ވިޔަފާރި

ވަޒީފާ ގެއްލި ސިނާއަތްތަކުގައި މުވައްޒަފުންގެ އަދަދު ދަށްވެއްޖެ

Oct 23, 2020

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހީނަރު ވެފައިވާތީ ރާއްޖޭގެ އެކި ސިނާއަތްތަކުގެ ވަޒީފާތައް ގެއްލި، މުވައްޒަފުންގެ އަދަދު މަދުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސާވޭ އިން ދައްކައިފި އެވެ.

އެމްއެމްއޭ އިން ސެޕްޓެމްބަރު 30 އިން އޮކްޓޫބަރު 13 އިގެ ނިޔަލަށް މައުލޫމާތު އެއްކޮށް، ނެރެފައިވާ ކްއާޓަލީ ބިޒްނަސް ސާވޭ ދައްކާ ގޮތުގައި މި ސާވޭ އަމާޒުކޮށްފައިވާ ސިނާއަތްތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދުތައް 2020 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ވަނީ އިތުރަށް ދަށްވެފަ އެވެ. ނަމަވެސް، މުވައްޒަފުންގެ އަދަދު މަދުވަމުންދާ މިންވަރު މި ކުއާޓަރުގައި މަޑު ޖެހިފައިވެ އެވެ.

މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ކޮވިޑް-19 އިގެ ބަލިމަޑުކަން ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެވެން ފެށުމާއިއެކު، ވިޔަފާރިތަކުގެ ހަރަކާތްތަކާއި އާމްދަނީ އިތުރުވެ، ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅު ތަކަށް ލުއިތައް ދޭން ފެށުން ހިމެނޭ ކަމަށް ސާވޭގައި ވެއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ބިޒްނަސް ސާވޭގެ ނަތީޖާއަށް ބަލާއިރު، ޖުމްލަ ގޮތެއްގައި އިމާރާތް ކުރުމުގެ ދާއިރާ ފިޔަވާ، އެހެން ހުރިހާ ސިނާއަތްތައް ވެސް ދެވަނަ ކުއާޓަރާ އަޅާބަލާއިރު ވަނީ ކުރިއަރާފަ އެވެ. އެއީ ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ޖޫން މަހުން ފެށިގެން ލުއިތައް ދޭން ފެށުމެވެ. އަދި ރާއްޖޭގެ ބޯޑަރު ހުޅުވައި ޓޫރިސްޓުން ޒިޔާރަތް ކުރަން ފެށުމެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މި ދަނޑިވަޅަކީ ކޮވިޑް-19 ބަލިމަޑުކަމުގެ ހާލަތާއި ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ވެގެންދާނެ ގޮތް ލަފާ ކުރަން ދަތި ދަނޑިވަޅެއް ކަމުމުގައި ވީނަމަވެސް، 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ހުރިހާ ސިނާއަތްތަކުގެ އާމްދަނީ، ދެވަނަ ކުއާޓަރާ އަޅާބަލާއިރު، އިތުރުވާނެ ކަމަށް ލަފާ ކުރެވެ އެވެ. ސަބަބަކީ މި އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާގެ ރިސޯޓުތަކުގެ ބުކިންގް ނުވަތަ ރިޒަވޭޝަންތައް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވުމާއި، އެހެން ސިނާއަތްތަކުގެ އޯޑަރުތަކާއި އާމްދަނީ ލިބޭ ވަސީލަތްތައް އިތުރުވާނެކަމަށް ލަފާކޮށްފައި ވުމެވެ.

ޓޫރިޒަމާއި އިމާރާތްކުރުން އަދި ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކާއި ހޯލްސޭލް އަދި ރީޓެއިލް ހިމެނޭ ގޮތަށް ހަތަރު ސިނާއަތަކުން 175 ބޮޑެތި ކުންފުންޏަކަށް އެމްއެމްއޭއިން ސާވޭ ފޯމު ފޮނުވާފައިވެ އެވެ. އޭގެ ތެރެއިން 104 ކުންފުންޏަކުން ސާވޭގައި ބައިވެރިވި އެވެ.