ހަބަރު

ތުޅާދޫގައި ނަހަލާލަށް ވިހޭ މީހާ އަލުން ބަންދު ކުރަން ހައިކޯޓުން އަމުރުކޮށްފި

މިދިޔަ ޖުލައި މަހުގެ ތެރޭގައި ބ. ތުޅާދޫގައި ނަހަލާލަށް ވިހޭ ކުއްޖާ މަރުވި މައްސަލައިގައި ހައްޔަރު ކުރި އޭނާގެ މަންމަ އަލުން ބަންދު ކުރުމަށް ހައިކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފި އެވެ.

ކައިވެނިން ބޭރުން، 18 އަހަރުގެ އަންހެން ކުއްޖަކު ހަތް މަހުގައި ވިހާފައިވާ ދަރިފުޅު މަރުވެފައި އޮއްވައި ފެނިފައި ވަނީ އެ ކުއްޖާގެ ގޭގެ ފާހާނާގެ ފެން ހިންދާ ޖަންގްޝަންގެ ތެރެއިންނެވެ. އެ އަންހެން ކުއްޖާ މާލެ ގެނެސް ކްރިމިނަލް ކޯޓަށް މުއްދަތު އިތުރު ކުރަން ގެންދިޔުމުން އޭނާ ބަލިވެ އިނީ މީހަކު ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ކަމަށް ބުނެ އުޒުރު ދެއްކުމާއި އެހެން ވެސް ސަބަބުތަކަށް ބެލުމަށް ފަހު ކްރިމިނަލް ކޯޓުން އޭނާ ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފަ އެވެ.

އެހެން ނަމަވެސް ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ ނިންމުން ބާތިލްކޮށް ކުރި ހުކުމުގައި ބުނެފައި ވަނީ ޖިންސީ ގޯނާ ކުރި ކަމަށް އެ ބުނެ އަންހެން ކުއްޖާ ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކައަކީ އޭނާގެ މައްޗަށް ދައުވާ އުފުލުމުން ދައްކަފާނެ ވާހަކައަކަށް ވާތީ އެއީ އޭނާގެ ބަންދުގެ މައްސަލަ ނިންމުމުގައި ރިއާޔަތް ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ނަހަލާލަށް ވިހެއުމަކީ ބޮޑު ކުށަކަށް ވާއިރު، އެފަދަ ކުށެއް ކުރި މީހަކު ބަންދުން ދޫކޮށްލުމަކީ، އެފަދަ ކުށްތަކަށް އަރައިގަތުމަށް މުޖުތަމައުގެ ތެރޭގައި ހިތްވަރު ލިބިދާނެ ކަމެއް ކަމަށް ހައި ކޯޓްގެ ހުކުމުގައިވެ އެވެ. އަދި ބަންދުގެ މުއްދަތު އިތުރު ކުރާއިރު އޭނާ ކުރި ކުށުގެ ބާވަތާއި އޭގެ ނުރައްކާތެރި ކަމަށް ބަލާއިރު، އެ އަންހެން ކުއްޖާ ކުރި ކުށަކީ މުޖުތަމައުގެ އާންމު މަސްލަހަތަށް އަސަރުކޮށްފާނެ ބާވަތުގެ ކުށަކަށް ވާތީ އޭނާ އަލުން ބަންދު ކުރުމަށް ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާގުވާ ކަމަށް ހުކުމުގައިވެ އެވެ.

އޭނާ ބަންދު ކުރުމަށް ހައިކޯޓުން އަމުރުކޮށްފައި ވަނީ 15 ދުވަހުގެ މުއްދަތަށެވެ. އެ ކުއްޖާގެ މައްޗަށް ކުރަނީ ގަސްތުގައި އޭނާ ވިހޭ ދަރިފުޅު މަރާލުމުގެ ތުހުމަތެވެ. އެ އަންހެން ކުއްޖާ ވިހާފައި ވަނީ ހޮސްޕިޓަލަށް ވެސް ނުގޮސް ގޭގެ ފާހާނާ ތެރޭގަ އެވެ.

ފުލުހުން ބުނީ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް އޭނާ ތަހުގީގުގައި ބުނެފައި ވާތީ އެ މައްސަލަ ވެސް މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި އޭނާއަަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ފިރިހެން މީހާ އެހެން މައްސަލައެއްގައި ފުލުހުންގެ ހައްޔަރުގައި ހުރި ކަަމަށް ވެސް ބުންޏެވެ.