ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރި ސެނެގޯލްގެ ކެޕްޓަން ސަޑިއޯ މާނޭ އަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.
ބަޔާން މިއުނިކްގެ ފޯވާޑަށް އަނިޔާވީ މި މަހުގެ އަށް ވަނަ ދުވަހު ޖަރުމަނު ލީގުގައި ބަޔާނުން ވާޑަ ބްރެމެންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަނިޔާގެ ސަބަބުން އެ މެޗުގެ 20 ވަނަ މިނެޓުގައި މާނޭ ވަނީ ބަދަލުކޮށްފަ އެވެ. މާނޭ އަށް ވީ އަނިޔާއާ ގުޅިގެން ވޯލްޑް ކަޕްގައި ނުކުޅެވިދާނެ ކަމުގެ ބިރު އޭރު ވެސް އޮތެވެ.
އަނިޔާގައި ހުރިނަމަވެސް ވޯލްޑް ކަޕަށް އެކުލަވާލި ސެނެގޯލްގެ 26 ކުޅުންތެރިންގެ ތެރޭގައި މާނޭ ހިމެނި އެވެ. އޭގެފަހުން ސެނެގޯލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މާނޭ އަށް ނުކުޅެވޭނެ ކަމަށެވެ.
ބުރާސްފަތި ދުވަހު ހެދި އެމްއާރުއައި ސްކޭނުން އެނގުނީ މާނޭ އޮޕަރޭޝަން ކުރަންޖެހޭ ކަމެވެ. ބަޔާން މިއުނިކުން ބުނީ މާނޭގެ އޮޕަރޭޝަނާ އެކު ރިކަވަރީގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގައި ފަށާނެ ކަމަށެވެ.
ސްކޮޑުގައި އެންމެ ފުރަތަމަ ހިމެނުމަށް ފަހު ސެނެގޯލްގެ ކޯޗު އަލިއޫ ސީސޭ ބުނީ ކުޑަ ފުރުސަތެއް ލިބުނަސް މާނޭ އަށް ވޯލްޑް ކަޕްގައި ފުރުސަތު ދޭނެ ކަމަށެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ސެނެގޯލް ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ގަތަރާއި އިކުއެޑޯ އެވެ.
މާނޭ އަށް ވޯލްޑް ކަޕްގައި ނުކުޅެވުމަކީ ސެނެގޯލަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުމެކެވެ. އެންމެ ފަހުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ސެނެގޯލުން ކާމިޔާބު ކުރިއިރު މާނޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭގެފަހުން ވޯލްޑް ކަޕް ޕްލޭއޮފްގައި ސެނެގޯލުން މިސްރު ބަލިކުރީ ވެސް މާނޭގެ އެހީތެރިކަމާ އެކު އެވެ.
މިދިޔަ ސީޒަނުގައި ލިވަޕޫލް އާއި ސެނެގޯލްގައި ދެއްކި މޮޅު ކުޅުމާ އެކު އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑުގައި މާނޭ ވަނީ ކަރިމް ބެންޒެމާގެ ފަހަތުން ދެވަނަ ހޯދައިފަ އެވެ.