ވާހަކަ

ލޯބިން ބުނެލަން

(19 އޮކްޓޯބަރ 2020 އާ ގުޅޭ)

ކެންޒާ ރޯތަންފެނުމުން މިފްރާހަށް އުނދަގޫވިއެވެ. އޭނާ ކޮންމެކަމެއްކުރިޔަސް ކެންޒާ އޭނާއާ ކުރިމަތިލަނީ ރުޅިވެރިކަމާއި ހަރުކަށިކަމާއެކުއެވެ. މިންނާގެ މަސްގަނޑަށް ގޮތެއް ހަދަން ނޫޅޭތީ، ކެންޒާ އެހުރީ ހަމަވިސްނުން ވިސްނޭފަދަ ހާލަތެއްގައިނޫންކަން މިފްރާހު ދެނެގަތީއެވެ. މިންނާގެ މަސްގަނޑު ހޮސްޕިޓަލަށް ގެންދިއުން އަވަސްކުރަންވެއްޖެކަމުގައި އޭނާ ދުށްޓެވެ.

"ބަލަ މިންނާ ހޮސްޕިޓަލަށް ގެންދަންޖެހޭނެއެއްނު... އޭނާ އެއައީ މަށަށް އެހީވާށޭ." ކޮޓަރި ކައިރީ މަޑުކޮށްލި ހަމީމުގެ އަޑު އިވުނެވެ.

ކެންޒާ ބަލަބަލާ ހުއްޓައި އެނދު ކައިރިއަށް މިފްރާހު ޖެހިލައި އަތްދަނޑި މައްޗަށް މިންނާ ނަގައިފިއެވެ. އޭނާ ހުއްޓުވަން އުޅުމުން ހަމީމު ދިމާކުރީ ކެންޒާއާއެވެ. މަރުވެފައި އޮތް މީހަކު އަދިވެސް ގޭގައި ބާއްވަންވީތޯ ހަމީމު ބުނެލި ގޮތުން ކެންޒާ ހިތުގައި ޖެހުނެވެ. މިންނާގެ ކިބައިން ސަލާމަތްނުވެވިފައި ހަމީމު ހުރީއޭ ހީވީއެވެ. ނަމަވެސް ޒުވާބުކުރާނޭ ހިތްވަރެއް ކެންޒާގެ ނެތެވެ. ކުރެވުނުހާ ވެސް ކަމަކީ މިފްރާހުގެ ފަހަތުން ކޮޓަރިން ނުކުތުމެވެ.

މިންނާގެ ހަށިގަނޑު ސިޓިންރޫމުގައި ހުރި ސޯފާގައި ބޭއްވިއެވެ. މިންނާ މަރުވެފައި އޮންނަތާ އިރުތަކެއްވެއްޖެކަމުގައި މިފްރާހު ބުނެލީ ހަމީމަށް ބަލަން ހުރެއެވެ. ދޮރޯށި ދޮށުގައި މަޑުކުރުމަށް ހަމީމު ގާތު ބުނުމުން އޭނާ ނުކުތެވެ. ފުންނޭވާއެއް ލާފައި މިފްރާހު އެނބުރިލީ ކެންޒާ ހުރި ދިމާއަށެވެ. އެއްޗެކޭ ބުނަން އުޅޭ ފަދަ ގޮތަކަށް މިފްރާހު ބަލަން ހުއްޓެވެ. ކެންޒާ އިސްޖަހާލި ގޮތަށް އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ދެތިންފިޔަވަޅު އަޅާލުމާއެކު އަލުން ހުއްޓިއްޖެއެވެ. މަންމަގެ ހަށިގަނޑު އެމީހުންގެ އަތްމައްޗަށް ދޫކޮށްލާފައި ދާން ނުކެރުނީއެވެ. މިފްރާހަށް ފުރަގަސްދީގެން ހުރެ ފާރުގައި ކެންޒާ އަރިއަކަށް ޖެހިލިއެވެ. ލައިތު އަންނާމޭ ބުނިކަން ހަނދާންވީ ދެނެވެ. އަވަހަށް އަތުގައި އޮތް ފޯނުން ލައިތަށް ކެންޒާ ގުޅިއެވެ.

"ނާދެވެނީތަ؟..." ލައިތު ފޯނު ނުނެގުމުން ކެންޒާގެ ހިތާ ސުވާލުކޮށްލެވުނެވެ.

އެމްބިއުލާންސް އަތުވެއްޖޭ ހަމީމު ގޮވާލިއެވެ. ކެންޒާ އެނބުރުނީ ދެނެވެ. މިފްރާހު ސޯފާ ކައިރިއަށް ޖެހިލައި މިންނާ ނެގިއެވެ. އަށިގަނޑު ހިފައިގެން ގޭތެރެއަށް އެމީހުން ވަނުމުގެ ކުރިން މިފްރާހު ނުކުތީއެވެ. މަގުމަތިން އަށިގަނޑަށް މިންނާ އެރުވިއެވެ. އެމްބިއުލާންސަށް މިފްރާހާއެކު ހަމީމު އަރަން ދިމާކޮށްލުމުން ހުއްޓުވިއެވެ. މިފްރާހު އެދުނީ ކެންޒާ އެރުމަށެވެ. އެމްބިއުލާންސަށް އެރުމުގައި ކެންޒާއަށް އެހީވުމަށް މިފްރާހު އަތް ވެސް ދިއްކޮށްލިއެވެ. ނަމަވެސް އެ އަތުގައި ހިފުމެއްނެތި ކެންޒާ އަރައި އިށީނދެއްޖެއެވެ. ހަމީމަށް ގޮވާލައި މިފްރާހު ބުނީ ޓެކްސީއެއް ނަގައިން ހޮސްޕިޓަލަށް އައުމަށެވެ.

މިންނާ މަރުވެފައި އޮތްކަން ހޮސްޕިޓަލުން ޔަގީން ކުރުމުގައި ހެދި ޓެސްޓުތަކުން ދެއްކީ އެއީ ކުއްލި މަރެއްކަމުގައެވެ. މިންނާއަށް މީގެ ކުރިން ސްޓްރޯކެއް ޖެހިފައިވާކަމުގެ ނިޝާން ފެންނަން ހުރިކަން ޑަކްޓަރު ހާމަކުރިއެވެ. މިންނާގެ އެއް ކިޑްނީ ނެތްކަން ވެސް އެނގުނީ ޑަކްޓަރު ބުނީމައެވެ. ފުރާނަ ދިޔައީ ދެ ސްޓްރޯކު ކައިރިކައިރީގައި ޖެހުމުން، ހާޓްއެޓޭކަކަށް މަގުފަހިވެގެންކަމުގައި ޑަކްޓަރުން ބުންޏެވެ. ކެންޒާ ބަސްހުއްޓުނު ގޮތަށް ޑަކްޓަރުގެ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެވުނެވެ. މަންމަ ބަލިފާޑު ޖަހާކަން ކެންޒާ ވެސް ދެނަހުއްޓެވެ. އެކަމަކު މަންމަގެ ފުށުން ޑަކްޓަރު އެ ކިޔާދިން އެއްވެސް ކަމެއް ކެންޒާ ނުދެކެއެވެ. ކެންޒާއަށް އެއްވެސް ކަމެއް ނޭނގޭހެން މިފްރާހަށް ހީވުމާއެކު ޑަކްޓަރާ ސުވާލު ކުރީ އޭނާއެވެ. މިންނާގެ ހަށިގަނޑުގައި ކިޑްނީ ނެގިކަމުގެ ނިޝާން ވެސް އެބަހުރިކަން ޑަކްޓަރު ބުނީ ދެނެވެ. ހެދިފައިވާ ސިކުނޑީގެ ސްކޭނު ދެއްކުމާއެކު ސްޓްރޯކު ޖެހުމުން ފެންނަން ހުންނަ ނިޝާންތައް ޑަކްޓަރު ދައްކަމުންދިޔައެވެ.

ކެންޒާއަށް އެތަނުގައި ހުރުން އުނދަގޫވިއެވެ. އޭނާ މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް އެމީހުންނާ ދުރަށް ހިނގައިގަތެވެ. މިފްރާހު ގޮވާލި ނަމަވެސް ކެންޒާގެ ފަހަތުން އޭނާއަށް ދެވެން ނެތީ ޑަކްޓަރާއި ވާހަކަދައްކަން ހުރުމުންނެވެ. އެކަހެރިނުވެވުނަސް ހަމީމާއި މިފްރާހު ނުފެންނަ ހިސާބު ފާރަކާ ނިވާވެލައި ކެންޒާ މަޑުކޮށްލިއެވެ. ދެ ލޯ ފުހެލާފައި އޭނާ އިސް އުފުލާލިއެވެ. ކެންޒާ ވިސްނާވިސްނާ ވެސް މިންނާއާ ގުޅިގެން ޑަކްޓަރު އެ ދެއްކި ވާހަކަތައް ސިކުނޑިއަށް ނަގައިގަނެވޭ ގޮތެއްނުވިއެވެ. މަންމަ އެވަރުގެ ބޮޑު އޮޕަރޭޝަނެއް ކުރިނަމަ ކައިފްއަށް ނޭނގިއެއް ނޯންނާނެއެވެ. އެއީ ހިނގިކަމެއްނަމަ ކެންޒާ ގާތު ކައިފް އެވާހަކަ ނުބުނެވެސް ނުހުންނާނެއެވެ. ބޭހެއް އެއްޗެއް މިންނާ ކާތަނެއް ކެންޒާ ނުދެކެއެވެ. ބޭސްފޮށީގައި ހުންނަނީ ކެންޒާ ޤަބޫލުކުރާ ގޮތުގައި ހުސް ވެސް ކައިފްގެ ބޭހެވެ. އެކަމަކު މިއަދު އޭނާއަށް ހީކުރެވުނު ގޮތާމެދު ސުވާލު އުފެދިއްޖެއެވެ. ކެންޒާ ވަކިން ބޮޑަށް ދެރަވީ، މަންމަގެ ހާލު ގާތުން ނުބެލުނީމައެވެ. މަންމަގެ ފުރާނައަށް ނުރައްކާވާނޭކަން އެނގިހުރެ މަންމަ ކަންބޮޑުވާވަރު ކަމެއް ނުކުރީހެވެ.

"ކެން... މަންމަ ގެންދަނީ... ގިނައިރެއްނުވެ ސަހަރާއަށް ގެންދާނެ، ދާންވީނު ގެއަށް ގޮސްލާފައި ސަހަރާއަށް އަންނަން، އަހަރެން ހުރިހާކަމެއް ހަމަޖައްސާނަން." ކެންޒާގެ ކައިރީ ހުއްޓިލި މިފްރާހު ބުންޏެވެ.

"ނޫން... އަހަރެން ދާނީ ހުރިހާކަމެއް ހަމަޖައްސާފަ، މަންމަ ބޭނުމެއްނުވާނެ މިފްރާހުގެ އެހީތެރިކަމެއް، އެންމެ ބައިރުފިޔާއެއް ވެސް ތި ޖީބުން ޚަރަދުކޮށްގެން ނުވާނެ." ކެންޒާގެ މޫނުން ފާޅުނުވި ނަމަވެސް އަޑުގައި ނުރުހުންތެރިކަންވިއެވެ. މިފްރާހު ރައްދު ދިނުމުގެ ބަދަލުގައި އެދުނީ މިންނާ ބަދަލުކުރަންވާއިރަށް އައުމަށެވެ. އޭނާ ހިނގައިގަތުމުން، ފަހަތުން ކެންޒާ ވެސް އައެވެ.

ސަހަރާގައި ކެންޒާ ހުއްޓައި ލައިތު ގުޅިއެވެ. މަޑުމަޑުން ހެލޯއޭ ކެންޒާއަށް ބުނެވެންވާއިރަށް ލައިތު މަޢާފަށް އެދެންފެށިއެވެ. ބުޅާތައް ގޮވައިގެން އުޅެނިކޮށް ފަތާފެންގަނޑު ކައިރިއަށް ބީފާނާއި ކަނބާ ދިޔަތަން ފެނި އެ ސޮރުމެންގެ ފަހަތުން މާމަ އައިވަގުތު ފަތާފެންގަނޑު ކައިރިއަށް ކަހާލައިގެން ވެއްޓިގެން އުޅޭކަން ލައިތު ކިޔާދިނެވެ. މާމަގެ އުމުރުން އެހާ ދޮށީވެފައި ހުއްޓާ ވެއްޓި އިނދަޖެހުނު ގޮތުން ޅިނދުމަތި ދުޅަވެފައި އޮތްކަން ލައިތު ބުންޏެވެ. ފުރަތަމަ ގެއަށް ލައިތު ދާން ޖެހުނީ އެހެންވެކަން ބުންޏެވެ. އޭނާ އެ ހުރިހާ ވާހަކައެއް ދެއްކިއިރު ވެސް ކެންޒާ ވާހަކަ ނުދައްކާކަން ލައިތަށް ފާހަގަވީ ދެނެވެ. އެ ހިމޭންކަން ދެނެގަތުމަށް ލައިތު އުޅުނެވެ. ކެންޒާ ހުރީ ކޮންތާކުތޯ އަހާލިއެވެ.

"އިރުއޮއްސެން ވާއިރަށް އަހަރެން ބަލާ އާދެވޭނެތަ؟" ލައިތުއަށް ޖަވާބު ދިނުމުގެ ބަދަލުގައި ކެންޒާ އަހާލިއެވެ. އޭރު މިފްރާހު ހުރީ އޭނާއާ ދިމާ ކުރިމަތީގަ ހުއްޓިގެން ބަލާށެވެ.

"އޯކޭ... ދާނަން، މިހާރު ކޮންތާކު ތިހުރީ؟" ލައިތު އަނެއްކާ ވެސް އެއްސެވެ.

"އިހަށް ބާއްވަނީ، ކަމެއްގަ މިއުޅެނީ... ހައެއް ޖަހަންވާއިރަށް އަހަރެން ބަލާ އައިސްދޭތި." ކެންޒާ ކޯލު ކުރުކޮށްލީއެވެ. އޭނާ ފޯނު ކަނޑާލުމުން ލައިތު އަނެއްކާ ވެސް ގުޅިއެވެ. ފޯނުން ނަޒަރުވަކިކޮށްލައި ކެންޒާ ބަލާލީ މިފްރާހަށެވެ. ލައިތުގެ ނަން ގަތުމަކީ ބުއްދިވެރި ކަމަކަށް ނުވާނޭ ކެންޒާގެ ޟަމީރު ވިސްނައިދިނެވެ.

މަންމަގެ ޖަނާޒާގައި ބައިވެރިވާން ކެންޒާ ނޫނީ އަންހެނަކު ނެތެވެ. އެއީ ޤަބޫލުކުރަން ދަތިވި އެހާމެ ހިތްދަތި މަންޒަރެކެވެ. ކެންޒާއަށް ރޮވުނެވެ. އަސުރު ނަމާދަށްފަހު ކުރެވުނު ކަށުނަމާދުގައި ބައިވެރިވި އެންމެން މަންމަ ވަޅުލަންދެން މަޑުކުރިއެވެ. އެއަށްފަހު ސަހަރާތެރެ ހުސްވީ ނުހަނު އަވަހަށެވެ. ހަމީމާއި މިފްރާހަށް މަޑުކުރުމެއްނެތި ކެންޒާ ސަހަރާއިން ނުކުމެ މަގުމަތިން ޓެކްސީއެއް ނެގިއެވެ. އެމީހުން ކުރަނީ ކީއްތޯ ވެސް ބެލުމުގެ ޝައުގެއް ކެންޒާގެ ނެތީއެވެ. ދިރިއުޅުމަށް ނުރައްކަލުގެ ހިޔަނި އެޅިފައިވާކަން އެނގޭތީވެ ކެންޒާ ބެލީ އަވަހަށް ސަލާމަތުގެ އައްސޭރިއަކަށް ދިއުމަށް ދަތުރުފެށޭތޯއެވެ. އޭނާ ގަސްދުކުރީ އަބަދުގެ އަބަދަށް ލައިތުގެ ގާތަށް ދާށެވެ. ނަމަވެސް އޭގެ ކުރިން އޭނާ ގޭތެރޭގައި ކުރަން ޖެހޭ ކަންކަން އެބަހުއްޓެވެ. މަންމަ ވަކިވެގެން ދިއުމުން އޭނާއަށް ބައްޕައެއް ހުރިކަން ދަތުން ބޭކާރުކަމަކަށް ވެއްޖެއެވެ. ބައްޕަ ކިޔައިގެން މިހާ ދުވަހު އުޅުނީ ވެސް މިންނާއަށް ޓަކައެވެ. ހިތުގެ އަޑިން ކެންޒާ އެއީ ބައްޕަކަމުގައެއް ނުދެކެއެވެ. އެއްގޮތަކަށް ވެސް މުހިންމު މީހަކަށް ހަމީމު ނުވެއެވެ.

މިންނާގެ ކޮޓަރިއަށް ވަދެވުމާއެކު އިރުކޮޅަކު އެނދުގައި އިށީނދެ ކެންޒާ އިނެވެ. އެހެން އިންއިރު އޭނާ އެ ކޮޓަރީގެ ހުރިހާ ދިމާއަކަށް ނަޒަރު ހިންގާލިއެވެ. ގެންދާނޭ އެއްޗެހިތަކެއް އެތާކު ނުވެއެވެ. އަލަމާރި ކައިރީ ހުރި ރީތިވާ މޭޒުމަތިން ކެންޒާގެ ލޮލުގައި އަޅައިގަތީ ބުރުގާގަ ޖަހާ ދައްޗެކެވެ. އެއީ މިންނާ ބުރުގާ އެޅުމުން ކެންޒާއަށް ރީތިވެގެން ގަނެދިން ދައްޗެކެވެ. ކުދިކުދި ހުދު އެސްތަކެއް ޖަހާފައިވާ ވަށްކޮށް އިން ދައްޗެކެވެ. އެނދުން ތެދުވެގެން އައިސް ކެންޒާ އެ ދަތި ނަގައި މުށުތެރެއަށް ލިއެވެ. ދެން އަލަމާރި ހުޅުވާލިއެވެ. އެއްފަރާތުގައި މަންމަގެ ހެދުންތައް ހުރިއިރު އަނެއްފަރާތުގައި އަދިވެސް ކައިފްގެ އަންނައުނުތައް ހުރި ގޮތަށް ހުއްޓެވެ. ބޭބެއަށް އެންމެފަހުން ގަނެދިން ގަމީހުގެ އަތްކުރީގައި ކެންޒާ ހިފާލިއެވެ. އެ ގަމީސް ކައިފްއަށް ލެވުނީ އެންމެ ފަހަރަކުއެވެ. އަލަމާރީގެ ވަތްގަނޑުގެ ދެ ތަޅުދަނޑި އޮންނައިރު، އެތަނުން އެއް ތަޅުދަނޑި ކެންޒާގެ ތަޅުދަނޑިފަތީގައި އެލުވާފައި އޮތެވެ. ވަތްގަނޑު ހުޅުވާލިއިރު އޭގެ ތެރެއިން މިންނާ ފައިސާ އަޅާ ދަޅުފެނުނެވެ. އޭގެ މަތިގަނޑު ނެގިއިރު ވަކިވަކިން އެއްހާސް ރުފިޔާ ހަމަވާވަރަށް ފައިސާ ހުއްޓެވެ. އެ ރުފިޔާތައް ކެންޒާ ނެގީއެވެ. ދެން އޭނާ އެނބުރި އައިސް އަމިއްލަ ކޮޓަރިއަށް ވަނެވެ.

ލިޔާ މޭޒުމަތީ ހުރި ގަލަން ދަޅު ނަގައި ރުފިޔާތައް މަތީ ބެހެއްޓިއެވެ. ފަންކާގެ ވަޔާއެކު ރުފިޔާތައް އުދުހިގެންފާނޭތީއެވެ. ދެން އޭގެ ކައިރީ މިންނާގެ ބުރުގާގަ ޖަހާ ދަތިބޭއްވިއެވެ. ކެންޒާ މަޑުންމަޑުން އައިސް އެނދުގައި އޮށޯތީއެވެ. ބާލީހުގައި ބައްދާލުމާއެކު ރޯންފެށި ގޮތުން ހީވީ، އޭނާ ރޯލަން ބޭނުންވެފައި ހުންނަތާ އިރުތަކެއްވެއްޖެ ހެންނެވެ.

ދޮރުގައި ޓަކިދޭން ފެށުމުން ކެންޒާ ތެދުވިއެވެ. ކޮޓަރީގެ ބޭރުން ބަޔަކު ވާހަކަދައްކާއަޑު ކެންޒާއަށް އިވެއެވެ. ނުކުންނަން ބޭނުންނުވެފައި ހުރީ ހިތުގައި އުފެދުނު ބިރުވެރިކަމެއްގެ ސަބަބުންނެވެ. ތަޅުހުޅުވުނު އަޑު އިވުމުން ކެންޒާ ދިޔައީ ސިއްސައިގެންނެވެ. އެތެރެއަށް ދޮރު ހުޅުވިގެންދިޔައެވެ. އެހިނދު ދޮރުމަތީ ހުރި މިފްރާހު ކެންޒާއަށް ފެނިއްޖެއެވެ. އެއްވެސް މިނިވަންކަމެއްނެތްކަން ކެންޒާއަށް އިޙްސާސް ކުރެވުނެވެ. ކޮޓަރީގެ ތަޅު ހަލާކުކޮށްލުމަށްފަހު، ބަދަލުކުރި ކުރުމަކީ މިފްރާހުގެ ރޭވުމެއްކަން ކެންޒާއަށް ޔަގީން އެކޮށްދިނީ ޚުދު އޭނާއެވެ.

"މިގަޑީގަ މޮޔަކަމެއް ނުކުރާތި... ކޮޓަރީގަ އޮތަސް ވަރިހަމަ، މި ދޮރު ތަޅުނުލާތި." މިފްރާހުގެ މޫނުން ކަންބޮޑުވުގެ އަސަރު ފެންނަން ހުއްޓެވެ. ދޮރު ލައްޕާލުމެއްނެތި އޭނާ ގޮސް ސޯފާގައި އިށީނެވެ.

ކެންޒާ ތުންފިއްތާލިއެވެ. އޭނާ ފޮށި ނެރި ސާފުކުރިއެވެ. ދެން ފޮށްޓަށް އެއްޗެހި އަޅަން ފެށިއެވެ. މި މަންޒަރު ފެނި މިފްރާހަށް މަޑަކުން ނީނދެވުނެވެ. ތެދުވެގެން އައިސް ކެންޒާގެ ކޮޓަރި ދޮރުމަތީ އޭނާ ހުއްޓުނެވެ. ކޮންތާކަށް ދާންތޯ ސުވާލުކުރިއެވެ. ކެންޒާ އަޑުއިވޭ ކަމަކަށް ނުހެދިއެވެ. ދެފަހަރަށް އެހުމުން ވެސް ކެންޒާ އެއްޗެކޭ ނުބުނީމަ މިފްރާހު އެ ކޮޓަރިއަށް ވަނެވެ. ކެންޒާ ފޮށްޓަށް އެޅި އެއްޗެހި މިފްރާހުގެ ދެއަތުން ނަގައި އެނދުމައްޗަށް އުކާލިއެވެ. ކެންޒާގެ ހަރަކާތްތައް ހުއްޓުމަކަށް ނައެވެ. އޭނާ އަލުން އެނދުމަތިން އެއްޗެހިތައް ނަގައި ފޮށްޓަން އަޅަންފެށިއެވެ.

"ސްޓޮޕް އިޓް ކެން..." މިފްރާހު ބުނީ ބާރަށެވެ. ކެންޒާގެ އަތުގައި އޭނާ ހިފެހެއްޓިއެވެ.

"އަތްނުލާތި..." އަތްފޮޅުވާލަމުން ކެންޒާ ބުންޏެވެ.

"މިގެއިން ނުކުންނަންތަ ބޭނުންވަނީ، އެހެންވިއްޔާ އަހަންނާއެކު ހިނގާ." މިފްރާހު ބުންޏެވެ.

"ކީއްކުރަން ތިއަހަނީ، ގަދަކަމުން ގެންދަންވީނު، މާބާރުގަދަ މީހެއްވިއްޔާ ތީ." ލޯއަޅާލުމާއެކު ކެންޒާ ބުނެލިއެވެ. އަދި ހެދުންތައް ފަތްޖަހަން ފެށިއެވެ.

"ގަދަކަމުން ގެންދަންވީތަ؟ ނުގެންދެވޭނެއޭ ހީވަނީތަ؟ ނޫނީ އެގޮތް ބޭނުންވަނީތަ؟" މިފްރާހު ވާހަކަދެއްކީ ހަރުކަށިކަމާއެކުއެވެ. ކެންޒާ ހުއްޓުވަން އޭނާ ބޭނުންވެފައި ހުރިކަން ޔަގީނެވެ.

ކެންޒާގެ ހަރަކާތްތައް މަޑުޖެހި އެނދުގައި އިށީނެވެ. މިފްރާހުއާ ވާހަކަދެއްކުމަކީ ހެދޭ ގޯހެއްކަމުގައި ކެންޒާއަށް ޤަބޫލުކުރެވެއެވެ. އެހެންވިޔަސް އޭނާ ފޯނު ނެގުމާއެކު ފުލުހުންނަށް ގުޅަނީކަމުގައި ބުނެލިއެވެ. އެގެއަށް ވަދެ ކެންޒާގެ މައްޗަށް ބާރުފޯރުވުމުގެ ހައްޤެއް މިފްރާހަށް ލިބިގެންނުވެޔޭ ބުންޏެވެ. ހިތްހަމަނުޖެހުނަސް މިފަހަރު ކެންޒާ ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. އޭނާ ދިން އިންޒާރު މިފްރާހަށް ފުދުނުކަން ޔަގީނެވެ. ފުލުހުން އަތުވެއްޖެނަމަ ކެންޒާ ބޭނުންވާގޮތްވާނޭކަން އޭނާއަށް އެނގެއެވެ. ދެއަތްތިލަ މުއްކަވާލެވުނީ މިވަގުތަށް އިތުރު ގޮތެއް އޭނާއަށް ނެތްކަން ވިސްނުނީމައެވެ. ހަމީމުގެ ރުހުމުގައި އެގެއަށް ވަދެ ހުއްޓަސް، ކެންޒާގެ ކޮޓަރިއަށް އޭނާއަކަށް ނުވަދެވޭނެއެވެ. ކުށްވެރިއަކަށް ބަދަލުވާކަށް އޭނާ ނޭދެއެވެ. މަޑުމަޑުން ފަހަތަށް މިފްރާހު ޖެހުނެވެ.

"ލައިތާއި ޔާދިންއަކީ ކާކުކަން އެނގޭ." ދޮރުފަތުގައި ހިފަހައްޓާލައިގެން ހުރެ މިފްރާހު ބުންޏެވެ. ކެންޒާ އިސްއުފުލާލި ގޮތުން އޭނާގެ ސަމާލުކަން ލިބިއްޖެކަން މިފްރާހަށް ޔަގީންވިއެވެ. ކެންޒާ އެއްޗެކޭ ބުނޭތޯ އޭނާ މަޑުކޮށްލިއެވެ. އޭނާ ނުކުންނަން އަޔަސް އަދިވެސް ގޮތް ހުސްނުވާކަން އަންގާލަން މިފްރާހު ބޭނުންވީ ކަހަލައެވެ. އެއްމިޔަކަނުން ހިނިތުންވެލުމާއެކު މިފްރާހު ގޮސް ސޯފާގައި އިށީނެވެ.

ހަލުވިކޮށް އައިސް ކޮޓަރީގެ ދޮރު ކެންޒާ ލައްޕާލިއެވެ. އިތުރަށް އޭނާ މަޑެއްނުކުރިއެވެ. އެގެއިން އޭނާ ބޭނުންވި ހުރިހާ އެއްޗެއް ފޮށްޓަށް އަޅައި ތައްޔާރުކޮށް ނިންމިއެވެ. އެއަށްފަހު ފެންވަރާލައިގެން ނުކުތެވެ. ލައިތު އަންނަންވީއިރަށް ކެންޒާ ހުރީ ފޮށި ހިފައިގެން ދޮރޯށި ކައިރިއަށް ނުކުމެއެވެ. ލައިތު ގުޅިއިރު އޭނާގެ ކާރު ކަންމަތިން އެ ގޭ މަގަށް ލަނބާލީއެވެ. ކޯލު ކެނޑުނީ ލައިތަށް ކެންޒާ ފެނުނީމައެވެ. ކާރުން މަޑުކުރުމަށްފަހު ލައިތު ފޭބިއިރު ދޮރޯށި ކައިރިއަށް ގޭތެރެއިން ނުކުތް ދެ މީހުން ފެނުނެވެ. ކެންޒާ ފޮށި ދަމަމުން ލައިތުގެ ގާތަށް އައެވެ.

"ލައިތު..." މިފްރާހު ގޮވާލިއެވެ.

"ފޮށި އަރުވާލަންވީނު... ހިނގާ މިތަނުން އަވަހަށް ދަމާ." ލައިތުގެ މުލައްދަނޑީގައި ހިފާލަމުން ބުނެލިއެވެ. ހީވީ އިތުރު ކަމަކަށް ލައިތުގެ ސަމާލުކަން ހުއްޓުނަ ނުދޭން ކެންޒާ މަސައްކަތްކުރަނީ ހެނެވެ.

"އެއީ ކާކު؟" ކުރިން ނުފެންނަ ޒުވާނަކު ކެންޒާގެ ގެއިން ފެނުމުން ލައިތުއަށް ސުވާލުކޮށްލެވުނެވެ.

"ކާރަށް އިހަށް އަރަމާ." ކެންޒާ ބުންޏެވެ.

ކެންޒާ ގޮވައިގެން ކާރަށް އެރުމާއެކު އެހިސާބުން ދާން އޭނާ ލައިތު ގާތުން އެދުނެވެ. ކާރު ފަހަތަށް ޖަހަމުން މިފްރާހަށް ލައިތު ބަލާލި ފަރުވާތެރިކަމާއެކުއެވެ. އޭނާގެ ގާތުގައި ހުރި ހަމީމަކީ ކާކުކަން ލައިތަށް މާކުރިން ވެސް އެނގެއެވެ. ކެންޒާ ގޮވައިގެން ލައިތު މިސްރާބު ޖެހީ ހުޅުމާލޭގައި ހުންނަ އޭނާގެ ޕެންޓްހައުސްއަށް އައުމަށެވެ.

"އެއީ ކާކު؟ ފެމެލީ މީހެއްތަ؟" ކެންޒާ ހިމޭނުން އިންނަން ފެށުމުން ލައިތު އަހާލިއެވެ.

"ހަމީމުގެ ރައްޓެއްސެއް" ދޮރުފަތުގެ ބިއްލޫރިގަނޑުން މަގުމައްޗަށް ބަލަން އިނދެ ކެންޒާ ބުންޏެވެ.

"ރުޅި އައިސްފަ؟ އަހަރެންދެކެތަ؟" ލައިތު އަހާލިއެވެ. ކެންޒާ ނޫނެކޭ ބުންޏެވެ.

"ކޮންފޮށްޓެއް އެއީ؟ މަންމަ ކޮބާ؟ ބޭރަށް ނުކުންނާނެކަމަށް ހީކުރީ، ބުނިންތަ އަހަރެން އަންނަކަން... މަންމައާ ވާހަކަދައްކައިފިން ދޯ، އައި ހޯޕް މަންމަ ކިޔައިދިންކަން." ލައިތު ވާހަކަދެއްކިއެވެ.

"ހޭ!... ވާހަކަދައްކަބަލަ، ރުޅިއެއް ނާދެއޭ ބުނި، ދެން ކީއްވެފަ ތިއިންނަނީ، ކަމަކާ ވިސްނަނީތަ؟ ސޮރީއޭ... އޭރު އަންނަން ވެގެންނޭ އޮފީހުން ނުކުތީ، ސެހެރް ގުޅާފަ ބުނީމަ ގެއަށް ދާން ޖެހުނީ، މާމަގެ ގޮތް ޕެންޑާއަށް އެނގެއެއްނު، އެންމެން ތިބިއިރު އަހަރެން ވެސް އެވަގުތު ހުންނަންވާނެއެއްނު... ނައު، ގިވް މީ ޔޯ ހޭންޑް."

ލައިތު ދިއްކޮށްލި އަތުގެ ތެރެއަށް ކެންޒާގެ އަތްތިލަ ހެޔޮވަރުކޮށްލިއެވެ. ހިނިތުންވުމަކާއެކު ލައިތުގެ ތުންފަތުގައި ކެންޒާގެ އަތްތިލަ ގެނެސް ޖައްސާލިއެވެ. ލޯބިވާކަން ލައިތު ބުނެލިއެވެ. ކެންޒާއަށް ވެފައި އިން ގޮތެއް ކިޔައިދޭން އޭނާ އާދޭސްކޮށްލިއެވެ.

"މެރީ ކުރާ ވާހަކަ މަންމަ ގާތު ދެއްކިކަން އެނގޭ." ކެންޒާ ބޭރު ބަލަން އިނދެ ބުންޏެވެ.

"މަންމައަށް ވެސް އެނގުނީނު... ދެން ހެޕީތަ؟" ލައިތު އަހާލިއެވެ. ލަފުޒުތަކެއް ބޭނުންކުރުމުގެ ބަދަލުގައި ކެންޒާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

އެޕާޓްމެންޓަށް ވަދެވުމާއެކު ލައިތު އުޅުނީ ކެންޒާގެ ފޮށި ހުޅުވާށެވެ. އޭގައި ހުރި އެއްޗެއް ކެންޒާ ނުބުނާތީއެވެ. އެހިނދު ކެންޒާ ހިފީ ލައިތުގެ އަތުގައެވެ. އޭނާ ލައިތުއާ ނަޒަރު ސީދާކޮށްލިއެވެ. ކެންޒާ ކަމަކާ ދެރަވެފައިކަން އެ ހުރީ އެ ދެ ލޮލުން ފާޅުވާން ހުއްޓެވެ. ކެންޒާގެ ކޯތާފަތުގައި ދެއަތުން ލައިތު ހިފާލީ ލޯބިންނެވެ. ކިހިނެއްތޯވީ އޭނާ އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.

"އަހަރެން މިއައީ އެނބުރި ދާގޮތަކަށްނޫން... ފޮށީގަ ހުންނާނީ އަހަރެންގެ އެއްޗެހި." ކެންޒާގެ އަޑު ބަދަލުވިއެވެ.

"ކީއްވެ؟ މަންމަ ހީކުރާނީ ކީކޭ؟" ލައިތު ހާސްވިއެވެ.

"މިހާރުނެތް އެކަކުވެސް..." ކެންޒާ ބުންޏެވެ. ލައިތުއަށް ފަހުމެއްނުވިއެވެ. ކެންޒާގެ ބުނުމާމެދު އޭނާ ސުވާލުކުރިއެވެ. ކެންޒާގެ ކޯތާފަތުގައި ހިފައި ވަކިން ބޮޑަށް ލައިތުއާ ދިމާއަށް އެ މޫނު އުފުލާލިއެވެ. ކެންޒާގެ ދެ ލޮލުން ހަޤީޤަތް ދެނެގަންނަން ލައިތު ހޯދަންފެށި ކަހަލައެވެ.

"ވަޅުލާފައި މިއައީ..." ކެންޒާ މިހެން ބުނުމުން ލައިތުގެ ހައިރާންކަން އިތުރުވިއެވެ.

"ބީ ސިރިއަސް ކެން." ލައިތުއަށް ބުނެވުނެވެ.

"އަހަރެން ވެސް ހިތަށް އެރި މަންމަ ކޮށްލި ސަމާސާއަކަށްވީނަމައޭ..." ކެންޒާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"މަރުވީތަ؟ އެކަމަކު... ކޮންއިރަކު؟... ކީއްވެ އަހަރެން ކައިރީ ނުބުނީ."ލައިތަށް ވެސް ޤަބޫލުކުރަން ދަތިވީއެވެ.

(ނުނިމޭ)