ބޮލީވުޑް

ކިއާރާއަށް ސަލްމާން ދިން ނަސޭހަތް

ފާއިތުވީ ދެ އަހަރުއްސުރެ ރިލީޒްކުރި ކިއާރާ އަދުވާނީގެ ގިނަ ފިލްމުތަކެއް ކާމިޔާބުވެ ހީނުކުރާ ވަރުގެ ކުރިއެރުން އޭނާގެ ކެރިއަރަށް ވަނީ ލިބިފަ އެވެ. ބޮކްސް އޮފީހުގައި ކިއާރާގެ ފިލްމުތަކުގެ ޕާފޯމަންސް ރަނގަޅުވުމުގެ ނަތީޖާއެއްގެ ގޮތުން ކުޅޭނެ ރަނގަޅު ފިލްމުތަކެއް ވެސް ކިއާރާ އަށް ލިބިފައި ވެއެވެ.

ދާދިފަހުން ފިލްމްފެއާއަށް ދިން އިންޓަވިއު އެއްގައި ކިއާރާ ބުނީ އޭނާއަށް މިހާތަނަށް އެންމެ ރަނގަޅު ނަސޭހަތެއް ދިނީ ސަލްމާން ޚާން ކަމަށެވެ.

"ސަލްމާން ބުނި ބުރަކޮށް މަސައްކަތް ކުރާށޭ. އަދި މާ އަނގަ ގަދަ ނުކޮށް އަމިއްލަ ގާބިލްކަން މަސައްކަތުން ދައްކާށޭ،" ކިއާރާ ބުންޏެވެ.

މިއީ ކިއާރާއަށް ސަލްމާން ނަސޭހަތްދިން ހަމަ އެކަނި ފަހަރެއް ނޫނެވެ. ސަލްމާން އަބަދުވެސް ހުނަރުވެރި އާ އެކްޓަރުންނަށް ހިތްވަރުދީ ހަދަ އެވެ. އަދި އެހީއަށް ބޭނުންވެއްޖެ އެކްޓަރެއްގެ ކެރިއަރަށް ކުރިއެރުން ގެނެސްދޭން ވެސް މަސައްކަތް ކޮށްދެ އެވެ.

"އިންދޫ ކީ ޖަވާނީ" ގެ ބަތަލާ ބުނީ އޭނާގެ އަސްލު ނަން ބަދަލުކުރީ ވެސް ސަލްމާންގެ އެދުމުގެ މަތިން ކަމަށެވެ. ކިއާރާގެ އަސްލު ނަމަކީ އާލިޔާ އެވެ. ނަމަވެސް ބޮލީވުޑްގައި މިހާރު ވެސް މަސައްކަތްކުރާ މަޝްހޫރު ތަރިއަކަށް އާލިއާ ކިޔާތީ އެނޫން ނަމެއް ކިޔަން ސަލްމާން މަޝްވަރާ ދިނީ އެވެ.

ފިލްމުފެއާ އިންޓަވިއުގައި ކިއާރާ ވަނީ އޭނާގެ ޒާތީ ދިރިއުޅުމާ ގުޅޭ ބައެއް ސުވާލުތަކަށް ވެސް ޖަވާބު ދީފަ އެވެ.

އެކްޓަރު ސިދާރްތު މަލްހޯތުރާ އާއި ކިއާރާގެ ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ވާހަކަ ދެކެވެ އެވެ. އެ ވާހަކަތައް ދެކެވެނީ ދެ މީހުން އެކުގައި ޑިނާ ޑޭޓް ތަކަށާއި ޗުއްޓީ ހޭދަކުރަން ގޮސް އުޅެނިކޮށް ނަގާފައި ހުންނަ ފޮޓޯތައް ސޯޝަލް މީޑިއާއިން ފެންނާތީ އެވެ. ނަމަވެސް ކިއާރާ ވެސް ސިދާރްތު ވެސް އެމީހުންގެ ގުޅުމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ނަމަވެސް މިފަހަރުގެ އިންޓަވިއުގައި ސިދާރްތު އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ކިއާރާ ކަނޑައެޅިގެން ނުބުނި ނަމަވެސް އޭނާ އާއި ސިދާރްތު ރައްޓެހިވެގެން އުޅޭކަމުގެ އިޝާރާތެއް ދިނެވެ.

ލޯބިވެރިޔާ އޭނާއަށް ބޭވަފާތެރިވީކަން އެނގިއްޖެނަމަ ހަދާނީ ކިހިނެއްތޯ ވެސް ކިއާރާ އާ މި އިންޓަވިއުގައި ސުވާލު ކުރި އެވެ. ކިއާރާ ބުނީ އޭނާ ބްލޮކް ކޮށްލުމަށްފަހު ދުވަހަކުވެސް ދެން އެނބުރި އޭނާއާ ދިމާލަށް ނުބަލާލާނެ ކަމަށެވެ. އެ ފަދަ ކަމެއް ދިމާވެއްޖެނަމަ އެކަން ދުވަހަކުވެސް ހަނދާން ނައްތާ ނުލެވޭނެ ކަމަށާއި ލޯބީގެ ގުޅުމެއްގައި އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ކިއާރާ ބުންޏެވެ.

ކިއާރާ އާއި ސިދާރްތު އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ޝޭރްޝާހް" އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހު ރިލީޒްކުރަން ދަނީ ތައްޔާރު ވަމުންނެވެ. މިއީ ކާރްގިލް ހަނގުރާމައިގެ ހީރޯ ވިކްރަމް ބަޓްރާގެ ބައޮޕިކް އެކެވެ. ސިދާރްތު މި ފިލްމުގައި ކުޅެނީ ވިކްރަމްގެ ރޯލެވެ.

މި ފިލްމުގެ އިތުރަށް ވެސް ކިއާރާގެ ގިނަ ފިލްމުތަކެއް މިހާރު ކުރިޔަށް އެބަދެ އެވެ. އޭގެ ތެރޭގައި ކާރްތިކް އާރްޔަން އާއެކު ކުޅޭ "ބޫލް ބުލައްޔާ 2"، ވަރުން ދަވަން އާއެކު ކުޅޭ "ޖުގް ޖުގް ޖިޔޯ" ހިމެނެ އެވެ.