މުޅި މީޑިއާއަށް ފުރުސަތު ލިބޭނެ ފަދަ ގޮތަކަށް ހުރިހާ ފަރާތްތަކެއްގެވެސް އަމަލުތައް ބެހެއްޓުމަށް މޯލްޑިވްސް ބްރޯޑްކާސްޓި ކޮމިޝަން (ބްރޯޑްކޮމް) އިން އިލްތިމާސްށްފި އެވެ.
ބްރޯޑްކޮމް އިން މި ގޮތަށް އިލްތިމާސް ކުރީ އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާތަކުގެ ލައިވް ކަވަރޭޖް ދެއްކުމުގެ އެކްސްކުލޫސިވް ރައިޓްސް ރާއްޖެ ޓީވީ އަށް ދިން މައްސަލައާ ގުޅުވަ އެވެ.
ބްރޯޑްކޮމް އިން ބުނީ އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާތަކުގެ ލައިވް ކަވަރޭޖް ދެއްކުމުގެ އެކްސްކުލޫސިވް ރައިޓްސް ވަކި ޗެނަލަކަށް ދިނުމަކީ، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމަށް އުނިކަން އަންނަ ކަމަށެވެ.
"... ވަކި ޗެނަލަކަށް އެކްސްކުލޫސިވް ރައިޓްސް ދިނުމުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) 'ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކުރުން' އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދެވަނަ މާއްދާގެ (ނ) 'މި ގާނޫނުގެ ތަރަހައިގެ ތެރޭގައި ހަބަރާއި މައުލޫމާތު ފެތުރުމުގައި އެއްފަރާތަށްވުރެ ގިނަފަރާތަކަށް ބައިވެރި ވެވޭނެގޮތް، ހަމަޖައްސައިދިނުމާއި، ތަފާތު ބާވަތުގެ ހިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށް، ފުރުސަތު ލިބޭނެގޮތް ހަމަޖައްސައިދިނުން' ގެ މަޤްސަދަށް އުނިކަން އަންނަ ކަމެކެވެ."
އެ ކޮމިޝަން ބނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ "ޕާޓީގެ އެންމެހައި ކަންކަން ފާޅުކަންބޮޑުކޮށް ދެފުށް ފެންނަ ގޮތަށް ބެހެއްޓުން" އަދި މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ޕާޓީގެ ކަންކަން މީޑިއާގެ އެހެން ވަސީލަތްތައް މެދުވެރިކޮށް ރައްޔިޔުންނަށް ހާމަކުރަމުން ގެންދިއުން" ކަމުގައި ބުނެފައިވީ ހިނދު، މި ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭފަދަ ކަމެއްކަމަށް ކޮމިޝަނަށް ފެނުނު ހިނދު؛ ގާނޫނު އަސާސީންނާއި ގާނޫނުތަކުން ނޫސްވެރީންނަށް ލިބިދީފައި އޮތް ހައްގު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފޭނޭ ފަދަ މާހައުލެއް ދެމެހެއްޓުމުގެ ގޮތުން ހަމަހަމަކަމާއެކު ބްރޯޑްކާސްޓަރުންނަށާއި އަދި ޖުމްލަ ގޮތެއްގައި މުޅި މީޑިއާއަށް ފުރުސަތުލިބޭނެ ފަދަ ގޮތަކަށް ހުރިހާ ފަރާތްތަކެއްގެވެސް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.