ބ. ތުޅާދޫ އެއާޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައިދީ ތުޅާދޫގެ ތަރައްގީއަށް ކުރަންޖެހޭ އެތައް މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ތުޅާދޫއަށް މިއަދު ވަޑައިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ވާހަކަ ދައްކާތާ އެތައް އަހަރެއްވީއިރު އެ މަޝްރޫއުގެ މަސައްކަތްތައް މީގެކުރިން ސަރުކާރުގެ ތެރެއިން ކުރިއަށް ދިޔައީ ވަރަށް ލަސްކޮށް ވަރަށް ފަނޑުކޮށް އަދި ހަގީގަތަކަށް ނުވާނެ ކަމެއްގެ ގޮތުގައި ކަމަށެވެ.
"އެގޮތް ބަދަލުކޮށް ރަށުގެ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަވާ ފެންވަރުގެ އެއާޕޯޓެއް އަޅުގަނޑުމެން ހަދައިދޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ތުޅާދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިދިޔަ ސަރުކާރުގައި ހަވާލުކޮށް މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހް ކުރަނީ ކަމަށް ބުނެ ބިން ހިއްކުމަށް ބައުންޑްވޯލް ޖެހި އެވެ. އެކަމަކު މިދިޔަ ސަރުކާރު ނިމިގެން ދިޔައިރު އެއްވެސް ވަރަކަށް ބިން ހިއްކާފައެއް ނުވެ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މިސަރުކާރުގައި ތުޅާދޫ އެއާޕޯޓްގެ މަސައްކަތް ކުރާނީ އެ މަޝްރޫއުގެ ސްކޯޕަށް ބައެއް ބަދަލުތައް ގެނެސްގެން އިތުރު ފުރިހަމަ ކަމެއް ގެނެސްގެން ކަމަށެވެ.
ތުޅާދޫގައި އެއާޕޯޓް އެޅުމަށް 44.7 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެއްސި އެވެ. ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ ދުރު ރާސްތާ އަދި މެދު ރާސްތާގެ ސްޓްރެޓެޖިކް ޕްލޭންތަކަށް ބަލާއިރު ތުޅާދޫ ކަހަލަ އާބާދީ ބޮޑެތި ރަށްތަކުގައި ބިން އިތުރުކުރަންޖެހޭތީ ތުޅާދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކާއިރު ބޯހިޔާވަހިކަމަށާއި ސިނާއީ މަސައްކަތްތައް ކުރުމަށާއި އިިޖުތިމާއީ ބޭނުންތަކަށާއި އަދި މުސްތަގުބަލަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ.
"އެހެންވީމާ އިރާދަކުރެއްވިއްޔާ މިރަށުގެ މުސްތަގުބަލަށްޓަކައި އަދި މިހާރުގެ ބޭނުންތަކަށްވެސް ފުދޭނެ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދާނެ ވާހަކަވެސް އަޅުގަނޑު ޔަގީންކޮށް ތިބޭފުޅުންނަށް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތުޅާދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެރަށުގައި އިތުރު 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށެވެ. އަދި މިހާރު ނިމިފައިވާ ހުރި 100 ހައުސިން ޔުނިޓާ ގުޅޭ މައްސަލައެއް ކޯޓުގައި ހިނގަމުންދާތީ އެ މައްސަލަ އަވަހަށް ނިމި އެ ހައުސިން ޔުނިޓްތައް ރައްޔިތުން ދިރިއުޅުމަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"މިހާރު ބަޖެޓުގައި ކޮންމެވެސް އަދަދެއް ހިމެނިފައި އޮތީ. އެހެންނަމަވެސް އެއަކުން ނުއެއް ވާނެ. އެހެންނަމަވެސް މަޝްރޫއު ކުރިއަށް ގެންދެވޭނެ މަގު އެބައޮތް ފަހިވެފައި. އެހެންވީމާ މިއަހަރުގެ ތެރޭގައި އެމަސައްކަތްވެސް އިރާދަކުރެއްވިއްޔާ ފަށާނަން،" މިސަރުކާރުން ތުޅާދޫގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓާ ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތުޅާދޫގައި މިހާރު ކުރިއަށްދާ އާ ހޮސްޕިޓަލްގެ މަސައްކަތާއި ތުޅާދޫ މަގުތައް ހެދުމުގެ މަސައްކަތާއި ތުޅާދޫ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ އިންޑޯ އަދި އައުޓްޑޯ ވަސީލަތްތައް ގާއިމުކޮށްދިނުމަކީ މިސަރުކާރުން ތުޅާދޫގައި ކުރިއަށް ގެންދާނެ މަސައްކަތްތަކެއް ކަމަށް ވައުދުވެފައިވާ މަސައްކަތްތަކެއް ކަމަށްވާތީ އެކަންކަން ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ތުޅާދޫ އަކީ ރާއްޖޭގައި އާންމުކޮށް ކުރެވެމުން ނުދާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށްވާ ލިޔެލާޖެހުމުގެ މަސައްކަތް އެންމެ ރަނގަޅަށް ކުރާ އަދި އެކަމުން ތުޅާދޫއަށް ވަރަށް ގިނަ ފައިދާ ލިބޭ މަސައްކަތެއް ކަމަށެވެ. ލިޔެލާޖެހުމަކީ ގައުމިއްޔަތާއި ދިވެހިވަންތަކަމާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަސައްކަތުގެ ފައިދާ ތުޅާދޫ ރައްޔިތުންނަށް ލިބޭ ގޮތަށް ކަންކަން ހަމަޖައްސައިދެއްވާނެ ކަމަށެވެ.
ތުޅާދޫގައި ލިޔެލާޖެހުމުގެ މަސައްކަތް ދަސްކޮށް މަރުކަޒެެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސް މިއަދު ވިދާޅުވީ ވައުދުވެވަޑައިގެންނެވި ގޮތަށް އެމަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. ޓެކްނިކަލް ޓީމަކުން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ލަފާ ދެއްވައިފިނަމަ އެފަދަ ކަންކަން ފިޔަވާ ދެން ކުރަން ހުންނަ ކޮންމެ ކަމެއްވެސް ކުރާނީ ރައްޔިތުންނާއި ކައުންސިލްތަކުގެ ބަހެއް ހޯދައިގެން ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންވީމާ މިމަގުން އިރާދަކުރެއްވިއްޔާމު މިގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދާނީ. އާދެ، ތުޅާދޫގެ މިދެންނެވި ތަރައްގީގެ ހުރިހާ މަޝްރޫއުތަކަކާ އަދިވެސް އިތުރު ކަންކަމުގައި އަޅުގަނޑުމެން ކުރިއެރުން ހޯދައިދީ ނަތީޖާ އިރާދަކުރެއްވިއްޔާ ނެރެދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަަކަފުޅު ނިންމަވާލެއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތުޅާދޫ ރައްޔިތުން އިތުބާރުކުރައްވާ މެޖޯރިޓީ ވޯޓު ހޯދައިދިން ގޮތަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ސަރުކާރުގެ ކަންކަން ކާމިޔާބު ވާނެ މަގަށް މަސައްކަތް ކޮށްދެއްވުމަށް ތުޅާދޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތުމަށްފަހު އެވެ.
ތުޅާދޫ އަކީ މިދިޔަ ރިޔާސީ އިންތިހާބާ ހަމައަށް އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރާ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ އެމްޑީޕީގެ ވަރަށް މުހިއްމު ރަށެކެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގެ ތެރެއިން ތުޅާދޫގެ ސިޔާސީ މަންޒަރު ވަނީ ބަދަލުވާން ފަށާފަ އެވެ.