ބޮލީވުޑް

ރަންބީރާއި އާލިއާ އަވަހަށް ކައިވެނި ކުރާކަށް ނޫޅޭ!

އެކްޓަރު ރަންބީރު ކަޕޫރުގެ މަންމަ ނީތޫ ކަޕޫރު ވަރަށް ގަދަޔަށް ނަށާ މަންޒަރެއް ފެންނަ ވީޑިއޯއެއް ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ. މި ވީޑިއޯ ބަލާފައި ވަރަށް ގިނަ މީހުން ހީކުރީ ރަންބީރު އާއި އޭނާގެ ލޯބިވެރިޔާ އަދި ބަތަލާ އާލިއާ ބަޓް ކައިވެނި ކުރަން އުޅެނީ ކަމަށާއި ނީތޫ މި ނަށަނީ ކައިވެނީގައި އޮންނަ ސަންގީތު ޕްރޮގްރާމަށް ތައްޔާރުވުމުގެ ރިހާސަލް ހަދަން ކަމަށެވެ.

ނަމަވެސް ކަޕޫރު އާއިލާގެ މީހަކު އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ރަންބީރު އާއި އާލިއާ ކައިވެނި ކުރާކަށް ނޫޅެ އެވެ. ހަމަ ގައިމުވެސް މި އަހަރަކު އެ ކައިވެންޏެއް ނޯންނާނެ އެވެ. އަދި ކުރިޔަށް އޮތް އަހަރު ވެސް އޮންނާނެ ކަމަކަށް ނުބެލެވެ އެވެ.

ނީތޫ އަކީ އަބަދުވެސް ވަރަށް ނަށާހިތްވާ މީހަކަށް ވާތީ އެގޮތަށް ނަށަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއަގައި ދައުރުވީ ކަމަށް މައުލޫމާތު ދިން މީހާ ބުނެފައި ވެއެވެ.

"މިއަހަރު ވެސް އަދި އަންނަ އަހަރު ވެސް ކަޕޫރު އާއިލާއިން އެއްވެސް ކައިވެނީގެ ރަސްމިއްޔާތެއް ބާއްވާކަށް ގަސްދެއް ނުކުރޭ. ސަބަބަކީ އެ އާއިލާގެ އެންމެ އިސް އެކަކު ކަމަށްވާ އަދި ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު މަރުވީ މި އަހަރުގެ އެޕްރީލްކަމަށް ވާތީ އާއިލާ ހިތާމައިގައި ތިބީމަ އެވެ.

ކުއްލިއަކަށް ރަންބީރު އާއި އާލިއާގެ ޚިޔާލު ބަދަލުވެގެން ކައިވެނި ކުރަން އުޅެފިއްޔާ ނޫނީ ކުރިޔަށް އޮތް އަހަރާ ހަމައަށް ކައިވެނީގެ އެއްވެސް ކަމެއް ހަމަޖެހިފައި ނެތް ކަމަށް އެމީހާ ބުންޏެވެ.

އާލިއާ އާއި ރަންބީރުގެ ކައިވެންޏަކީ އަދި ހަގީގަތަކަށް ވުމާ ވަރަށް ދުރުގައިވާ އެއްޗެއް ކަމަށްވެސް ކަޕޫރު އާއިލާއަށް ނިސްބަތްވާ މި މީހާ މައުލޫމާތު ދީފައި ވެއެވެ