ރިޔާސީ އިންތިހާބު 2023

ވޯޓު މަރުކަޒަށް ފޮޓޯ ނެގޭ ގަލަމެއް ވެއްދި މައްސަލައިގައި ދައުވާ ކުރަނީ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާ މަރުކަޒަށް ފޮޓޯ ނެގޭ ގަލަމެއް ވެއްދި މައްސަލައިގައި ދައުވާކުރަން ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ބ. ތުޅާދޫގައި ވޯޓުލާން ދިޔަ މީހަކު ކެމެރާ ހަރުކޮށްފައިވާ ގަލަމެއް ވައްދާ ވޯޓު ކަރުދާސް ފޮޓޯ ނަގާފައިވެ އެވެ. ނަމަވެސް އެ ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން އަވަސް އިން ސުވާލުކުރުމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިއަދު ވިދާޅުވީ ވޯޓުލާ މަރުކަޒަށް ފޮޓޯ ނެގޭ ގަލަން ވެއްދި މައްސަލައިގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށެވެ.

އެގޮތުން ލިޔެކިޔުންތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ނިމުމުން މައްސަލަ ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.

އެ ދުވަހު ހިނގައިދިޔަ ގާނޫނާއި ގަވާއިދާ ހިލާފު އެހެން ކަންކަންވެސް ކޮމިޝަނުން ބަލައި ދިރާސާ ކުރަމުންދާ ކަމަށާއި ގާނޫނާ ހިލާފު އަމަލުތައް ހިންގާފައިވާ ފަރާތްތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަންވެސް ހަސަން ވަނީ ދެއްވާފަ އެވެ.

"ކޮމިޝަނުން މިދަނީ މި މައްސަލަތައް ބަލަމުން. ދައުވާ ކުރަންޖެހޭ މީހުންނަށް ދައުވާކުރަން ފޮނުވާނަން،" ހަސަން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން މިމަހުގެ ނުވަ ވަނަ ދުވަހު ޖުމްލަކޮށް ދިޔައީ އަމާންކަމާ އޮމާންކަމާއެކު އެވެ. ވޯޓުލުން އެ ދުވަހު މެދުކެނޑިގެން ދިޔައީ ތުޅާދޫ އާއި އއ. ރަސްދޫގައި އެކަންޏެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.