ދުނިޔެ

ނަގޯނަކަރަބާގެ ހަމަލާތައް ހުއްޓާލައިފި

Oct 10, 2020

ނަގޯނަކަރަބާގެ މައްސަލާގައި އަރުމީނިއާ އާއި އަޒަރުބައިޖާނުގައި ހަމަނުޖެހުންތައް ބޮޑުވަމުން ގޮސް ހަމަލާތައް ދެފަރާތުގެ ހަނގުރާމައަކަށް ބަދަލުވެ މުޅި އެ ސަރަހައްދަށް އޭގެ ނުރައްކާ ބޮޑުވެފައި ވަނިކޮށް ދެ ގައުމުން ވަގުތީ ގޮތުން ހަނގުރަމަ ހުއްޓާލަން އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުން އައީ ރަޝިއާގެ ރައީސް ލަޑީމިއާ ޕޫޓިންގެ ދައުވަތަކަށް އަރުމީނިއާ އާއު އަޒަރުބައިޖާންގެ ހާރިޖީ ވަޒީރުން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެން ރަޝިއާގެ ޚާރިޖީ ވަޒީރާ އެއް ހާޒިރުގައި މަޝްވަރާތައް ބޭއްވުމަށްފަހު އެވެ. އެކަން އާންމު ކުރީ ބަޔާނެއް މެދުވެރިކޮށެވެ.

ދެ ފަރާތުގެ އެ ބަޔާނުގައިވާ ގޮތުން އަޒަރުބައިޖާނާއި އަރުމީނިއާއިން ވެސް މިހާރު ވަނީ ނަގޯނަކަރަބާގެ މައްސަލައަށް ނިމުން ގެނައުމަށް އެއްބަސްވެފަ އެވެ. ހާއްސަކޮށް ވަގުތީ ސުލްވެރި ހައްލެއް ގެނައުމަށް މަޝްވަރާ ކުރަން ވަނީ އެބަސްވެފަ އެވެ.

މި ބަޔަނާއެކު ދެ ގައުމުން ބަދަލު ކުރަމުން ދިޔަ ހަމަލާތައް ވަނީ ވަގުތީ ސަސްޕެންޝަނަކަށް ގެންގޮސް މިއަދު މެންދުރެއްހާއިރު ހުއްޓާލާފަ އެވެ. އެހެން ނަމަވެސް މަޝްވަރާތައް ދާ ގޮތަކުން، އަދި ނަތީޖާތައް ނުކުންނަ ގޮތަކުން ކޮންމެ ހިނދެއްގައި ވެސް ހަނގުރާމައިގެ މައިދާން އަލުން ހުޅުވިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.

ނަގޯނަކަރަބާ އަކީ ބައިނަލްއަގުއާމީ ގޮތުން އަޒަރުބައިޖާންގެ ސަރަހައްދެކެވެ. އެކަމަކު އެސަރަހައްދު ކޮންޓްރޯލްކޮށް ބާރު ހިނގަނީ އަރުމީނިއާގެ ދަރިކޮޅުގެ މީހުންނެވެ. ނަގޯނަކަަރަބާގެ 80 ޕަސެންޓަކީ އަރުމީނިއާއަށް ނިސްބަތްވާ މީހުނެވެ.

އަރުމީނި އާއި އަޒަރު ބައިޖާނުގެ ހަމަނުޖުމަކީ ޒަމާންވީ މައްސަލައެކެވެ. މިފަހަރު މައްސަލަ ގޯސްވެ ހަމަލާތައް ބަދަލު ކުރާ ހިސާބަށް ދިޔައީ އިސް އަޒަރުބައިޖާނުން ހަމަލާ ފެށުމުންނެވެ.