ހަބަރު

ހެކި ނެތިގެން ދައުވާގައި ޝާހު ނުހިމެނޭ

ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކުންފުނިތަކާއެކު އެއްބަސްވެފައިވާ މުއްދަތަށް ތަކެތި ސަޕްލައި ކޮށްދީފައި ނުވާ ސަބަބަކީ، ކޮވިޑުގެ ހާލަތު ކަމަށް ބުނެ، އެ ކުންފުނިތަކަށް މުއްދަތު އިތުރު ކޮށްދީފައި ވަނީ ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީން ނުފޫޒު ބޭނުން ކުރި ކަމަށް ބުނާ މައްސަލައިގައި ކޮމިޓީ މެމްބަރު ޑރ. ޝާހު މާހިރު އަށް ދައުވާ ނުކުރަން ނިންމައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ނިމުމު ގޮތް އަންގާފައިވާ ލިޔުން، ޝާހު މާހިރު އަށް ވަނީ ހަވާލުކޮށްފަ އެވެ. އެ ލިޔުމުގައި ބުނެފައިވަނީ، ވެންޓިލޭޓަރު މައްސަލައިގައި ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީން އެއްބަސްވުންތަކުގެ މުއްދަތު އިތުރު ކުރުމަށް ނިންމުމުގައި ރިއާޔަތްކޮށްފައިވާ ސަބަބުތަކަކީ އެ ހާލަތަށް އެކަށީގެންވާ ސަބަބުތަކެއް ކަމަށް ތަހުގީގަށް ފެންނަ ކަމަށެވެ.

އަދި، އެއްބަސްވުންތަކުގައި ސޮއި ކުރި އިރު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިނުވި ނަމަވެސް މުއްދަތު އިތުރު ކުރަން ނިންމި އިރު ބޯޑަރު ބަންދު ކޮށްފައިވާ ކަމަށާއި ހެލްތު މިނިސްޓްރީން އެ ދުވަސްވަރު ކުރިއަށްގެންދިޔަ ޕްރޮކިއުމަންޓުތަކާ ގުޅިގެން މުއްދަތު އިތުރު ކޮށްފައިވާކަން ފާހަގަވާ ކަމަށެވެ.

އެހެންކަމުން، ޝާހަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާކަމަށް ކަނޑައަޅާ ކަމަށް އޭސީސީން ފޮނުވި ލިޔުމުގައި ބުނެފައި ވެ އެވެ.

މި މައްސަލަައިގައި މީގެ ކުރިން ޝާހު ވިދާޅުވީ، ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ބިޑް ދިނުމުގައި އެއްވެސް ހައިސިއްޔަަތަކުން އޭނާ ބައިވެރިވެ ވަޑައިގެންފައި ނުވާނެ ކަމަށާއި އެކަން ލިޔެކިޔުންތަކުން ފެންނަން ހުންނާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އަދި، ވިދާޅުވީ ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ބިޑް ދިންކަން އެންގުމާއެކު އެ ނިންމުމާމެދު ސުވާލު އުފައްދާ ކަމާ ގުޅުންހުރި އިދާރާތަކުގެ އިސް ބޭފުޅުންގެ ސަމާލުކަމަށް އެކަން ގެނެސްފައި ވާނެ ކަމަށެވެ. އެ ކުންފުނިން ފުރަތަމަ ގެނައި 10 ވެންޓިލޭޓަރަަކީ ގެންނަން ހަވާލުކުރި އެއްޗެއްސަށް ނުވާތީ އެކަން ހެލްތް މިނިސްޓަރުގެ ސަމާލުކަމަށް ގެންދެވި ކަމަށާއި ސަރުކާރުގެ އިސް ވެރިންގެ ސަމާލުކަމަށް ވެސް އެކަން ގެންދެވި ކަމަށް މި މައްސަލާ ގުޅިގެން ޝާހު ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ވެންޓިލޭޓަރު މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ އެކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ބިޑް ކޮމިޓީގެ މެމްބަރުން ހިމެނޭހެން 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ވަނީ ފޮނުވާފަ އެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އޭސީސީ ވަނީ ހާޒިރުކޮށްފަ އެވެ. ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުން، ވެންޓިލޭޓަރު މައްސަލައިގައި ސާބިތު ކުރެވޭ ހެކި ނެތުމުގެ ސަބަބުން އެކަކުގެ ނަން ދައުވާ ކުރަން ނުފޮނުވާކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.