ވާހަކަ

ލޯބިން ބުނެލަން

(13 އޮކްޓޯބަރ 2020 އާ ގުޅޭ)

މިފްރާހު ދީފައި ހުރި ހަދިޔާގެ ނިޝާންތަކުން ކުލަފަނޑުވެއްޖެތޯ އެހުމާއެކު އޭނާ ފޮނުވީ ކެންޒާގެ ފޮޓޯއެކެވެ. އަދިވެސް ބައިވަރު އެބަހުރިކަމުގައި ފޮޓޯގެ ތިރީގައި އިތުރުކޮށްލާފައި އޮތެވެ.

"އަހަރެންގެ މަންމައަށް ކަލޭގެ ތި ޢަމަލު ފެނުމުން ވާނެގޮތް އެނގޭތަ؟ އަހަރެން ނުބުނެ ހުންނާނެއޭ ހީނުކުރޭ، ތިފޮނުވާ ހުރިހާ އެއްޗެއް ދައްކާނަން" އެނދުން ތެދުވުމާއެކު މިފްރާހުއަށް ކެންޒާ ރައްދުގެ މެސެޖު ފޮނުވާލިއެވެ.

މުޅި ދުނިޔެއަށް ދެއްކިޔަސް ވަރިހަމަ، ކިޓީއަކަށް ނޭނގޭތަ! އެއް އުރާގައި ދެ ކަނޑިއަށް ނޯވެވޭނެކަން، ކިތަންމެ ގަދަ ދެއްކިޔަސް، ތި ލޯބިގަނޑު ވާނީ އަހަރެންގެ އަނތްބަކަށް، ބަލައްޗޭ..." ނުރުހުންވުމެއް، ޖެހިލުންވުމެއް މިފްރާހުގެ އަޑަކު ނެތެވެ. ބަދަލުގައި އެ އަޑުގައި ހުރީ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ޔަގީންކަމެވެ.

"ކިހިނެއްވީ؟ ކީއްވެ އެއްޗެކޭ ނުބުނީ؟ އަހަރެން ބުނެފިކަމެއް ކުރާނެކަން މިހާރު އެނގޭ ދޯ، މިހެނެއް ނުވީސް ކެން ރީތިކޮށް އަހަރެންގެ ބަސް ޤަބޫލުކުރިނަމަ... އަހަރެންނަށް ހަމަ އެންމެ ފުރުޞަތެއް ވެސް ދޭން ބޭނުންނުވި، އަހަރެންނަށް މިހާރު އެނގޭ، ދުވަހަކުވެސް ކެންޒާ އަހަރެންނަށް އިތުބާރެއްނުކުރާނެކަން... އައި ޑޯންޓް ކެއާ... ކޮންމެ ގޮތަކުން ވިޔަސް އަހަރެންގެ އަނތްބަކަށް ހަދާނަން، އުމުރުގެ ބާކީބައި އުޅެން ޖެހޭނީ އަހަރެންނާއެކު، ރީތިކޮށް އަހަރެންނާއެކު ނައީ ވިއްޔާ، ފެންނާނެ ދެންވާގޮތް ވެސް، އެހެންވީމަ މަންމައާ ވާހަކަދައްކައިގެން ކައިވެންޏަށް ތައްޔާރުވޭ." މިފްރާހު ދިނީ އިންޒާރެކެވެ.

* * * * *

ފަތިސް ނަމާދަށް ތެދުވި މިންނާ ކޮޓަރިން ނުކުމެގެން އައިސް ކެންޒާއަށް ގޮވިއެވެ. ދޮރުގައި ދެފަހަރަކު ޓަކިދީ ގޮވާލަންވާއިރަށް ދަރިފުޅު ދޮރުހުޅުވައިފިއެވެ. އެ ދެ ލޮލުގައިވި ރަތްކަން މިންނާ ހައިރާންކުރުވިއެވެ. އޭނާ ފަދައިން ރޭގައި އެ ދަރިފުޅު ވެސް އުޅުނީ ނުނިދައޭ މިންނާއަށް ހީކުރެވުނެވެ.

"ނަމާދުކޮށްލީމަ ހިތްވަރުލިބޭނެ، ހިތަށް ހަމަޖެހުން ލިބޭނެ..." ދޮރު ދޭތެރެއިން ފެންނަން ހުރި ކެންޒާގެ ކަނާއަތް ފަރާތު އަތުގައި މިންނާ ފިރުމާލިއެވެ. ކެންޒާ ހަމައެކަނި ބޯޖަހާލީއެވެ.

އައު ދުވަހަކަށް އިރުއަރައިގެން އައިއިރު ކެންޒާ ގިނަ ވަގުތު ހޭދަކުރީ ކޮޓަރީގައެވެ. މަންމަ އައިސް ގޮވާލައިފިނަމަ މަންމައަށް ޓަކައި ކޮޓަރިން ނުކުމެއެވެ. ދެން އެކަމެއް ނިމުމުން އަނެއްކާ ވެސް އެނބުރި ކޮޓަރިއަށް އާދެއެވެ. އެނދުގައި އޮވެ އޮވެ ވާޅުވީމާ ތެދުވެ އިށީނދެއެވެ. ދެން އަނެއްކާ ވެސް އޮށޯންނަނީއެވެ. މިގޮތަށް ދުވަހުގެ ވަގުތުތައް ފާއިތުވަމުންދިޔައެވެ. ލައިތު ގުޅުމުން ކެންޒާ ޖަވާބެއް ނުދެއެވެ. އޭނާ ކަންބޮޑުވެ ހާސްވާނޭކަން ކެންޒާ ދެނަހުއްޓެވެ. އެހެންވިޔަސް ރޭގައި މިފްރާހު ދިން އިންޒާރުތަކުން ހިތްބިރުގަނެފައިވީއިރު، މަންމައަށް ހުރިހާ ކަމެއް ކިޔައިދިނުމުން ވާނެ ގޮތާމެދު ކެންޒާ ފިކުރުބޮޑުވެފައި ވެއެވެ.

މަޣްރިބު ނަމާދުކޮށްލައިގެން ނުކުމެ ސޯފާގައި މިންނާ އިނީ ޤުރުއާން ކިޔަވާށެވެ. ދޮރޯށި ހުޅުވާލައި ފިރިހެނަކު ސަލާމް ގޮވާލި އަޑު އިވިގެން މިންނާ ތެދުވަން އުޅުނެވެ. ދޮރޯށިން ވަދެގެން އަންނާތީ، އޭނާއަށް ފެނުނީ ކައިފް ހޮސްޕިޓަލުގައި ބޭއްވީސުރެ އެންމެ ގާތުން އެމީހުންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދެމުން އައި ޒުވާނާއެވެ. ކެންޒާއާއި އެ ޒުވާނާއާ ދެމެދު ގާތް އެކުވެރިކަމެއް އޮންނަކަން މިންނާ އެދުވަސްތަކުގެ ތެރޭ ވަނީ ދެނެގެންފައެވެ. ދޮރުމަތީ ހުއްޓިލައިގެން ހުރުމުން މިންނާ އެދުނީ އެތެރެއަށް ވަނުމަށެވެ. އިށީނުމަށް ސޯފާ ދައްކާލިއެވެ.

"ލައިތު ދޯ..." ނަން ހަނދާންކޮށްލުމަށްފަހު މިންނާ އަހާލިއެވެ. ބޯޖަހާލައި ސޯފާގައި ލައިތު އިށީނެވެ.

"ކެން މަންމަ ބަލީތަ؟ ކަމެއް ބޭނުންވޭތަ؟ ކޮބާ ކެން؟" ގޭތެރެ ހޯދާލަމުން ލައިތު ސުވާލުތައް އަމުނާލިއެވެ. ހިނިތުންވުމެއް ދެމުން މިންނާ ދެފަރާތަށް މަޑުމަޑުން ބޯހޫރާލިއެވެ.

"ބަލިބައްޔެއްނޫން، އެކަމަކު ރަނގަޅޭ ވެސް ނުބުނެވޭނެ، ލައިތުމެން ވެދިން އެހީއަށް މަންމަ ޝުކުރުވެރިވަން، ކެން ވެއްޖެ ކޮޓަރީގަ، ގޮވާލަންތަ؟" މިންނާ ބުންޏެވެ.

"ނޫނޭ، ކެން މަންމަ އިށީންނަންވީނު، ވާހަކައެއް ދައްކާލަން އެބައޮތް." ލައިތު ބުންޏެވެ.

ވާހަކަ ދައްކަން ފެށުމުގެ ކުރީން ލައިތު އަދިވެސް އެއްފަހަރު ގޭތެރެއަށް ބަލާލިއެވެ. ކެންޒާގެ ބައްޕަ ކޮބާތޯ އޭނާ އަހާލިއެވެ. ހައިރާންކަން އިތުރުވީ ނަމަވެސް ކޮޓަރީގައި އެބައުޅޭކަން މިންނާ ބުންޏެވެ. އެއާއެކު ލައިތު ހިމެންވެލިއެވެ. އޭނާ ކަމަކާ ވިސްނަނީހެން މިންނާއަށް ހީވިއެވެ. އެހިނދު ލައިތުގެ ނަމުން މިންނާ ގޮވާލިއެވެ. ކޮންވާހަކައެއްތޯ ދައްކަން ބޭނުންވަނީ އަހާލީ، އަޑު އަހަން ތައްޔާރަށް އޭނާ އިން ފަދައިންނެވެ. ބޯޖަހާލި ގޮތުން ހީވީ ލައިތުގެ ނަފްސު ތައްޔާރުކޮށްލީ އެހެންނެވެ. ދެން އޭނާގެ ނަޒަރު މިންނާއާ އަމާޒުކޮށްލިއެވެ. ކެންޒާއާއި ލައިތު އުޅެނީ ރައްޓެހިވެގެންކަން ބުނެލިއެވެ. އެއަށްފަހު ލައިތު މަޑުކޮށްލީ މިންނާ ކަންތައްކުރާ ގޮތެއް ބެލުމަށެވެ. މިންނާ ނުރުހުންނުވުމުން ލައިތު ވާހަކަދެއްކިއެވެ.

"ކައިފްގެ ވަކިވުމާއެކު، މީ މިކަހަލަ ވާހަކައެއް ދައްކަންވީ ވަގުތުނޫންކަން އެނގޭ، އެކަމަކު ރަނގަޅު ވަގުތެއް ދުވަހަކުނައި..." ލައިތު ވާހަކަދެއްކީ ލަސްލަހުން ވިސްނައިގެންނެވެ. ކެންޒާވަނީ ކައިފްއަށް ލައިތު ތަޢާރަފްކޮށްދީކަމާއި އެމީހުން ބައްދަލުވިކަން ލައިތު ކިޔާދިނެވެ. ކައިވެނި ކުރަން ގަސްދުކުރާކަމާއި، ވަލީ ދޭނީ ކެންޒާގެ ބައްޕައަށް ވިޔަސް އެއީ ކޮންކަހަލަ މީހެއްކަން އެނގޭކަން ވެސް ބުންޏެވެ. ކެންޒާގެ ހުރިހާ ވެސް ހިތްވަރަކީ މިންނާއަށް ވާއިރު، މިންނާއާ ނުލާ އެއްވެސްކަމެއް ފުރިހަމައެއް ނުވާނެއެވެ. މިހާރު އަދި އަމުދުން މަންމައާ މެދު ކެންޒާ ވިސްނާނެކަން ލައިތަށް އެނގެއެވެ. ކެންޒާ ގާތުން ކައިވެންޏަށް އެހުމުގެ ކުރީން، ލައިތު އައިސް އެ އިނީ މިންނާގެ ރުހުން ހޯދަންކަން އޭނާ ސާފުކޮށްދިނެވެ. އަމިއްލަ ނަފްސާ ބެހޭ ގޮތުން މިންނާ އެނގެން ބޭނުންވާނޭ ހުރިހާ ކަމެއް އޭނާ ކިޔާދިނެވެ. އެ ހުރިހާ އިރު މިންނާއިނީ ލައިތުގެ މޫނަށް ބަލާށެވެ. އެ މޫނުން ފާޅުވާ ކޮންމެ އަސަރެއް އޭނާ ދުށްޓެވެ.

"ކެންޒާ ހަނދާނެއްނުތޭ، މަންމައަށް ވެސް ނޭނގުނު ފެނިފަ... އޭގެ ފަހުން ކިތައް އަހަރުމިވީ، އޭރު ވެސް ތީ އިސްކޮޅުން ދިގު ކުއްޖެއް، ބަދަލުނުވަނީ އެކަން... މީހާގެ ސިފަ ތިހުރީ މުޅިން ބަދަލުވެ، އެގޭ ކުއްޖެއް ކަމަކަށް ހިޔެއްނުކުރަން އެއްފަހަރު ވެސް." ލައިތުގެ ވާހަކަތައް އަޑުއަހާފައި ވަގުތުކޮޅަށް ހިމޭނުން މިންނާ އިނދެފައި ބުނެލިއެވެ.

"ކެން ހަނދާން ހުންނަކަން އެނގޭ..." ލައިތު ހިނިތުންވެލިއެވެ. އޭނާ އެދުނީ ކެންޒާ ގާތު އޭނާގެ އެ ހަޤީޤަތް ހާމަނުކުރުމަށެވެ. ހުރިހާކަމެއް އޭނާ ކިޔައިދޭނަން ކަމުގައި ބުންޏެވެ. ކައިވެނި ކުރާއިރު، ދެމެދުގައި އެއްވެސް ކަމެއް ފޮރުވާފައި ނުބާއްވާނަންކަމުގައި ލައިތު ބުންޏެވެ.

މިންނާ ހިނިތުންވިއެވެ. ކެންޒާގެ އަތުގައި ހިފާފައިވާ ނަސީބާމެދު އޭނާ އުފާވިއެވެ. މީ އޭނާ ދުށުމަށް އިންތިޒާރުކުރަމުން އައި ވަގުތެވެ. ބަރުދާސްތުކުރަމުން އައި ބުރަކަމުން ބައެއް ލުއިވެއްޖެ ކަމުގައި އިޙްސާސް ކުރެވުނެވެ. ކުޑައިރު ފެށިގެން ކެންޒާގެ ގާތުގައި ލައިތު ހުރިކަން އެއީ މިންނާއަށް އެނގި ޔަގީންވާކަމެވެ. މިއަދު ކެންޒާއަށް ކައިވެނިކުރަން އޭނާގެ ކުރިމައްޗަށް ލައިތު އައިރު، އަދިވެސް އެ ހިތުގައި ކެންޒާއާމެދު ޚާއްޞަކަމެއް ވާކަން މިންނާއަށް ޔަގީންކޮށް ބުނަން އެނގެއެވެ. ޅަފުރާގެ ފިރިހެންކުއްޖާ ބޮޑުވެ، ފުރިހަމަ ޒުވާނަކަށް ވެފައިވާތަން މިންނާގެ ލޯ ކުރިމަތިން ފެންނަން އެހުރީއެވެ.

"ކެންޒާ ރުހިއްޖެ ކޮންމެ ކަމަކާ، އިރާދަކުރެއްވިއްޔާ މަންމަ ވެސް ހުންނާނީ ރުހިގެން... ތި ދެކުދީން ކައިވެނިކުރަން ބޭނުންވާނަމަ، މަންމަގެ ރުހުން ތި ދެކުދީންނަށް ދީފިން، އެކަމަކު ލައިތުވާނެ މަންމައަށް ވަޢުދެއްވާން." މިންނާގެ ހިނިތުންވުން ފަނޑުނުވެއެވެ.

"އަވަހަށް ބުނޭ..."

"ކުރިއަށްވާނޭ ގޮތެއް އެކަކަށް ވެސް ބުނާކަށް ނޭނގޭނެ، ކައިވެންޏަކީ ދެމީހުން އެކުގައި ކުރާ ދިގު ދަތުރެއް... އެ ރާސްތާގައި އަޑިގުޑަންތަކާ ކުރިމަތިވާނެ، ހީނުކުރާފަދަ ހުރަސްތަކާ ކުރިމަތިލާން ޖެހިދާނެ، އެކުގައި ފެށި ދަތުރު ކުރުކޮށްލައި، ދެމީހުންގެ މަންޒިލު ބަދަލުވިޔަ ނުދެއްޗޭ، ދިރިއުޅުމަކީ ބުރަ އިމްތިހާނެއް، ކެންޒާއަކީ މަންމަގެ ދަރިއެއް، އޭނާގެ ގޮތް މަންމައަށް ބޮޑަށް އެނގޭ... އޭނާ ބޮޑުވީ އެހެންގޭގޭގައި އަންހެން ދަރީން ބޮޑުވާގޮތަކަށްނޫން، ވަރަށް ގިނަކަންކަމަށް އޭނާ ކެތްކުރި، ކިތަންމެބޮޑު އަނިޔާއެއް ލިބުނަސް އޭނާ ހުރެދާނެ ނުބުނެ، އަމިއްލަ ޒަޚަމްތައް ފޮރުވަން އޭނާ ހުރީ އާދަވެފައި، އަމިއްލަ ނަފްސަށްވުރެ އެހެންމީހުންގެ އިޙްސާސްތައް ކުރިއަށް ނެރެން ދަސްވެފައި... ނުކައި ހުއްޓަސް، އެއްޗެއް ކިތަންމެ ބޭނުންވިޔަސް، ކެންޒާ ނުބުނާނެ... އޭނާ ބޮޑުވީ އެގޮތަށް، ލައިތުއަށް އެނގެއެއްނު މަންމަމެން އުޅެމުން އައީ ކިހިނެއްކަން، ލައިތު... ކޮންމެކަމެއް ދިމާވީނަމަވެސް ކެންޒާއާއެކު އުޅެން މަސައްކަތްކުރައްޗޭ... އޭނާ ނުބުންޏަސް، ލައިތު ސަމާލުކަން ދީފިނަމަ ބަދަލުތަކެއް އައިސްފިއްޔާ ދެނެގަންނަން އެނގޭނެ، ކެންޒާ ނުބުނާ ކަންކަން ވެސް ދެނެގަންނަ ފިރިއަކަށް ވެދޭތި، އޭނާދެކެ އަބަދުވެސް ލޯބިވާ، އޯގާތެރި ފިރިއަކަށްވެދޭތި، ތި ދެކުދީން އުފަލުގައި އުޅޭތަން ދުށުމަށް މަންމަ ބޭނުމީ، އުފާ ފާގަތިކަން ދެއްވުމަށް މަންމަ ދުނިޔޭގައި ހުރިހާ ދުވަހަކު ދުޢާކުރާނަން."

"އިރާދަކުރެއްވިއްޔާ ތިގޮތުގައި ހުންނާނީ، ކޮންމެ ހާލެއްގައި ވިޔަސް ކެންއާއެކު ހުންނާނަން." ލައިތު ބޯޖަހާލަމުން ބުންޏެވެ.

"ކައިފްއަކީ ކެންޒާގެ ބޭބެގެ އިތުރުން އޭނާގެ ހުރި ރަޙުމަތްތެރިޔަކީ، ކެންޒާ ރޭގައި ނިދިހެން މަންމައަކަށް ހިޔެއްނުވޭ، އޭނާ ރޮނީކަން މަންމައަށް އެނގޭ... މި ހާލަތު ބަދަލުވާން ދުވަސްކޮޅެއް ނަގާނެކަން އެނގޭ، ލައިތު ވާހަކަދައްކާލަންވީނު..." މިންނާ ބުންޏެވެ.

"ކެން މަންމަ ގޮވާލަދޭންވީނު..." ކެންޒާގެ ކޮޓަރި ލައިތުއަށް މިންނާ ދައްކާލުމުން ބުންޏެވެ. މިންނާގެ ކުރިމަތީ ކެންޒާގެ ކޮޓަރިއަށް ވަންނަން ލައިތުއަށް ނުކެރުނީއެވެ. ކައިވެނި ނުކުރާއިރު އެއީ ރަނގަޅުކަމެއްކަމުގައި ވެސް ނުވީއެވެ.

"ކެން... ދަރިފުޅު ނުކުމެބެލަ، އެބައިން ކުއްޖަކު އައިސް... ކެންއާ ބައްދަލުކުރަން... ނުކުމެބަލަ." ކެންޒާގެ ކޮޓަރީ ދޮރުގައި ޓަކި ދީފައި މިންނާ ގޮވާލިއެވެ. ކުއްޖަކު ބަދަލުކުރަން އައިސް އިންކަން ބުނެ ސޯފާގައިން އިން ލައިތަށް އޭނާ ބަލާލައި ހިނިތުންވެލިއެވެ.

މިފްރާހަކީ ވެސް މިންނާގެ ކުރިމަތީ ކެންޒާއަށް ޓަކައި ރަނގަޅު ޒުވާނެކެވެ. އެހެންނަމަވެސް ލައިތުއަކީ ކާކުކަން އެނގުމަށްފަހު އޭނާގެ މައްޗަށް ހިތުގައި އުފެދުނު ފަދަ ޔަގީންކަމެއް ކުރިއަކުން އެހިތުގައި ނުވެއެވެ. ލައިތުއާ ކެންޒާ ގުޅިއްޖެނަމަ ޚުދު މިންނާ ކަންބޮޑުވާނޭ ފުރުޞަތެއްނެތްކަން އޭނާގެ ޟަމީރު ވެސް އެއްބަސްވެއެވެ. ޚާއްޞަކޮށް ކެންޒާ، ލައިތު ބަލައިގެންފައިވާކަން މިންނާއަށް އެނގުމުންނެވެ. އެ ކައިވެނި އަވަސްކުރަން މިންނާގެ ހިތް ވެސް އެދެންފަށައިފިއެވެ.

ފެންވަރައިގެން ނުކުމެ އިސްތަށިގަނޑުގައި ފުނާ ވެސް ނާޅާ، އެނދަށް އަރާ އިން ކެންޒާ ފޭބިއެވެ. ދެއަތުން އިސްތަށިތައް ރީތިކުރަމުން ބޮލުގައި ހުޅިއްޖަހައި ކޮޓަރިން ނުކުތެވެ. ސޯފާގައި އިން ލައިތު ފެނުމުން އޭނާއަށް ހުއްޓުން އެރިއެވެ. ނިތްއެއްލަމުން، ލައިތު ބަދަލުކޮށްލީ ފުޅާ ހިނިތުންވުމެކެވެ. ނުކުމެ ލައިތުއާ ވާހަކަދައްކާލަން މަޑުކޮށްލުމަށް މިންނާ ބުންޏެވެ. އަދި އެއްޗެއް ނުދީ ލައިތު ފޮނުވާ ނުލުމަށް ކެންޒާ ގާތު ބުންޏެވެ. އެ ދެ ކުދީންނަށް ވަގުތު ދީފައި، މިންނާ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

"ތިތާ ހުންނަނީތަ؟ ކައިރިއަށް ނާންނާނަންތަ؟" ރުއިމުގެ ސަބަބުން ކެންޒާގެ މޫނުގައިވި ފޮއްސިކަން ލައިތަށް ފާހަގަވިއެވެ.

"ސޮރީ..." ސޯފާގައި އިށީންނަމުން ކެންޒާ ބުނެލިއެވެ.

"ސޮރީވާންވީ ކަމެއްނޫން އެއީ، ދެރަވާނެކަން އެނގޭ، ރޮވޭނެކަން ވެސް އެނގޭ... ކައިފްގެ ހަނދާންތައް އަހަރެމެންނާއެކު އަބަދުވެސް ވާނެ." ކެންޒާގެ އަތްތިލަ ގެނެސް ދެއަތުން ހިފަހައްޓާލަމުން ލައިތު ބުންޏެވެ. އޭނާ އައީ ކެންޒާއާމެދު ކަންބޮޑުވެގެންކަން ބުންޏެވެ. ކެންޒާއާއެކު އޭނާ އެބަހުރިކަން ހަނދާންނައްތާލުމަށް ލައިތު ބުންޏެވެ. ރޮއެރޮއެ ދެ ލޮލުން ކަރުނަ ހުސްނުވާކަން ކެންޒާއަށް އެނގުނީ ލައިތުގެ ވާހަކަތަކާއި އޭނާގެ ގާތްކަން އިޙްސާސް ކުރެވުނު ހިނދު އެ ދެ ލޯ ފުރިގެން އައީތީއެވެ. އިސްއޮބާލުމާއެކު މޫނުގައި ކެންޒާ ދެއަތް އެޅިއެވެ. އެހިނދު ލައިތު ކައިރިއަށް ޖެހިލުމާއެކު ކެންޒާ ގެނެސް އެ މޭގައި ފޮރުވާލިއެވެ. ވަގުތާއި ހަލާތުގެ ގޮތުން ކައިފްގެ މަރަށްވުރެ ދުރަށް ލައިތުގެ ވިސްނުން ގެންދާކަށް ފުރުޞަތެއް ނުދިނެވެ. އެކިއެކި ވާހަކަދައްކަމުން، މިންނާގެ ގާތުގައި ޚާއްޞަ ވާހަކައެއް ބުނެފައި އޮންނާނޭކަން ލައިތު ބުންޏެވެ. މަންމައާއެކު އެކަނިވުމުން، އޭނާ ދެއްކީ ކޮންވާހަކައެއްތޯ އެހުމަށް ލައިތު ބުންޏެވެ. ގިސްގެ އަޑާއި ލޮލުގައި ތެތްކަން އެކުލެވިފައި ވިޔަސް ކެންޒާގެ ކަރުނަތައް މަޑުމަޑުން ހިފެހެއްޓުމަކަށް އަތުވެއްޖެއެވެ. ލައިތު ދެއްކި ވާހަކަތައް އޭނާ އަޑުއެހިއެވެ. ހިތުގައި ސުވާލު ވެސް އުފެދުނެވެ. މަންމައާ ލައިތުއާ ދެމެދު ދެކެވުނު ވާހަކައަކާ މެދުއެވެ. މަންމަ ގާތުގައި ލައިތު ދައްކަން އޮންނާނީ ކޮންވާހަކަ ހެއްޔެވެ.

އިޝާ ނަމާދުން ފައިބައިގެން މިންނާ ނުކުތްއިރު ލައިތު ކައިރީ ކެންޒާ އިށީނދެގެން އިންތަން ފެނުނެވެ. އެ ދެކުދީން ވާހަކައެއް ނުދައްކާ ހަމަ ތިބީއެވެ. މިންނާ ފެނުމުން ކެންޒާގެ އަތުން ލައިތު ދޫކޮށްލިތަން އޭނާއަށް ފެނުނެވެ. ލައިތުއަށް އެއްވެސް އެއްޗެއް ނުދެންތޯ މިންނާ ދަރިފުޅާ ސުވާލުކުރިއެވެ. އެހިނދު ލައިތަށް ބަލާލާފައި ކާނަންތޯ އަހާލިއެވެ.

"ކާނަންތޯ ނުވާނެއެއްނު އަހާކަށް... ކާން ހިނގާށޭ ބުނެބަލަ." މިންނާ ބުނެލިއެވެ.

"މިރެއަކުނޫން... އަށެއް ޖަހަންވާއިރަށް ތަނަކަށް ދާން އެބައޮތް، މިހާރު ނުކުމެގެން ގެއަށް ވަދެފައި ދެވޭނީ." މިންނާގެ ވާހަކައަށް ހީނލާފައި ލައިތު ވާހަކަދެއްކިއެވެ.

ލައިތު ދިއުމުން ކެންޒާ ގާތު ކާން އައުމަށް މިންނާ އެދުނެވެ. ނަމަވެސް ކާހިތެއް ކެންޒާނެތެވެ. އެގޮތް ކަމުނުގޮސްގެން މިންނާ ދަރިފުޅުގެ އަތުގައި ހިފައިގެން ބަދިގެއަށް އައިސް ވަނީއެވެ. މަންމައާއެކު ކުޑައެތިކޮޅެއް ވިޔަސް ކެވޭތޯ ބެލުމަށް މިންނާ ބުނެ ދެ ތަށްޓަށް ކާއެއްޗެހި އަޅަން ފެށިއެވެ.

"މަންމަ ކައިރީ ލައިތު ވާހަކައެއްދެއްކިތަ؟" މިންނާގެ ހަރަކާތްތަކަށް ބަލަން އިނދެފައި ކެންޒާ ސުވާލުކުރިއެވެ. އެއާއެކު މިންނާ ހޫން ލައްވާލިއެވެ. ކެންޒާއަށް ފުރަގަސްދީގެން ހުރިއިރު އެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.

"ލައިތުއާއި ކެންއާ ދެމެދު އޮންނަނީ ކޮންކަހަލަ ގުޅުމެއް؟" ތަށިތައް ހިފައިގެން އައިސް މޭޒުދޮށުގައި އިށީންނަމުން މިންނާ ސުވާލުކުރިއެވެ.

"ކިހިނެއްވީ؟" ކެންޒާ ކަންބޮޑުވިއެވެ.

"އެގޭގައި މަސައްކަތްކުރާތީ އުފެދުނު ރަޙުމަތްތެރިކަމެއްހެން ހިޔެއްނުވޭ، ބައެއް ގާތްކަން ރަޙުމަތްތެރިކަމަށްވުރެ ޚާއްޞަ، ކެންއަށް ޚާއްޞަ މީހެއްތަ އެއީ." މިންނާ އަހާލިއެވެ.

"އެކަހަލަ ގޮތެއް..." މަންމައަށް ފާހަގަވެއްޖެކަން އެނގޭތީ ކެންޒާ ބުނެލިއެވެ.

"ދޭ އަތްދޮވެގެން އައިސް ކާން ފަށަން." މިންނާ ބުނެލިއެވެ.

ކެންޒާ އެތިކޮޅެއް ކާލުމާއެކު ނުކެވޭނޭ ބުންޏެވެ. ވަރަށް ހިތްވަރުކުރެވިއްޖެކަމާއި އެތެރެއަށް ނުދާނޭކަން އެނގޭތީ މަންމައަށް ބަލާލީ އާދޭހުގެ ބެލުމަކުންނެވެ.

"ކާއެއްޗަކަށް ދުވަހަކުވެސް ދަރިފުޅު ދެކޮޅެއް ނުހަދާ... ކިހިނެއްވީ؟ ބުނެބަލަ... ލައިތު އައީމަ މަންމަ ހީކުރީ ކެން ހަމައަކަށް އެޅިދާނޭ، އޭނާ އައީމާ ވެސް އުފަލެއްނުވޭ... ކަމެއްވީތަ؟"

"މަންމަ ކައިރީ ލައިތު ބުނީތަ އަހަރެމެންގެ ވާހަކަ." ކެންޒާއަށް ހިންދިރުވާލެވުނެވެ. މިންނާ ހޫން ލައްވާލުމާއެކު އެ ހޫންއަށް ބާރުދިނުމަށް ބޯ ޖަހާލިއެވެ.

"ލައިތުއާ ދެކުދީން ރައްޓެހިވެގެން އުޅޭކަން ބުނި، ކެންއާ އިންނަން ބޭނުންވާތީ މަންމަގެ ރުހުން ވެސް ހޯދި، ކެންއާއި ލައިތު ބައްދަލުވީމަ މަންމަ ވަރަށް އަޖައިބުވި، އެކުއްޖާ ކެންދެކެ ލޯބިވާކަން މަންމައަށް ބުނަން އެނގޭ... ކެންއަށް އޭނާ ކަމުނުގޮސްފިނަމަ، އެހެން އެއްވެސް ފިރިހެންކުއްޖަކު ކަމުދިއުމަކީ ނުވާނެކަމެއް، މަންމައަށް ވިސްނިއްޖެ، ހުރިހާކަމެއް ލައިތު ކިޔާދީފި... މަންމަ ލޮލުންބޮލުން ޤަބޫލު... ދެން ތިހެން ހާސްވެފަ ނީނދެބަލަ، ދޮންބެ ވެސް ދުށުމަށް ބޭނުންވި ދުވަހެއް ލައިތުއާއި ކެންޒާގެ ކައިވެނިކުރެވޭ ދުވަހަކީ، އެ ނަސީބު މަންމައަށް ލިބޭނެތީ ﷲ އަށް ޝުކުރުވެރިވަން، މަންމައަށް އޮތް ޔަގީންކަން ކެން ޚިޔާރުކުރާ ބައިވެރިޔާ ވާނީ ހަރުދަނާ، އަޙުލާޤު ރަނގަޅު ޒުވާނަކަށްކަން، ހީކުރި ގޮތަށް މިވީ ވެސް... ދަރިފުޅު ވެސް ދެން ރަނގަޅަށް އުޅެންވީ، އޭރުން ހުރިހާކަމެއް ވެސް ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ."

"ލައިތު ބުނީތަ؟" ކެންޒާއަށް އަހާލެވުނެވެ.

"އާނއެކޭ... ތިމަންނަ ކެންއާ އިންނަން ބޭނުމޭ ބުނީ، މަންމަ ރުހުން ދިނީމަ އޭނާ އެކަމާ އުޅޭންކަމަށޭ ބުނި... ދަރިފުޅު ކައިރީ އަދި ނާހަނީ ދޯ، އޭނާ ދުރަށް ވިސްނާކަން ޔަގީން، އިތުބާރުކުރައްޗޭ އޭނައަށް، އޭނާ ދަރިފުޅު ދުލެއްނުކުރާނެ... އަބަދު މިހިތާމައިގަ އުޅުން ރަނގަޅެއްނުވާނެ، ދިރިއުޅުމުގައި ކުރިޔަށް ދާން އެބަޖެހޭ... ކައިފްގެ މައްޗަށް ކަރުނަތަކެއް އޮހޮރުމަށްވުރެ، އޭނާގެ ފުރާނައަށް ހެޔޮ ދުޢާކުރަންވީ" ކެންޒާއަށް ހިނިތުންވެ އިނދެ މިންނާ ބުނީ އޯގާތެރިކަމާއެކުއެވެ.

ބަދިގެއިން ނުކުތް ގޮތަށް ކޮޓަރިއަށް ވަން ކެންޒާ އައިސް އިނީ އެނދުމަތީ ދެފައިވަށްކޮއްލައިގެން އިށީނދެއެވެ. އަތުގައި އޮތް ފޯނަށް އޭނާ ބަލަން އިންނަތާ ވީއިރެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެހެންއިންއިރު ފޯނުގައިވި ވީޑިއޯ އޭނާ ބެލީ ކިތައް ފަހަރު ކަމެއް ވެސް ނޭނގެއެވެ. ދެ ލޯ ފުހެފުހެ ލޯ ކައިރި ފާރުވާން ކައިރިވެއްޖެއެވެ. ދަންވަރު އެކެއް ޖެހުމާއެކު ހީވީ ރަންނަމާރި އަރަންވީ ވަގުތު ޖެހުނީ ހެންނެވެ. އޭނާ ރޮލާ ކަމުންދާ ފުރޭތައިގެ ކަބަރު ފޯނަށް ވެލައިފިއެވެ. އަނެއްކާ ވެސް އެހެން ވީޑިއޯ ކޮޅެކެވެ. އެނދުން ފޭބިގޮތަށް ކޮޓަރިތެރޭ ކުރުކާލި ކަނޑަންފެށީ، ނުގަންނާން ހުންނަ ދޮނގެއްހެންނެވެ.

"މަންމާ..." ކެތްނުކުރެވިކަން ކަހަލަ ގޮތަކަށް ކެންޒާ ހިތް ގޮވާލިއެވެ. ހިނގުން ހުއްޓިއްޖެއެވެ. ލައިތު ކައިވެނިކުރަން އެހުމުން އާނއެކޭ ބުނަން ކެންޒާ ބޭނުމެވެ. އެކަމަކު އެއީ ކުރީގެ ކެންޒާއެއް ނޫންކަން ލައިތަށް އެނގުނީމަ ދެންވާނީ ކިހިނެއް ހެއްޔެވެ. މޫނުގައި ދެއަތް އަޅާލި ކެންޒާ ދެ ލޯ މަރާ ތަގުޅިކޮށްލައިގެން ވަގުތުކޮޅަކަށް ހުއްޓެވެ. ދެން ދެ ލޮލާއި މޫނު ފޮހެމުން ދެއަތް ނަގައިފިއެވެ. އެނދުމަތީ އޮތް ފޯނު ހިފައިގެން ކޮޓަރިން ނުކުތް ގޮތަށް ކެންޒާ އައިސް ހުއްޓުނީ މަންމަ ނިދާފައި އޮތް ކައިފްގެ ކޮޓަރި ކުރިމަތީއެވެ. ދޮރަށް ބަލަހައްޓައިގެން އޭނާ އެތައް އިރަކު ހުއްޓެވެ. މަންމާ ގާތު ވާހަކަދައްކާނޭ ގޮތެއް ނޭނގިފައެވެ. ދޮރުގައި ޓަކިދޭން އަތް އުފުލާލިއިރު އެ އަތުގައި ތުރުތުރު އެޅުމެއް ހުއްޓެވެ.

"މަ..ން..މާ... މަށޭ..." ކާކުހޭ މިންނާ އަހާލުމުން ރޮވި ގިސްލެވިފައިވާ އަޑަކުން ކެންޒާ ބުނެލިއެވެ. ވަގުތުން ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ.

"ކިހިނެއްވީ؟... ރޮނީތަ؟..." ކެންޒާ ކޮޓަރިއަށް ވެއްދުމަށް ދަރިފުޅުގެ އަތުގައި މިންނާ ހިފާލައި ގާތަށް ދަމާލިއެވެ.

"މަން... މަންމާ..." ކެންޒާގެ ރުއިން ބާރުވިއެވެ.

އެނދުގައި ކެންޒާ ބޭންދުމާއެކު ދަރިފުޅުގެ ގާތުގައި މިންނާ އިށީނެވެ. ހާސްވެ ކަންބޮޑުވުމާއެކު ދަރިފުޅުގެ ގައިގާ އޭނާ ފިރުމަންފެށިއެވެ. ކިހިނެއްތޯވީ ސުވާލުކުރިއެވެ. އެހެންނަމަވެސް ގިސްލެވެމުންދިޔަ ކެންޒާގެ އަނގައިން މަންމާއޭ ގޮވާލުން ފިޔަވާ އިތުރު އެއްޗެކޭ ބުނެވޭވަރެއް ނުވެއެވެ. މިންނާގެ ގައިގާ ކެންޒާ ބައްދައިގަތެވެ. ގިސްގަ އަޑާއެކު ލަފުޒުތައް ހިނދިގެން ދިޔަ ނަމަވެސް ދަރިފުޅު އެދެމުން އެ ދިޔައީ އޭނާގެ ގައިގާ ބާރަށް ބެއްދުމަށްކަން މިންނާ ދެނެގަތެވެ. އޭނާއަށްވުރެ އެތައް ގޮތަކުން އެ ދަރިފުޅުގެ ހަށިގަނޑު ބޮޑެވެ. އެހެންމަވެސް މިންނާ ނުހަނު ގާތްކަމާއެކު ބާރަށް އެދެއަތުގެ ތެރޭ ދަރިފުޅު ހިފެހެއްޓިއެވެ.

"ދަރިފުޅު ނުބުންނަންޏާ މަންމައަށް ކިހިނެއްތަ އެނގޭނީ... ބިރުވެރި ހުވަފެނެއް ފެނުނީތަ؟ ޔާ ﷲ މަގޭ ދަރިއަށް ކިހިނެއްތަމިވަނީ. ހުން އައިސް ފިހެނީނު ތިއޮއް..." މިންނާ އިންތިހާއަށް ކަންބޮޑުވިއެވެ. ނަމަވެސް އޭނާ ކެތްތެރިވީ ދަރިފުޅުގެ ރުއިން ހުއްޓުމަކަށް އަންނާނޭ ވަގުތަށެވެ. އެތައްއެތައް ވަސްވާސްތައް ހިތުގެ ތެރެއަށް ޖަމާވާންފެށި ނަމަވެސް މިންނާ ގޮތެއް ނުނިންމިއެވެ. ދަރިފުޅުގެ ގާތުން އޮޅުންފިލުވަން ގަސްދުކޮށްގެން އިނީމައެވެ.

ކެންޒާ ރޮއެރޮއެ ހިނދެން ކައިރިވެފައިވާ ކަހަލައެވެ. މިންނާގެ ހިތް ބިރުގެންފިއެވެ. އެ ދަރިފުޅު މަންމައަށް ބޭނުންވެގެން މިއަދު އެ އުޅޭ ގޮތަށް އުޅޭތީ މިންނާ ނުދެކެއެވެ. ކުޑައިރު ވެސް ކެންޒާއަކީ އެހެން އުޅުނު ކުއްޖެއެއްނޫނެވެ. ބޮޑުކަމެއްވެއްޖޭ މިންނާގެ ހަމަ ހިތަށް އަރަނީއެވެ. މުޅި ނަފްސަށް އުނދަގޫވަނީއެވެ. ކެތްތެރިކަން ކޮޅުންލަނީއެވެ.

އާދޭސްކުރަމުން ދިޔަ މިންނާގެ އަޑު ދަރިފުޅާ ހަމައަށް ފޯރީ ކަހަލައެވެ. ކެންޒާގެ ރުއިން މަޑުވެ ހުއްޓުމަކަށް އަތުވެއްޖެއެވެ. އެހެންނަމަވެސް ގިސްގެ އަޑު ކަނޑައިގެން ނުދެއެވެ. މަންމަގެ ކޮނޑުން ބޯ ހިއްލައެއް ނުލިއެވެ. އެގޮތުގައި ހަރަކާތެއްނުކޮށް އިނދެއިނދެ މިންނާގެ ވައަތްތިލަ ވަނީ އައްސިވެފައެވެ. އެހެންނަމަވެސް އޭނާ ދަރިފުޅުގެ ގައިން ދުލެއް ނުކުރެއެވެ. ކެންޒާ ދުރަށް ޖެހިލީ އަމިއްލައަށެވެ.

"މަންމާ... ދެން ހަދާނޭ ގޮތެއް ނޭނގޭ... ލައިތު ކައިރީ ބުނާކަށް ނުކެރޭނެ..." ކެންޒާގެ ރަތްވެ ދުޅަވެގެން ނުކުމެފައި ހުރި ދެ ލޮލުން މަންމައަށް ބަލަން އިނދެ އޭނާ ބުންޏެވެ.

"ކައިވެނި ކުރަން ބޭނުންނޫނީތަ؟" ހައިރާންވެ މިންނާއަށް އަހާލެވުނެވެ.

"އޭނަ... ނީންނާނެ... މަންމާ... އަހަންނަކާ ނީންނާނެ... އެ ޢާއިލާއަށް ފެނިއްޖެއްޔާ..." ކެންޒާ ބުންޏެވެ.

"ނުވާނެ ތިހެން، ލައިތަކީ ކާކުކަން މަންމައަށް އެނގެޔޭ، އޭނާ ދަރިފުޅާ އިންނަން ވެގެންނޭ އެއައީ މިގެއަށް... އެ ޢާއިލާ ދަރިފުޅު ބަލައިގެންފަވަނީ، އެކަން ވަރަށް ރަނގަޅަށް މަންމައަށް ފެންނަން ވެސް ފެނިއްޖެ... އެމީހުން ކައިފްގެ ކަށުނަމާދުގައި ބައިވެރިވީ ދަރިފުޅަށް ޓަކައި..."

"މިފްރާހު... މިފްރާހު... މަންމާ..." ކެންޒާ ހުއްޓަ ހުއްޓާފައި ވާހަކަދެއްކިއެވެ. މިންނާއަށް އެއްގޮތަކަށް ވެސް ކެންޒާ ބުނަން އުޅޭ އެއްޗެއް ދެނެގަތުން ފަސޭހައެއް ނުވިއެވެ. ނަމަވެސް އޭނާ ސިއްސުވާލީ ކެންޒާ ދެން ދެއްކި ވާހަކަތަކުންނެވެ. އަންހެން ދަރިފުޅާ މީހަކު ބެހުނިއޭ ބުނުމުން މައެއްގެ ހިތް ކަތިލެވޭނެކަން ޔަގީނެވެ. އެ ދަރިފުޅަކީ ކޮންމެ އުމުރެއްގެ ކުއްޖަކަށްވީ ނަމަވެސް އެވެ. މިންނާއަށް މޭގައި އަތްޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. މޭތޮރުފާލާފައި ވަން ތޫނު ކަށިން އޭނާގެ ހިތުގެ ނާރުތައް ބުރިބުރިވެއްޖެކަހަލައެވެ. ތަދުވަންފެށީ ނުހަނު ބޮޑަށެވެ. އެހެންނަމަވެސް އޭނާ އަތްތިރިކޮށްލީ އެ ވޭނުގެ އަސަރު، އޭނާގެ މަދަދަށް ބޭނުންވެފައި އިން ދަރިފުޅަށް އިޙްސާސްވިޔަ ނުދިނުމަށެވެ. ކެންޒާގެ ކޯތާފަތުގައި ދެއަތުން ހިފާލަމުން ހުރިހާ ވާހަކައެއް މަންމައަށް ކިޔާދީބަލާށޭ މިންނާ ބުންޏެވެ. އެއްވެސް ކަމެއް ނުފޮރުވުމަށް ވެސް އެދުނެވެ.

(ނުނިމޭ)