ވާހަކަ

ލޯބިން ބުނެލަން

(6 އޮކްޓޯބަރ 2020 އާ ގުޅޭ)

"އަހަރުން އަތުގަ ވެސް ބާރު އެބައޮތް... ނޭނގޭނޭހެން މިކަން ނިންމާލަން ރަނގަޅޭ..." ވިސްނަން އިނދެފައި މުބީން ބޯޖަހާލީ ސިކުނޑިއަށް އައި ޚިޔާލު ދުލުން ބޭރުކޮށްލަމުންނެވެ.

"މިގެއަށް އެ އަންހެންކުއްޖާ ގެނައިމަ އަހަރެންނަށް ކަމުނުދިޔައީ." އާޤިބު ބުންޏެވެ.

"އޭނާ އެކަން އެކުރީ ވަރަށް ޑެސްޕަރޭޓްވެގެން، އެ އަންހެން ގޮލާ ރައްޓެހިވެގެން އުޅޭ މީހާ ދައްކާށޭ ކިޔާކިޔާ ބަލަ ނުބުންޏޭ، ހަދާގޮތެއް އަހަރެން ހަދާފަނަމޭ، މިފޫ ދުރުގަ ހުންނާށޭ ބުނެފިން... މިވީ ގޮތުން ރިޕޯޓެއްކޮށްފިއްޔާ ވަރަށް ކަޑަވާނެކަން އެނގޭ، މާބޮޑު ރޭވުންތެރިކަމެއްނެތި އޭނާ ކުރިކަމެއް... މިފޫ އެހެން އުޅެނިކޮށް ބެދިދާނެތީ މިހާރު އަހަރެން އެންމެ ވޮރީ ވަނީ." މުބީން ބުންޏެވެ.

"ވިޔާމަށް މިކަމުގެ ތަފްސީލު އެނގޭނެ، މާބެ އޭނާ ގެނެސް އަހަންވީނު، މިކަން ބޮޑުކަމަކަށް ނުވަނީސް ބަލަން އެބަޖެހޭ..." އާޤިބު އެންމެ ބޮޑަށް ކަންބޮޑުވަނީ މުބީންއާ މެދުއެވެ. މިފްރާހަކީ މުބީންގެ ކޮއްކޮއަށްވާއިރު، އޭނާ އެ ކޮއްކޮ ސަލާމަތްކުރުމަށް ޓަކައި ކޮންމެފަދަ ކަމެއް ވެސް ކޮށްފާނޭކަން އާޤިބަށް އެނގެއެވެ. އޭނާ މިފްރާހުއާއި މުބީން ވެސް ހިމާޔަތްކުރަން ބޭނުމެވެ. މުބީންއަކީ މާލޭގައި އެންމެންގެ ލޯތަކަށް ސިއްރުވެފައިވާ ކުށުގެ ނެޓުވޯކުގެ އެންމެ އަޑީގައި މިވަގުތު ތަޚުތުގައި އިން ރާޖާއެވެ. ހަމައެއާއެކު އެތައް ހަތުރުންނެއް ތިބީ ވަގުތަކަށް ބަލަބަލާއެވެ. އެ ތަޚުތު މުބީންގެ ލެއިން ކަޅިވުމަށް އެދިއެދިއެވެ. އެމީހުންގެ ވަޅިތަކުގެ މިޔަތަށް ވަނީ ކައިވަތެއްހާ ދުރުމިނުގައެވެ. ހަމައެއާއެކު މުބީނަކީ އާޤިބުގެ ހަޔާތުގައި ދުށް އެންމެ ޖެހިލުންކުޑަ ޒުވާނާއެވެ.

"މިހާރު ކައިފިތަ؟." ވިސްނަން އިނދެފައި މުބީން އަހާލިއެވެ.

"ނިދާފަހެން ހީވަނީ، އެއްޗެއް ނުކައިހުރެ އޭނާ އެވަރަށް ބުއިމަ..." އާޤިބު ބުންޏެވެ.

"އޭނާ ބުއި ފުރަތަމަ ފަހަރުކަން އަހަރެންނަށް އެނގޭ." މުބީން މިހެންބުނެ ހިނިގަނޑެއް ޖަހާލިއެވެ. ދެން އާޤިބަށް ބަލާލުމާއެކު ގޭގައި ހުރި ރާފުޅިތަކާއި އެހެންނިހެން މަސްތުވާތަކެތީގެ ސްޓޮކް، "ސޭފް ހައުސް"އަށް ބަދަލުކުރެވުނު ގޮތުގެ ތަފްސީލު އެއްސެވެ. ގޭތެރޭގައި މިފްރާހުއަށް ފެންނަ ހިސާބުގައި އެފަދަ އެއްވެސް އެއްޗެއް ދެން މުބީން ނުބަހައްޓާނެއެވެ. މުބީންގެ ގާތުގައި ހުރެ މަސްތުވުމަށް ކޮއްކޮ ދެވިހިފާފާނެތީއެވެ. އެހެންވެ ކޮންމެ ގޮތަކުން ވިޔަސް އެކަން އޭނާ ހުއްޓުވާނެއެވެ.

* * * * *

ހިރާއާ މެދު ކެންޒާ އެއްވެސް ސުވާލެއް ނުކުރާތީ ލައިތު ފިކުރުބޮޑުވިއެވެ. ކެންޒާ ހިތުގައި ޝަކުވާތައް ބޮނޑިކޮށްގެން ހުރީ ކަމުގައި އޭނާއަށް ހީވާން ފެށިއެވެ. ކެންޒާ ހިތަށް އަރާނޭ އެއްޗިއްސާ މެދު ލައިތުއަށް ވިސްނެއެވެ. އޭނާގެ ހަޔާތާއި ގުޅިގެން ހަޤީޤަތުގައި ކެންޒާއަށް މާބޮޑު ވާހަކަތެއް ލައިތު ކިޔާދީފައެއްނުވެއެވެ. ހިރާއާއެކު ޕެންޓްހައުސްގައި ހޭދަކުރި ވަގުތުގެ ވާހަކަ، ކެންޒާއަށް ކިޔައިދޭން ހަޤީޤަތުގައި ލައިތު ބޭނުންނުވަނީއެވެ. އޭނާއަކީ ހުރިހާ ގޮތަކުން ވެސް މިހާރު ކެންޒާގެ މީހެއްކަން އިޙްސާސްކޮށްދޭން ބޭނުންވާވަރުންނެވެ. އޭނާގެ މައްޗަށް ކެންޒާ ޝައްކުކުރާކަށް ނޭދެއެވެ. ދުނިޔޭން މޮޔަވާވަރަށް އޭނާ ކެންޒާދެކެ ލޯބިވާކަމީ ހަޤީޤަތެވެ. އަނެއްކޮޅުން ކައިފް ގޮވައިގެން މިންނާއާއެކު ފުރަން ކެންޒާ އުޅޭތީ އެކަމާ ލައިތު ނުތަނަވަސްވާ ގޮތްވެއެވެ. އޭނާ ބޭނުންވަނީ ކެންޒާއާއެކު ދަތުރުގައި ބައިވެރިވާށެވެ. އޭނާ އެކަނިވާނޭ ފުރުޞަތެއް ނުދޭށެވެ.

ލައިތު މެދުވެރިވެގެން ކެންޒާ ހީކުރު ވަރަށްވުރެ އަވަހަށް ޕާސްޕޯޓް ލިބިއްޖެއެވެ. އެ ހަވާލުކޮށްފައި، ކެންޒާ ހޮސްޕިޓަލަށް ލާފައި ލައިތު އެނބުރި އައީ ގެއަށެވެ. އޮފީސް ހެދުމުގައި އޭނާ ހުރީމައެވެ. ކޮޓަރިއަށް ވަންނަން އައި ލައިތު ހުއްޓުވީ ސޯފާގައި އިން ސެހްރާނެވެ.

"ކެން ބޭބެގެ ހާލު ވަރަށް ގޯސްވީތަ؟." ސެހްރާނު އަހާލީ ސީރިއަސްވެފައެވެ.

"އައިސީޔޫއިން ނެރެފި، ފުރަން އުޅެނީ... ރަނގަޅޭ ބުނާވަރެއްނޫން." މާޔޫސްވެ ހުރެ ކަނދުރާގައި ކަނާއަތްތިލައިން ލައިތު ހިފަހައްޓާލިއެވެ.

"ކެން ރުއިހެން މިއަދު ހީވި... އައި އޭމް ނޮޓް ޝިއާ..." ސެހްރާނު ބުންޏެވެ.

"ކޮންއިރަކު؟" ލައިތު ކަންބޮޑުވިއެވެ.

"ބްރޯ... ކެންއަކީ ޕްރޯ ޝެފެއް، ކައްކަން ހުންނައިރު... އައި މީން ފިޔާކޮށާއިރު ކެން ރޯތަނެއް ކުރިއަކުން ނުދެކެން، އައި ޑޯންޓް ނޯ، ހިޔެއްނުވޭ ފިޔާ ދިލައިން ކެންގެ ލޮލުން އެވަރަށް ފެން އަންނާނޭހެން، އަހަރެންނަށް އަހާ ވެސް ލެވުނު، ހުރިހާކަމެއް ރަނގަޅުތޯ... ޝީ ޖަސްޓް ގޭވް މީ އަ ފޭކް ސްމައިލް." ކަންތައްވީގޮތް އަދިވެސް ސެހްރާނުގެ ލޮލަށް ފެންނަ ކަހަލައެވެ.

"މެންދުރުތަ؟... ހެނދުނު އަހަރެން ހުރިން ކެންގެ ވޯކް އެއްކޮށް ނިމެންދެން." ލައިތުއަށް ވިސްނާލެވުނެވެ. އޭނާ ކުރި ސުވާލަށް ސެހްރާނު ބޯޖަހާލީއެވެ.

"އިޓްސް މައި ފޯލްޓް." މަޑުމަޑުން ލައިތަށް ބުނެވުނެވެ. އޭނާއަށް ޤަބޫލުކުރެވުނީ ކެންޒާ ދެރަވާންޖެހުނީ ހިރާގެ ސަބަބުން ކަމަށެވެ. ހިރާއާއި އޭނާއާ ދެމެދު ކުރެވުނު ޒުވާބުގެ އަޑު ކެންޒާއަށް އިވޭނެކަން ޔަގީނެވެ. އަމިއްލަ ކޮޓަރީގައި ނިދަން ނޯވެވިގެން ކެންޒާގެ ގާތަށް ލައިތު އައީ ވެސް އެހެންވެއެވެ. ބުނަން ބޭނުންނުވިޔަސް ކެންޒާ ސުވާލެއްކޮށްފިނަމަ އޭނާއަށް ކިޔައިނުދީ ނުހުރެވޭނެއެވެ.

"ރުޅިގަދަވެގެން ކެންއާ ދިމާއަށް އެއްޗެކޭ ބުނީ ދޯ" ލައިތު ކުށްވެރިކުރާ ފަދަ ރާގެއްގައި ސެހްރާނު ބުންޏެވެ.

"ކަމް ވިތް މީ..." ސެހްރާނުގެ މުލައްދަނޑީގައި ހިފާ ދަމާލުމާއެކު ލައިތު ބުންޏެވެ.

ދެ ޒުވާނުން އައި ވަނީ ލައިތުގެ ކޮޓަރިއަށެވެ. އިތުރު މީހަކަށް އެ ދެމެދުގައި ދެކެވޭ ވާހަކަ އަޑުއިވެން ލައިތު ބޭނުންނުވީއެވެ. އޭނާއާ ހެދި ސެހްރާނު އުޅެނީ ވަރަށް ވަރުންކަން ލައިތަށް އެނގެއެވެ. ލައިތުގެ ކޮންމެ ނިންމުމަކަށް ސުވާލަކާނުލައި އިޙްތިރާމް ކުރާނޭކަން ޔަގީންވާ މީހެއްކަމުގައި ސެހްރާނުވެއެވެ. ލައިތުއަށް ކުށެއްކުރެވިއްޖެކަން އޭނާ ސެހްރާނަށް ކިޔައިދިނެވެ. ހިރާގެ ވާހަކަ އިވުމުން ސެހްރާނު އިނީ ބަސްހުއްޓިފައެވެ. ދެން އިރުކޮޅެއްފަހުން އޭނާ ބާރަށް ހޭންފެށިއެވެ.

"އާ ޔޫ ސްޓުޕިޑް... އޮފްކޯޒް ޔޫ އާ ސްޓުޕިޑް... ފެމެލީތެރޭންތަ އެވަރުގެކަމެއް ކުރަން އެނގުނީ، އަންކަލްއަށް އެނގިއްޖެއްޔާ ދުވަސްދާނެ." ލައިތުގެ ބޮލުގައި ދެއިނގިލި ކުރި ޖައްސާލައި ފަހަތަށް ކޮށްޕާލުމާއެކު ސެހްރާނު ބުންޏެވެ.

"ހީވަނީ ކެން ހާޓްވީހެން... އަހަރެން މެރީކުރަން އުޅޭ ކުއްޖާއޭ ބުނީމަ، ހިރާ އެ ހުރިހާ އެއްޗެކޭ ކީ، އެނގޭ ކެންއަށް އިއްވަންވެގެންކަން އޭނާ އުޅުނީ، ގަދަކަމުން ނެރިލަން އުޅެފަ ވެސް އަނިޔާއެއް ވެދާނެތީ، ކިރިޔާ އަތްޖައްސާލިޔަސް އެނގޭނެ، ފިޒާނާ ކުޅުނު ކުޅިގަނޑު އެނގެއެއްނު، މީނަ ވެސް އެކަހަލަ ސަކަރާތެއް ޖަހާފާނެތީ... ކެން އެއްވެސް ސުވާލެއް ނުކުރި، އެންމެ ކުޑަމިނުން ހިރާގެ ނަން ވެސް އަހާނުލި، ފުރުން ހަމަޖެހިފަ އޮތީ... އެއްވެސް އެއްޗެކޭ ނުބުނެ ހުރެ އެއުޅެނީ ދާން." ލައިތު އިސްޖަހާލިއެވެ.

"ޕްރޮޕޯޒް ކުރުން ކިހިނެއްވާނީ... ލައިތުއަށް އަވަހީތަ؟" ސެހްރާނު ޚިޔާލެއް ދިނެވެ.

"އަވަހެއްނޫން، އޮފިޝަލީ އިންނަން ނޭނހިޔަސް... އަހަރެން އިންނަން ބޭނުންވާކަން ބުނިން، ކެން ވެސް ރެޑީ މެރީކުރަން." ލައިތު ބުންޏެވެ.

"ކިހިނެއް ޕްލޭން އޮތީ؟... ފެމެލީއާއެކުތަ؟" ސެހްރާނު އަހާލިއެވެ.

* * * * *

"ދިޔައިމަ ގޭތެރެ ބަލަހައްޓާނީ ކާކު؟ ކޮޓަރިތަކަށް ވަދެ ހެދިޔަސް ނޭނގޭނެ... މަންމައަށް އެއްވެސް އެއްޗެއް ނުލިބުނަސް ޝަކުވާއެއްނެތް، އެކަމަކު ދަރިފުޅުމެންނަށް ގޮތެއް ފެންނަން ބޭނުން، ތިކުދީންގެ މުސްތަޤުބަލާ މެދު ވިސްނާފައި އެ ގެއާ މަންމަ އެހާވަރަށް ހިފަނީ، މީހަކު ނެތިއްޖެނަމަ ހަމީމު ކަމެއްނޫން ކޮންފަދަކަމެއް ވެސް ކުރާކަށް، ދެން އަނެއްކާ ބައްޕަ ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް، ބައްޕަ ބަލަން ވެސް އެބަޖެހޭ، އޭނާ ކައިބޮއެ ހަދާނޭ އިތުރު ތަނެއް ނުހުންނާނެ، މީހަކު އެއްޗެއް ރޯފިލުވައިދީފިއްޔާ އޭނާއަށް ކެވޭނީ، ފައިސާއެއް އަތަށް އަރައިފިއްޔާ އެ ޚަރަދުކުރާނީ ކޮންކަމަކަށްކަން ދަރިފުޅަށް އެނގޭނެ، އެހެންވީމަ އޭނާއަށް ފައިސާ ދީފައި ދިއުމަކީ ވެސް ކުރެވޭނެ އެންމެ މޮޔަކަންތައް."

"ގޭގައި އެކަނި ހުންނާކަށް ނުކުރޭނެ." ކެންޒާ މަންމައަށް ބަލަން އިނީ އެސްފިޔަ ޖަހާލުމެއްނެތިއެވެ. އޭނާގެ ދުލުން ހާމަކުރުމަށް ނުކުޅެދެވިފައިވާ ކަންކަން އެ ދެ ލޮލުން ދެނެގަތުމަށް އެދި މަންމަ ގާތުން އާދޭސްކުރާ ކަހަލައެވެ. އެސްފިޔަޖަހާލައިފިނަމަ އެ ދެ ލޮލުގައިވި އިޙްސާސްތައް ފަނޑުވެ މަންމައަށް ނުފެނިދާނޭ ހީވާ ކަހަލައެވެ.

"މަންމައަށް ޓަކައި އެވަރުކޮށްލަ ދީ... ކެން މަސައްކަތްކުރާ ގޭގަ ހުރެވޭގޮތަށޭ ހުންނަނީ ބުނީމެންނު، އެގޭގެ ނިދާ ހެދިޔަސް އެންމެ ރަނގަޅު، ހަމައެކަނި ގެއަށް ވަދެލާ ކައްކާފަ ބަހައްޓާލަދީ، އޭރުން ގޭތެރޭގެ ހާލަތު ވެސް ފެންނާނެއެއްނު... މަންމައަށް ޓަކައި އެވަރު ކޮށްދެވިދާނެތަ؟..." މިންނާ ކެންޒާގެ އަތުގައި ހިފާލިއެވެ.

"މަންމާ..." ކެންޒާ އެއްބަސްވާން ބޭނުމެއްނޫނެވެ. އޭނާ ވާހަކަދައްކާނޭ ހިތްވަރު ހޯދަމުންދިޔައެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލީ އެވަގުތެވެ. ދެމައިންގެ މޫނުން ވެސް ފާޅުވީ ހައިރާންކަމެވެ.

މަޑުމަޑުން ދޮރު ހުޅުވާލައި ސަލާމް ގޮވާލި އަޑު އިވުނެވެ. ކެންޒާގެ މައިބަދައިން ފެށިގެން މުޅިގަނޑު އެ އަޑުގެ ސަބަބުން ފިނިވެ ގަނޑުވެއްޖެއެވެ. މިންނާ ކޮޅަށް ތެދުވީ ދޮރުން ވަންނަނީ ކޮންބައެއްތޯ ބެލުމަށެވެ. އޭނާ ވެސް އަޖައިބުވެ އަންތަރީސްވިއެވެ. ދޮރުން ވަދެގެން އައީ ހަމީމުއާއި މިފްރާހެވެ. ކެންޒާގެ މޭކަށީގައި ހިފައި ދެފަޅިއަށް މީހަކު ހުޅުވާލި ކަހަލައެވެ. ފިނިކަން އިޙްސާސްވަމުން ދިޔައިރު ހީވަނީ ހާމަވެފައިވާ އޭނާގެ ހިތުގައި ފައިބަމުންދިޔަ ފިނީގެ ރޯޅިތައް ހުރަހެއްނެތި ބީހެމުންދިޔަ ހެންނެވެ. މޭގައި ރިއްސައިގަތުމާއެކު އޭނާ ހާސްވާންފެށިއެވެ. ވީޑިއޯގައި ފެނުނު މަންޒަރުތައް ސިކުނޑީގައި ކުރެހެން ފެށުމާއެކު ހަމަހޭގައި ހުއްޓާ އޭނާގެ ގައިގާ މިފްރާހު އަތްލާހެން ހީވާންފެށިއެވެ. ނޭވާ ހާސްވެގެން މަރުވަނީއޭ ހީވާން ފެށުމުން ދުވެފައި އެ ކޮޓަރިން ކެންޒާ ނުކުތެވެ.

ކިރިޔާ ލޯ ހުޅުވާލެވުނު ކައިފްއަށް އެ މަންޒަރުތައް ފެނުނެވެ. ހަމީމު ފެނިގެން ހައިރާންވުމަށްވުރެ ބަލި އެނދުގައި އޮވެ ވެސް ކައިފްއަށް ފާހަގަކުރެވުނީ ކެންޒާގެ ހަރަކާތްތަކެވެ. އޭނާ އަލުން ލޯ މަރާލީ ހަމީމާއި މިފްރާހުއާ އަނގައިން ބުނަން ޖެހިދާނެތީއެވެ.

ކޮޓަރިތައް ފަހަނައަޅައި ގޮސް އެ ފަންގިފިލާގައި ހުރި އަންހެން ފާޚާނާއަށް ކެންޒާ ވަނެވެ. އަތްދޮނަން ތަށިތައް ހަރުކޮށްފައިވާ ހިލައިގަ ދެއަތް ވިއްދާލައިގެން ކެންޒާ އޮތީ ގުދުވެފައެވެ. ވަރުބަލިވުމަކާއި ނުލާ އޭނާ މާނޭވާ ލަނީއެވެ. ފުއްޕާމެއަށް އޮކްސިޖަން ފޯރުވުން ދަތިވެފައިވާ މީހަކު ފަދައިންނެވެ.

"ކޮންކަމެއް ހާސިލުވާނޭކަމަށް އެއައީ... އަހަރެންތަ؟ އަހަރެން އެއްބަސްވާނޭ ކަމައްތަ؟ ނުވާނަން... ދުނިޔެއަށް ބޭޒާރުކޮށްލިޔަސް ނުވާނަން، އުމުރަށް އަހަރެން ލައިތުއާ ވަކިވާން ޖެހުނަސް ނުވާނަން އެއްބަހެއް... ދުވަހަކުވެސް ނުވާނަން... ޖެހޭނީ ފުރާނައާއި ހަށި ދެތަންކުރަން... އެނޫންގޮތަކަށް ނުލިބޭނެ." ކެންޒާގެ ހިތް ގިސްލާ ރޮމުން ހަޅޭލަވަނީއެވެ.

ހަމީމުއާއި މިންނާއަށް ފުރުޞަތު ދީފައި މިފްރާހު ނުކުމެ ކޮޓަރިން ބޭރުގައި މަޑުކޮށްލިއެވެ. ދެކޮޅު ހޯދާލިއެވެ. ޖީންސުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ހުރެ މަޑު ހިނގުމުގައި އޭނާ އައެވެ. ދެ ފަރާތުން ދެވެން ހުރި ހުރިހާ ދިމާއެއް އޭނާ ބެލިއެވެ. އެ ދެ ލޯ ހޯދަނީ ކެންޒާއެވެ. އޭނާގެ ގަސްދަކީ ވެސް ކެންޒާގެ ޢަމަލުތައް ހުރި ގޮތެއް ބެލުމެވެ. އޭނާއަށް މިފްރާހު ފެނުމުން ކަންތައްކުރާ ގޮތެއް ދެނެގަތުމެވެ. ކުރިމަތިލާން ކެންޒާއަށް ނުކެރުނީ ފޮނުވާފައި ހުރި ވީޑިއޯތައް ބަލައިގެންކަން މިފްރާހަށް ޔަގީންކުރެވުނެވެ.

ގެއަށް ދާން ވެގެން ހަމީމު ކޮޓަރިން ނުކުތްއިރު މިފްރާހު އެ ދިމާއަށް ހުރެ އާދެއެވެ. އޭނާއަށް ހަމީމު ފެނުމާއެކު ހުއްޓުނީއެވެ. ހަމީމު އައިސް އެއްވަރުކުރަމުން ބޮލުން އިޝާރާތެއްކޮށްލިއެވެ. އެބުނި އެއްޗެއް މިފްރާހަށް ފަހުމްވެ، އޭނާ ދެ ފަރާތަށް ބޯހޫރާލިއެވެ. ވަށައިގެން ބަލާލުމަށްފަހު ހަމީމު ވާހަކަދައްކަން ފެށިއެވެ. ކައިފް ގޮވައިގެން މިންނާ ފުރަންކަން އުޅެނީ ބުންޏެވެ. އެމީހުންނާއެކު ކެންޒާ ވެސް ދާން ބޭނުންވާކަން ހަމީމު ބުނުމާއެކު މިފްރާހުގެ ފިޔަވަޅު ހުއްޓުމަކަށް އައެވެ.

"ދާން ބޭނުންވީ... ދެޔެކޭ މަށެއް ނުބުނަމެންނު..." ހަމީމު ބުނި އެއްޗެއް ތަފްސީލުކޮށްލާ ހެން ލަސްލަހުން ބުނެލިއެވެ. މިފްރާހު ބޯޖަހާލީއެވެ.

"ކޯޓަށް ގެންގޮސް ކައިވެނި ހަމަޖައްސާލަންވީނު... މާބެ ކައިރީ ބުނެބަލަ، އޭނާ އުޅެފިއްޔާ ބޮޑުކަމަކަށް ނުވެ މިކޮޅުން ކައިވެނި ވެސް ކޮށްލެވިދާނެ، އަހަރެން ވަލީ ދޭން މިހުރީ." ހޮސްޕިޓަލުން ނުކުމެނުކުމެ ހުރެފައި ހަމީމު ބުނެލިއެވެ.

"މާބެގެ ނަން ނުކިޔާ." މިފްރާހު ބުނެލިއެވެ.

* * * * *

ކެންޒާއަށް ދިނުމަށް ޓަކައި އަނގޮއްޓިއެއް ބެލުމުގައި މުޅި ރޭ ލައިތު ހޭދަކުރިއެވެ. މާލެއިން އެކަން ވާގޮތް ނުވުމުން ހަނދާނަށް އައީ ކިޔަވަން އުޅުނުއިރު ރަޙުމަތްތެރިއެއްގެ މަތިންނެވެ. ގެއަށް އައިސް އުޅުނު ހަމައެކަނި ރަޙުމަތްތެރިއަކީ އެއީއެވެ. ލައިތު ރާއްޖެ ބަދަލުވުމަށްފަހު ވެސް އޭނާގެ ހާލު ބަލާލައި ހަމައެކަނި ރަޙުމަތްތެރިއަކީ އެއީއެވެ. ބިންޔާމިން އަބޫމާލިކަކީ ރަނުގެ ވިޔަފާރިކުރާ ޢާއިލާއަކުން އައިސްފައި ހުރި ޒުވާނެކެވެ. ކިޔަވާ ނިންމާފައި ވިޔަފާރިއާ ހަވާލުވާނީ އޭނާކަމުގައި އަބަދުވެސް ލައިތު ގާތު އޭނާ ކިޔައެވެ. ބިންޏާމީނު، އޭނާގެ ޢާއިލާއާއެކު ދިރިއުޅެނީ އަބޫދާބީގައެވެ. އެމީހުންނަކީ އެތަނުގެ ރަށްވެހިންނެވެ.

"ހޭ ބެނީ..." އައިޕެޑް އަތަށް ލައިގެން ހުރެ ލައިތު ބުނެލިއެވެ. އޭރު އިސްކުރީނުން ފެންނަން ހުރީ ހުދު ދޮނެއް ލިބިފައި، ދިގު މޫނެއްގެވެރި ފިރިހެނެކެވެ. އޭނާގެ ކަޅުކަން ގަދަ ތުނބުޅިމަތިމަސް ހުރީ ތުނިކޮށްފައެވެ. އިސްތަށިގަނޑު އެއްފަރާތަށް އޮމާންކުރެވިފައި ހުރިއިރު، އިސްތަށިގަނޑުގެ ފަންކަމާއި ބޯކަން ފާޅުވެއެވެ. ލައިތުގެ ގޮވާލުމަށް ބިންޏާމިން ސަލާމް ގޮވާލިއެވެ. އޭނާގެ ސަލާމް ލައިތު ބަލައިގަތުމާއެކު އެމީހުންގެ ބަހުން އެއްޗެހިތަކެއް ގޮވައިގަތެވެ. ލައިތު ޖަހާލީ ހިނިގަނޑެކެވެ. ބިންޏާމީނަށް އިސްވެ ލައިތު ގުޅީ މުސީބާތެއް ކުރިމަތިވީތޯ އެކުވެރިޔާ ސުވާލުކުރިއެވެ. ދިރިއުޅުން ކައިވެންޏަކާ ހަމައަށް ދަތުރު ފަށާފައިވާކަމުގެ އުފާވެރި ޚަބަރު އެކުވެރިޔާއާ ލައިތު ޚިއްޞާ ކުރީ ދެނެވެ.

އާ އަހަރަށް ތައްޔާރުވަމުން އަންނަ ފަރުމާތަކުގެ ވާހަކަ ބިންޏާމީން ޚިއްޞާކުރިއެވެ. އަނބީމީހާއަށް ދިނުމަށް އެފަރުމާތަކުން އަނގޮށްޓިއެއް ޚިޔާރުކުރުމަށް އޭނާ އެދުނެވެ. ލައިތުއަށް ފޮޓޯތައް ފޮނުވާނޭކަން ބިންޏާމީން ބުންޏެވެ. ކައިވެންޏަށް ދަޢުވަތު ލިބޭނެ އިރެއްގެ އިންތިޒާރުގައިކަން އޭނާ ހުރީ ހަނދާންކޮށްދިނެވެ. ދިވެހިރާއްޖެއަށް އޭނާ ދާން ވިސްނާތާ ވެސް ދުވަސްކޮޅެއްވެއްޖެކަން ބުންޏެވެ. ލައިތު އަނގޮއްޓިއެއް ބޭނުންވެގެން ކުރި ވީޑިއޯކޯލު ވިޔަފާރީގެ ކޯލަށް ބަދަލުވާން ގިނައިރެއްނުނެގިއެވެ.

(ނުނިމޭ)