ވާހަކަ

ލޯބިން ބުނެލަން

(15 އޮކްޓޯބަރ 2020 އާ ގުޅޭ)

މޭތޮރުފާލާފައި ވަން ތޫނު ކަށިން އޭނާގެ ހިތުގެ ނާރުތައް ބުރިބުރިވެއްޖެކަހަލައެވެ. ތަދުވަންފެށީ ނުހަނު ބޮޑަށެވެ. އެހެންނަމަވެސް އޭނާ އަތްތިރިކޮށްލީ އެ ވޭނުގެ އަސަރު، އޭނާގެ މަދަދަށް ބޭނުންވެފައި އިން ދަރިފުޅަށް އިޙްސާސްވިޔަ ނުދިނުމަށެވެ. ކެންޒާގެ ކޯތާފަތުގައި ދެއަތުން ހިފާލަމުން ހުރިހާ ވާހަކައެއް މަންމައަށް ކިޔާދީބަލާށޭ މިންނާ ބުންޏެވެ. އެއްވެސް ކަމެއް ނުފޮރުވުމަށް ވެސް އެދުނެވެ.

ފިރިހެން ދަރިފުޅުގެ ހާލު އެންމެ ގޯސްވީއިރު ވެސް މިންނާ ކެތްތެރިވިއެވެ. އެހެންނަމަވެސް އަންހެންދަރިފުޅު ކިޔައިދެމުންދިޔަ ވާހަކަތަކަށް އޭނާއަށް ކެތްކުރަން ދަތިވެއްޖެއެވެ. އޭނާގެ ދަރިފުޅަށް މިފްރާހު އެ ދިނީ ހާދަ ބޮޑު އަނިޔާއެކެވެ. އެފަދަ މީހަކާ ހަމީމު އެއްބައިވިކަން އެއީ މިއަދު މިންނާގެ ހިތާއި ރޫހުން ވެސް އޭނާގެ މައްޗަށް އޮތް ކުޑަކުޑަ ކުލުންވެރިކަން ވެސް ފިލައިގެން ދިޔަ ސަބަބެވެ. ދަރީންގެ ބައްޕައަށް ވިޔަސް ދެން ހެވޭ ބުނަން، އޭނާގެ ޟަމީރު ގޮވާލައިފިއެވެ. މިފްރާހުގެ ހަޤީޤަތް އެނގިހުރެ އެގެއަށް ހަމީމު، އޭނާ ގެނައީ އަންހެން ދަރިފުޅު ވިއްކާލުމުގެ ވިސްނުމުގައި ނޫންކަމެއް މިންނާއަކަށް ނޭނގެއެވެ. އެހެންނުބުނާންވީ ވަކި ކީއްވެ ހެއްޔެވެ. މިއަދާ ހަމައަށް ހަމީމަށް ދަރީންނަކީ މުހިންމު ބައެއް ކަމުގައި ވެފައި ނެތެވެ. އެކުދީން ބޮޑުވީ އޭނާގެ ކުރިމަތީއެވެ. އެކުދީންގެ ހަށިގަނޑުގައި ހިނގަނީ އޭނާގެ ވެސް ލެއެވެ. ނަމަވެސް އެކުދީން ބޮޑުވީ ބަފައެއްގެ އެހީތެރިކަމެއް، ރައްކާތެރިކަމާއި ލޯބީގެ ޒައްރެއް ވެސް ނުލިބިއެވެ. ދެބެންގެ ތެރެއިން ޚާއްޞަކޮށް ކެންޒާއަށް ހަމީމު ކުރި އަނިޔާ ބޮޑެވެ. އެއިން ކުއްޖެއްގެ ހިތުގައި ހަމީމުއަށް ނަފުރަތުނޫނީ ނުވާކަން ޚުދު މިންނާއަށް އެނގެއެވެ. އެކުދީން ބައްޕަ ކަމުގައި ޤަބޫލުކުރަނީ ވެސް މިންނާއަށް ޓަކައިކަން ޔަގީނެވެ. އެކަމަކު އެ ހަޔާތުން ދެއަތްފޮޅާލައި މިނިވަންވާންވީ ވަގުތު ޖެހިއްޖެކަން މިންނާއަށް އެނގިއްޖެއެވެ. އޭނާގެ ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު ދަރީން ރައްކާތެރިކުރުމުގައި މިންނާ ފަހަތަކަށް ނުޖެހޭނެއެވެ.

މިފްރާހުއާ މެދު ކެންޒާ ގަޔާނުވީ ކީއްވެކަން މިންނާއަށް ސާފުކޮށް އެނގިއްޖެއެވެ. ފުރަތަމަ ދުވަހުން ފެށިގެން ކެންޒާއަށް އޭނާއަށް އިތުބާރުނުކުރެވުނީއެވެ. ހަމީމުގެ އުޅުން ހުރި ގޮތުންނެވެ. ލައިތުއަކީ ކެންޒާގެ ނަސީބެވެ. އޭނާގެ ހަޤީޤަތް މިންނާއަށް އެނގެއެވެ. އިތުބާރު ކުރެވެނީ ސަބަބެއް ނެތިއެއްނޫނެވެ. ކެންޒާ ހިމާޔާތްކުރުމުގައި އޭނާ ފަހަތަށް ނުޖެހޭނެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ކެންޒާއަށް ޔަގީންކަން ހޯދައިދިން ޒުވާނަކީ އެއީއެވެ. ނަމަވެސް ކެންޒާގެ އެ ޔަގީންކަން މިފްރާހު ފުނޑުފުނޑުކޮށްލައިފިއެވެ. ލައިތުއާއި އޭނާގެ ޢާއިލާގެ ކުރިމަތީ އެ ދަރިފުޅުގެ އަގުވައްޓާލަން މިފްރާހު ރާވާ ރޭވުން ކާމިޔާބުވިޔަ ނުދޭން މިންނާ ބޭނުމެވެ.

"ދެން ހުއްޓާލައި..." ކެންޒާގެ ދެ ލޮލާއި މޫނު ފުހެދެމުން މިންނާ ބުނެލިއެވެ.

"މަންމާ ޕްލީޒް ބުނެބަލަ... ދެން ކިހިނެއްވާނީ..."

"ރަނގަޅުވާނެ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅަށް ދާނީ... އެކަމަކު ލައިތު ނޭނގުމުގައި ބަހައްޓާކަށް މަންމައަކަށް ނުފެނޭ، އެކަން މަންމައަށް ދޫކޮށްލާ، ކެން ކަންބޮޑުނުވޭ، ދެން ނުރޯތި އިނގޭ... އަހަރެމެން ވީހާ ވެސް އަވަހަކަށް އެހެންތަނަކަށް ބަދަލުވާނީ، މިގެއަކު ދެން ނުތިބޭނަން." މިންނާ ބުންޏެވެ. ނަމަވެސް ހުރިހާކަމެއް ރަނގަޅަށްދާނޭ ކަމުގެ ޔަގީންކަމެއް އޭނާއަކަށް ނެތެވެ. އެކަން މިވަގުތު ދަރިފުޅަށް އަންގަން ބޭނުންނުވީއެވެ.

ކެންޒާގެ ފޯނު މަންމައަށް ދެމުން، އޭގައި ހުރި ވީޑިއޯތަށް ބަލާނީ އޭނާ ދިއުމުންކަމުގައި ބުނެލިއެވެ. މަންމަ އެ ވީޑިއޯތަށް ބަލާއިރު އެތަނުގައި އިނުން ކެންޒާއަށް ކުޅަދާނަކަމަކަށްނުވީއެވެ. ވީޑިއޯގައި ފެންނަ މަންޒަރުތަކުގެ ލަދުވެތިކަމުންނެވެ. މަންމައެއްކަމަކު އެއީ ބަލަން ފަސޭހަވާނޭ ފަދަ މަންޒަރުތަކެއްނޫންކަން ކެންޒާއަށް އެނގޭތީއެވެ.

ދަރިފުޅު ގޮވައިގެން ކޮޓަރިއަށް މިންނާ އައެވެ. އެނދުގައި ކެންޒާ އިށީނުމުން، އޮށޯވެ ނިދާލެވޭތޯ ބެލުމަށް މިންނާ ބުންޏެވެ. ކެންޒާ އޮށޯތުމުން އެނދުގެ އެއްފަރާތުގައި ގުޅަވެފައި އޮތް ރަޖާ ނަގައި ދަރިފުޅުގެ ގައިގާ މިންނާ އަޅައިދީފިއެވެ. ދެން މަގަތުގައި އިށީނދެ އަރިއަކަށް އޮތް ކެންޒާގެ ކޮނޑުގައި ފިރުމާލިއެވެ. ހުރިހާކަމެއް މަންމަގެ އަތްމައްޗަށް ދޫކޮށްލުމަށް މިންނާ އެދުނެވެ. ކެންޒާއާއި ލައިތުގެ ކައިވެނި ކުރެވޭނެކަމުގެ ޔަގީންކަން މިންނާ ދިނެވެ. މަންމަގެ ބަސް ޤަބޫލުކުރަމޭ ބުނާފަދައިން ކެންޒާ މަޑުމަޑުން ބޯޖަހާލިއެވެ.

ކެންޒާގެ ކޮޓަރިން ނުކުމެގެން އައިސް މިންނާ އުޅޭ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. މަޑުމަޑުން އައިސް އެނދުގެ އަރިމަތީ އިށީނެވެ. މޭގައި ހުރި ރިހުން މަޑުނުވާތީ ކަނާއާއަތުން މޭގައި މިންނާ ފިރުމާލިއެވެ. ދެ ލޯފުރިގެން އައީ އެވަގުތެވެ. ދެއަތުން މޫނު ފުހެލާފައި އެނދުގެ ފައިލާކޮޅުގައި ބޭއްވި ކެންޒާގެ ފޯނު ނެގިއެވެ. ދަރިފުޅުގެ ފޯނު ހުޅުވާލިއިރު ވީޑިއޯތައް ހުރީ ފެންނާށެވެ. ބަލަން ޖެހިލުންވެފައި މިންނާއަށް އިނދެވުނީއެވެ. މިފްރާހުގެ ގަސްދަކީ ކެންޒާއާ ކައިވެނިކުރުންކަން މިންނާއަށް ވިސްނެއެވެ. އޭނާގެ ޢަމަލުތައް ހައްދުފަހަނަ އަޅާފައި އެވަނީ އެ މަޤުޞަދު ކޮންމެ ގޮތަކުން ވިޔަސް ހާސިލުކުރަން ބޭނުންވާތީއެވެ. އެ ކައިވެނި ވާނީ ކެންޒާއަށް ލިބޭ އަނިޔާވެރި ޝަޒާއަކަށެވެ. ކައިވެންޏަކުން ލިބެންވާ ފުރިހަމަ ހަމަޖެހުމެއް އެފަދަ ކައިވެންޏަކުން ނުލިބޭނެއެވެ. ޚިޔާލުގެ އޮއިވަރުގައި ޖެހި އިނދެ ފޯނުގެ އިސްކުރީނުގައި މިންނާގެ އިނގިލި ޖެހިލިއެވެ. އެހިނދު ވީޑިއޯ ޕްލޭވާން ފަށައިފިއެވެ. މިންނާގެ ލޯ ފޯނަށް ހުއްޓުނެވެ. އޭނާއާއެކު ކެންޒާ މަޑުނުކުރީ ކީއްވެކަން މިންނާއަށް ވީޑިއޯ ފެނުމުން ޔަގީންވިއެވެ. ޚުދު އޭނާއަށް ވެސް ދެ ލޯ މަރާލެވެއެވެ. ބަލަން އުނދަގޫވެގެންނެވެ.

މިންނާއަށް ރޮވެން ފެށުމުން އޭނާ އަނގަމަތީ އަތްއަޅާލިއެވެ. ރޯއަޑު އިތުރު މީހަކަށް އިވިދާނޭތީއެވެ. ކެންޒާ އެނބުރި އަތުވެދާނޭތީއެވެ. އައިސް އެ ދޮރުކައިރީ ކެންޒާ ހުރެދާނޭތީއެވެ. މިފްރާހުއަށް ހިތާހިތުން އެއްޗެހި ކިޔުނެވެ. ކެންޒާގެ ދިރިއުޅުމާ މިފްރާހު ދުރަށް ދާނޭ ގޮތެއް މިންވަރުކޮށްދެއްވުމަށް މިންނާއަށް ހިތާހިތުން ދުޢާކުރެވުނެވެ. ގަދަފަދަ އަޒާބެއް މިފްރާހުގެ މައްޗަށް އަންނާނޭނަމައޭ މިންނާއަށް ބުނެވުނެވެ. ރުޅިއާއި ހިތްދަތިކަމާއި، ދަރިފުޅަށް ވާނޭ ގޮތާއި ކޮށްފައިވި އަސަރާމެދު މިންނާ އިންތިހާއަށް ކަންބޮޑުވެފައިވިއެވެ. ކެތްކުރާނީ މިވަރުން ކިހިނެއްކަމާމެދު ސުވާލު އުފެދުނެވެ. ލައިތުއަށް އެއިން އެއްވެސް ވީޑިއޯއެއް ދައްކަން މިންނާ ބޭނުމެއްނޫނެވެ. އެ ވީޑިއޯތައް ފެނިއްޖެނަމަ ލައިތު ބަދަލުވެދާނޭ މިންނާއަށް ވެސް ހީކުރެވެނީއެވެ.

ވުޟޫކޮށްގެން ނުކުތް ގޮތަށް މިންނާ ތައްޔާރުވެލީ މަދަދަށް އެދި އެދެންވީ ފަރާތަށް ދެންނެވުމަށެވެ. ނަމާދުދޮޅި ހެޔޮވަރުކޮށްލުމާއެކު މުސައްލަމަތީ މިންނާ ހުއްޓުނެވެ. ދެރަކުއަތުން އޭނާ ނަމާދުކޮށް ދެއަތް އުފުލައި ރޮމުންދިޔައެވެ. ތިރިކޮށްލެވޭ ނިތް ގެންގޮސް ތަޅުންމަތީ ޖައްސާލައި ސަޖިދަޖެހިއެވެ. މިންނާގެ ރުއިން ގަދަވެއްޖެއެވެ. ބޮލުގައި ރިހުން ގަދަވެއްޖެއެވެ. ލޯ ފުސްވެފައިވީ ހުއްޓުމެއްނެތް ކަރުނުންނެވެ. ފަތިސް ނަމާދަށް ގޮވާފާނޭކަން އެނގުނު ހިނދު އިހު ސުންނަތް ކުރަން ފެށިއެވެ. ސަލާމް ދީފައި ކޮޅަށް ތެދުވި ހިނދު އޭނާ އެއްލިގެން ދިޔަހެން އަރިއަޅާލައިފިއެވެ. ނުވިސްނާ ހުރި މިންނާގެ ލޯކައިރިން މޫނުގެ އެއްފަރާތް ޖެހުނީ އެނދުގެ އަރިމަތީއެވެ. ރޯމަހެއްހެން މީހާ ތެޅެންފެށިއެވެ. އަނގައިގެ ތެރެއިން ދޫ ނުކުންނަން އައެވެ. މުޅިމީހާ ތެޅޭއިރު ހަތަރެސްފައިގެ ހަރަކާތް ކުރުމުގެ ބާރެއް ނެތްކަހަލައެވެ. ހަށިގަނޑު މަތަވިއިރު މިންނާވަރުބެލިވެގެން ހަށިގަނޑުގެ ހަކަތަ ހުސްވެފައިވާ ކަހަލައެވެ. އެންމެ ލޮލަކަށް ފެންނައިރު އެ ލޮލުގެ ފެނުމަށް ގޮތެއް ވެއްޖެކަން އެނގެއެވެ. ލޯމަތީ އަތް ހިންގާލެވުނީ އެހެންވެއެވެ. މިންނާ ދެފަހަރަކު ލޯ އުނގުޅާލިއެވެ. އެހެންވިޔަސް ލޮލަށް ފެންނަނީ ފުސްކޮށެވެ. ހިތްވަރުކޮށްފައި ތެދުވިއެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑުކަނޑައިގެންދިޔައީ ވަރުބަލިކަމުގައި މިންނާވަނިކޮށެވެ. ދެން ފަތިސް ނަމާދުކުރުމަށް އޭނާ ކޮޅަށް ތެދުވަން އުޅެއުޅެ ތެދުވެވޭ ގޮތެއްނުވިއެވެ. އާދަޔާ ޚިލާފު ރިހުމެއް ހަށިގަނޑުގެ މަސްތަކަށް ވެރިވެފައިވިއެވެ. މުޅި ހަށިގަނޑު ޝޮކެއްގައިވާ ކަހަލައެވެ. އިރުކޮޅަކު އެގޮތުގައި އިނދެފައި އޭނާ ތެދުވެވޭތޯ ބެލިއެވެ. އަލްޙަމްދުﷲއޭ ބުނެލީ ކޮންމެ ހާލެއްގައި ވިޔަސް ކޮޅެއް ތެދުވެވުންނެވެ. ފަތިސް ނަމާދު ފުރިހަމަކުރެވުނެވެ. އޭރު ދެފައި ގަނޑުފެންގަނޑެއްގެ ތެރެއަށް ގެބެމުން ދާފަދަ ފިނިކަމެއް އިޚްސާސް ކުރެވެމުންދިޔައެވެ.

* * * * *

އެސްފިޔަތައް މަޑުމަޑުން ދުރުވެލި ހިނދު އަލިވުމާއެކު ހުޅުވާލެވުނު ދެ ލޯ އަލުން ކެންޒާ ލައްޕައިލިއެވެ. މޫނަށް ކަނާތު އަތްތިލަ ހުރަސްކޮށްލާފައި ލޯ ހުޅުވާލިއެވެ. ރޭގައި ކެންޒާއަށް ނިދުނީ ނިދޭނޭކަން ޔަގީންނުވެ ފިކުރުބޮޑުވެފައި އިންދައެވެ. ނިދުނީއޭ ބުނުމަށްވުރެ އޭނާ ރޭގައި ހޭނެތުނީއޭ ބުނުން ރަނގަޅެވެ. ވަރުބަލިވެފައިވާ ވަރުންނެވެ. ފިރިހެނުންތައް ވެގެން ވޭނަށް އަރުވައިގެން މިފްރާހުގެ ގާތަށް އޭނާ ގެންދިޔައީސުރެ ކެންޒާއަށް ހަމަނިދިނުލިބެއެވެ. ހިތުގައި އޮތް ބިރުވެރިކަން ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ބޮޑުވަމުންނެވެ.

އެނދުގައި އިށީނދެ ތަޅުމަށް ދެފައި ބައިލައިގެން ކެންޒާ އިރުކޮޅަކު އިނެވެ. ދެން ބާލީސް ކައިރީ އަތްހާކާލެވުނެވެ. ވަރުބަލިކަންވީ ދެ ލޯ އިހުނަށްވުރެ ބޮޑަށް ހުޅުވުނެވެ. ރޭ މިންނާ އަތަށް ފޯނު ދީފައިކަން އައީ ކެންޒާ ހަނދާންވީއެވެ. އޭނާ ފޯނު ހޯދީ ގަޑިން ވީއިރެއް ބެލުމަށެވެ. މަންމަގެ ގާތަށް ދިއުމުގެ ކުރިން ކެންޒާ ވަނީ ފާޚާނާއަށެވެ. ބޮލަށް އިޙްސާސް ކުރެވޭ ބަރުކަން ފެންވަރާލުމުން ލުއިވެދާނޭކަމުގައި ކެންޒާ ހީކުރިއެވެ.

ކޮޓަރިން ނުކުތް ކެންޒާގެ ތެތް އިސްތަށިގަނޑު އޭގެ އަމިއްލަ ޒާތުގައި ހިކުމަށް ފުރަގަހަށް ދޫކޮށްލައިފަ އޮތެވެ. ލާފައި ހުރި ގަމީހުގެ ދިގު އަތް އުޅަންބޮށްޓަށްވުރެ އިންޗިއެއްހާ ތަން ހުންނާނޭ ވަރަށް އޮޅަމުން ގޭގެ ބިއްދޮށަށް އަތުވެއްޖެއެވެ. ފުރަތަމަ ވެސް ކެންޒާގެ ނަޒަރު ހޯދާލީ ބަދިގެއެވެ. ނަމަވެސް ބަދިގޭގެ ދޮރު ލައްޕާފައި ހުރި ގޮތުން ހީވަނީ އަދި މަންމަ ބަދިގެއަށް ނުވަންނަނީ ހެންނެވެ. އިސްއުފުލައި އުޑުމައްޗަށް ކެންޒާ ބަލާލިއެވެ. ހެނދުނުވެ ހިނގައްޖެއޭ ކެންޒާއަށް އަމިއްލަ ނަފްސަށް ބުނެލެވުނެވެ. ގަޑިތަކުން މިހާރު މެންދުރުވާންކަން އުޅޭނީ އޭނާ ލަފާކުރީއެވެ. ދެން އައިސް މަންމަގެ ކޮޓަރީގައި ޓަކިދީފިއެވެ.

"މަންމާ..." ދެ ފަހަރު ޓަކި ދިނުމުން ވެސް ޖަވާބެއް ނައުމުން ކެންޒާ ދޮރާ ކައިރިވެލައި ގޮވާލިއެވެ. ތަޅުގައި ހިފައި އަނބުރާލީ މިންނާގެ ޚަބަރެއް ނުވީމައެވެ. ފާޚާނައިގަ އުޅެނީބާއޭ ކެންޒާ ހިތަށްއެރިއެވެ. ހަމައެވަގުތު ދޮރު ހުޅުވިއްޖެއެވެ. މުސައްލަ ކައިރީ ތަޅުންމަތީ މިންނާ އޮތްތަން ފެނުނެވެ. ދޮރަށް ފުރަގަސްވާހެންނެވެ. ގައިދަށުގައި އެއްއަތް އޮތްތަން ފެނިފައި ކެންޒާ އަވަހަށް އެތެރެއަށް ވަނެވެ. މިންނާ ނިދާފަ އެގޮތަކަށް ނޯންނޭކަން ކެންޒާގެ ޟަމީރު ބުނީއެވެ. އަވަހަށް އައިސް މަންމަގެ ގާތަށް ތިރިވި ކެންޒާ އުޅުނީ މަންމަ އުއްޑުން ޖަހާށެވެ. މަންމައަށް އޭނާ ތަކުރާރުކޮށް ގޮވާއިރު ވެސް ހަރަކާތެއް ނުކުރާތީއެވެ. މަންމަގެ ހަށިގަނޑުގައި އަތްތެލެވުނު ހިނދު ކެންޒާއަށް އިޙްސާސްވީ މާބޮޑަށް މަންމަ ފިނިވެފައި އޮތްކަމެވެ. ހާސްކަން އިތުރުވީ ދެނެވެ. އުނދަގުލަކާނުލާ ކެންޒާ މަންމަ އުފުލާލިއެވެ. އެނދުގައި ބޭއްވުމާއެކު ދުރަށް ޖެހިލައި މަންމައަށް ކެންޒާ ބަލަން ފެށިއެވެ. އެނދުމަތީ އޮތް ފޯނު ކެންޒާއަށް ފެނުނެވެ. ފޯނު ނެގީ ނިކަން އަވަހަށެވެ.

"ބާރަޖަހަނީ..." މެންދުރުވަނީކަން ކެންޒާއަށް ލަފާކުރެވުނީ ރަނގަޅަށްކަން ގަޑިންވީއިރު ފެނި ޔަގީންވިއެވެ.

"މަންމާ..." އަނެއްކާވެސް މަންމަގެ ފައިގާ ކޮއްޓަމުން ކެންޒާ ގޮވާލިއެވެ. ދެން ގަބުވެފައި މިންނާއަށް ބަލަން އޭނާ އިނީއެވެ. މަންމަގެ އަތްތިލާގައި ހިފާލުމުން ވެސް އެއީ މަންމަގެ އަތްހެން ކެންޒާއަށް ހިޔެއްނުވިއެވެ. ވައަތްތިލަ ހިއްލާލާފައި ވެސް މުއްކަވާލަމުން އަލުން ތިރިކޮށްލީއެވެ.

"ނޫން، ނޫން..." މިންނާއަށް ވެފައި އޮތް ގޮތް ކެންޒާއަށް އެނގޭ ފަދައެވެ. އަމިއްލަ ޟަމީރާއި އޭނާ ދެކޮޅު ހަދަން ބޭނުންވީ އެހެންވެއެވެ. މަންމަގެ މަގަތުން ތެދުވެ ކެންޒާ ފަހަތަށް ޖެހިލިއެވެ. ދެއަތްދެއަތާ މޮޑެމުންދިޔައީ ނުކެރިފައި ހުރިވަރުންނެވެ.

"ކިހިނެއްމިވީ؟" ކެންޒާއަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ.

ފަހަތަށް އަޅާލި ފިޔަވަޅު އަލުން ކުރިއަށް އަޅާލިއެވެ. މަންމަގެ މޫނާ ދިމާއަށް ކުޑަކޮށް ގުދުވެ ކެންޒާގެ ވައަތުގެ ޝާހާދަތް އިނގިއްޏާއި މެދު އިނގިލި މިންނާގެ ނޭފަތާ ކައިރިކޮށްލިއެވެ. އެސްފިޔަ ޖަހާލަން ކެންޒާ ބޭނުންނުވީ ފަޅިސިކުންތަކަށް ވިޔަސް އޭނާއަށް ހީވާހީވުން ބަދަލުވާން އެދިއެދި ހުރިވަރުންނެވެ. ނަމަވެސް މިންނާގެ ހަށިގަނޑުން ހަރަކާތެއްގެ ލިސާންނުވިއެވެ. ނޭވާގެ ހޫނުކަމެއް ކެންޒާގެ އިނގިލިތަކަށް އިޙްސާސެއްނުވިއެވެ. މަޑުމަޑުން އެނދާ ދުރަށް ޖެހެމުން އައިސް ފާޚާނާގެ ދޮރު ހުރި ފާރުގައި ބުރަކަށި ޖެހުމުން ހުއްޓުނެވެ.

"މަރުވީ... ކީއްވެ؟..." އެނދުގައި އޮތް މިންނާއާ ސުވާލުކުރާ ފަދައިން ކެންޒާ ބުންޏެވެ. އޭނާއަށް ލިބިފައިވި ސިހުމުގައި ބުއްދީގެ ބޭނުން ކެނޑުނު ފަދައެވެ.

"އަހަރެން..." ކެންޒާއަށް ބޮލުގައި ހިފަހައްޓާލެވުނެވެ.

"ތީ އަހަރެންގެ މަންމައެއްނޫން." އިސްތަށިގަނޑުތެރެއަށް މަހާލެވުނު ދެއަތް ތިރިކޮށްލުމާއެކު އެނދުގައި އޮތް މިންނާއަށް ކަނާއަތުގެ ޝަހާދަތް އިނގިލި ދިއްކޮށްލައި ކެންޒާ ބުނީ ހަރުކަށިކަމާއެކުއެވެ.

"ތީ ކައިފްގެ މަންމަ... އަހަރެންގެ މަންމައެއްނޫން، އަހަރެންގެ މަންމަ މިވަގުތު އަހަރެން ދޫކޮށްލާފަނުދާނެ، އެނގިއްޖެ... ނުދާނެ މަންމަ އަހަރެން ދޫކޮށްލާފަ..." ކެންޒާ ހަޅޭލަވައިގަތެވެ. ހުއްޓާލަން ބޭނުންނުވާ މީހަކު ފަދައިން ކޮޓަރިތެރޭ ހުރެ އޭނާ ހަޅޭލަވަނީއެވެ. އަޑުގެ ކޮޅަށެވެ. އެ އަޑުއިވިގެން އެކަކުވެސް އެ ކޮޓަރިއާ ހަމައަކަށް ނައެވެ. ކެންޒާ ހަޅޭލެވުން ހުއްޓާލުމާއެކު މިންނާއަށް ބަލަންފެށިއެވެ.

"މަރުވާން ބޭނުންވެފަ ދޯ ހުރީ... ކައިފްނެތީމަ ދުނިޔޭގަ ހުރުން މުހިންމުނުވީ، އެތައްއަހަރެއްވަންދެން ބޭބެ ބަލިއެނދުގައި އޮތްއިރު މަންމަގެ ހުރިހާ ވަގުތެއް ބޭބެއާއެކު ހޭދަކުރި، އަހަރެން ދުވަހަކުވެސް މަންމަ ގާތުން ކަމަކަށް ނޭދެން... ދުވަހަކުވެސް ނޭދެން..." ކެންޒާގެ އަޑު ހިނދުނެވެ. ރޮވެންފެށިއެވެ. ދެން ހަދާނޭ ގޮތެއް ނޭނގުނެވެ. އެނދުކައިރިއަށް ވެއްޓި ގަންނަމުން މަންމަގެ އަތުގައި ކެންޒާ ދެއަތުން ހިފާލިއެވެ.

"މިއަދު އަހަރެން... އަހަރެން މަންމައަށް ބޭނުންވެއްޖެކަން އެނގުމުން ކީއްވެ ތިއޮންނަނީ؟ ކީއްވެ އަހަންނަށް އެހީނުވަނީ؟ ތިހެންނުހަދަބަލަ މަންމާ، އަހަންނަށް އެހީވާނޭ މީހަކުނެތޭ، ތެދުވެބަލަ... އަހަރެންނަށް ވާނެގޮތަކަމާމެދު މަންމަ ނުވިސްނަންތަ؟ މި ދަރިފުޅު އެކަނިއުޅެން ދަސްކުރީ މަންމައަށް ބޭނުންނުވާތީއެއްނޫނޭ، ޕްލީޒް... ތެދުވެބަލަ މަންމާ... ޕްލީޒް... އަޅެ މަންމާ ޕްލީޒް... ލައިތުއާ ކުރިމަތިލާން ހުރީ ކާކު؟ މިފްރާހު ހުއްޓުވާނީ ކާކު؟... އަހަރެން ރައްކާތެރިކޮށްދީބަލަ މަންމާ... ޕްލީޒް މަންމާ ތިހެން ނޯވެ ތެދުވެބަލަ... ޕްލީޒް..."

ގޭތެރެއަށް ވަދެގެން އައި ހަމީމަށް ކެންޒާ ރޯއަޑު އިވި ހުއްޓުނެވެ. މިންނާގެ ކޮޓަރިއަށް ބަލާލިއިތު އެ ކޮޓަރީގެ ދޮރު ހުރީ ހިސާބަކަށް ހުޅުވިފައެވެ. ބަދިގެއާ ދިމާއަށް ފިޔަވަޅު ނަގާލާފައި އޭނާ މިސްރާބު ބަދަލުކޮށްލިއެވެ. މިންނާ މާލެ އައިފަހުން ދުވާލުގެ ވަގުތު ބަދިގެއެއް ނުލައްޕާނެއެވެ. ކަމެއްހިނގައިގެން އުޅެނީހެން ހަމީމަށް ހީވިއެވެ. އޭނާ ކޮޓަރީގެ ދޮރުފަތުގައި އަތްއަޅައި ބޮޑަށް ހުޅުވާލިއެވެ. އެނދުމަތީ އޮތް މިންނާ ފެނުމުން އޭނާ ވެސް މިފަހަރު ހުއްޓުން އެރިއެވެ. މަންމަގެ އަތުގައި ހިފައިގެން އިނދެ ކެންޒާ ރޮނީއެވެ.

"މިންނާއަށް ކިހިނެއްވީ؟" އިރުކޮޅަކު ހުރެފައި ހަމީމު އަހާލިއެވެ. ކެންޒާ އަނގަޔަކުން ނުބުންޏެވެ.

ކޮޓަރިއަށް ހަމީމު ވަނީ ވިސްނައިގެން ހުރެއެވެ. ކެންޒާގެ ހަމަލާއަކާ ކުރިމަތިލާން ޖެހިދާނެތީއެވެ. ނަމަވެސް ކެންޒާ އިންތަނުން ގުޑައިނުލިއެވެ. ހަމީމު އައިސް މިންނާގެ ނިތްކުރީގައި އަތްލުމާއެކު އޭނާއަށް އެނގިއްޖެއެވެ. ހަލުވިކޮށް ކޮޓަރިން ނުކުމެގެން އޭނާ ދިޔައީއެވެ. ހަމީމު ދިޔަތާ ގިނައިރެއްނުވެ ކެންޒާގެ ފޯނު ރިންގުވާން ފެށިއެވެ.

"ލައިތު... ލައިތު..." ފޯނުކޯލު ނެގުމާއެކު ކެންޒާއަށް ތަކުރާރުކޮށް ގޮވުނެވެ.

"ކިހިނެއްވީ ރޮނީ؟" ލައިތު އެހީ ހާސްވެފައި ހުރެއެވެ.

"ލައިތު... މަންމަ..." ކެންޒާއަށް ރޮވެނީއެވެ. އޭނާ ބުނާނީ ކީކޭ ހެއްޔެވެ. ކައިފް މަރާލި ގޮތަށް މަންމަ ވެސް މަރާލި މީހަކީ އޭނާ ހެއްޔެވެ.

"އަހަރެން އެބަދަން..." ލައިތު މިހެން ބުނެލުމާއެކު ކޯލު ކަނޑާލައިފިއެވެ.

"ލައިތު އެބާދޭ މަންމާ... ދެން ތެދުވެބަލަ... މަރެއްނުވެޔޭ ބުނެބަލަ... މީ އަސްލެއްނޫނޭ ބުނެބަލަ، މަންމައަށް ތިހެންވީއިރު އަހަރެންނަށް އަދިއަމުދުން ލައިތު ގާތު މިވާހަކަތަކެއް ބުނާކަށް ނުކެރޭނެ." މިންނާގެ އަތްތިލައަށް ބޮސްދިނުމާއެކު ނިތްކުރީގައި ކެންޒާ ޖައްސާލިއެވެ.

"މަންމައަށް ކިހިނެއްވީ؟" ކޮޓަރީގެ ދޮރުމަތިން އިވުނީ މިފްރާހުގެ އަޑެވެ. ކެންޒާއަށް ތެދުވެވުނު ގޮސް ވެސް ނޭނގެއެވެ.

"ނުވަންނާތި މިތަނަށް..." އިނގިލި ދިއްކޮށްލުމާއެކު ކެންޒާގެ ކަރުނުން ފުރިފައިވި ދެ ލޮލުން ބަލަން ހުރީ ރުޅިވެރިކަމާއެކުއެވެ.

"މަންމަ ހޮސްޕިޓަލަށް ގެންދާކަށްނުވޭތަ؟" މިފްރާހު ދިމާކުރީ ކޮޓަރިއަށް ވަންނާށެވެ.

ހަމީމު ގުޅާފައި މިންނާގެ ޚަބަރު ދިނުމާއެކު މިފްރާހަށް ވެސް ލިބުނީ ސިހުމެކެވެ. އާޤިބު ގާތު ބުނެގެން ކާރުގައި އޭނާ ވަގުތުން އެގެއަށް އައީއެވެ. ކެންޒާ ރޯތަންފެނުމުން މިފްރާހަށް އުނދަގޫވިއެވެ. އޭނާ ކޮންމެކަމެއްކުރިޔަސް ކެންޒާ އޭނާއާ ކުރިމަތިލަނީ ރުޅިވެރިކަމާއި ހަރުކަށިކަމާއެކުއެވެ. މިންނާގެ މަސްގަނޑަށް ގޮތެއް ހަދަން ނޫޅޭތީ، ކެންޒާ އެހުރީ ހަމަވިސްނުން ވިސްނޭފަދަ ހާލަތެއްގައިނޫންކަން މިފްރާހު ދެނެގަތީއެވެ. މިންނާގެ މަސްގަނޑު ހޮސްޕިޓަލަށް ގެންދިއުން އަވަސްކުރަންވެއްޖެކަމުގައި އޭނާ ދުށްޓެވެ.

"ބަލަ މިންނާ ހޮސްޕިޓަލަށް ގެންދަންޖެހޭނެއެއްނު... އޭނާ އެއައީ މަށަށް އެހީވާށޭ." ކޮޓަރި ކައިރީ މަޑުކޮށްލި ހަމީމުގެ އަޑު އިވުނެވެ.

(ނުނިމޭ)