މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިންމާލިއިރު ރާއްޖޭގައި 150 ރިސޯޓް އޮޕަރޭޓް ކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން ނެރޭ ކްއާޓަލީ އިކޮނޮމިކް ބްލެޓިންގައި ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ކްއާޓާ ނިންމާލިއިރު 150 ރިސޯޓް ހިންގަމުން ދިޔަ ކަމަށެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓާ ނިންމާލިއިރު ހިންގަމުން ގެންދިޔައީ 155 ރިސޯޓެވެ. މިދިޔަ އަހަރުގެ ފަހު ކްއާޓަރު ނިންމާލިއިރު ހިންގަމުން ދިޔައީ 140 ރިސޯޓެވެ.
އެމްއެމްއޭ އިން ބުނާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުވެރިންނަށް ހިދުމަތް ދިން އެނދުގެ އަދަދު ނުވަތަ ބެޑް ކެޕޭސިޓީ ވަނީ 11 ޕަސަންޓް ދަށްވެފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ފަހު ކްއާޓަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ބެޑް ކެޕޭސިޓީ ވަނީ 21 ޕަސެންޓް އިތުރުވެފަ އެވެ. އެއީ 7،765 އެނދުގެ އިތުރު ވުމެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކްއާޓަރާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ރިސޯޓުތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ 67 ޕަސެންޓްގަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ހުރީ 68 ޕަސަންޓްގަ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިންމާލިއިރު ރާއްޖެއަށް 298،570 ފަތުރުވެރިން އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ރާއްޖެ އައި ފަތުރުވެރިންނާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެ އައިސްފައިވަނީ 153،684 ފަތުުރުވެރިންނެވެ.
މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 298،570 ފަތުރުވެރިން ރާއްޖެ އައި ނަމަވެސް މިއީ 2019 އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ އައި ފަތުރުވެރިންނާ އަޅާބަލާއިރު 38 ޕަސަންޓްގެ ދަށްވުމެކެވެ.
މި އަހަރުގެ ފުރަތަމަ ކްއާޓަރު ނިންމާލިއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިއާގެ އިތުރުން ރަޝިޔާ އިންނެވެ.
ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވީ ނަމަވެސް ރާއްޖެއަށް މިއަހަރުގެ ނިޔަލަށް ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވެވޭނެ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ބުނަމުންނެވެ.