ދާދިފަހުން ރާއްޖޭގެ ސަފާރީ އަކަށް އައި ޓޫރިސްޓެވެ. އޭނާ އައިތާ މާ ގިނަ ދުވަހެއް ނުވަނީސް ކޮވިޑް-19 ގެ އަލާމާތްތައް ގައިން ފެންނަން ފަށައިފި އެވެ. އޭރު ސަފާރީ އޮތީ ކަރަންޓީން ފެސިލީޓީ ނުވަތަ ހޮސްޕިޓަލަކަށް ވުރެ ވެސް މާ ދުރުގަ އެވެ. ނަތީޖާއަކަށްވީ އޭނާ އަށް ފަރުވާދޭނެ ގޮތެއް އަވަހަށް ހޯދަން ޖެހުނަސް އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހުމެވެ. ކޮވިޑް-19 އަށް ޓެސްްޓް ހަދަން ޖެހެ އެވެ. އެކަމަކު އޭނާގެ އަތުގައި ކަވަރު ކުރާނެ އިންޝުއަރެންސް ޕްލޭނެއް ނެތެވެ. ނަތީޖާއަކަށްވީ އެ ޓޫރިސްޓު މީހާ ދަތުރަށް ކުރަން ޖެހުނު ހަރަދަށް ވުރެ ބޮޑު އެއްޗެއް ހަމައެކަނި ޓެސްޓްއެއް ކޮށްލައި، ބަލައިލަން ހަރަދުވުމެވެ. ބޮޑު ބަލިމަޑުކަމެއްގެ ވަގުތުގައި ޓްރެވަލް އިންޝުއަރެންސެއް ބޭނުންވާ އެއް ސަބަބަކީމި އެވެ. އެހެންވެ މިފަދަ ހާލަތެއްގައި ކުރިމަތިވާ މާލީ ބުރައިން އަރައިގަންނަން އެލައިޑުން ދާދިފަހުން ތައާރަފުކުރި ޓްރެވަލް އިންޝުއަރެންސް މުހިންމު ރޯލެއް ކުޅޭނެ ކަމަށް ޓޫރިޒަމް ސިނާއަތުން ދެކެނީ އެހެންވެ އެވެ.
"މި ކަހަލަ ވަގުތެއްގައި އިންޝުއަރެންސެއްގެ މުހިންމުކަން ވަރަށް ބޮޑު. ހަގީގަތުގައި ކަރަންޓީން ފެސިލިޓީ އަށް މީހަކު ގެންދަން ޖެހުނީމަ ދާ ހަރަދު އެނގޭނީ. ހަމައެކަނި ފެސިލިޓީ އަށް ނޫނީ ހޮސްޕިޓަލަށް ގެންގޮސްފަ ދޫކޮށެއް ނުލެވޭނެ ފަރުވާނެ ހަރަދު ވެސް ދާނެ. އެހެންވީމަ މާލީ ގޮތުން ވަރަށް ބޮޑު ތަކުލީފަކުން މި ސަލާމަތްވީ،" ރާއްޖޭގެ ބޮޑު ރިސޯޓެއްގެ އޯނަރަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
މި އިންޝުއަރެންސުގެ ސަބަބުން މާލީ ބުރައިން ސަލާމަތް ވާނީ ހަމައެކަނި ރިސޯޓު އޯނަނެއް ނޫނެވެ. ގެސްޓްހައުސްތަކާއި ސަފާރީ އަދި ޓޫރިސްޓުންނަށް ހިދުމަތްދޭ ހުރިހާ ތަނަނަށްވެސް މިއީ މުހިންމު ޕްރޮޑަކްޓެކެވެ.
މި އިންޝުއަރެންސް ދެނީ މަދު ގައުމެއްގައި
ރާއްޖޭގައި އިންޝުއަރެންސް ޕްލޭޖެއް ތައާރަފު ކުރިއިއިރު މިއީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ މަދު ގައުމެއްގައި ނޫނީ ނުލިބޭ ހިދުމަތެވެ. މިހާލަތުގައި މިފަދަ އިންޝުއަރެންސުގެ ރައްކާތެރިކަމެއް ގެނެސް ދީފައިވަނީ ކެނެޑާ އާއި ޑޮމެނިކަން ރިޕަބްލިކް ފަދަ މަދު ގަމެއްގަ އެވެ. ގިނަ ގައުމުން ބޭރަށް ދަތުރު ކުރާނަމަ އިންޝުއަރެންސް ކުންފުނި ތަކުން އިންޝުއަރެންސް ކަވަރެއް ނުކުރެ އެވެ. ނަމަވެސް އެލައިޑުން ގެނެސް ދިނިން މި ޕްލޭންގެ ސަބަބުން ރާއްޖެއާ މެދު އޮތް ޔަގީންކަން ޓޫރިސްޓުންގެ މެދުގައި ބޮޑު ވެގެންދާނެ އެވެ. ބޭރުން ޓޫރިސްޓުން އަންނައިރު އިންޝުއަރެންސް ޕެކޭޖު ނަގައިގެން އަންނަން ފުރުސަތު ލިބޭނެ އެވެ.
އެލައިޑުން ތައާރަފު ކުރި "އެލައިންޑް އިންބައުންޑް" އިންޝުއަރެންސް ޕްލޭންތަކުގެ އަގު އުޅެނީ 25 ޑޮލަރާއި 45 ޑޮލަރާ ދެމެދުގަ އެވެ. ހަތް ދުވަހަށް އަންނަ ޓޫރިސްޓުންނާއި އެއަށް ވުރެ ގިނަ ދުވަހަށް އަންނަ މީހުންނަށް ވެސް ދެ ޕެކޭޖު ނެގިދާނެ ކަމަށެވެ. މި ޕެކޭޖުން އައިސޮލޭޝަން ފެސިލިޓީ އަށް ހިނގާ ހަރަދާއި އިމަޖެންސީ ހާލަތްތަކުގައި މެޑިކަލް ފެސިލިޓީ އަކަށް ކަނޑުމަގުން ޓޫރިސްޓުން ގެންދާނަމަ އެކަމަށްދާނެ ހަރަދާއި ޓޫރިސްޓަރު މަރުވެއްޖެނަމަ ވަޅުލުން ފަދަ ހަރަދުތައް ކަވަރު ކުރެ އެވެ.
މި އިންޝުއަރެންސް ޕްލޭން މުހިންމުކަން ބޮޑުވާ އަނެއް ސަބަބަކީ ދުނިޔެ މިހާރު އޮތް ގޮތެވެ. ދަތުރު ކުރަން ހާއްސަ އިންޝުއަރެންސެއް ބޭނުންވާ އަނެއް ސަބަބަކީ ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށް، ދަތުރު ކުރުން އެދެވިގެން ނުވާ ސަރަހައްދު ތަކެއް ގިނަ ގައުމުތަކުން ކަނޑައަޅާފައިވުމެވެ. މިފަދަ ގައުމަކަށް އެ ގައުމެއްގެ ރައްޔިތަކު ދަތުރު ކުރާނަމަ އެ ގައުމުން އިންޝުއަރެންސް ކަވަރެއް ނުކުރާނެ އެވެ. ޔޫރަޕުގެ ގިނަ ގައުމުތަކުގައި ހަދާފައިވާ ގައުމީ އިންޝުއަރެންސް ޕެކޭޖު ތަކުން މި ފަދަ ރައްކާތެރި ކަމެއް ނުލިބޭނެ އެވެ. އެހެންވެ އެ މީހުން ދަތުރު ކުރަން ޖެހިލުންވެ އެވެ. ނަމަވެސް އެލައިޑުން ޓޫރިޒަމް ސިނާއަތަށް ތައާރަފު ކުރި މި އިންޝުއަރެންސް ކަވަރުގެ ސަބަބުން މުޅިން ރާއްޖޭގެ ޓޫރިޒަމަށް މީގެ ޔަގީންކަން ލިބިގެންދާނެ އެވެ.
ގެސްޓްހައުސް ވެރިންގެ ބޮލަށް ބޮޑު ލުޔެއް
މި އިންޝުއަރެންސް ޕްލޭންގެ ސަބަބުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެ ބަޔަކީ ގެސްޓްހައުސް ވެރިންނެވެ. ކޮވިޑް-19 އަށްފަހު މި މަހުގެ 15 ގައި ގެސްޓްހައުސްތައް ހުޅުވާއިރު މި އިންޝުއަރެންސް ޕެކޭޖަކީ މި ވިޔަފާރި އަށް ލިބިގެން ދާނެ ހިތްހަމަ ޖެހުމެކެވެ. ރާއްޖޭގައި އެވްރެޖު ގޮތެއްގައި ކޮވިޑް-19 ގެ ޓެސްޓެއް ހެދޭ އަގު އުޅެނީ 500ރ. އާއި 1500ރ. އާ ދެމެދުގަ އެވެ. އެހެންވެ އެއް ފަހަރާ ހައެއްގެ މީހުންގެ ޓެސްޓް ހަދާލަން ޖެހިއްޖެނަ މީގެ ގެސްޓްހައުސް އަކަށް ކުރިމަތިވާނެ މާލީ ބޮޑު މާލީ ތަކުލީފަކަށްވާނެ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތެއް ބުނި ގޮތުގައި ސަރުކާރުން މިފަހަރު ގެނެސްދީފައިވަނީ މުހިންމު ހިދުމަތެއް ކަމަށެވެ.
"ހަމަ ގައިމު ވެސް މިއީ ރަނގަޅު ކަމެއް. ރަނގަޅު ނިންމުމެއް. ކޮވިޑް-19އާ ގުޅިގެން ބޯޑަރު ހުޅުވިފަހުން ހެދީ ހުސް ގޯސް. އެކަމަކު މި ފަހަރު މިއީ ހަމަ ރަނގަޅު ޕްރޮޑަކްޓެއް. ވަރަށް ފައިދާ ކުރާނެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
އިސްތިހާރު ކުރަން ޖެހޭ ވާހަކައެއް
ގައުމު ޕްރޮމޯޓް ކުރަން މިހާރު ބޭނުން ވަނީ ޔަގީންކަން އުފެއްދުމެވެ. މިއީ މާކެޓް ކުރަން ބޭނުން ކުރެވިދާނެ ޕްރޮޑަކްޓެކެވެ. ރާއްޖެ އަންނަން ތިބި މީހުންނަށް މި އިންޝުއަރެންސް އޮތްކަން ހަމައެކަނި ބުނެދޭން ޖެހޭނީ ހޮލިޑޭ ޕެކޭޖު ވިއްކާ މީހުންނާއި އެލައިޑް އިންޝުއަރެންސު ކުންފުންޏަކުން ނޫނެވެ. މީގެ ވާހަކަ ރާއްޖެ އިސްތިހާރު ކުރަން މާބޮޑު މަސައްކަތްތަކެއް ނުކުރާ އެމްއެމްޕީއާރުސީ އިން ވެސް ބުނެދޭން އެބަޖެހެ އެވެ.
ކޮންމެއަކަސް މިހާލަތަށް ބަލާއިރު އިންޝުއަރެންސުގެ ބޭނުން ބޮޑެވެ. އެހެންވެ މިވަގުތު ތައާރަފުކުރި އިންޝުއަރެންސް ޕެކޭޖު ވަނީ ޓޫރިޒަމް ސިނާއަތަށް މި ވަގުތަށް ކުރިމަތިވެފައިވާ ބުރަ އަށް ލިބިގެން ދިޔަ ލުޔަކަށެވެ. ރާއްޖެ ހުޅުވިގެންދާއިރު، ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ލިބިގެންދާނެ ބޮޑު ޔަގީން ކަމަކަށެވެ.