ނަވާ ހައްޖު، އުމްރާ ޕްރައިވެޓް ލިމިޑެޓުން އެ ގުރޫޕާއެކު އުމްރާއަށްދާން ބޭނުންވާ މީހުން ނަން ނޯޓް ކުރަން ފަށައިފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އުމްރާގެ އަޅުކަން މެދުކަނޑާލާފައި އޮންނަތާ ހަތް މަސް ދުވަސް ފަހުން އުމްރާގެ އަޅުކަން މިހާރު ވަނީ ފަށާފައެވެ. އަދި އަންނަ ޑިސެންބަރު މަހު ރާއްޖެއިންވެސް މީހުން އުމްރާއަށް ގެންދިއުމަށް ޖަމާއަތްތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ކޮވިޑްގެ ހާލަތު ރަނގަޅު ނަމައެވެ.
އަވަސްއާ ވާހަކަދައްކަމުން ނަވާ ހައްޖު، އުމްރާ ޕްރައިވެޓް ލިމިޑެޓްގެ އިސް ބޭފުޅަކު ވިދާޅުވީ ކޮވިޑްގެ ހާލަތު ރަނގަޅުނަމަ އަދި މިނިސްޓްރީން ހުއްދަ ދީފިނަމަ އަންނަަ ޑިސެންބަރު މަހު އެ ގުރޫޕުން ދިވެހިން އުމްރާއަށް ގެންދާނެ ކަމަށެވެ. އަދި މިހާރުވެސް ޑިސެންބަރު އުމްރާއަށް ރަޖިސްޓްރީ ކުރަމުން ގެންދާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ރާއްޖެއިން އުމްރާއަށް ދެވޭނެ މަގު ތަނަވަސްވެއްޖެނަމަ އަޅުގަނޑުމެންގެ ގުރޫޕުން ދިވެހިން އުމްރާގެ އަޅުކަމަށް ސައުދީއަށް ގެންދާނަން،" އޭނާ ވިދާޅުވިއެވެ.
ނަވާ ގުރޫޕުން މިވަގުތު ރަޖިސްޓްރޭޝަނަށް ހުޅުވާލިނަމަވެސް އެއްވެސް މީހެއްގެ އަތުން ފައިސާ ނުނަގާނެއެވެ. ފައިސާ ނަގާނީ އުމްރާއަށް ދެވޭނެކަން ޔަގީންވުމުން ކަމަށް އެ ގުރޫޕުން ބުނެއެވެ.
"އެއްވެސް ބޭފުޅެއްގެ އަތުން އަޅުގަނޑުމެން ފައިސާ ނަގާނީ އުމްރާއަށް ދެވޭނެކަން ޔަގީން ކުރުމަށްފަހު. މިހާރު ރަޖިސްޓްރޭޝަނަށް މި ވަނީ ހުޅުވާލާފައި. އަދި އުމްރާގެ އިންތިޒާމްތައް މިހާރުވެސް އަޅުގަނޑުމެން މިހާރު މި ވަނީ ފަށާފައި،"
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ގުރޫޕްތަކުން ދިވެހިން އުމްރާއަށް ގެންދަން މަސައްކަތް ކުރިއެވެ. ނަމަވެސް ގިނަ ޖަމާއަތްތަކަށް އުމްރާއަށް މީހުން ގެންދެވޭ ގޮތް ނުވިއެވެ. ނަވާގެ ހަވާލުގައި އުމްރާއަށްދާން ފައިސާ ދެއްކި ހުރިހާ އެންމެންވެސް ވަނީ ސައުދީއަށް ގޮސް އުމްރާގެ އަޅުކަން އަދާކޮށްފައެވެ. އެ ފުރުސަތު ފަހިވީ ދުރާލާ ގިނަ އިންތިޒާމްތަކެއް އެ ޖަމާއަތުން ކުރުމުގެ ސަބަބުންނެވެ. އެ ފަހަރު ނަވާގެ ހަވާލުގައި އުމްރާއަށް ދިޔަ ހުރިހާ އެންމެންވެސް ވަނީ ކޮވިޑްގެ ދަތި އަދި ބަލިމަޑުގެ އެ ހާލަތުގައިވެސް ނަވާއިން ވަރަށް ފުރިހަމައަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަން ފާހަގަކޮށްފައެވެ.