ދުނިޔެ

އޮސްކާ ޕިސްޓޯރަސް ގޭބަންދަށް

ކޭޕްޓައުން (ބީބީސީ) - ލޯބިވެރިޔާ މަރާލި މައްސަލައިގާ ޖަލަށް ލާފައި ހުރި އޮލިމްޕިކް އަދި ޕެރަލިމްޕިކް އެތްލީޓް އޮސްކާ ޕިސްޓޯރަސް ޖަލުން ނެރެ ގޭބަންދަށް ބަދަލު ކުރުމަށް ސައުތު އެފްރިކާގެ ޕެރޯލް ބޯޑުން ނިންމައި ބަދަލުކޮށްފި އެވެ.

ލޯބިވެރިޔާ ރީވާ ސްޓީންކޭމްޕް މަރާލުމުގެ ކުށް ސާބިތުވެ އޮސްކާ އަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައީ މިދިޔަ އަހަރުއެވެ.

އޮސްކާ ޖެހި ބަޑީގެ ވަޒަން ރީވާގެ ގަޔަށް އަމާޒުވީ ފާހާނާ ދޮރު ފޫއަޅުވާލާފައި ގޮހެވެ. ކޯޓުގައި އޮސްކާ ބުނީ އޭނާ ބަޑި ޖެހީ ގެއަށް ވަގަށް ވަދެ އުޅޭ މީހެއް ކަމަށް ހީކޮށް ކަމަށެވެ.

އޮސްކާ ވަނީ މިހާތަނަށް ޖަލުގައި އެއް އަހަރު ހޭދަކޮށްފައެވެ. ހުކުމުގެ ބާކީބައި އޭނާ ހޭދަކުރާނީ ގޭގައި "ކަރެކްޝަނަލް ސުޕަވިޝަން" ގައެވެ.
އޮސްކާގެ ޖަލު ހުކުމަށް ލުއި ލިބުމުން އޭނާގެ ލޯބިވެރިޔާގެ އާއިލާ ވަނީ ހިތްހަމަ ނުޖެހިފައެވެ. އެމީހުން ބުނަނީ އޮސްކާ އަހަރެއްހާ ދުވަހު ޖަލުގައި ބެހެއްޓުމަކުން ނުފުދޭ ކަމަށެވެ.

ދެހާސް ބާރަ ވަނަ އަހަރު އޮސްކާ ތާރީހުގެ ތެރެއަށް ވަދެގެންދިޔައީ އޮލިމްޕިކްސްގައި ވާދަކުރި ފުރަތަމަ ޕެރަލިމްޕިކް އެތްލީޓުގެ ގޮތުގައެވެ. ޕެރަލިމްޕިކްސް އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އޮލިމްޕިކްސް އެވެ. އޮސްކާއަކީ މަސްނޫއީ ދެފައިގެ އެހީގައި ހިނގައިބިނގައިވާ މީހެކެވެ.