ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫންގެ ވޯލްޑްކަޕް މެސެޖު: ކުޅުންތެރިންގެ ނަންތައް ރަނގަޅަށް ބޭނުންކުރައްވާ

ވޯލްޑް ކަޕް މިރޭ ފަށާއިރު ހުރިހާ އެންމެންވެސް ޓީމުތަކާއި ކުޅުންތެރީންގެ ނަންތައް ރަނގަޅަށް ބޭނުންކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އެދިވަޑައިގެންފި އެވެ.

ރައީސް މައުމޫން މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޅުންތެރިންގެ ނަންތައް ރަނގަޅަށް ބޭނުންކުރުން ވަރަށް މުހިއްމު ކަމަށެވެ. ރަނގަޅަށް އެކަން ކުރަންވީ ގޮތުގެ މިސާލެއް ވެސް ރައީސް މައުމޫން ލިޔުއްވާފައިވެ އެވެ.

"މިސާލު: ބެންޒީމާ. ބެންޒެމާއެއް ނޫން" ފްރާންސްގެ ގައުމީ ޓީމުގައި އެންމެ ވިދުންގަދަ ކުޅުންތެރިޔާގެ ނަން ލިޔަންވީ ގޮތް ހިއްސާކުރައްވަމުން މައުމޫން ލިޔުއްވާފައިވެ އެވެ.

ރައީސް މައުމޫންގެ ޓްވީޓްގައި ބެންޒީމާގެ ނަން ލިޔަންވީ ގޮތް ހިއްސާކުރެއްވީ ބެންޒީމާއަށް ވޯލްޑްކަޕްގައި ނުކުޅެވޭނެކަން އެންމެ ފަހު ވަގުތު ހާމަވުމާ ގުޅިގެން މިއަދު ނޫސްތަކުން އެ ހަބަރު ގެނައި އިރު އެކި ގޮތްގޮތަށް ބެންޒީމާގެ ނަން ލިޔެފައިވާތީ ކަމަށް ބެލެވެ އެވެ.

ބެންޒީމާއަށް ވޯލްޑް ކަޕްގައި ނުކުޅެވޭ ގޮތްވީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ފްރާންސުގެ އެފްއޭ އިން މިއަދު ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

ރާއްޖެ ގަޑިން މިރޭ ނުވައެއް ޖަހާއިރު ފަށާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ ގަތަރާއި އެކުއެޑޯ މެޗުންނެވެ.

ޖުމްލަ 32 ޓީމެއް ބައިވެރިވާ މި މުބާރާތް ކުރިއަށް ދާނީ މިރެއިން ފެށިގެން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.