ޑރ. މުހައްމަދު މުއިއްޒު

ރައްޔިތުންނާއި ސަރުކާރާއި ގުޅުމެއް ނެތް: މުއިއްޒު

ރައްޔިތުންނާއި ސަރުކާރަކާއި އެއްވެސް ވަރަކަށް ގުޅުން ނެތް ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. ތުޅާދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ އޭނާ މިހާތަނަށް ދަތުރު ކުރެއްވި ހުރިހާ ރަށަކުންވެސް އަންނަނީ މިކަހަލަ ޝަކުވާތަކެެއް ކަމަށެވެ. ރައްޔިތުންނާއި ސަރުކާރާއި ގުޅުން ކެނޑިފައިވާ ކަމަށާއި ހުރިހާ ކަމެއްވެސް ކުރަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަމަށެވެ.

ރައްޔިތުންނާއި އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރައްވާ ކަމަށާއި އެއީ އެކަންތައް ކުރަންޖެހޭ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިމެއް ހިއްކިޔަސް ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން ހިއްކަނީ. ބަނދަރެއް ހެދިޔަސް ހަމަ އެއްގޮތަކަށްވެސް ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން ހަދަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންނާއި ކަނެކްޓުވާ، ރައްޔިތުންނާއި ގުޅިފައިވާ ބަޔަކު ވެރިކަމަށް އަންނަން ޖެހޭނެ ކަމަށެވެ. އަދި އޭނާގެ ސިޔާސަތު ހުރީ އެގޮތަށް ކަމަށާއި އޭނާގެ ހުރިހާ މަސައްކަތެއް ގުޅިފައި ވާނީ ރައްޔިތުންގެ ވިންދާއި، އިހުސާސާއި، ރައްޔިތުންގެ ބޭނުންތަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ރައްޔިތުންގެ ފަރާތުން ކުރާ ރައްޔިތުންގެ ވެރިކަމެއް ކުރުމަށް އަޅުގަނޑުމެން މި ކުރިމަތި ލަނީ. އެހެންވީމަ ކޮންމެ ކަމެއްވެސް ކުރާނީ އެކަމެއް ފުރަތަމަ ރައްޔިތުން ބޭނުންވާ ގޮތެއް ބަލައިގެން،" މުއިއްޒު ވިދާޅުވި އެވެ.

އެކަން އެގޮތަށް ނޯންނަ ކަމުގައި ވާނަމަ ރައްޔިތުންގެ ފަރާތުން ވެރިކަމަކަށް ބަޔަކު އަންނަނީ ކޮންބޭނުމަކުތޯ މުއިއްޒު ސުވާލުކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޒުވާނުންނަށް ޓަކައި ރައީސް ޔާމީނު އަޅައިދިން ކުޅިވަރު ކުޅޭ ތަންތަން ފިޔަވައި އެއްވެސް ވަރަކަށް ކަމެއް ކޮށްދެވިފައި ނުވާކަމަށެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ފެސިލިޓީތައް ހުންނާނީ ފެނިފައި ކަމަށާއި މި ވޭތުވެދިޔަ ފަސް އަހަރުގައި ފެނިގެން ދިޔައީ އެ ތަންތަން ހަލާކުވެގެން ދިޔަ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ އެއްވެސް ބޭފުޅަކު ކުރާނަމޭ ބުނެފައި އޮތް ކަމެއް ނުކޮށް ދޫކޮށްލާފައި ނުހުންނާނެ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މިކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށްވެސް ފާހަގަ ކުރެއްވި އެވެ.

"ކަމެއް ކުރާނަމޭ އެމަނިކުފާނު ވިދާޅުވެއްޖެ ނަމަ އެކަމެއް އޮންނާނީ ކުރައްވަވާފަ. އިރާދަކުރެއްވިއްޔާ ހަމަ އެމަގުން ތިބޭފުޅުން އަޅުގަނޑުމެންނަށް އިތުބާރު ކުރައްވައިފިއްޔާ ފެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާއަށް އިތުބާރުކުރައްވައި މި އިންތިހާބު އޭނާއަށް ކާމިޔާބު ކުރެވިއްޖެ ނަމަ ރައްޔިތުންނަށް ފެނިގެންދާނީ އޭނާ އެ ވަމުންދާ ވައުދުތައް ފުރިހަމަ ކޮށްދީ އޭގެން ނަތީޖާ ނެރޭ ތަން ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކުގައި ހުސް ވައުދެއް ނުވާނެ ކަމަށާއި އެކަންތައްތައް ކޮށްދިނުމުގައި ފައިސާ ހޯދާނެ ގޮތާއި އެކަމުގެ ހުރިހާ ޓެކްނިކަލް މައުލޫމާތެއް އޭނާގެ ޓީމުގައި ހުންނާނެ ކަމަށްވެސް ފާހަގަ ކުރެއްވި އެވެ.

"އެހެންވީމާ އެކަންތައްތަކަކީ ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަމޭ ބުނިކަމުގައިވިޔަސް ކޮށްދޭނެ ކަންތައްތައްކަމުގައި ގަބޫލު ކުރަން ވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އޭނާ ކަންތައްތައް ކުރާނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އެކީގައި ކަމަށެވެ.

ރައީސްގެ ތުޅާދޫގެ ވައުދުތައް

  • އެއާޕޯޓު އަޅައިދިނުން
  • ލިޔެލާ ޖެހުމަށް ހާއްސަ ތަމްރީނު މަރުކަޒެއް އެޅުން
  • ތުޅާދޫ ރައްޔިތުން ބޭނުންވާ ތަނުގައި ހޮސްޕިޓަލް އަޅައިދިނުން
  • ބިން ހިއްކުން
  • އިތުރު ހައުސިން ޔުނިޓުތައް އަޅައިދިނުން

ތުޅާދޫގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ އެއާޕޯޓު އަޅާފައި އެ ރަށުގެ ރައްޔިތުންނަށް ދައްކުވަދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ކުރަން ނުކުރަން އުޅޭ އެއާޕޯޓު އިރާދަކުރެއްވިއްޔާ ކޮށްނިންމާފަ ތިބޭފުޅުންނަށް ދައްކުވަދޭނަން." މުއިއްޒު ވިދާޅުވި އެވެ.

އެއާޕޯޓާއި ގުޅިގެން ވަރަށް ގިނަ ކުރިއެރުން އަންނާނެ ކަމަށްވެސް މުއިއްޒު ވަނީ ފާހަގަ ކުރައްވާފަ އެވެ.