ހަބަރު

ބޮޑު ބަޔަކަށް 24 ގަޑިއިރުގެ ވިއްސާރަ އެބައޮތް

Oct 10, 2020

މިއަދު ހެނދުނު 10:00 އިން މާދަމާގެ 10:00 އާ ހަމައަށް މޫސުން ގޯސްވެ ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ފޯކާސްޓް ކޮށްފި އެވެ.

ސައުވީ ގަޑި އިރުގެ މެޓް ފޯކާސްޓްތައް ހިމަނައި އެ އިދާރާއިން ހިއްސާ ކޮށްފައިވާ ފެކްޓް ޝީޓްގައިވާ ގޮތުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ އެވެ. އަދި ރާއްޖޭގެ މެދު އަތޮޅުތަކާއި ދެކުނުގެ އަތޮޅުތަކުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ އެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލު ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އިރު އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ އެވެ،

ރާއްޖޭގެ ކަނޑުތައް ދެކުނުގައި މަޑުވި ނަމަވެސް އެހެން ހިސާބުތަކުގައި އާދައިގެ ގަދަ ވާނެ އިރު، ރާޅުގެ އުސްމިން: ތިން ފޫޓާއި ހަ ފޫޓަށް އުފުލޭނެ އެވެ.

ހުޅަނގު މޫސުމުގެ ހިތަ ނަކަތާއެކު ރާއްޖެއަށް ބަނަވެ، މޫސުން ގޯސްވެފައި ވާތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވާން މޫސުމާބެހޭ އިދާރާއިން އެދެ އެވެ. ހާއްސަކޮށް ކަނޑުދަތުރުތަކަށް ސަމާލުވާން އެދިފައި ވެއެވެ.