(8 އޮކްޓޯބަރ 2020 އާ ގުޅޭ)
ލައިތުއަށް ފޮޓޯތައް ފޮނުވާނޭކަން ބިންޏާމީން ބުންޏެވެ. ކައިވެންޏަށް ދަޢުވަތު ލިބޭނެ އިރެއްގެ އިންތިޒާރުގައިކަން އޭނާ ހުރީ ހަނދާންކޮށްދިނެވެ. ދިވެހިރާއްޖެއަށް އޭނާ އަންނަން ވިސްނާތާ ވެސް ދުވަސްކޮޅެއްވެއްޖެކަން ބުންޏެވެ. ލައިތު އަނގޮއްޓިއެއް ބޭނުންވެގެން ކުރި ވީޑިއޯކޯލު ވިޔަފާރީގެ ކޯލަށް ބަދަލުވާން ގިނައިރެއްނުނެގިއެވެ. ވިޔަފާރީގެ ޚިޔާލުތައް ނޫނީ ބިންޏާމީންގެ ސިކުނޑީގައި ނުހިނގާ ކަހަލައެވެ. ޢާއިލާގެ ފެށުނީއްސުރެން އޮންނަ އުސޫލަކީ މައިންބަފައިންނާއި ގޭގެ ބޮޑެތިމީހުން ޚިޔާރުކުރާ ކުއްޖަކާ ކައިވެނި ކުރުމެވެ. އެ އުސޫލަކީ ބިންޏާމީން ފެށުނީއްސުރެ ދެކޮޅު ހަދާ ކަމެކެވެ. ވިޔަފާރީގެ ވާހަކަ ނުދައްކާނަމަ ދެން ބިންޏާމީން އެންމެ ގިނައިން ދައްކާނީ އޭނާގެ ޢާއިލާގެ ތެރޭގައި ހުރި ބޯދާ ވިސްނުމުގެ މައްޗަށް ހެދިފައި ހުރި އުސޫލުތަކުގެ ވާހަކައެވެ. ލައިތުއަކީ މީހުންނާ އަމިއްލައަށް ގުޅުން ބަދަހިކުރަން މަސައްކަތްކުރާ ޒުވާނަކަށްނުވާއިރު، އޭނާއާ ރައްޓެހިކަން އުފެއްދުން މީހުންނަށް ފަސޭހަކަމަށްނުވެއެވެ. އެކުވެރިން ގިނަވުމަކީ ވެސް ލައިތު ދުށް ގޮތުގައި ބޮލުގައި ރިހުމެކެވެ. ތެދުވެރި އެކުވެރިންތަކެއް ލިބުމަށްވުރެ އޭނާގެ ހައިސިއްޔަތުގެ ސަބަބުން އެކުވެރިވާން ބޭނުންވާ މީހުން ގިނަވީމައެވެ. ބިންޏާމީން އެފަދަ މީހުންނާ ތަފާތުކަން އެނގި، އިތުބާރު އުފެދެން ލައިތުއަށް ވަގުތު ނެގިއެވެ. ދުނިޔޭގެ ބޭކާރު ކަންކަމުގައި އުޅޭ ޒުވާނަކަށްވުރެ ބިންޏާމީން ހަރުދަނާއެވެ.
އެކުވެރިޔާއެކު ކުރިއަށްދިޔަ ވީޑިއޯކޯލު ނިމުނުއިރު ލައިތުގެ ތުންފަތުގައި ހިނިތުންވުމެއް ފެންނަން ހުއްޓެވެ. އެ ސިކުނޑީގައި ރާވަމުން އައީ ކެންޒާއާ އިންނަން އަހާނޭ ގޮތަކާމެދުއެވެ. އެވަގުތުކޮޅު ކެންޒާގެ ހަނދާނުން ފުހެވިގެން ނުދާނޭ ވަރަށް ޚާއްޞަވާން ލައިތު ބޭނުންވެއެވެ. ހަމައެއާއެކު އޭނާ ކެންޒާއާއެކު ވަރަށް ދުރަށް އަބަދުވެސް ވިސްނައެވެ. ދެ މީހުންގެ ކައިވެންޏަށްފަހު ދަރީން ލިބި، އެކުދީންނަށް ޚިއްޞާކުރާނޭ ފަދަ ލޯބީގެ ޚާއްޞަ ދާސްތާނަކަށް އޭނާއާއި ކެންޒާގެ ގުޅުންވާން ލައިތު އެދެއެވެ. އޭނާގެ އެފަދަ ލޯބިވެތި ޚިޔާލުތަކަކީ ޚުދު އޭނާ ކެންޒާދެކެވާ މަތިވެރި ފުން ލޯތްބެވެ. ހަރުތޮށިގަނޑެއްގެ ތެރޭގައި އޭނާގެ ނަފްސު ރައްކާތެރިކުރަނީ އެ ހިތުގެ ބަލިކަމާއި، އޭނާގެ އޯގާތެރިކަމުން ކައިރީގައި އުޅޭ މީހުން އޭނާއާ ދެކޮޅަށް ބޭނުންކޮށްފާނޭކަމުގެ ބިރަށެވެ. ކޮންމެ ކަމަކަށް ވެސް ކެތްކުރެވޭނޭ ހަރުހިތެއް ލިބިފައިވާ ޒުވާނެއް މީހުންނަށް ފެންނަނީ އެހެންވެއެވެ. އެކަމަކު އޭނާއަކީ ލޯބިވާ މީހުން ރައްކާތެރިކުރުމުގައި ފަސްޖެހޭނެ ޒުވާނެއްނޫނެވެ. އޭނާ ބަލިކަށިވިއްޔާ ވާނީ ކެންޒާގެ ކުރިމަތީގައެވެ. އެ އަންހެންކުއްޖާގެ ކުރިމަތީ އެއްވެސް ދެއްކުންތެރިކަމެއް ލައިތުގެ ނުވެއެވެ. ހަޤީޤީ ލައިތުއަށް ފުރުޞަތު ލިބޭ ވަގުތަކީ އެއީއެވެ. ނަފްސުގެ ހިފެހެއްޓުން ދޫވެއެވެ. ހިނިތުންވާން ނޭނގޭ ދެތުންފަތް ލައްޕައިލައިގެން ހުރުން ދަތިވެއެވެ. ހިތަށް އޮބިނޯވެގެން އުދުއްސައިގެންނަން ބޭނުންވެއެވެ. އެއީ ކެންޒާއާ ގާތްވެވޭ ކޮންމެ ވަގުތަކު އޭނާގެ ނަފްސުގެ ހާލެވެ.
ކޮޓަރިން ނުކުމެގެން އައިސް ކެންޒާ އޮތް ކޮޓަރިއަށް ލައިތު ވަނެވެ. އޭނާ ހައިރާންވީ ކެންޒާ އިން ގޮތުންނެވެ. ދެފައިވަށްކޮށްލައިގެން އުނގަށް ބާލީހެއް ލައި އޭގައި ބައްދަލައިގެން ކެންޒާ އިނެވެ. އެނދުގެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލައިގެން ކޮޅަށް އިނދެ އޭނާއަށް ނިދިފައެވެ. ލައިތު ކޮޓަރިއަށް ވަނީ ނިކަން ސިއްރުންނެވެ. އޭނާ ވަންކަމުގެ ހިލަން ނުވާތީކަން އޭނީ ލައިތު ޤަބޫލުކުރިއެވެ. މަޑުމަޑުން އައިސް ކެންޒާގެ ކޮނޑުގައި ލައިތު ކޮއްޓާލިއެވެ. އެއާއެކު ސިއްސައިގެން ގޮސް ކެންޒާ ދެއަތް ހޫރައިލިއެވެ. ކައިރީގައި ހުރި މީހަކު ދުރަށްލާން އުޅޭ ހެންނެވެ.
"ކެން... އަހަރެން..." ލައިތު ވަގުތުން ދުރަށް ޖެހިލުމާއެކު ބުންޏެވެ. ކޮޓަރިތެރެ އޮތީ ހުދު އަލިން އަލިވެފައި ކަމުން ލޯ ހުޅުވާލުމާއެކު ވަގުތުން ލައިތު ފެނިއްޖެއެވެ. ނަފްސު ހަމައަކަށް އަޅުވާލައި ފުންނޭވާއެއް ކެންޒާލިއެވެ. ފޯނު ހޯދަމުން، އެނދުމަތިން ފޯނު ނަގައި ގަޑިން ވީއިރެއް އޭނާ ބަލާލިއެވެ. ދަންވަރު އެކެއްޖަހަނީއެވެ.
"ކީއްވެ ކޮޅަށް ތިއިނީ؟" ކެންޒާ ހަމަޖެހިއްޖެހެން ހީވުމުން ލައިތު ސުވާލުކުރިއެވެ.
"މިހެން އިންދަ ނިދުނީ... ކަސްރަތުނުކޮށް ހުރެފައި މިރޭ ދުވެލީމަ މާބޮޑަށް ވަރުބަލިވެއްޖެ." ކެންޒާ ވާހަކަދެއްކީ ވެރިވެފައިވާ ނުތަވަސްކަން ވަންހަނާ ކުރަމުންނެވެ. ހޮސްޕިޓަލުން ނުކުމެ ލައިތުއާއެކު ޕެންޓްހައުސްއަށް އައިގޮތަށް ކެންޒާ ބޭނުންވީ ކަސްރަތުކުރާށެވެ. ފަރުވާކުޑަވެއްޖެކަމުގައި ބުނެ ބަހަނާތަކެއް ހަދަމުން ދުވާ މެޝިނަށް އޭނާ އެރީ ސިކުނޑިއަށް ލިބިފައިވާ ހާސްކަން ކުޑަވޭތޯއެވެ.
"ފެންފޮދެއް ބޭނުންތަ؟" އަރިމަތީ ހުރި ކުޑަމޭޒުގައި ފެންފުޅިއެއް ނެތުމުން ލައިތު އަހާލިއެވެ.
"އޮށޯވެލަން ބޭނުމީ." ކެންޒާ އެނދުން ތެދުވިއެވެ. ލައްކޮށްލެވިފައިވި ބާލީސް ނަގައި ބޯލާކޮޅުގައި ބައްވައި އަތުން ޖަހާލައި ހަމަޖައްސާލިއެވެ. ރަޖާ ހިއްލާލުމާއެކު އެނދަށް އަރާ ކެންޒާ އޮށޯތީއެވެ. އިތުރު ވާހަކައެއް ދެއްކުމެއްނެތި ލައިތު ކޮޓަރީގެ އަލި ބަދަލުކޮށްލައި ފަނޑުކޮށްލިއެވެ. އަދި އޭނާ އައިސް އެނދަށް އަރައި ކެންޒާގެ ގާތަށް ލެފިލިއެވެ.
"ކެންއަށް ބަދަލުތަކެއް އަންނަހެން ހީވޭ، ތިހިތަށް އަރާ އެއްޗެއް އަހަރެން ގާތު ނުބުނަންޏާ އަހަރެންނަކަށް ވެސް ނޭނގޭނެ ކެން ބޭނުންވަނީ ކޮންކަމެއްކަން، ކަމެއް ރަނގަޅުކުރަން އެނގޭނީ ގޯސްކޮށް ކުރެވުނީ ކޮންކަމެއްކަން އެނގިގެން... ކޮމިއުނިކޭޝަން ބެރިއާއެއް އަހަރެމެން ދެމެދުގައި އޮވެގެން ނުވާނެ، އަހަރެން ގާތު ނުދެއްކޭނޭވަރު ވާހަކައެއް ކެންގެ އޮވެގެން ނުވާނެ، އަހަރެން ހީކުރާނޭ އެއްޗަކާމެދު ނުވިސްނާތި... ކެން ކޮންމެ ކަމެއް ޚިއްޞާކުރިޔަސް އަހަރެން އަޑު އަހާނަން... ތީ އަހަރެންނަށް ވަރަށް މުހިންމު މީހެއް، އަހަރެން އެންމެ ލޯބިވާ ކުއްކާ... މިސްއަންޑަސްޓޭޑިންއަކަށް ޖާގަދެވިގެންނުވާނެ، އަހަރެންގެ ކިބައިން އެނގެން ބޭނުންވާކަމެއް އޮތިއްޔާ ސުވާލުކުރޭ، ދޮގެއް ނުހަދާނަން... ކެން އެނގެން ބޭނުންވި ކޮންމެ ކަމެއް ކިޔައިދޭން އަހަރެން މިހުރީ ތައްޔާރަށް..."
ލައިތު ވާހަކަދެއްކީ މަޑުމަޑުންނެވެ. ކެންޒާ އޮތީ އަޑުއަހަންކަން އޭނާއަށް ޔަގީނެވެ. ކެންޒާއަށް އަންނަ ބަދަލުތަކުގެ އަސްލަކީ ލައިތުއަށް ވާނަމަ، އޭނާ އެކަން އެނގެން ބޭނުމެވެ. ކެންޒާ ގަޔާނުވާކަމެއްނަމަ އެކަމެއް އޭނާ ބަދަލުކުރާނެއެވެ. ނަމަވެސް އޭނާގެ ވާހަކަތަކަށް ކެންޒާ ޚިޔާރުކުރީ ހިމޭންކަމެވެ.
* * * * *
އާ ދުވަހެކެވެ. ފަޒާގައި ތެތްފިނިކަމެވެ. އުޑުމަތި ފެންނަނީ ބަނަކޮށެވެ. ފަތިހަށް ކެރި ކަނޑައިގެން ދިޔަ ނަމަވެސް، ހީވަނީ ދެންމެ ދެންމެ ވާރޭ އަތުވެދާނޭ ހެންނެވެ. ވިއްސައިރައިގެ ކުލަތަކުން ދުނިޔެ ބައްދާލައިފައިވެއެވެ.
ބަދިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ކެންޒާ އޭޕްރޮން ބާލައި އެ ހުންނަންވާ ތަނުގައި އެޅުވިއެވެ. އެނބުރިލީ ބަދިގެއިން ނުކުންނާށެވެ. އެވަގުތު އެތަނަށް އައިސް ވަނީ ލައިރާއެވެ. ކެންޒާ ދިޔަނުދީ މަޑުކުރުވިއެވެ.
"އިއްޔެ އަހަރެން ގުޅިން... ބޭބެ ގޮވައިގެން ފުރަން އުޅޭ ވާހަކަ ލައިތު ބުނި، ކެން އޯކޭތަ؟" ކެންޒާގެ އަތުގައި ލައިރާ ހިފާލައިގެން ހުރެ މަޑުމަޑުން ތަޅުވާލިއެވެ. ކެންޒާ ކުރިމަތިލަމުން އެ ދަނީ އާދައިގެ ކަމަކާނޫންކަން ލައިރާއަށް ވިސްނެއެވެ. އޭނާގެ ހާލު އަހާލާނޭ މީހަކު މިދަނޑިވަޅުގައި ނުހުންނާނޭ ލައިރާއަށް ހީވީއެވެ.
"ޑަކްޓަރުގެ ލިޔުމެއް އިއްޔެ ލައިތު ހޯދައިދިން... މިރޭ ނޫނީ މާދަމާ ފުރާނެ، ލައިތު ބުނި މިއަދު އެކަމާ އުޅެދޭނަމޭ." ކެންޒާގެ އަމިއްލަ ހާލު ބުނެނުދީ އެހެން ހުރިހާކަމެއް އޭނާ ލައިރާއަށް ކިޔައިދިނެވެ.
ލައިތު ބަދިގެއަށް ވަދެގެން އައީ ކެންޒާގެ ޚަބަރެއްނުވީމައެވެ. ލައިރާއާއި ކެންޒާ ފެނުމުން މަޑުކޮށްލަން ހިތަށް އަރާފައި ވެސް އޭނާ ވަނީއެވެ. ލައިތު ފެންނަންވީއިރަށް ލައިރާ ވާހަކަދެއްކިއެވެ. ހެނދުނުގެ ނާސްތާ ނިމުނީމަ ކެންޒާ ގޮވައިގެން ހޮސްޕިޓަލަށް ދާން ލައިރާ އެދުނެވެ. ލައިތުގެ އެހީއަށް ލައިރާ އެދުނީ ކެންޒާ އެއްބަސްނުވެގެންނެވެ.
* * * * *
ލޯ ހުޅުވާލެވުނު އިރު ވަށައިގެންވަނީ ހިމޭންކަމެވެ. އެއްފަރާތުގައި ހުރި ސޯފާގައި ކެންޒާ އިންތަން ކައިފްއަށް ފެނުނެވެ. އެ މޫނު މިލާފައިވާތަން ފެނުމުން ކޮއްކޮގެ ނަމުން ކައިފް ގޮވާލިއެވެ. ޚިޔާލުތަކުގެ ތެރެއިން ކެންޒާ ނެރުނީ ކައިފްގެ ބަލިބަލި އަޑެވެ. އެނދުގައި ހުރި ގޮނޑީގައި ކެންޒާ އައިސް އިށީނެވެ. މަންމަ ގެއަށް ހިނގައްޖެކަމުގައި ކެންޒާ ބުނެލިއެވެ.
"ބައްޕަ މިތަނަށް އައީ ކީއްކުރަންކަން އެނގޭތަ؟" ކައިފް އަހާލިއެވެ. ކެންޒާ ނޭނގެއޭ ބުނަން މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ.
"މަންމަގެ ނަންމައްޗަށް ގެ ރަޖިސްޓްރީ... ރަޖިސްޓްރީ ކުރާ ވާހަކަދެއްކީ، އެކަމަކު... އެކަމަކު ކެން މީހަކާ އިނީމަ، މިފްރާހުއާ އިނީމަ... އަހަރެމެންނަށް ދެރަގޮތެއް ވެދާނެތީ މަންމަ ވިސްނާކަށް އޭރުން ނުޖެހޭނެއޭ ކީ..."
ކައިފްގެ ވާހަކަތައް ނުނިމެނީސް އިސްޖަހާލި ގޮތަށް ކެންޒާ ރޯންފެށިއެވެ. ކައިފް ކަންބޮޑުވިއެވެ. މަންމަ ޤަބޫލެއްނުވިކަން ކައިފް ބުންޏެވެ. އެކަމާ ދެރަނުވުމަށް ކައިފް އެދުނެވެ. އެހެންނަމަވެސް ކެންޒާއަށް މޫނުގައި ދެއަތް އަޅާލެވުނެވެ. ކައިފްއަކީ އޭނާގެ ބޭބެއެވެ. ކުޑައިރުއްސުރެ އޭނާގެ އެންމެހާ ކަންކަން ދުށް މީހާއެވެ. އަންހެންކުއްޖަކަށް ކެންޒާވީ ނަމަވެސް އެ ބޭބެއާ އެތައް ވާހަކައެއް އޭނާ ޚިއްޞާކުރިއެވެ. އޭނާގެ އިޙުސާސްތައް އެ ބޭބެ މޮޅަށް ދެނެގަންނާތީއެވެ.
"މިފްރާހު... އަހަރެން ގެންދިޔައީ..." މޫނުގައި އަތް އަޅައިގެން އިނދެ ކެންޒާ ވާހަކަދައްކަން މަސައްކަތްކުރިއެވެ. ކައިފްގެ މޫނުން ހާސްކަން ފާޅުވިއެވެ.
"ކޮންތާކަށް؟" ވަގުތުން ކައިފް ސުވާލުކުރިއެވެ. އެނދުގައި އޮށޯވެ އޮންނަން ކައިފްއަށް އުނދަގޫވިއެވެ.
ކަންތައް ވީގޮތް ކިޔައިދޭން ފަށާނީ ކޮން ހިސާބަކުންކަމެއް ކެންޒާއަކަށް ނޭނގުނެވެ. އެހެންވިޔަސް އޭނާ އެކި ހިސާބުން ތަންތަންކޮޅު ނަގައި މަންޒަރު ފުރިހަމަކުރިއެވެ. ކައިފްގެ މޭގައި ގޮށްމުށުން މީހަކު ޖެހި ފަދައެވެ. މިފްރާހު ކެންޒާއަށް ޖިންސީ ގޯނާކޮށްފިކަން އެނގުމުންނެވެ. ކެންޒާ ގިސްލަނީ އެހެންވެކަން ފަހުމްވީމައެވެ. ވަގުތުކޮޅަކަށް ކައިފް ވެސް ބަސްހުއްޓުނީއެވެ. ހަރަކާތްތައް މަޑުޖެހުނެވެ.
"ލައިތަށް އެނގޭތަ؟" އިރުގަނޑަކު ގަބުވެ ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮވެފައި ކައިފް އެއްސެވެ. އެއާއެކު ނިކަން އަވަހަށް ކެންޒާ ބޯހޫރުވާލިއެވެ. އޭނާއަށް ލައިތު ގާތު އެ ވާހަކަ ދައްކަން ނުކެރުނީކަން ކައިފް ދެނެގަތެވެ.
ކެންޒާއަށް ދޭނޭ ނަސޭޙަތެއް ކައިފްގެ ސިކުނޑިއަކަށް ނައެވެ. ހުރިހާ ކަމެއް ރަނގަޅުވާނޭ ބުނެފިނަމަ ކެންޒާގެ ޖަޒުބާތުތަކަށް ވެވޭ އިހާނެތިކަމަކަށްނޫނީ ނުވާނެއެވެ. އެ ހަށިގަނޑު އިހު ހުރި މައުސޫމްކަމަށް ރުޖޫޢަ ނުވާނެކަން ގައިމެވެ. ނަފްސާނީ ގޮތުން އޭނާއަށް ކުރި އަސަރުތަކަކީ ޚުދު އޭނާ ނޫން މީހަކަށް އެކަމުގައި ހުރި ވޭނާއި ކެކުޅުން ތަސައްވުރު ނުކުރެވޭނޭ ފަދަ ނިކަމެތިކަމެކެވެ. ތިމާ ކުރިމަތިލިނުލާހާ ހިނދަކު އަނެކުންނަށް ބަސްކިޔަން ތިމާވަރުގެ ތަޖުރިބާކާރަކު ނުހުންނާނެއެވެ. އެފަދަ ނުދަންނަ އެދުރަކަށްވާން ކައިފް ނޭދެއެވެ. ކޮއްކޮގެ ހާލު އަންދާކުރެވުނަސް އެހިތަށް ތަސައްލީ ދޭނޭ ގޮތެއް ނުވިސްނުނެވެ. ހުރިހާކަމަކަށްވުރެ ކައިފްއަށް އަމިއްލަ ބަލިކަށިކަމާމެދު ޝަކުވާކުރެވުނެވެ. މިފްރާހުގެ ވަކިތަކުން ސަލާމަތްކޮށްދީ ކޮއްކޮ ރައްކާތެރިކުރުމަކީ ކައިފްގެ ޒިންމާއަކަށްވީއިރު، އޭނާ ރައްކާތެރިކޮށް މުޅި ޢާއިލާ އެ ބަލަހައްޓަނީ ކޮއްކޮއެވެ. އޭނާއަށް އެ ކޮއްކޮއަށް ކޮށްދެވުނީ ކޮންކަމެއްބާއޭ ކައިފް ހިތަށް އަރައެވެ. ގޮތް ހުސްވެއްޖެކަމުގެ އިޙްސާސާއެކު ކައިފްގެ ދެ ލޯ ފުރެމުންއައެވެ.
"ދެން ކިހިނެއް ހަދާނީ؟" ކެންޒާ ސުވާލުކުރީ ބޭބެގެ ޚިޔާލަކަށް ބޭނުންވެގެންނެވެ. ވިސްނާވިސްނާ ވެސް އަމިއްލައަށް ގޮތެއް ނިންމަން ނޭނގިގެންނެވެ.
މަންމައަށް ކިޔާދޭށޭ ބުނަން ކައިފް ހިތަށް އެރިއެވެ. އެހެންނަމަވެސް އިއްޔަ ބައްޕައާއި މަންމައާ ދެމެދު ދެކެވުނު ވާހަކަ ކައިފްއަށް ރަނގަޅަށް އަޑު އިވުނެވެ. ކެންޒާއަށް ޓަކައި މަންމައަށް ވަކިކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ. ކެންޒާ ހިމާޔަތްކުރަން ތިބީ އޭނާއާއި މަންމަ އެކަންޏެވެ. މަންމައަށް މިފްރާހުގެ ދެއްކުންތެރިކަން ދެނެގަންނަން ނޭނގުން އިރު އޭނާ ފަދަ ނުބައި މީހެއްގެ އަތްދަށުން ކެންޒާ ސަލާމަތްކުރެވިދާނެ ހެއްޔެވެ. މި ހުރިހާ ސުވާލެއް ކައިފްގެ ސިކުނޑި ހާސްކުރުވިއެވެ. މިވަގުތަކީ އޭނާ އެނދުގައި ނޯވެ ތެދުވަންވީ ވަގުތުކަމުގައި ކައިފްއަށް ވިސްނެއެވެ. އެކަމަކު މީގެ ކުރިން އޭނާ ވަރުދެރަނުވާ ވަރަށް މިފަހަރު ހަށިގަނޑުގެ ބާރު ދަށަށް ގޮސްފިއެވެ. ގުނަވަންތަކަށް ބާރުލާން ބޭނުންވިޔަސް އެކަމެއް ނުމެވޭމެއެވެ. ކެންޒާގެ ހިތްވަރުކަމުގައި ވާން ހިތް ގޮވިޔަސް ކައިފްގެ އެ ހިތްވަރެއް ނެތެވެ. މިންނާ ޤަބޫލުނުވިޔަސް މިފްރާހަށް އެއްބާރުލުން ދޭނޭ މީހަކީ ހަމީމުކަން ކައިފްއަށް އިއްޔެ އެނގިއްޖެއެވެ. މިފްރާހުއާ ގަދަކަމުން ނުދެވާނޭކަން މިންނާ ތަކުރާރުކޮށް ބުނިއިރު އެ އަޑު ހަމީމުއަށް އިވުނު ކަމަކަށްނުވިއެވެ. އެންމެފަހުން ހަމީމު، އެ މަންމަގެ ބޮލުގައި އެޅުވީ ދަރިއަކަށް ރަނގަޅުގޮތެއްވާން ނޭދޭ މައެއްގެ ނަމެވެ. ލޯމަރާލައިގެން ކައިފް އޮތްއިރު ހަފަރާތުން އެކި ޚިޔާލުތައް އައިސް ބައްދަމުންދިޔައެވެ. ރޮވިފައިވާ އަޑުން ކައިފްއަށް ކެންޒާ ގޮވާ ވެސް ލިއެވެ. ނަމަވެސް އެ އަޑު ކައިފްއަށް އިވުނީ މާދުރުން ކަހަލައެވެ.
"ސޮރީ..." ކައިފްއަށް ދެވުނީ އިތުރު ތަކުލީފެއްހެން ހީވެ ކެންޒާ އަވަސްއަވަހަށް ބުނެލިއެވެ. ބަލިއެނދުގައި އޮތް ބޭބެއާ އެވާހަކަތައް ޚިއްޞާކުރެވުނީތީ އޭނާ ވަކިން ދެރަވެއްޖެއެވެ.
"ކެން... ލައިތުއާ ވަކިނުވައްޗޭ... އެއީ ކާކުކަން އެނގޭތަ؟" ކައިފް ބުންޏެވެ. ނަމަވެސް އޭނާގެ ދޫ ހަރަކާތެއް ނުކުރެއެވެ. އަޑެއް ބޭރެއްނުވިއެވެ. އެގޮތުގައި ދެބެންގެ ހިމޭންކަން ދިގުލައިގެން ދިޔައެވެ.
* * * * *
ޖެހިގެން އައި ދުވަހުގެ ރެއެވެ. ވަރުބަލިވެގެން ހަލާކުވާވަރުވެފައި ހުރި ކެންޒާއަށް ލޯ މެރުނު ވަގުތު ފޯނުގެ ރަނގަބީލު ބާލީސް ކައިރިން ގުގުމާލިއެވެ. ތަންމިނަށް ދެ ލޯ ހުޅުވާލެވުމާއެކު ފޯނުކޯލަށް ކެންޒާ ޖަވާބުދިނެވެ. ހެނދުނުއްސުރެ ހޮސްޕިޓަލުގައި އުޅެފައި ކެންޒާ ޕެންޓްހައުސްއަށް އައިތާ ގިނައިރުތަކެއްނުވެއެވެ. މިހާރު ގަޑިތަކުން ދަންވަރު ދޭއް ޖަހައި ދިޔައީއެވެ. އިއްޔެ އިރުއޮއްސުނު ފަހުން ކުއްލިއަކަށް ކައިފްގެ ހާލު ދަށަށް ދިޔައީއެވެ. ހޮޑަށް އަންނާނޭ އެއްޗެއް ގޮހޮރުގައި ނެތް ނަމަވެސް ކައިފްގެ އޯކަށް ދެމުން ނުހުއްޓުނެވެ. މެއާއި ބޮލުގައި ރިހޭތީ ކައިފްއަށް ރޮވެނީއެވެ. އެވަގުތުތަކަކީ ބަލަން ހުންނަން ކެންޒާއަށް ދަތިވި ވަގުތުތަކެވެ. މަންމަގެ ހިތްވަރު ފުރަތަމަ ފަހަރަށް ކެންޒާ ދުށީ އެވަގުތެވެ. ރޭގަނޑުވެގެން އައި އިރު ކައިފްގެ ނޭފަތުންނާއި އަނގައިން ލޭފައިބަން ފަށައިފިއެވެ. ހަށިގަނޑު ފިޓު ވެސް ޖެހެނީއެވެ. ފުރަން ބޭނުންވިޔަސް އެ ހާލުގައި ހޮސްޕިޓަލުން ކައިފް ގެންދިއުމުގެ ހުއްދައެއް ނުދިނެވެ.
މިންނާގެ އަޑު ކަންފަތުގައި ޖެހުނު އިރު، މަންމަ ރޮނީކަން ކެންޒާއަށް ޔަގީންވިއެވެ. ކިހިނެއްވީތޯ ކެންޒާއަށް އަހާލެވުނު އިރު އޭނާ ފުންމައިގެން ތެދުވެ އެނދުން ފައިބައިފިއެވެ.
"އާދޭ... އަވަހަށް... ކައި... ކައިފް ނިޔާވެއްޖެ." ރޮމުން ރޮމުން މިންނާއަށް ވާހަކަދައްކަން އުނދަގޫވިއެވެ.
"މިދަނީ..." ކެންޒާ މިހެން ބުނުމާއެކު ދުވެފައި ކޮޓަރިން ނުކުތެވެ. އޭނާ އައިސް ލައިތުގެ ކޮޓަރީގައި ޓަކިދިނެވެ. ތަންކޮޅެއް ބާރަށް ލައިތަށް ގޮވާލިއެވެ. ޤަބޫލުކުރަން ދަތިވެފައި ވިޔަސް ކެންޒާގެ ދެ ލޯ ކަރުން ބަރާވެއްޖެއެވެ. ލައިތު ދޮރުހުޅުވާލުމާއެކު ކެންޒާ ވާހަކަދެއްކިއެވެ.
"ކައިފް... ދޮންބެ..." ކެންޒާއަށް ރޮވެން ފެށުނެވެ. އަނގައިން ބުނަން ދަތިވި ހިނދު ލައިތުގެ އަތުގައި ހިފައި ދަމަންފެށިއެވެ.
"ކެން... ހޮސްޕިޓަލަށް ދާންވީތަ؟" ހައިރާންވެފައި ހުރެ ކެންޒާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ލައިތު އަހާލިއެވެ. ކެންޒާ އަވަހަށް ބޯޖަހަންފެށުމުން، އެއްޗެހި ބަދަލުކޮށްގެން ނުކުންނަނީކަމުގައި ލައިތު ބުނެލިއެވެ. އެއާއެކު ކެންޒާ ވެސް އެނބުރިލީ ކޮޓަރިއަށް ގޮސް ހެދުން ބަދަލުކުރާށެވެ.
ކެންޒާ ގޮވައިގެން ހޮސްޕިޓަލަށް ލައިތު ވަނެވެ. މިންނާއާ ބައްދަލުވި ހިނދު ކެންޒާ އައިސް މަންމަގެ ގައިގާ ބައްދާލައިފިއެވެ. އެ ދެމައިން ރޮމުންދާ މަންޒަރު ބަލަން ކެތްނުވެގެން ލައިތު އިސްޖަހާލިއެވެ. ނަރުސްކުއްޖަކު ވާހަކަދައްކަން ބޭނުންވި ހިނދު އޭނާގެ ގާތަށް ޖެހިލީ ލައިތުއެވެ. އެވަގުތުކޮޅު ވެސް މިންނާ ހިތްވަރުކުރިއެވެ. ލައިތުގެ ކަނާއަތްފަރާތުން ލެފިލައި ނަރުސްކުއްޖާ ދައްކާ ވާހަކައެއް އޭނާ އަޑުއެހިއެވެ. ދަރިފުޅުގެ އެއްވެސް ކަމެއް އެހެންމީހެއްގެ އަތްމައްޗަށް ދޫކޮށްލަން މިންނާ ބޭނުންނުވާ ކަހަލައެވެ. އިޚްތިރާމާއެކު ލައިތު ފަހަތަށް ޖެހިލީ އެހެންވެއެވެ.
މަރުވުމުން މަސްގަނޑު ގެންދެވޭ ކޮޓަރިއަށް ކައިފްގެ ހަށިގަނޑު ބަދަލުކުރާނޭ ކަމުގެ ޚަބަރު ނަރުސްކުއްޖާ ދިނެވެ. އެހާތަނުން ހުރިހާ ލިޔެކިޔުންތަކެއް ހަވާލުކުރާނޭކަމުގައި ވެސް ބުންޏެވެ. މިންނާ ހަމައެކަނި ބޯޖަހާލީއެވެ. އޭނާގެ އިޒުނައެއްނެތި ލޮލުން ފައިބާ ކަރުނަތައް ފުހެމުންނެވެ.
ދުރުގައި ހުރި ކެންޒާއަށް ވިސްނެމުންދިޔައީ އެންމެފަހުން ބޭބެއާ ދެކެވުނު ވާހަކަތަކެވެ. ކެންޒާ އެހީވާން ބެނުންވާކަން ހާމަކޮށް އެ ބޭބެ ފެންކަޅިވެ ގޮސް ހުސްވެފައި ވާތީ ކެންޒާ ދުށްޓެވެ.
"ކެން ލަދުގަންނާކަށް ނުޖެހޭނެ، އޭނާގެ ނުކުޅެދުންތެރިކަން އެއީ، އޭނާގެ ނުބައިކަން... އެކަމާ ކެން ދެރަނުވައްޗޭ، އެއީ ކެންއަށް އެނގިގެންވީކަމެއްނޫން، ދެން ނުރޮއްޗޭ... އަހަރެންނަށް ތިކަމާ އެއްޗެއް ބުނަން ނޭނގުނަސް، މަންމައަކީ ދުރުވިސްނޭ މީހެއް... ކެންއަށް ލަފާދޭން މަންމައަށް އެނގޭނެ... މަންމަ ކައިރީ ބުނޭ، އަހަރެންނަށް ބަލަން ނުކެރުނަސް މަންމައަށް ކެރޭނެ، އެއީ އަހަރެމެންގެ މަންމަ... މަންމަ ޤަބޫލުކުރާނެ، ކެން ބޭނުންވާ ޖަވާބު މަންމަގެ ދޭނެ... އޭނާދެކެ ބިރުން ނުހުރެ މަންމައަށް ކިޔައިދީ... ކިޔައިދޭނަންތަ؟"
ކެންޒާ ލައްވާ ކައިފް ވަޢުދު ކުރުވިއެވެ. އޭނާއަކީ ފިރިހެނަކަށްވާއިރު ކެންޒާގެ ވާހަކަތައް ޚިއްޞާކުރަންވީ މަންމައާކަން ކައިފް ވިސްނައިދިނެވެ. ކެންޒާ ބޭނުންވާ ހިތްވަރު ދެވޭނެ މީހަކީ ވެސް މަންމަކަމުގައި ޔަގީންވާތީއެވެ. އެހެންނަމަވެސް ކައިފްއާ އެވާހަކަތައް ޚިއްޞާ ކުރެވުނީތީ ކެންޒާ މިހާރު ދެރަވެއެވެ. އޭނާގެ ހާލު ގޯސްވި ސަބަބުކަމުގައި އެ ނުބައި ޚަބަރުވެޔޭ ކެންޒާއަށް ހީކުރެވުނެވެ. އޭނާ އެވާހަކަތައް ފުރަތަމަ ޚިއްޞާކުރީ ބޭބެއާކަން އެނގިއްޖެއްނަމަ މަންމަ ވެސް އޭނާ ކުށްވެރިކުރާނޭ ކެންޒާއަށް ހީވަނީއެވެ.
(ނުނިމޭ)