ޓޫރިޒަމް

އިންޑިއާގައި ރާއްޖެ އިސްތިހާރު ކުރަން ކެމްޕޭނުތަކެއް

އިންޑިޔާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް އެ ގައުމުގައި ރާއްޖޭ އިސްތިހާރު ކުރަން، އެ ގައުމުގެ ކުންފުނިތަކާ ގުޅިގެން ކެމްޕޭނުތަކެއް ފަށައިފި އެވެ.

ރާއްޖެ އިސްތިހާރު ކުރާ އެމްއެމްޕީއާރްސީ އިން މިއަދު ބުނީ އެތަނުން އިންޑިއާގައި ދެ ކެމްޕޭނަކާއި ވާޗުއަލް އެގްޒިބިޝައެއްގައި ބައިވެރިވިި ކަމަށެވެ. ފުރަތަމަ ކެމްޕޭނަކީ އިންޑިޔާގެ ވެޑިން ޕްލެޓްފޯމް 'ވެޑިންސުތުރާ' އާ ގުޅިގެން ހިންގާ ކެމްޕޭނެކެވެ. ހަ މަހަށް ކުރިއަށްގެންދާ ކެމްޕޭނުގައި، އަލަށް ކައިވެނި ކުރާ މީހުންނާއި އަދި ހަނީމޫނަށް ދާން ބޭނުންވާ މީހުންނަށް ރާއްޖޭގެ މައުލޫމާތު ވެޑިންސުތުރާ މެދުވެރިކޮށް ދެ އެވެ. އެމްއެމްޕީއާރްސީން ބުނީ، ވެޑިންސުތުރާ މެދުވެރިކޮށް މިލިޔަނަށްވުރެ ގިނަ މީހުންނަށް ރާއްޖެ އިސްތިހާރު ކުރެވޭނެ ކަމަށެވެ.

ދެވަނަ ކެމްޕޭނުގައި ރާއްޖެ އިސްތިހާރު ކުރަނީ، ރޭޑިޔޯ ޗެނަލް ތަކާ އެކު އެވެ. ރޭޑިއޯ ޗެނަލްތައް މެދުވެރިކޮށް އޮކްޓޯބަރު ފަހަކުން 16 އަށް އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ރާއްޖެ އިސްތިހާރު ކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. މި ކެމްޕެއިން މެދުވެރިކޮށް 29 މިލިއަނެއްހާ އަޑުއެހުންތެރިންނާ ހަމަަައަށް މެސެޖު ދާނެ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން، އެ ކޯޕަރޭޝަނުން މިއަދު ކުރިއަށް ދިޔަ ސައުތު އޭޝިޔާގެ ގެ ފުރަތަމަ ވާޗުއަލް އެގްޒިބިޝަން ކަމުގައިވާ ސައުތު އޭޝިއާ ޓްރެވެލް އެންޑް ޓުއަރިޒަމް އެކްސްޗޭންޖް ގައި ބައިވެރިވި އެވެ. މި އެގްޒިބިޝަންއަކީ އިންޑިއާގެ ޓްރެވަލް ޓްރޭޑުގައި އުޅޭ ފަރާތްތައް ބައިވެރިވި އިވެންޓެކެވެ. އެމްއެމްޕީއާރުސީ އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 11 ކުންފުންޏަކުން މި އިވެންޓުގައި ބައިވެރިވިި އެވެ.

އިންޑިޔާގެ ގިނަ އަދަދެއްގެ ފަތުރުވެރިން މިދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރި އެވެ. އެހެންނަމަވެސް، ޖުލައި 15ގައި ބޯޑަރު ހުޅުވާލުމަށްފަހު އައި ފަތުރުވެރިންގެ ނިސްބަތުން އިންޑިއާ ރައްޔިތުން މަދެވެ.