އިރާންގައި މުޒާހަރާކުރަމުންދާ އާމުންނާ އެއްބައިވުމުގެ ގޮތުން އީރާނުގެ ކުޅުންތެރިން ގަތަރު ވޯލްޑް ކަޕްގައި ގައުމީ ސަލާމް ނުކިޔުމަށް ނިންމައިފި އެވެ.
އިރާންގެ ގައުމީ ފުޓުބޯޅަ ޓީމުން ވޯލްޑްކަޕްގައި މިހާރު ވަނީ އެއް މެޗު ކުޅެފަ އެވެ. އިނގިރޭސީންނަ ދެކޮޅަށް ކުޅުނު މެޗުގައި އިރާން ވަނީ ބަލިވެފަ އެވެ. އެ މެޗުގައިވެސް އިރާންގެ ޓީމުން ގައުމީ ސަލާމް ކިޔާފައެއް ނުވެ އެވެ.
އިރާންގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ ރިޒާ ޖަހަންބަޚްޝް ބުނި ގޮތުގައި ގައުމީ ސަލާމު ނުކިޔުމަށް ނިންމި ނިންމުމަކީ މުޅި ޓީމުން އެކީގައި މަޝްވަރާކޮށް، ނިންމި ނިންމުމެކެވެ.
ގައުމީ ޓީމުން ގައުމީ ސަލާމު ނުކިޔުމަށް ނިންމި މައްސަލައިގައި އިރާންގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާނެ ކަމަކަށް ނުބުނެ އެވެ. ނަމަވެސް އިރާނުން އިނގިރޭސީންނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އިރާނުގެ ގައުމީ ސަލާމުގެ ވަގުތު ބްރޯޑްކާސްޓިން ސިގްނަލް ކުޑަވަގުތު ކޮޅަކަށް އެ ގައުމުގެ ސަރުކާރުން މެދުކަނޑާލި ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ވޯލްޑްކަޕްގައި އިރާންގެ ފުރަތަމަ މެޗު ކުޅެމުން ދިޔަ ވަގުތު އެ ގައުމުގެ ބައެއް އާންމުން ސްޓޭޑިއަމްގައި ތިބީ "ވުމެން، ލައިފް، ފްރީޑަމް" ޖަހާފާހުރި ޓީޝާޓު ތަކެއް ލައިގެންނެވެ. އެއީ އިރާންގެ ސަޕޯޓަރުން ތިބީ އަމިއްލަ ގައުމުގައި މުޒާހަރާ ކުރަމުންދާ މީހުންގެ ހައްގުގައި ކަން ސާބިތުކޮށްދިނުމުގެ ގޮތުން ކުރި ކަމެކެވެ.
އިރާންގައި ދޭތެރެދޭތެރެއިން ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން އެކަންކަމުގައި ބައިވެރިވުމުގެ ގޮތުން އިރާންގެ ގައުމީ ޓީމުން މީގެކުރިންވެސް ބައެއް ކަންކަން ކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ސެނެގަލް އާއި ދެކޮޅަށް ކުޅެވުނު ރަހުމަތްތެރިކަމުގެ މެޗުގައި ވެސް އެ ޓީމުން ވަނީ ޖާޒީގާ ހުރި ގައުމީ ދިދައިގެ ރަމްޒީ ކުލަތައް ކަޅު ޖެކެޓުތަކަކުން ފޮރުވާފަ އެވެ.
ވޯލްޑް ކަޕަށް ގަތަރަށް ފުރުމުގެ ކުރީން އިރާންގެ ގައުމީ ޓީމުން ރައީސް އިބްރާހީމް ރައީސީއާ ބައްދަލުކުރި ކަމަށްވެ އެވެ. އެކަމާ ހިތްހަމަނުޖެހިގެން އިރާންގެ ބައެއް އާންމުން ވަނީ ޓީމާ ގުޅޭ ބައެއް ތަކެތީގައި އަލިފާން ރޯކޮށް އަންދާފަ އެެވެ.