ދުނިޔެ

ލުބްނާނަށް ރައީސަކު ހޮވަން އެމެރިކާ ބާރުއަޅަނީ

އެމެރިކާ ގަބޫލުކުރާ ގޮތުގައި ލުބްނާންގައި ހިޒްބުﷲގެ ބާރު އޮތްހައި ހިނދަކު، އެމެރިކާއަށް ކަމުދާ މީހަކު ލުބްނާންގެ ރައީސް ކަމަށް އައްޔަންކުރުން ފަސޭހައެއް ނުވާނެ އެވެ.

އިޒުރޭލުން ލުބްނާނަށް މިހާރު ދެމުންދާ ހަމަލާތަކުގެ އެއް އަމާޒަކީ، ލުބްނާންގެ ސިޔާސީ ދާއިރާތަކުން ހިޒްބުﷲގެ ބާރު ކަނޑުވާލުމެވެ.

އެމެރިކާ ރާވާާފައި އޮތް ގޮތަށް ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ މިހާރު ވަނީ އަވަހާރަކޮށްލާފަ އެވެ. އަދި ހިޒްބުﷲގައި ދެން ތިބި ބާރުވެރިން ވެސް -- ފަހަރަަކު މީހަކު، ފަހަރަކު މީހަކު އެ ދަނީ އަވާހަރަކޮށްލަމުންނެވެ.

ލުބްނާންގެ ހަނގުރާމަ މިހިސާބަށް އައުމުން، ލުބްނާނަށް ރައީސަކު ހޮވަން އެމެރިކާ ވިސްނަން ފަށައިފި އެވެ. މިއީ ހަސަން ނަސްރުﷲ އަވަހާރަކޮށްލުމުގެ ކުރިން އެމެރިކާއަށް އާދެވިފައި އޮތް ހިސާބެއް ނޫނެވެ.

ލުބްނާންގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މިޝޭލް އައުންނެވެ. އޭނާގެ މަގާމުގެ ދައުރު ހަމަވުމާ ގުޅިގެން 2022 ގައި ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭގެފަހުން އަދިއަދަށްދާންދެން ލުބްނާންގެ ރައީސްގެ ގޮނޑި ހުރީ ހުހަށެވެ.

ލުބްނާންގެ ސިޔާސީ މައިދާންގައި ހިޒްބުﷲގެ ނުފޫޒާ ހެދި ރައީސަކު ހޮވަން ހުށަހަޅާ ކޮންމެ ފަހަރަކު އެ މަސައްކަތްތައް ހަަސަން ނަސްރުﷲ ފޭލިކޮށްލަނީ އެވެ. ނަސްރުﷲ ބޭނުންވީ އޭނާއަށް ވަފާތެރި ސުލައިމާން ފްރަންޖިޔާ، 58، ރައީސް ކަމަށް ހޮވުމަށް ކަމަށް ބުނެ އެވެ.

ސުލައިމާން ފްރަންޖިޔާ ނަމަކަށް ކިޔާ މީހަކު ލުބްނާންގައި މީގެ ކުރިންވެސް ވަނީ 1970 – 1976 އަށް ވެރިކަށް ކުރައްވާފަ އެވެ. މި ލިޔުމުގައި މި ދެކެވެނީ އެހެން ސުލައިމާން ފްރަންޖިޔާއެއްގެ ވާހަކަ އެވެ.

ލުބްނާންގެ ގާނޫނު ހަދާ މަޖިލީހުގައި ހުޅަނގަށް ތާއީދުކުރާ މެމްބަރުންގެ އިހްތިޔާރަކީ ރައީސް ކަމަށް ލުބްނާންނާގެ ސިފައިންގެ ވެރިޔާ ކޮމާންޑަރު ޖެނެރަލް ޖޯސެފް އައުންނެވެ.

ގާނޫނު ހަދާ މަޖިލީހުގައި މި ދެ ވިސްނުމުގެ ތަޅާފޮޅުމާ ހެދި ދެ އަހަރު ވެގެން ދާއިރުވެސް ލުބްނާނަށް ރައީސަކު އޮތީ ނުހޮވި އެވެ.

ގައުމު ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް މިހާރު އުފުއްލަވަނީ ނަޖީބު މީގާތީ އެވެ. އޭނާ އަކީ ވެސް ވަގުތީ ބޮޑުވަޒީރެކެވެ.

ލުބްނާނަށް ރައީސަކު ހޮވައިގެން ނޫން ގޮތަކަށް އިގުތިސާދީ އިސްލާހީ ފިޔަވަޅުތަކަށް ދުނިޔޭގެ މާލީ އިދާރާތަކުންވެސް ގޮތެއް ނިންމައިދިނުމަށް ވަނީ ދެކޮޅު ހަދާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލުބްނާނުން ހިޒްބުﷲގެ ބާރުކެނޑެމުންދާ މި ދަނޑިވަޅަކީ ހުޅަނގުގެ މުޑުވަކެއް ގޮވާންކުރަން ވަރަށް ރަނގަޅު ދަނޑިވަޅަކަށް ވާނެ އެވެ. އެމެރިކާ މިހާރު އޮތީ ލުބްނާންގެ މަސްރަހަށް ވަށައިގެން ބަލާލަ ބަލާލަ އެވެ.