސުގެ ހިނގުން ހަމައަކަށް އަޅުވާލުމަށް ފުންނޭވާއެއް ލުމާއެކު ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. ދޮރުހުޅުވާލައި އެތެރެއަށް ވަނީ ދެނެވެ. މިންނާއަށް ކައިފް ފެނުމުން ހެއްދިފަރާތަށް ޝުކުރުވެރިވިއެވެ. އޭނާއަށް މިވީ ދުވަސްތަކުގައި ހީވީ އައިސީޔޫއިން ނެރޭނީ އޭނާގެ ދަރިފުޅުގެ ފުރާނަނެތް މަސްގަނޑު ކަމަށެވެ. އެހެންނުވީތީ އޭނާ އިންތިހާއަށް ޝުކުރުވެރިވިއެވެ. ލައިތު ވެސް ހުރި ވަގުތަކަށްވުމުން ފުރުމުގެ ވާހަކަ ވަގުތުން މިންނާ ދެއްކިއެވެ. އެކަން އެހެންކަންވާނީ ކެންޒާއާއި ލައިތަށް އެނގެއެވެ. ޑަކްޓަރުންނާ ވާހަކަދެއްކުމަށްފަހު ކައިފް ފޮނުވާލުމުގެ ކަންކަން ހަމަޖައްސާނެކަމުގެ ޔަގީންކަން ލައިތު ދިނެވެ. މަންމައާއެކު ދާން ގަސްދުކުރާކަން ކެންޒާ ހާމަކުރީ ދެނެވެ. މިފަހަރު އޭނާ މާލޭގައި މަޑެއްނުކުރާނަމޭ ބުންޏެވެ. މަޑުކުރަން ބުނެގެން ވެސް ނުވާނެއޭ މަންމައަށް ކެންޒާ ބުނެލިއެވެ. ކެންޒާ ބޭނުންވާ ގޮތުގައި ހިފެހެއްޓުމުން މިންނާ ނޫނެކޭ ނުބުންޏެވެ.

* * * * *

ރޭގަނޑުގެ ވަގުތެވެ. ފެންވަރާލައިގެން ނުކުމެ ތައްޔާރުވާން ލައިތު އުޅުނެވެ. އޭނާ ތައްޔާރު އެވަނީ ކެންޒާ ބަލާ ހޮސްޕިޓަލަށް ދާށެވެ. ރޭގަނޑުގެ ކެއުން ތައްޔާރުކުރާނީ ލައިތުގެ ޕެންޓްހައުސްގައިކަން އޭނާ އޮތީ ކެންޒާ ގާތު ބުނެފައެވެ. ދެމީހުން އެކުގައި ރޭގަނޑުގެ ކެއުން ނެގުމަށްފަހު، ކެންޒާ މަޑުކުރާނީ އޭނާގެ ގާތުގައިކަން އޮތީ ރާވައި ނިމިފައެވެ. ފޮނިފޮނި ޚިޔާލެއްގައި ހުރެ ހަރަކާތްތެރިވަމުންދިޔަ ލައިތުގެ ސަމާލުކަން އަތުލީ ރަނގަބީލު އަޅަންފެށި ފޯނެވެ. އެނދުމައްޗަށް އެއްލާލެވިފައި އޮތް ފޯނަށް އޭނާ ބަލާލިއެވެ. އިސްކުރީނުން ފެންނަ ހުރީ "ޕީއޭ"ގެ ނަމެވެ. ވަގުތުން އެއީ ހިރާކަން ލައިތަށް އެނގުނެވެ. އޭނާ ގުޅަންވީ ބޭނުމެއްނޯންނާނޭކަން ލައިތު ނިންމިއެވެ. ފޯނުކޯލު ނުނެގީ އެހެންވެއެވެ. ފޯނު ސައިލެންޓްކޮށްލުމާއެކު ލޯގަނޑު އަމިއްލަ ސޫރައަށް އޭނާ ބަލާލިއެވެ. ދެން ފޯނު ޖީބަށް ލައިގެން ކޮޓަރިން ނުކުމެއްޖެއެވެ.

މިންނާ ގާތު ދަނީކަމުގައި ބުނެ ކެންޒާ ހޮސްޕިޓަލުން ނުކުތީ އޭނާ ބަލައި ލައިތު އައުމުންނެވެ. އޭރު ރޭގަނޑު ދިހައެއް ޖަހައިފިއެވެ. ލައިތުގެމެންގޭގައި ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށްފަހު ކެންޒާ އަންނާނޭކަން ވެސް މަންމަ ގާތު ބުންޏެވެ. ކާރު މަޑުކޮށްގެން އޮތް ހިސާބަށް ކެންޒާ އައެވެ. ވަގުތުން ކުރީ ދޮރުފަތް ހުޅުވާލައި ކެންޒާ ކާރަށް އަރައިފިއެވެ. ހުޅުމާލެއަށް ދިއުމަށް ދަތުރުފެށިއިރު ކައިފްގެ ހާލައި މަންމައާ ބެހޭ ގޮތުން ކެންޒާ ގާތުން ލައިތު އެއްސެވެ. މާގިނަ ވާހަކަތަކެއް ކެންޒާ ނުދެއްކިއެވެ. ދޮރުފަތުގެ ބިއްލޫރިގަނޑުގައި އޭނާ ބޯޖައްސާލައިގެން މަގުމައްޗަށް ބަލަން އިނެވެ.

"ކަމަކާ ވިސްނަނީކަން އެނގޭ، އަހަންނާ ޚިއްޞާއެއް ނުކުރާނަންތަ؟" އެއްއަތް ދަމާލައި އިނގިލިތަކުގެ ނުފުށުން ކެންޒާގެ ކޯތާފަތުގައި ލައިތު ފިރުމާލިއެވެ.

"ނިދާލަން ބޭނުމީ..." ކެންޒާ ބުނެލިއެވެ. ލައިތު ހީނލީއެވެ.

ކާރު ދުއްވަމުން ދިޔައިރު ލައިތުގެ ފޯނަށް މީހަކު ގުޅާކަމެއް، އަދި މެސެޖު އަންނަމުންދާކަމެއް ނުދެނަހުއްޓެވެ. އިމާރާތުގެ ޕާކިން ސަރަޙައްދުގައި ކާރު ބާއްވާފައި ކެންޒާ ގޮވައިގެން އައިސް އިމާރާތުގެ އެތެރެއަށް ވަނެވެ. ލައިތުގެ ޕެންޓްހައުސްއާ ހަމައަށް އައުމަށް އެލެވޭޓާއަށް އެރީ ދެ ޒުވާނުން އަތްގުޅާލައިގެން ތިބެވެ.

އެޕާޓްމެންޓަށް ވަދެވުނު ހިނދު ލައިތުއާއި ކެންޒާއަށް ހުއްޓުން އެރިއެވެ. ލައިތުގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އެމޫނުގައިވި ހިނިތުންވުން ގެއްލި ނުރުހުމުގެ އަސަރު ފާޅުވިއެވެ. ކެންޒާ ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. ސޯފާގައި އިނދެފައި ތެދުވި އަންހެންކުއްޖާއަކީ ކާކުކަމެއް ކެންޒާއަށް ނޭނގެއެވެ. ލައިތުގެ މޫނަށް އޭނާ ބަލާލީ އެހެންވެއެވެ. އެ މޫނުން އެއީ ކާކުކަން އެނގޭކަން ހެކިދެއެވެ.

"ކޮބާ ކީކާޑު؟" ލައިތު ސުވާލުކުރީ ހަރުކަށިކަމާއެކުއެވެ.

ހިރާގެ ނަޒަރު ކެންޒާއާ ވަކިނުވެއެވެ. ލައިތު ކުރި ސުވާލު އޭނާއަށް މުހިންމެއްނުވިއެވެ. ކެންޒާއަށް އިނގިލި ދިއްކުރުމާއެކު، ތީ ކާކުތޯ ހިރާ އެއްސެވެ. އެއްޗެކޭ ބުނުމުގެ ކުރީން ކެންޒާ ބަލާލީ ލައިތަށެވެ.

"އަހަރެންގެ ވާންއުޅޭ އަނބިމީހާ." ލައިތު ބުންޏެވެ. ހިރާގެ ދެބުމަ ކައިރިވެލިއެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ މޫނުން ފާޅުވާ އަސަރުތައް ބަދަލުވިއެވެ. ލައިތުއާއި ކެންޒާއަށް ބަލަމުން ހިރާ ހޭންފެށިއެވެ. މުޅި އަހަރުގައި ވެސް އޭނާ އަޑު އެހި އެންމެ ބޮޑު ޖޯކުކަމުގައި ހިރާ ބުނީ ވެސް ހެމުންނެވެ.

"ސާފުކުރާ މީހާ ދޯ... ލައިތު، އަހަރެން ހާދަ ވަރަކަށް ގުޅީމޭ... މިތާ ހުރިކަން މެސެޖު ވެސް ކުރިން." ކެންޒާއަށް އަޅާލުމެއްނެތި ހިރާ އައީ ލައިތުގެ ގާތަށެވެ. ދެމީހުން ވާހަކަދައްކަން ޖެހޭކަން ހިރާ ބުންޏެވެ. އޭނާދެކެ ރުޅި ނައިސް ދައްކާ ވާހަކަ އަޑުއަހާލަ ދިނުމަށް ހިރާ އެދުނެވެ.

"އައި މިސްޑް ޔޫ، ޕްލީޒް..." ހިރާ އައިސް ލައިތުގެ ގައިގާ އަތްލަން އުޅުނެވެ. އެހިނދު ލައިތު ޖެހުނީ ދުރަށެވެ. ދެން އަވަސް ނަޒަރެއް ކެންޒާއަށް ދިނެވެ. އެކަން ހިރާއަށް ފާހަގަވިއެވެ.

"އަނގަނަގައިގެން މިތާ ނުހުރެ މަސައްކަތްކުރަން ދޭބަލަ." ކެންޒާއާ ދިމާއަށް ހިރާ ބުންޏެވެ. ހަމަބުނުމާއެކު ކެންޒާ ހިނގައިގަތެވެ. އެހިނދު ލައިތު ގޮވާލީ ކެންޒާއަށެވެ. އެތަނުން ނުކުންނަންވީ ހިރާކަން ލައިތު ބުންޏެވެ. ކެންޒާ މަޑުކުރުމެއްނެތި އައިސް ވަނީ އޭނާ ނިދާ ކޮޓަރިއަށެވެ.

ހިރާއާ މީގެ ކުރިން ބައްދަލުވެފައި ނެތަސް ލައިތުއާ ދެމެދު އޮންނަ ގުޅުން ކެންޒާއަށް ސާފުވިއެވެ. ހަމައެއާއެކު ހިރާއަކީ ލައިރާގެ ފަރާތުން އަޑުއިވިފައިވި އެމީހުންގެ ތިމާގެ ކުއްޖެއްކަން އޭނާގެ ހަނދާނަށް އައެވެ. ކެންޒާއާ ބައްދަލުވުމުގެ ކުރިން ލައިތު ގުޅިގެން އުޅުނީ ހިރާއާކަން ކެންޒާއަށް ޔަގީނެވެ. އޭނާ އެނދުގައި އިށީނދެ އިނދެފައި އޮށޯވެލިއެވެ. ލައިތު ކިޔާ އެއްޗެއް ނީވުނަސް ހިރާގެ އަޑު ބާރެވެ. ދެ މީހުން ޒުވާބު ކުރަނީކަން ކެންޒާގެ ކަންފަތަށް އިވޭ އަޑުތަކުން ދޭހަވެއެވެ. އޭނާ އެތަނުން އެ އައީ ރުޅި އައިސްގެންނެއްނޫނެވެ. އޭނާއާ ބެހޭކަމެއްނޫންވީމައެވެ. ސިކުނޑިއަށް އިތުރު ތަކުލީފެއް ލިބެން ކެންޒާ ނޭދޭތީއެވެ.

"މިފްރާހު..." ފިނިނޭވާއެއް ދޫކޮށްލުމާއެކު ކެންޒާގެ ދުލުން އެ ނަން ކިޔާލިއެވެ. އަޖައިބުވާފަދަ އިއްތިފާގަކަށް ވެގެންދިޔައީ ހަމައެވަގުތު މިފްރާހު އޭނާގެ ފޯނަށް މެސެޖު ކުރުމުންނެވެ.

"އަހަންނާ އިންނަން ތައްޔާރުތަ؟" މިފްރާހު ވައިބަރ މެދުވެރިކޮށް އަހާފައި އޮތެވެ. ޖަވާބެއް ނުލިބި ގިނައިރުވުމުން ދެވަނަ ސުވާލެއް ކޮށްފައި އޮތެވެ. ރޭގައިވީ ކިހިނެއްކަން އެނގޭތޯ މިފްރާހު ސުވާލުކުރިއެވެ. އަދި ކެންޒާއަށް ހެނދުނު ނުކުމުގެން ދެވުނީ އޭނާ އެ ފުރުޞަތު ކެންޒާއަށް ދިނީމަކަން މިފްރާހު ބުންޏެވެ. އެނދުން ތެދުވެ އަރިމަތީ އިށީނދެލައިގެން ފޯނަށް ބަލަން ކެންޒާ އިނީއެވެ. ދެން ފުލުފުލުން ފޯނަށް އައީ ދެ ވީޑިއޯއެކެވެ. އެ ވީޑިއޯ ބެލުމުގެ ކުރިން ކެންޒާއަށް ބަލާލެވުނީ މިފްރާހު ލިޔެފައި އޮތް އެއްޗަކަށެވެ.

"ލައިތަށް ގޮވިޔަސް، އެ ހުރިހާކަމެއް ހިނގައިދިޔައީ އަހަންނާއެކު، އަދިވެސް އިންނާކަށް އެއްބަހެއްނުވާނަންތަ؟، އަހަރެންނާ ބައްދަލުކުރަން ތައްޔާރަށް ހުންނަން ލައިތު ކައިރީ ބުނޭ، އޭނާ ސަލާމަތްކުރުން އޮތީ ކެންޒާގެ އަތްމަތީ... އިންނަން އެއްބަސްވީމަ ނިމުނީ."

މެސެޖު ކިޔާ ނިމުމާއެކު ކެންޒާއަށް ތުންފިއްތާލެވުނެވެ. ވީޑިއޯ ޕްލޭ ކުރަން ނުކެރިފައި ކެންޒާ އިނީއެވެ. ރަނގަޅު މަންޒަރުތަކެއް ނުފެންނާނޭކަން ކެންޒާއަށް ޔަގީންވަނީއެވެ. އެއަށްވުރެ ބޮޑަށް އޭނާއަށް ޔަގީންވެފައި އޮތީ ކޮންމެވެސް އިރަކުން މިފްރާހު އޭނާއާ ބައްދަލުކުރަން މަސައްކަތް ކުރާނޭކަމެވެ. ރޭގައިވީ ހިނގައިދިޔަ ކަންތައްތަކުގެ ހަނދާނެއް ކެންޒާ ނެތް ނަމަވެސް، އޭނާ އެކަމާ ކުރިމަތިލާން ޖެހޭނެކަން އެނގެއެވެ. އެހާވަރަށް ސިކުނޑު ގާނަން ޖެހުނީ އެހެންވެއެވެ. ކަންހިނގި ގޮތެއް އެނގެން އޭނާ ބޭނުންވެފައިވާވަރުންނެވެ. މިފްރާހުގެ އަތްދަށުން ސަލާމަތްވުމަކީ އުނދަގޫކަމެއްކަން ކެންޒާއަށް މިހާރު ވިސްނެއެވެ.

ކޮޓަރީގެ ދޮރު ހުޅުވުނު އަޑާއެކު ކެންޒާ އަވަސް އަވަހަށް ފޯނު ނިއްވާލައިފިއެވެ. ލައިތު އައިސް ކެންޒާގެ ގާތުގައި އެނދުގައި އިށީނެވެ. ދެމީހުންކުރެ އެކަކު ވެސް އަނގައިން ނުބުނެ ވަގުތުކޮޅަށް ހިމޭންވެފައި ތިބީއެވެ. ދެން ލައިތު ހިފާލީ ކެންޒާގެ އަތުގައެވެ.

"ކާންވީނު..." ލައިތު ބުނެލިއެވެ.

"ނިދާލަން ބޭނުމީ، ވަރަށް ވަރުބަލި..." ކެންޒާ ބުންޏެވެ.

"އޭނާއަށް ކީކާޑު ދެވިފައި އޮތްކަން ހަނދާންނެތުނީ، ހިރާއާ ގުޅުން އޮތީ ކެންއާ ދިމާވުމުގެ ކުރިން." ކެންޒާ ހިތްހަމަނުޖެހިފައޭ ހީވާތީ ލައިތު ކިޔައިދޭން އުޅުނެވެ.

"އިޓްސް އޯކޭ... އަހަރެން ފެންވަރާލަން މިވަންނަނީ." ކެންޒާ ތެދުވީއެވެ. އެހިނދު ލައިތު އޭނާ ހިފެހެއްޓިއެވެ.

"ޕްލީޒް... އަހަރެން ވަރަށް ބަނޑުހައި، ކެންއާއެއްކޮށް ކާން ވެގެން ހުރީ... ހިނގާ ކާން." ކެންޒާގެ އުނަގަނޑުގައި ދެއަތް ވަށާލައި ލައިތު ބައްދާލިއެވެ. އޭނާ މިރޭ އެހާ އަވަހަށް ނިދާކަށް ގަސްދެއްނުކުރެއެވެ. ކެންޒާއާއެކު ވަގުތު ހޭދަކުރާނޭ ގޮތް ލައިތު އޮތީ ރާވާފައެވެ.

ލައިތުއާއެކު ކައިގެން ތަށިތައް ނަގާފައި ދެ މީހުން ނުކުތީ ހާމައަށް އޮތް ފެންޑާއަށެވެ. އެތަނުގައި ހުރި ދިގު ގޮނޑިތަކުން ގޮނޑިއެއްގައި ކެންޒާ ގޮވައިގެން އައިސް ލައިތު އިށީނެވެ. ހަނދުވަރުގެ އަލިކަމެއް ނެތްއިރު، ވަށައިގެން ދިއްލާފައި ހުރި ބޮކިތަކުން އުޑުމަތިން ތަރިއެއް ފެންނަނީ ކިރިޔާއެވެ.

"ޔަގީންތަ ފިލްމެއް ނުބަލާނަންކަން." ލައިތު އަހާލީ އޭނާގެ އުނގަށް ވަދެ އިން ކެންޒާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުންނެވެ.

"މިރެއަކުނޫން..." ކެންޒާ ބުންޏެވެ. ލައިތުގެ މޭގައި ކެންޒާ ލައްވެލިއެވެ.

ވާހަކަދައްކާލަން ދެ ޒުވާނުން ބޭރުގައި މަޑުކޮށްލިއެވެ. ގިނަ ވާހަކަތައް ދެއްކީ ލައިތުއެވެ. ކެންޒާއަށް ވިސްނެމުން ދިޔައީ މިފްރާހު ކަންތައްކުރާނޭ ގޮތަކާމެދުއެވެ. ލައިތުއާ މިފްރާހު ބައްދަލުވިކަމެއް ކެންޒާ ނުދެނަހުއްޓެވެ. އެ ސުވާލު ލައިތާ ކުރަނޭ ގޮތެއް ވެސް ކެންޒާގެ ސިކުނޑިއަކަށް ނާދެއެވެ. އޭނާއަށް ކެންޒާ ބޯނުލަނބާނަމަ ލައިތުއާ ދިމާކުރާނޭކަން ކެންޒާއަށް ވަރަށް ބޮޑަށް ޔަގީންވެއެވެ. މިފްރާހުގެ ރީތި ސިފައާއި އޭނާ ދޭ ހިތްހެޔޮ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ އިފުރީތަކަށްވުރެ ވެސް ނުބައި މީހެއްކަން ކެންޒާ ޤަބޫލުކުރެއެވެ. އަނިޔާވެރިވުމުގެ ހައްދުފަހަނައަޅައި ދާން މިފްރާހު ފަހެއް ނުޖެހޭނެއޭ ކެންޒާގެ ޟަމީރު ވެސް އެއްބަސްވެއެވެ. އެހެންނޫންނަމަ ލޯބިވާކަމަށް ދަޢުވާކުރުމަށްފަހު، އެ ލޯތްބާމެދު އަނިޔާވެރިއެއް ނުވީހެވެ.

"މަޑުމަޑުން އިނީމަ އަހަރެންނަށް ހީވަނީ ޕެންޑާ ކަމަކާ ވިސްނަނީހެން، ހިތްހަމަނުޖެހިފައޭ... މިއަދު އެއްކޮށް ފެންނަނީ ތިހެން، ބަސްމަދުވެފަ، ފިކުރުބޮޑުވެފައި ހުންނަހެން، އަހަރެން ކީއްކޮށްދޭންވީ... އަހަރެންގެ ޕެންޑާ އަނބުރާ އަހަރެންނަށް ލިބޭނީ ކިހިނެއް ހެދީމަ، ކިސްއެއް ދެންތަ؟" ހިމޭންކަން ދިގުލައި ދިއުމުން ކެތްނުވެގެން ލައިތު ވާހަކަދެއްކިއެވެ. ކެންޒާ ދުރަށް ޖައްސާލައި އޭނާގެ ދަތްދޮޅީގައި ހިފައި އެ މޫނަށް ބަލާލި ފަރުވާތެރިކަމާއެކުއެވެ.

"ހިނގާ މެރީކުރަން." ކެންޒާ ހިނިތުންވެލީ ލައިތުއަށް ޓަކައެވެ.

"މެރީ ކުރީމަ ދެން އަހަރެން ކައިރިން ސަލާމަތެއް ނުވެވޭނެ އިނގޭ." ލައިތު ހީނލިއެވެ.

"ސަލާމަތްވާކަށް ބޭނުމެއް ވެސް ނޫން، އަބަދު މި މޫނު ފެންނަން ފެށީމަ ލައިތު ފޫހިވާން ފަށާފާނެ ދޯ." ކެންޒާ ސަމާސާ ކޮށްލިއެވެ.

"ތިނުވާނެކަމެއް... ދުވަހަކުވެސް ފޫއްސެއްނުވާނެ، އެކުގައި ހޭދަވާ ކޮންމެ ދުވަހަކާއެކު ލޯބި އިތުރުވާނެ، މިހާރު ވެސް ވަނީ އެހެން، އަހަރެންގެ ލޯބި ޕެންޑާ ފެނުނީމަ މޫޑު ރަނގަޅުވޭ... އެކަމަކު ބުނަން، ރޭގަ ހެދިގޮތަށް ނުހަދާތި... ސީރިއަސްކޮށް، އަހަރެން މޮޔަނުވީ ކިރިޔާ، ހާސްވެގެން ގޮސް ހިތަށް އެރި ކަމެއްވީބާއޭ، އެހެންވެ ނުހުރެވިގެން ތިގެއަށް ދިޔައީ... ވަރަށް ޑިސެޕޮއިންޓްވި އަހަރެން އެވަރަށް ގުޅާފަ އޮތްތަން ފެނިފަ ހޭލާފަ ވެސް ނުގުޅީމަ، ބަދިގެއިން ނުފެނުނީމަ ޔަގީންނުވެގެން ސްޓާފުންގެ ބަޔަށް ވެސް ދިޔައިން..."

"އަހަރެން ނެތިއްޔާ ލައިތު ދެރަވާނެތަ؟" ލައިތުގެ ވާހަކައިގެ ތެރެއިން ކެންޒާ އަހާލިއެވެ.

"ދެރަވާނެހޭ... ޔަގީނެއްނު، އަނެއްކާ އަހަރެންނާ ވަކިވާން ވިސްނަނީތަ؟" ލައިތު ކުއްލިއަކަށް ސީރިއަސްވެލިއެވެ. ހީނލަމުން ކެންޒާ ދެފަރާތަށް ބޯހޫރުވާލިއެވެ.

"ފުރަން ޖެހުނަސް، އަހަރެން މަންމައަށް ކިޔާދޭނަން ލައިތުއަކީ ކާކުކަން، ކައިވެނިކުރަން ބޭނުންވާކަން ބުނާނަން..." މިންނާ ހުރިހާ ހަޤީޤަތެއް ކިޔައިދޭން ކެންޒާ ގަސްދުކުރިއެވެ. އޭނާއަށް ޚިޔާލެއް ދޭން އެނގޭނީ މަންމައަށްކަން ވިސްނޭތީއެވެ. މިހާރު އޭނާއަށް އާދެވިފައި އެހުރީ މީހެއްގެ އެހީތެރިކަމާއެކު ނޫނީ ކުރިއަށް ނުދެވޭނެ ހިސާބަކަށެވެ. އޭނާއަށް ކުރިއަށްދާންވީ މަގުދައްކައިދިނުމަށް އެންމެ އެކަށޭނެ މީހަކީ ވެސް މަންމައެވެ.

ކޮޓަރިއަށް ކެންޒާ ވަނުމުން ލައިތު ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ވަންނާށެވެ. އެނދުގައި ކެންޒާ އޮށޯވެލުމާއެކު ފޯނު ހުޅުވިއެވެ. މިފްރާހު ފޮނުވާފައި ހުރި މެސެޖުތަކަށް ކެންޒާ ބަލަންފެށިއެވެ. ވީޑިއޯ ބަލަން ކެންޒާގެ ހިތް ބިރުގަންނަނީއެވެ. އެހެންނަމަވެސް ކުރަންޖެހޭ ކަމެއްކަމުގައި ކެންޒާ ދުށްޓެވެ. އިސްކުރީނުގައި އިނގިލީގެ ކުރި ޖެހިލުމާއެކު ވީޑިއޯ ޕްލޭވާން ފަށައިފިއެވެ. ނޭވާ އަރުތެރޭ ތާށިވި ފަދަ އާހެއް ކެންޒާގެ އަނގައިން ނުކުތެވެ. އޭނާގެ ލޮލަށް އެ ފެންނަނީ ޚުދު އޭނާބާއޭ ކެންޒާ ސުވާލު އުފެދުނެވެ. ލަދުގަތުމެއް ޖެހިލުންވުމެއް ފެންނަމުންދިޔަ ކެންޒާގެ ކިބައިގަނެތެވެ. މިފްރާހުއަށް ދެމުންދިޔަ ހިނިތުންވުންތައް ފެނި ކެންޒާގެ ހިތް ކަތިލެވުނެވެ. އޭނާގެ ގައިގާ މިފްރާހު ބީހޭ މަންޒަރުތައް ފެންނަމުންދިޔައިރު މުޅި ހަށިގަނޑުގެ އެތަންމިތަނަށް ތޫނު ކަށިތަކެއް ހެރެމުންދިޔަ ފަދަ އިޙްސާސެއް ކެންޒާއަށް ކުރެވުނެވެ. ދެ ލޯ ކަރުނުން ފުރި ފުސްވީއިރު ވެސް ކެންޒާއަށް އެސްފިޔަ ޖަހާ ނުލެވުނެވެ. ކެމެރާއެއްގެ ޕްލޭޝް ކެނޑެމުން ދިޔަ ހަނދާންތަކެއް ކެންޒާއަށް އާވީ ދެނެވެ. އަރުތެރެ ބެދެމުން އައިސް ކެންޒާއަށް ގިސްލެވިއްޖެއެވެ. މިފްރާހުއާ ގައިގޯޅިކޮށް އުޅެމުންދާއިރު ކެންޒާގެ ފަރާތުން ނުރުހުމުގެ އެއްވެސް އަސަރެއް ފާޅުނުވާތަން ފެންނަމުންދިޔައެވެ.

"އެއީ ހަމަ އަހަރެންތަ؟ ނުވާނެ... އަހަރެން ލޯބިވަނީ ލައިތުދެކެ، އެފަދަ ބީހުންތަކަށް އެދެވުނީ ވެސް ލައިތުގެ ފަރާތުން، އަހަރެން އެހެން ފިރިހެނަކަށް އެ ފުރުޞަތު ދިނީ ކީއްވެ؟" އަމިއްލަ ޟަމީރާ ކެންޒާގެ ހިތް ޝަކުވާކުރިއެވެ. އެވަގުތު ނަފްސުގެ ހިފެހެއްޓުން ކޮބާބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ.

ދެވަނަ ވީޑިއޯ ޕްލޭވާން ފެށީ ފުރަތަމަ ވީޑިއޯ ނިމުމާއެކު އޭގެ އަމިއްލަ ޒާތުގައެވެ. ހެދުމުގެ އެތެރެއިން ކެންޒާ ލާފައި ހުރި އަންނައުނުތަކުގައި މިފްރާހުގެ އެނދުގައި ކެންޒާ އޮތީ ހިނިއައިސްފައެވެ. ކެންޒާއަށް އިސްކުރީނު ނިއްވާލެވުނެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެއްވެސް ކަމެއް މިފްރާހު ގަދަކަމުން ކޮށްފައެއް ނުވެއެވެ. މިފްރާހުގެ ކޮންމެ ޢަމަލެއްގައި ކެންޒާގެ ރުހުންވިއެވެ. އޭނާއެކޭ އެއްވަރަށް ކެންޒާ ވެސް ވަނީ ބައިވެރިވެފައެވެ. ހިތުގައި ޖެހުނީ އެހެންވެއެވެ.

ތަޅުގައި ހިފާލި އަޑާއެކު ރޯން އިން ކެންޒާ ކައްޓެއްހެން ތެދުވިއެވެ. ފޯނު ހިފައިގެން ދުވެފައި ފާޚާނާއަށް ވަދެ ދޮރު ލެއްޕީއެވެ. ބިލިނގާގެ ތެރެއަށް ފެންމާގަނޑު ދޫކޮށްލީ، އޭނާ ގިސްލާ އަޑު އިވިދާނެތީއެވެ.

"މަންމާ..." ބިލިނގާ ކައިރީ ބުރަކަށި ޖައްސާލައިގެން ތަޅުންމަތީ އިށީން ކެންޒާއަށް ބުނެވުނެވެ. ދެން ހަދާނީ ކިހިނެއްކަން ނޭނގޭތީއެވެ.

ފާޚާނާގެ ދޮރުގައި ލައިތު ޓަކި ދިނެވެ. ކެންޒާގެ ޖަވާބެއް ނުލިބުމުން އޭނާ އައިސް އޮށޯތީ އެނދުގައެވެ. އޭނާ މިރޭ ބޭނުންވަނީ ކެންޒާއާއެކު އޮވެ ނިދާލާށެވެ. ކެންޒާ ފާޚާނާއިން ނުކުތީ ލައިތު އޮވެއޮވެ ނިދެމުން ދަނިކޮށެވެ. ތަންމަތީގައި އަތް ހާކާލުމާއެކު ލައިތުގެ ގާތަށް އަންނަން ކެންޒާއަށް ބުންޏެވެ. ރަނގަޅަށް އިސްތަށިގަނޑު ނުހިކި ހުރުމުން އެކަން ކެންޒާ ފާހަގަކުރިއެވެ. ނަމަވެސް ލައިތު ފަރުވާލެއް ނުބެހެއްޓިއެވެ. އޭނާއާ ވީހާ ވެސް ގާތްކޮށްލަމުން ކެންޒާ ގާތު ނިދާލުމަށް އެދުނެވެ.

* * * * *

ހަމީމުއާ ވާހަކަދައްކަން އިން މިފްރާހުގެ ޖީބުން ނެގި ސިޓީއުރައިގަ އޭނާ ހިފިއެވެ. އެތެރެ ބަލާލުމާއެކު ހަމީމު ބޯޖަހާލީ ހިތްހަމަޖެހިގެންނެވެ. ކެންޒާ ހޯދަން އައި ޒުވާނާގެ ވާހަކަ ހަމީމު ކިޔާދިނީ ދެނެވެ. ކާކުކަން އެ އައީ ލަފާ ކުރަން އެނގޭތީވެ މިފްރާހު ސުވާލެއް ނުކުރެއެވެ. އެކަމަކު އޭނާއަށް ޔަގީންނުވާ ކަމެއް އޮތެވެ. ލޮނުޒިޔާރަތްކޮޅުން ބައްދަލުވެ ވާހަކަދެއްކުމުން އެ ޒުވާނާ ބުނީ ކިޔަނީ ޔާދިންކަމެވެ. ދެން އެހެންވީރު ލައިތުއަކީ ކާކުބާއެވެ. ކެންޒާއަށް ޚާއްޞަ ނަމެއްކަން މިފްރާހަށް ޔަގީންވެއެވެ. މުޅި ރޭ ހޭދަވެގެން ދިޔައިރު ކެންޒާގެ ދުލުން އެއްފަހަރު ވެސް މިފްރާހުގެ ނަން ނުކިޔައެވެ. އެކަމަކު ލައިތުގެ ނަން އެ ދުލާ ވަކިނުވެއެވެ.

މުބީން ހުރީ އޭނާގެ ކޮޓަރީގައި ފޮރުވާފައި ހުރި ރާފުޅިތަކުން ފުޅިއެއް މިފްރާހު ނެގުމުން ހިތްހަމަނުޖެހިފައެވެ. ޚާއްޞަކޮށް އެ ފުޅި މިފްރާހު ގެނައިއިރު އެއްކޮށް ހުސްކޮށްފައި ހުރިތަން ފެނިގެންނެވެ. ކޮންއިރަކުތޯ އެކަން ކުރަންފެށީ މުބީން ސުވާލު ކުރިއެވެ. ދޭތެރެއަކުން ރާއްޖޭން ބޭރުގައި އުޅުނުއިރު ރައްޓެހިންނާއެކު ތަންތަނަށް ގޮސް ބިޔަރު ދަޅެއް ބޯލުމަކީ މިފްރާހުއަށް މާބޮޑުކަމެއްނޫނެވެ. ހަމަހޭ ގެއްލި މަސްތުވާވަރެއް އެވަރުން ނުވެއެވެ. ހަމައެއާއެކު އެއީ އޭނާ އާދަވެގެން ކުރާކަމެއް ވެސް ނޫނެވެ. ހަމަހޭގައި ހުރެގެން ކެންޒާއަށް އަނިޔާއެއް ދިނުމަކީ އޭނާއަށް ވާނޭ ކަމެއްނޫނެވެ. މުބީންގެ ކޮޓަރިން ރާފުޅި ގެންދިޔައީ އެހެންވެއެވެ. ކޮޓަރިތެރެއިން ނެރި އެހެން ތަނަކަށް ހުރިހާ ރާފުޅިތަކެއް މުބީން ބަދަލުކުރީ މިފްރާހުގެ ސަބަބުންނެވެ. އެފަދަ އެއްޗިއްސާ ދުރުގައި މިފްރާހު ބަހައްޓަން މުބީން ބޭނުންވާތީއެވެ.

އާޤިބުއާ މަޝްވަރާ ކުރުމުގައި މުބީން އިނީ، އޭނާއަށް މިފްރާހު ރާވަމުން އަންނަ ކަންތައްތައް އެނގޭތީއެވެ. އަންހެނަކާ ހެދި ކޮއްކޮ އެ އުޅެނީ މާވަރަކުންކަން މުބީން އަބަދުވެސް ބުނެއެވެ. އޭނާއަށް އެގޮތް ކަމުނުދަނީއެވެ. މިފްރާހު އެ ނޫން އަންހެނެއް ބޭނުންނުވާތީ މުބީން ގަސްދު ކުރީ ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ހުކުރުވިލޭރެއަށް ރިސޯޓަކަށް ނޫނީ ސަފާރީއަށް ޕާޓީކޮށް މަޖާކުރުމަށް ދާއިރު މިފްރާހު ގެންދާށެވެ. އެތަނުން ރީތި އަންހެންކުއްޖަކާ ގުޅިއްޖެއްނަމަ ކެންޒާގެ މަތިން މިފްރާހު ފޫހިވެދާނޭ މުބީން ލަފާކުރިއެވެ. އެހެންވިޔަސް މިފްރާހުގެ ހަށިފާރަވެރިހެން އޭނާ އުޅޭ ނޫޅޭ ގޮތް ބަލަން މުބީން ހަވާލުކުރީ އޭނާގެ އެންމެ ގާތް މީހާ، އާޤިބުއާއެވެ.

"އަހަރުން އަތުގަ ވެސް ބާރު އެބައޮތް... ނޭނގޭނޭހެން މިކަން ނިންމާލަން ރަނގަޅޭ..." ވިސްނަން އިނދެފައި މުބީން ބޯޖަހާލީ ސިކުނޑިއަށް އައި ޚިޔާލު ދުލުން ބޭރުކޮށްލަމުންނެވެ.

(ނުނިމޭ)