ކިއާރާ އަދުވާނީ އާއި ސިދާރުތު މަލްހޯތުރާ އެކުގައި ކުޅެފައިވާ "ޝޭރްޝާހް" ވަރަށް އަވަހަށް ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ. ފިލްމުގެ މަސައްކަތް ލަސް ވެފައި ވަނީ ކޮރޯނާވައިރަހުގެ ސަބަބުންނެވެ. މިހާރު އަލުން މި ފިލްމުގެ މަސައްކަތް ސިދާރްތު ފަށާފައިވާއިރު ފިލްމުގެ މަސައްކަތް ދާދި އަވަހަށް ނިންމާލެވި ދާނެ ކަމަށް ބެލެވެ އެވެ.
ނަމަވެސް ސިދާރްތު އާއި ކިއާރާގެ ވާހަކަ ނޫސްތަކުގައި ލިޔެވެނީ ހަމައެކަނި މި ދެ ތަރިން އެކުގައި ފިލްމެއް ކުޅޭތީ އެއް ނޫނެވެ. ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތަކާ ހެދި އެވެ.
ސިދާރްތު އާއި ކިއާރާ ރައްޓެހިވެގެން އުޅޭ ކަމަށް ދެ ތަރިން ކުރެ އެކަކުވެސް އެއްބަހެއް ނުވެ އެވެ. ނަމަވެސް މިހާ ގިނަ ދުވަސް ވަންދެން މި ވާހަކައަށް ހުއްޓުމެއް ނައިސްގެން އުޅެނީ ދޭތެރެ ދޭތެރެއިން ދެ އެކްޓަރުން އެކުގައި ތަންތަނުން ފެންނާތީ އެވެ. ރޮމެންޓިކް ޑިނާ ތަކާއި ޕާޓީތަކުން އެކުގައި ފެންނާތީ ގިނަ ބަޔަކަށް އަދި މި ދެ އެކްޓަރުންގެ މެދުގައި އޮތީ ލޯބީގެ ގުޅުމެއް ކަމަށް ޔަގީންވަނީ އެވެ.
ދާދި ފަހުން ކިއާރާ އާ ވެސް ނޫސްވެރިއަކު ހަމަ މި ސުވާލު ކުރި އެވެ. އަކްޝޭ ކުމާރާއެކު ކިއާރާ ކުޅެފައިވާ "ލަކްޝްމީ ބޮމް" ރިލީޒްކުރުމާ ދިމާކޮށް އެ ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތުގައި ކިއާޜާ ނޫސްވެރިޔާ ސުވާލުކުރީ އޭނާ ސިންގަލް ތޯ ނުވަތަ ނޫންތޯ އެވެ.
ސުވާލުގެ ޖަވާބުގައި ކިއާޜާ ބުނީ ކައިވެނި ކުރެވެންދެން "ސިންގަލް" ސްޓެޓަސް އާ ވަރަށް ގަޔާވާ ކަމަށެވެ.
"ކައިވެނި ކުރުމާ ހަމަޔަށް އަހަރެންނަށް ރަނގަޅީ ސިންގަލް ސްޓޭޓަސް އެއްގައި ހުރުން. އަހަރެން އަދި ކައިވެންޏެއް ނުކުރަން. އެހެންވީމަ އަހަރެން ސިންގަލް އޭ ބުނެވޭނީ،" ކިއާރާ ބުންޏެވެ.
ކިއާރާގެ މި ޖަވާބުން އޭނާގެ ލޯބިވެރިއަކު ހުރިކަމެއް ނުވަތަ ނެތްކަމެއް ޔަގީނެއް ނުކުރެވުނެވެ. ވަރަށް ހުނަރުވެރިކަމާއެކު އޭނާ ވަނީ މި ސުވާލަށް ޖަވާބު ނުދީ ސަލާމަތްވެފަ އެވެ.