ބޭރު ކުޅިވަރު

ކުޅުންތެރިންގެ ސަޕޯޓް އެބައޮތް: އެންރީކޭ

ބާސެލޯނާގެ ކުޅުންތެރިންގެ ސަޕޯޓް ނުގެއްލޭ ކަމަށާއި ކުޅުންތެރިން ތިބީ އޭނާގެ ފަހަތުގައި ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ބާސެލޯނާގެ ބައެއް ކުޅުންތެރިން އެންރީކާއާމެދު ހިތްހަމަނުޖެހި، އެ ކުޅުންތެރިންނާއި އޭނައާމެދު އޮތް ގުޅުން ގޯސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. ހާއްސަކޮށް ބާސެލޯނާގެ ތަރި ލިއޮނެލް މެސީއާ އާއި އެންރީކޭއާދެމެދު އޮތް ގުޅުން ގޯސްވެ، އެންރީކޭ މަގާމުން ވަކިކުރަން ކްލަބުން ވިސްނާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

"ކުޅުންތެރިން އަހަންނާމެދު ހިތްހަމަނުޖެހޭކަން އިހުސާސްކުރެވިއްޖެ ނަމަ، އަހަރެން މި މަގާމުގައި ނުހުންނާނަން. އެ އިހުސާސްކުރެވިއްޖެ ނަމަ އަހަރެން މަގާމުން ވަކިވާނަން،" އެންރީކޭ ބުންޏެވެ.

ބާސާ މި ވަގުތު އޮތީ މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އެ ކްލަބްގެ ޑައިރެކްޓާ އޮފް ފުޓްބޯލްގެ މަގާމުގައި ހުރި އެންޑޯނީ ޒުބިޒަރޭޓާ އާއި އޭނާގެ އެސިސްޓަންޓަކަށް ހުރި ޓީމުގެ ކުރީގެ ކެޕްޓަން ކާލޮސް ޕުޔޯލް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އެންރީކޭއާމެދު ހިތްހަމަނުޖެހިފައި ހުރި މެސީ ޗެލްސީ އަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް އަރާފައިވާއިރު، ފީފާގެ ގަވައިދާ ހިލާފުމުގެ ސަބަބުން މި އަހަރު ބާސާ އަށް އެއްވެސް ކުޅުންތެރިއެއް ޓްރާންސްފާ ނުކުރެވޭ ގޮތަށް ފީފާ އިން ވަނީ އެ ކްލަބަށް އަދަބު ދީފަ އެވެ.

އެންރީކޭ ބުނީ ކޮންމެ ކްލަބެއްގައި ވެސް މައްސަލަތައް ހުންނާނެ ކަމަށާއި ޓީމުން ހޯދާ ކާމިޔާބީތަކުގެ ސަބަބުން މައްސަލަތަކުގެ މަތިން ހަނދާން ނެތިދާނެ ކަމަށެވެ.